Support Us

ރާއްޖެ މިއޮތީ ދިވެހި އޮޑިޓަރުން އުފައްދަން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ޙާލަތެއްގައި: ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ ތަރައްޤީގެ ދުވެލި، މިހާރު ހުރީ ރަނގަޅު މިސްރާބުގައި ކަމަށާއި އެގޮތުން ޤައުމީ އާމްދަނީއާ ގުޅިފައިވާ ޞިނާޢަތްތައް ކުރިއަރަމުން އަންނަނީ އުންމީދު އާކޮށްދޭ ގޮތެއްގައި ކަމުގައި ފާހަގަކުރައްވާ މިއަދު ރާއްޖެ މިއޮތީ، ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދައި ތަމްރީނު ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ޙާލަތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށްގެންދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އިފްތިތާޙު ކުރުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑު މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތާއި ޕްރައިވެޓް ސެކްޓަރގެ މާލީ ކަންކަމާއި، ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަން މިހާރު ވަރަށް ބޮޑުވެފައިވާ ކަމުގައި ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކައުންޓިން ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި އެކައުންޓަންޓުން ތަމްރީނުކޮށް ފަންނީ ޤާބިލުކަން އިތުރު ކުރުމަށް ފުރުޞަތުތައް ތަނަވަސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ނަމުގައި، މިދިޔަ އަހަރު ޤާނޫނެއް ހަދައި ޢަމަލުކުރަން ފަށާފައިވަނީވެސް އެކައުންޓެންސީ ދާއިރާއަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ވަޞީލަތްތައް، މި ދާއިރާގެ ބޭފުޅުންނަށް ފޯރުކޮށްދިނުމުގެ މުހިންމު ބޭނުމުގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެކައުންޓިން ދާއިރާގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކައުންޓިން ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް ކަމަށެވެ. އަދި މިދާއިރާ ހަރުދަނާވެ ފުޅާވި ވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވެ، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ފަންނީ ޤާބިލުކަމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އަވަސް މަސައްކަތްތަކެއް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެކަމުގެ ސަބަބުން އެކައުންޓެންސީ ޕްރޮފެޝަނަށް، އިންޑަސްޓްރީގެ އިތުބާރާއި ޔަޤީންކަން ހޯދުމަށް މަގުފަހިވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން މި ޖަލްސާގައި އެމަނިކުފާނު ވަނީ އެކައުންޓެންސީ ދާއިރާގެ މިންގަނޑުތަކާ އެއްގޮތަށް، އެކައުންޓެންޓުންގެ ފަންނީ އަދި އަޚުލާޤީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ބާރުއަޅުއްވާފައެވެ.

މި ޖަލްސާގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ބޭކާރު ދަތުރުތަކާއި އެހެނިހެން ވެސް އެފަދަ ޚަރަދުތައް ކުރުމުގައި ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ހުއްޓާލާފައި، މިވެނި ކަމެއް ކުރަން ޖެހެޔޭ އެވެނި ކަމެއް ކުރަން ނުޖެހެޔޭ ނުކިޔައި، ކުރަން ޖެހޭ ކަމެއް ކުރާށައި ކުރަން ނުޖެހޭކަންކަން ހުއްޓުވުމުގެ އަމަލީ ފިޔަވަޅު އަޅަން އިނގެން ޖެހޭ މަގާމެއްގައި ތިހުރީ. ހުސް ހޮޅި ވާހަކަދައްކަން ޖެހޭ މަގާމެއްގައެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *