Support Us

ނައިޖީރިއާގެ އައު ސަފީރު އަބިއޮޔޭ މުޙައްމަދު ބެއްލޯ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އަރުއްވަނީ- ފޮޓޯ: ރައީސް އޮފީސް

ތިން ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުއްވައިފި

ނައިޖީރިއާ ސަރުކާރުންނާއި ފިލިޕީންސް ސަރުކާރުންނާއި ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުއްވައިފިއެވެ.

ތިން ސަފީރުންގެ ފަތްކޮޅު އެރުއްވުމުގެ ރަސްމީޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ވަކިވަކިންނެވެ.

ނައިޖީރިއާ ސަފީރުގެ ފަތްކޮޅު އެރުއްވުން

ނައިޖީރިއާގެ އައު ސަފީރު އަބިއޮޔޭ މުޙައްމަދު ބެއްލޯ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވިއެވެ. އަދި އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިޖީރިއާގެ އައު ސަފީރު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި، ރާއްޖެއާއި ނައިޖީރިއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރާއްޖެއާއި ނައިޖީރިއާއާ ދެމެދު އޮތް 40 އަހަރު ވެފައިވާ ތާރީޚީ ގާތް ގުޅުން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ސަރުކާރުން މި ގުޅުން ބަދަހިކުރެއްވުމަށް ޢަޒުމް ކަނޑައަޅާފައިވަނީ، ދެ ޤައުމުން ޤަބޫލުކުރާ އެއްބައިވަންތަކަމުގެ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ދުވަސްތަކަށް ހެޔޮއެދުންތައް އަރިސްކުރައްވައި ރާއްޖެއާއި ނައިޖީރިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ފިލިޕީންސްގެ އައު ސަފީރު އެލަން އެލް ޑެނިއެގާއާ އީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް

ފިލިޕީންސް ސަފީރުގެ ފަތްކޮޅު އެރުއްވުން

ފިލިޕީންސްގެ އާ ސަފީރު އެލަން އެލް ޑެނިއެގާ ބައްދަލު ކުރައްވައި އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެ ޤައުމުގައި ހުރި ޚިޔާލު އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެދެބޭފުޅުން ވަނީ ދެ ޤައުމުގެ މިހާރުގެ ކޮވިޑްގެ ޙާލަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ނާޒުކުކަމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ފިލިޕީންސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ދެއްވާ މެހްމާންދާރީއާއި، ވެދެއްވާ އެހީއަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފިލިޕީންސްގެ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި ފިލިޕީންސްއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ނިއުޒިލޭންޑްގެ އައު ސަފީރު މައިކަލް އެޑްވަރޑް އެޕަލްޓަން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އަރުއްވަނީ- ފޮޓޯ: ރައީސް އޮފީސް

ނިއުޒިލޭންޑް ސަފީރުގެ ފަތްކޮޅު އެރުއްވުން

ނިއުޒިލޭންޑްގެ އާ ސަފީރު މައިކަލް އެޑްވަރޑް އެޕަލްޓަނާ ބައްދަލު ކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ނިއުޒިލެންޑާ ދެޤައުމުގެ ސިޔާސީ ގުޅުން ޤާއިމުކުރިތާ 47 އަހަރު ފުރުން ފާހަގަކުރީ މިދިޔަ އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއިން ނިއުޒިލެންޑަކީ ރަނގަޅު އެކުވެރިއެއްގެ އިތުރުން ރަނގަޅު ބައިވެރިއެއް ކަމުގައިކަން ދެކޭ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ނިއުޒިލެންޑާ ދެޤައުމުގެ ދެމެދުގައި އޮންނަނީ އެއްޤައުމުން އަނެއް ޤައުމަށް ޚާއްޞަ އަދި ދެޤައުމުގެވެސް ޝައުޤުވެރިކަން އޮންނަ އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ވަކިން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި، ދެ ޤައުމުންވެސް އެންމެ ކަންބޮޑުވާ އެއް ދާއިރާއަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރާ ހަނގުރާމަކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާއި، ދެ ޤައުމުގެ މިހާރުގެ ކޯވިޑް-19 ގެ ޙާލަތާއި، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި، ޞުލްޙައާއި ސަލާމަތާއި ރައްކާތެރިކަމާއި، އަދި ދެ ޤައުމުގެ މަތީ ފަންތީގެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *