Support Us

އަމިއްލަ އަށް މަރުވާނެ ކަމަށް ޔަޒޫ ބުނި ޚަބަރުގެ މައްސަލަ މީޑިއާ ކައުންސިލުން ނިންމައިފި

ކޮވިޑުގެ ވަބާއިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ބޯ ގޮވައިގެން އަމިއްލަ އަށް މަރުވާނެ ކަމަށް ރާއްޖޭގެ ކުރީގެ ބާރު ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ބުނި ކަމަށް "އަދިވެސް"ގައި ޝާއިއުކުރި ޚަބަރާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އަށް ޔަޒޫ ހުށަހެޅި ޝަކުވާ ބަލައި ނިންމައިފިއެވެ.

ދުވުން ހުއްޓައިލުމަށްފަހު، ހަންގޭރީގެ ޗަބާ ކިސްއާ ކައިވެނިކޮށް، ދެމަފިރިން ވެގެން ކުޑަކުދިންނަށް އެތުލެޓިކްސް ޓްރޭނިން ސްކޫލެއް ހިންގާ ޔަޒޫ އޭނާގެ ފޭސްބުކްގައި ޖޫން މަހުގެ 23 ގައި ބުނެފައި ވަނީ "އެޗް.ޕީ.އޭއާ ހެދި އަހަރެން އަމިއްލައަށް މަރުވާނަން" ކަމަށެވެ.

ދެ ކުދިންގެ މަންމަ، ޔަޒޫގެ އެ ޕޯސްޓަށް އޭނާގެ ރައްޓެހިން ދެކޮޅު ހަދައި، އެ ޚިޔާލު ދޫކޮށްލުމަށް ނަސޭހަތް ދިން ނަމަވެސް، ޗަބާ ކިސް، ވެލެންސިއާ އަށާއި ވީ.ބީ ސްޕޯޓްސް އަށް ގެނައި މަޝްހޫރު ފުޓުބޯޅަ ކޯޗު ލާސްލޯ ކިސްގެ ދަރިފުޅު، ބުނީ "އެކަމަށް އަހަރެންގެ ފަރާތުން ފުރިހަމައަށް ސަޕޯޓް ދޭނަން" ކަމަށެވެ.

އެ މައްސަލަ ބަލައި ނިންމުމަށްފަހ،ު ހަތަރު މަސް ފަހުން، ނޮވެމްބަރު 14 ގައި، އެމް.އެމް.ސީން ފޮނުވި ޝަކުވާގެ ނިންމުން ތިރީގައި މި ވަނީއެވެ.

ޝަކުވާގެ ނިންމުން:

"ދެންފަހެ، ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޤާނޫނު ނަންބަރު 15/2008 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން ހުށަހަޅާފައިވާ މި ޝަކުވާގައި، ޝަކުވާ ބަލާ ކޮމިޓީން ނިންމާފައި ވަނީ، "އެޗްޕީއޭގެ ފިޔަވަޅުތަކުގެ ސަބަބުން އަމިއްލައަށް މަރުވާނެ ކަމަށް ބުނެފި" މި ސުރުޚީގެ ދަށުން "އަދިވެސް އޮންލައިން" ގައި 23 ޖޫން 2021 ޝާއިއުކޮށްފައިވާ ލިޔުމުގެ ކޮންޓެންޓްގައި ހިމަނާފައިވާ މައުލޫމާތަކީ، ޕަބްލިކް ޑޮމެއިންއެއްގައި އާންމުކޮށްފައިވާ މައުލޫމާތެއް ކަމަށްވާތީ އާއި، އެ މައުލޫމާތު ނެގިފައިވާ މަސްދަރުވެސް ހާމަކޮށްފައިވާތީއާއި، އަދި ބަޔާންކޮށްފައިވާ މަޢުލޫމާތާމެދު ޝަކުވާ ހުށަހެޅި ފަރާތުންވެސް އިއުތިރާޒުކުރާކަން ފާހަގަ ކުރެވިފައިނުވާތީ "އެޗްޕީއޭގެ ފިޔަވަޅުތަކުގެ ސަބަބުން އަމިއްލައަށް މަރުވާނެކަމަށް ބުނެފި" މި ސުރުޚީގެ ދަށުން "އަދިވެސް އޮންލައިން" ގައި 23 ޖޫން 2021 ޝާއިއުކޮށްފައިވާ ލިޔުމުގެ ކޮންޓެންޓާމެދު ގޮތެއް ނިންމަންޖެހޭ ކަމަށް ކޮމިޓީއަށް ނުފެންނަ ކަމަށާއި، ނަމަވެސް، ބުނެވިދިޔަ ލިޔުމުގައި ޝާއިއުކޮށްފައިވާ ފޮޓޯގައި އެންމެ ފުރަތަމަ ކުޑަކުދިންގެ ފޮޓޯ ހިމަނާފައިވަނީ، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) އާ ޚިލާފުވާ ގޮތަށް ކަމުގައި ވާތީއާއި، ކުޑަކުދިންނާ ގުޅޭ ޚަބަރާއި މައުލޫމާތު ހާމަކުރުމުގެ ގައިޑްލައިންގެ 2 ވަނަ މާއްދާއާ ޚިލާފުވާ ގޮތަށް ކަމުގައިވާތީ، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް "އަދިވެސް އޮންލައިން" އަށް ނަސޭހަތްތެރިވުމަށް ނިންމުނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *