"އޯނިންގް މައި ތޯޓްސް: އަ ތެރަޕިއުޓިކް ޖަރނަލް" ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
ޝައިންޓްރީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތެރަޕިއުޓިކް ބޭނުމަށް ލިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިއަދު އިފްތިތާޙުކުރެވުނު ފޮތުގެ ސަބަބުން އަލަށް ޖަރނަލް ލިޔާ މީހުންނަށްވެސް އިތުރު ބާރަކަށްވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ތެރަޕިއުޓިކް ބޭނުމަށް ޖަރނަލް ލިޔުމަކީ އޭގެ އެތަކެއް ފައިދާތަކެއް އޮތްކަމެއްކަން ފާހަގަކުރައްވައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ބޭފުޅުންނަށް އެނގޭ މަޢޫލޫމާތާއި ވަޞީލަތްތައް އެހެން ފަރާތްތަކާވެސް ޙިއްޞާކުރެއްވުމަކީ ބޭނުންތެރިކަމެއް ކަމަށް ވިދާޅުވެފައެވެ.
މޯލްޑިވްސް އޮސްޓްރޭލިއާ އެލަމްނައިގެ ޗެއަރޕަރސަން، ޙައްވާ ލީޝާ ލިޔުއްވި މިފޮތަކީ 12 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް އަމާޒުކުރައްވައި ޕޮޒިޓިވް މެސެޖުތަކާއި ފައްސި ވިސްނުން ކުރިއަރުވާ ފަދަ މެސެޖުތައް ހިމަނުއްވައިފައިވާ އަދި އެމީހެއްގެ އަމިއްލަ ތަޖުރިބާތައްވެސް އޭގައި ލިޔެވޭނެ ގޮތަށް އޮތް ފޮތެކެވެ.
މިފޮތަކީ އޮސްޓްރޭލިއާ އެވޯޑްސްގެ ގްރާންޓްގެ އެހީގައި ޗާޕްކޮށްފައިވާ ފޮތެކެވެ. މިފޮތުގެ 500 ކޮޕީ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކަށާއި ޢާންމުން ނަށް ފޯރުކޮށްދެވޭނެ ފަދަ ތަންތަނަށެވެ. އަދި މިފޮތުގެ 500 ކޮޕީ ވަނީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖެހިފައެވެ. މި ފޮތްތައް ވިއްކައިގެން ލިބޭ ފައިސާ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ގެންގުޅޭ 10 ބެލެނިވެރިންނަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.