Support Us

އެ ދުވަސް!!!

އެ ދުވަސް އެހެން އައި ސަބަބަކާ، އެދުވަސް އައީ ކިހިނެއްކަމާ!
އެދުވަހުގެ ކަންކަން ހިނގިގޮތާ، ތެދުވެރިވެތިބެ ވިސްނާލަމާ!

ލަންކާގެ"ޕްލޮޓް" ޖަމާޢަތާ، ގުޅިގެން ނުބައި ޣައްދާރުނާ
އަންނާނެ ވަގުތާ ޙާލަތާ، ބުނެދިން ބަޔަކުވެސް ހޯދަމާ!

އެކަމުގެ ޙަގީގަތް އޮތް ގޮތާ، ކަންތައް ހިނގާ ނިމިދިޔަގޮތާ
އެކަމުގެ އަޑީ ތިބި މީހުނާ، ދުރުމީ އަޅާ ހޯދާލަމާ!

ވެރިޔާ ހިފާ ހައްޔަރު ކުރަން، ވެރިކަން މިތާގެ ބަދަލުކުރަން
ކެރިގެން ބަޣާވާތެއް ކުރަން، އެރިގޮތް ދިރާސާ ކޮށްލަމާ!

އޮނަވިހި ދިވެހި ލޮބުވެތި ދަރީން، ކޮށްލީ ޝަހީދު އެޚާއިނުން
ގުނަކޮށް ސަޒާދޭން ޙައްގުކަން، ޖެހިލުން ވުމެއްނެތި ބުނެލަމާ!

ކުޅުދުއްފުށީ ފަޚުރެއް އެއީ، ޅަޔަކަސް ޙުސެން އާދަމް އެއީ
ކުޅަދާނަ ބަޠަލެއް ކަން އެއީ، ދިވެހިން މިއަދުވެސް ހެކިވަމާ!

ގައުމާއި ދީނުގެ ޙައްގުގައި ގުރުބާންވެ ދިޔަ އަބުޠާލުނަށް
ޝައުގާ އެކީ ޢަމަލާ ބަހުން ޝުކުރުގެ ޖިޒީތައް ފޮނުވަމާ!

ސިފައިންދިވެހި ކުރި ހިތްވަރަށް،ދެއްކެވި އެދުހު ސާބިތުކަމަށް
ސިފަވަންތަކަން ދެއްކެވި ގޮތަށް އައްސަރިބަހާ ސާބަސް ދެމާ!

ދިވެހީންގެ އޮތް އެކުވެރިކަމަށް،ދިވެހީންގެ އީމާންތެރި ކަމަށް
ދިވެހީންގެ ހުރިގަދަ ހިތްވަރަށް، ދިވެހީން ފަޚުރުވެރިވެސްވަމާ!

އަށްޑިހަ އަށެއްގެ ނޮވެމްބަރުން ތިިންވަނަދުވަހުގެ ޙާދިސާ
ޝައްކެއްނެތޭ ދިވެހިންހިތުން ނުފިލާނެ ކަންވެސް ދަންނަމާ!

ގައުމިއްޔަތޭ އަދި ވަޙުދަތޭ، މިނިވަން ކަމާއި ސިޔާދަތޭ
އައުދާނަވީ މި އަމާނަތޭ، ގޮވި މީހުނަށް ނަޒަރެއްދެމާ!

އެދުވަހުގެ ބާޣީން އަދު ކޮބާ؟ އެދުވަހުގެ ޣާޒީން ފަހެ ކޮބާ؟
އެދުވަސް ހަނދާން އަދު ވާނެބާ؟ މިކަމަށް ފިކުރު ހިންގާލަމާ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *