ޓުއަރ ގައިޑަކަށް ހެދިގެން ފަތުރުވިޔަކަށް ހިދުމަތް ދީފައި އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނެގި ބަންގާޅީއަކު ފިލައިގެން އުޅެނިކޮށް ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ ބަނގްލަދޭޝްގެ ތަންވީރު އިސްލާމް، 28، ހައްޔަރުކޮށްފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު މާލެއިން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އަދި ބުނީ އެ ވައްކަމުގެ މައްސަލައިގެ އިތުރުން ވެސް ތަންވީރު އިސްލާމަށް ތުހުމަތުކުރޭ އިތުރު ތިން މައްސަލައެއްވެސް ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.