Support Us

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ބްލޮކެއް ސްޓެލްކޯ އިން މަރާމާތުކޮށްދީފި

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް، ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މަރާމާތުކޮށް، ޖެންޑަރ މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރި ލިއުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު މުހައްމަދުދީދީއެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު މުހައްދުދީދީ ވިދާޅުވީ، މިއަދަކީ މިނިސްޓްރީއަށްވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، އެ މަސައްކަތަކީ ފަހަރެއްގައި ކުޑަ ކަމެއްގެ ގޮތުގައި ބަޔަކަށް ވިސްނިދާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ބައެއްގެ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސް ވަނަ ބްލޮކް މަރާމާތުނުކޮށް ބޭނުންނުކޮށް ހުންނަތާވެސް ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، ކޮށްފައިވާ އަގުހުރި މަސައްކަތަށް މެނޭޖިންގ ޑިރެކްޓަރ މުޣުނީއަށާއި އެކަމުގައި އަމަލީގޮތުން ބައިވެރިވި، އެންމެހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"މިވަގުތުވެސް މަރުކަޒުގައި އެބަތިބި 199 މީހުން. މިއީ ހަމަ ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ އަދަދެއް. ވެއިޓިން ލިސްޓެއްގައި މިހާރުން މިހާރަށްވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ. އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާ ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ. މި 28 ޖާގައިގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލީފުތަކަށް ބަދަލެއް މި ގެނެސްދެވުނީ. އެއީ ކަންނޭގެ ތިބޭފުޅުން ތިކުރައްވާ އިޖުތިމާއީ ހިދުމަތުގައި އަގު ހުންނަ ސަބަބަކަށް ވެގެން މިދަނީ،" މިނިސްޓަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ކުރެވުނު މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށްވެސް ހާއްސަ އުފަލެއް ލިބިގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ކުންފުންޏަކީ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުންޏަކަށްވާއިރު، މިއަދު އަޅުގަނޑުމެންގެ ކުންފުނި ބަދަލުވެފައި މިވަނީ އަޅުގަނޑުމެންނާ އެއްކޮށް، އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި. އެހެންވީމަ މުޖުތަމައުގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުންވެފައިވާ ފަރާތްތަކާއި، ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ އެހީތެރިކަން އެފަރާތްތަކަށް އެބަ ފޯރުކޮށްދެން،" މުޣުނީ ވިދާޅުވި އެވެ.

މީގެ އިތުރުން ސްޓެލްކޯއަކީ ގައުމީ ފެންވަރުގައި ބާއްވާ އެކިއެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކުންފުންޏެއްކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ، މިއަދު ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މި ހިންގިގެންދިޔަ ފަދަ އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށް އޮތް ތަނުގައި ސްޓެލްކޯއިން ހުއްޓުމެއް ނެތި ކުރަމުންގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވާ އެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދެވި ކަމަށްޓަކައި، ނައިބް ރައީސް ފައިސަލް ނަސީމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި، ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދުދީދީ އާއި، މި މަސައްކަތުގައި ޝާމިލުވެ އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް މުޣުނީ ވަނީ ޝުކުރު ދަންނަވާފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *