ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގޮތުން މި ވަފުދުގައި މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބައެއް ވެރިންނާއި ސަރުކާރުގެ އިދާރާތަކުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދަތުރުފުޅުގައި، އެކްސްޕޯގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޔޫ.އޭ.އީގެ ސަރުކާރުން ދެއްވާ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 26 އޮކްޓޫބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކާއެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ކިއު.އެންޑް.އޭ ޕެނަލް އެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ޔޫ.އޭ.އީގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ އާއިލާތަކާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު ގައެވެ. އެއަށް ފަހު 29 އޮކްޓޫބަރު ވާ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ދުބާއީން ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
އެކްސްޕޯ 2020 އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ އިވެންޓެކެވެ. މި އިވެންޓް މި ފަހަރު ކުރިއަށްގެންދަނީ 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 އަށް ދުބާއީގައެވެ. މި އެކްސްޕޯ ކުރިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އޮކްޓޫބަރު 2020 އިން 10 އެޕްރީލް 2021 އަށެވެ. އެހެން ނަމަވެސް ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން މި އެކްސްޕޯ ކުރިއަށްގެންދިއުން ލަސްކުރެވުނީއެވެ. މި ފަހަރު މި ބާއްވާ އެކްސްޕޯ 2020 ދުބާއީ ގެ ޝިއާރަކީ 'ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ' އެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި މުޅި ދުނިޔެއިން 192 ޤައުމު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.



advertisment