Support Us

މަތިވެރި ރައްޔިތުންނާއި ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރި ރައްޔިތުންނާއި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު މަތިވެރީގައި ވަކިން ބޭއްވެވި މި ދެ ބައްދަލުކުރެއްވުމުގައި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ރައްޔިތުން ވަނީ އެބޭފުޅުން ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި، ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މަތިވެރި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެންމެ ބޮޑަށް ފާހަގަ ކުރައްވައިފައި ވަނީ ރަށުގެ ބިމުގެޖާގައިގެ ދަތިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު އޮތް ދަތިކަމުގެ ވާހަކައެވެ. އަދި އެބޭފުޅުން ވަނީ މަތިވެރީގައި ބިން ހިއްކައި، ބޯހިޔާވަހިކަމުގެ މައްސަލަޔަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ބިމުގެ ޖާގައިގެ ދަތިކަމުގެ ވާހަކައެވެ. މިކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫޢު ހިމަނައިދެއްވާނެ ކަމަށެވެ. އަދި، އެމްޓީސީސީއަށް ރާއްޖޭގެ ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ބޭނުންވާ އެހީތެރިކަން ދެއްވައިގެން މަސައްކަތް ކުރިޔަށް ގެންދަވާނެކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ކަންކަމުގެ ތެރޭގައި، ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޞިއްޙީ ޚިދުމަތް ދޭ ވަގުތު އިތުރުކުރުމާއި، ސްކޫލްގައި 11 އަދި 12 އަށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖެއްސުން ހިމެނެއެވެ. އަދި ރަށުގެ ކައިރީގައި އޮތް މަތިވެރި ފިނޮޅު ރަށުގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ. ރަށުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު އިންފްރާސްޓްރަކްޗަރތަކާއި، ރަށުގެ ކަރަންޓްގެ ޙާލަތު ވަނީ ރައީސުލްޖުމްހޫރިއްޔާއާ ކައުންސިލުން ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް އަންނަ އަހަރަށް ބަޖެޓްކުރެވިފައިވާކަމަށާއި ކަމާގުޅޭ މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށް ފަހު ޞިއްޙީ ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރި ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް ޓެންޑަރކުރެވިފައިވާކަމަށް ވިދާޅުވެ ކައުންސިލުން އެދިލައްވާގޮތަށް ރަށު ސްކޫލްގައި 11 އަދި 12 ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ކައުންސިލުން ގުޅިގެން މަސައްކަތް ކުރިޔަށް ގެންދެވުމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ކޮމެޓީގެ މަސައްކަތްތައް ފުޅާކުރެއްވުމަށް ކުރިޔަށް ގެންދަވަން ބޭނުންވާ ޙަރަކާތްތައް ހިންގުމަށް ވަކި ޚާއްޞަ ތަނެއް ނެތުމުން ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އެބޭފުޅުންގެ އެއްބާރުލުމާއިއެކު އަޅަން ހަމަޖެހިފައިވާ މީޓީންގް ހޯލްގެ ޢިމާރާތް އެޅިއްޖެ ނަމަވެސް އެކަމަށް ކޮންމެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަމަށް ފާހަގަ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހޯލް އެޅުމަށް އިތުރަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރި ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *