...

Support Us

ކޮލަމް: ނޫވިލު

ސަމާލު! މުސީބާތުގެ ރަނގަބީލެއް!

އިންސާނުންގެ ތެރެއިން އުފަންވާ ކޮންމެ މުސީބާތަކީ އެކަމެއް ޅަފަތުގައި އޮއްވައި ނުވަތަ މަދު ބައެއްގެ ފުށުން ފެންނަން ފެށުމާއެކު، އެކަމެއް ހައްލުކުރުމަށް އިހުމާލުވެއްޖެނަމަ އޭގެ އާޚިރު ނަތީޖާ ވަރަށް ހިތި އަދި ގެއްލުންދެނިވި ނުރައްކަލަކަށް ބަދަލުވެގެންދާ ފަދަ ކަންކަމެވެ. ދިވެހިރާއްޖެއަށް މިއަދު ޖެހިފައިވާ އެންމެ ބޮޑު އެއް ކަމަކީ ގަވައިދާ ހިލާފަށް ގިނަވަމުންދާ ބިދޭސީންގެ މައްސަލަކަމާ މެދު ދެބަސްވާ މީހަކު މަދެވެ. މި ވާހަކަ ކިޔާ ކޮޅުންލާކަށް ނެތެވެ.

ރާއްޖޭގައި ޤަތުލު އާންމުވެއްޖެއެވެ. ރޯމާ ދުވާލު ވައްކަން ކުރުމާއި ފޭރުމާއި މާރާމާރީ އާންމުވެއްޖެއެވެ. ދިވެހީންގެ ގިނަ ބަޔަކު ކުރާނެ މަސެއްކަތެއް ނެތެވެ. ވަޒީފާއެއް ނެތެވެ. އިޖްތިމާއީ މައްސަލަތަކުން ފުނިޖެހިއްޖެއެވެ. މިއީ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ހައްލުކުރަން ނުއުޅެ ދޫކޮށްލުމުގެ ހިތި ނަތީޖާއެވެ.

ވޭތުވި ތިރީހަކަށް އަހަރުތެރޭގައި އުފެދުނު އެއްވެސް ސަރުކާރަކުންވެސް މި މައްސަލައިގެ ފުނަށް ފީނައި، ޤާނޫނު ތަންފީޒްކޮށްފައެއް ނުވެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ހަމަ އެހެންމެ މަސްތުވާ އެއްޗެހީގައި ޖެހި ހަލާކުވަމުންދާ ޒުވާނުންނާއި މެދުއުމުރުގެ އާބާދީގެ ސަބަބުން އާއިލާތަކަށާއި ޤައުމަށް ލިބެމުންދާ ހިތާމައާއި ނުތަނަވަސްކަން ހިތަށްއަރުވައިލިއަސް ހަމަ ފިތްކަނޑައިގެންދާވަރުވެއެވެ. އިންސާނީ މި ބޮޑު މުސީބާތަށް ހައްލެއް ފެންނަންވެސް ނެތޭ ބުނާ ވަރަށް ހިތްދަތިކަމާއި ނާމާންކަން ރާއްޖޭގެ ހަ ފަރާތަށް ފެތުރި މިވަނީ ބަނަވެފައެވެ.

އާޓިފިޝަލް ބީޗުގައި ނިދައިފައި ތިބި ބައެއް ހެނދުނު ވީއިރުވެސް ނުހޭލާ… -އަދިވެސް ފޮޓޯ

މިހާރަކަށް އައިސް މާލޭގެ އެކިއެކި ސަރަހައްދުގެ ފިނިމައިޒާންތަކުގެ ހޮޅު އައްޓާއި އުނދޯއްޔާއި ޖޯލިފަތިތަކުގެ އިތުރުން މިސްކިތްތަކުގަ އާއި ފަޅު ތަންތާނގައި މީހުން ނިދަން ތިބުން ދަނީ އާންމުވަމުންނެވެ. މިއީ ގެދޮރު ނެތް މީހުންބާވައެވެ؟ ނޫނީ އެހެން ކަމެއް ތައާރަފުކުރަން އުޅޭ ބައެއްބާވައެވެ؟ ޔަގީންވާ ކަމަކީ މިއީ އަވަސް ހައްލެއް ނުގެނެވިއްޖެނަމަ އާޚިރު ނަތީޖާގައި ވަރަށް ބޮޑު އިންސާނީ މުސީބާތަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމެވެ. ފުރަތަމަ ނިދައިލުމެވެ. ދެން މަޑުމަޑުން ވަގުތީ އާންމުކަމެކެވެ. ފަހުން ވަގުތީ ދާއިމީ ކަމެކެވެ މިފަދަ އަމަލުތައް ފެތުރެން ފަށަނީ ފިނިމައިޒާންތަކާއި ފަޅު ތަންތަނާއި ކުނިގޮނޑުތަކުންނާއި އަދި އުކާލައިފައި ހުންނަ ވެހިކަލްތައް ފަދަ ތަންތަނުގެ ތެރެއިންނެވެ. ނިދާލުން ބަދަލުވާނީ ދިރިއުޅުމަކަށެވެ. ނިދަން ޖައްސާލާ ހުސް ތަންކޮޅުގައި ފުރަތަމަ ދަމާލާނީ ބާ ރަބަރުގަނޑެއް ނުވަތަ ސަތަރިކޮޅެކެވެ. ދެން ބަދަލުވާނީ ބާ ޓިނުގަނޑަކަށެވެ. އަވި ނިވައިކޮށްލަން ބަހައްޓާލާ ބޯކަރުދާސް ފޮށިގަނޑު ވިއްސާރަވީމާ ތެމޭތީވެ، ޖަހާލާ ސަތަރިކޮޅު ބަދަލުވާނީ ތިރި ފާރުތަކަކަށެވެ. މިފަދަ ރޭނުންތަކަށް ބޭނުންކުރާނީ ވެސް އިމާރާތްކުރާ ތަންތަނުން "ގެއްލޭ" އެޅިގަލާއި ސިމެންތި ކޮތަޅުތަކެވެ. ނުވަތަ ޤަވައިދާ ހިލާފަށް މަސައްކަތް ކުރަން އުޅޭ ބިދޭސީންނާވެސް ގުޅިގެން ހިންގޭ ޑީލްތަކެއްގެ ގޮތުގައެވެ. އާންމުކޮށް އެއް ހިސާބުގަނޑެއްގައި ނުވަތަ އެކި ކަންކޮޅުތަކުގައި ބެހިގެން ތިބެ މަޑުމަޑުން ހެދޭ ޖިފުޓިއޭ ކިއާ ބާވަތުގެ ތަންތަނެވެ. ނޭދެވޭ ހުރިހާ ބާވަތެއްގެ އަމަލުތައް އެފަދަ ތަންތާނގައި ފެށި، ދެ ޖިންސު މަސްހުނިވެ، އިސާހިތަކު ދަރިފަސްކޮޅެއް އުފެދެން ފަށައި ބޯ އިތުރުވުންވެސް އޮންނާނީ ދާދި ކައިރީގައެވެ.

މަޖީދީ މަގުގައި ހުރި ކުންކޮތަޅުތަކެއް ހޭވުމުގައި ދެ ޒުވާނަކު އަވަދިނެތި… -އަދިވެސް ފޮޓޯ

ބަލަބަލައި ތިއްބައި އުފެދި ބޮޑުވަމުންދާނީ އާ މުސީބާތެކެވެ. އެއްގޮތަށްވުރެ ގިނަ ގޮތުން އޮޅުންބޮޅުން އަރާ ފަދަ ބޮޑު އިދާރީ ބޮއްސުންލުންތަކެކެވެ. ހާއްސަވާ ވަކި ތަނެއް ނެތް އާބާދީއެއްގެ ފެށުމެވެ. މިއީ މުޅީންވެސް ދުނިޔޭގައި ހިނގާފައި ހުރި ކަންކަމެވެ. ދުނިޔޭގެ ތަޖުރިބާއެވެ. ކައިރި ކަރަކަރަތަކުން ވެސް ފެންނާނެއެވެ. މާލެ އާއި ރަށްރަށުގެ ފަޅު ތަންތަނާއި މިސްކިތްތަކުގައި ނިދާ މީހުންނާ މެދު ޤާނޫނާއި ޤަވައިދާ އެއްގޮތަށް އެކަށޭނެ އަވަސް ފިޔަވަޅުތައް އަޅައި ތަންފީޒް ކުރެވިއްޖެނަމަ މިކަމުން އިންސާނީ މުސީބާތަކާ ކުރިމަތިލާން ނުޖެހި ހަމަ މަގަށް އެޅުވޭނެއެވެ. ނަމަވެސް ފަހުން ކުރަން ނޫނީ ޤާނޫނާއި ޤަވައިދުގެ ދިގުމަގު އިހުތިޔާރުކޮށް އިހުމާލުވެއްޖެނަމަ އާޚިރުގައި މުސީބާތާ އެބަޔަކު ކުރިމަތިލާންޖެހޭނެއެވެ.

އަދި ހަމަ ގޭގެއިން ބޭރުކުރާ ކުނިކޮތަޅު ހާވައިގެން، އެއިން ކާއެއްޗެހި ނަގައިގެން ކެއުމާއި އެހެނިހެން ސާމާނު ހޮވައިގެން އޭގެ ވިޔަފާރިކުރާ ޒުވާނުންތައްވެސް ވަނީ ގިނަވެފައެވެ. މިއީ ސިއްހީ ގޮތުން ބެލި ކަމުގައިވިޔަސް، ވަރަށް ނުރައްކާތެރި ކަމެކެވެ.

ހިތާމައަކީ މިއިން ކަމަކައިގެން އުޅެން އަހަރުމެން ހޮވާ ވެރީންނަށް އޮންނަނީ ވަގުތުވެސް ނުވެފައެވެ. އަދި ހޮވެން ބޭނުންވާ މީހުންނަށް މިފަދަ ބޮއްސުންލާފައި ހުންނަ ޤައުމީ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކައިގެން މަޤްބޫލްކަން ހޯދައި މަގާމުތައް ކަށަވަރުކުރެވޭ ކަމެވެ. ރައްޔިތުންގެ އަތުން އޭ ފާސް ހޯދުމަށް ފަސޭހަ މަގަކަށް މިފަދަ މުސީބާތްތަކުގެ ވާހަކައާއި ރަނގަކުރެވޭނެ ގޮތްތައް، ހަމައެކަނި ކިޔުމުން ފުދެއެވެ.

އިންސާނީ މުސީބާތްތައް އާންމުވެ ފިޔަވަޅެއް ނޭޅި ފެތުރެނީ ވަގުވިޔަފާރި އާއި ކޮރަޕްޝަންގެ ސަބަބުން ކަމަށް ވާއިރު ރައްޔިތުން އޭ ފާސްދީ ހޮވާ މީހުންވެސް ދެން ފެންނަނީ އެ ވިޔަފާރިއާއި ކޮރަޕްޝަނުން ބައިއެޅޭތަނެވެ. މައްސަލައަށް ހައްލެއް ނުލިބި ހައްތަހާ ވެސް ގޯސް ފަޅި ބޮޑުވަނީއެވެ.

އެއްވެސް ނުރަގަޅު ކަމެއް ނުވަތަ ޤާނޫނީ ކުށެއް ކުރީމާ، ވެރީންނާ ހަމައިން ނުހުއްޓުވައި ލޯމަރާލާފައި، ހަމައެކަނި އާންމު މީހާއާ ހަމައިން ނަމަކަށް ފިޔަވަޅު އެޅޭތޯ މަތިމަތިން އުޅެލަނީއެވެ. އެއީވެސް ނޫސްތަކުގެ ސުރުހީއާ ހަމައަށް އެކަންޏެވެ. އެ ހިސާބުން ދޫކޮށްލަނީއެވެ.

އަށްޑިހައިގެ ފަހުކޮޅު މަޑުމަޑުން ފެތުރެން ފެށި ބިދޭސީންގެ މައްސަލައާއި މަސްތުވާ އެއްޗެހީ މައްސަލަ ނުބެލި ދޫވާން ފެށީ އެކި ވަރުވަރުގެ ވެރީންނާއި އަދި ވެރީންގެ ދަރީންނާއި އާއިލާ ތަކަށް ވަކި ގޮތެއް ހަދައި ދޫދޭ ކަމަށް ބުނެ އިނގިލި ދިއްކުރެވެން ފެށި ހިސާބުންނެވެ. ވީމާ ވަކި މީހަކަށް ދޫދިނުމަށް ހަދާ ބާކޮޅު ބޮޑުވެ އެންމެންވެސް އެމަގުން ހިނގަން ފެށުމުގެ ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. ވީމާ އިންސާނީ މުސީބާތެއް ފެށެނީ ކޮންމެ ތާކުން ކަމުގައި ވިޔަސް އިހުމާލުވެ ގަސްތުގައި ދޫކޮށްލައިފިނަމަ ފަހުން އުފުލަންޖެހޭ ވޭން މާބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
61143

One Response

  1. ވަރަށް ރަނގަޅު ވާހަކަކޮޅެއް. ގައުމުގެ ބޮޑުންނާއި ފަރުދުންގެ ޒިންމާ މިކަމުގައި އެބައޮތް. ސަރުކާރުތަކުން އިހުމާލުވެއްޖެ. ބޭނުންވަނީ ހަރުކަށި ވެރިއެއް. މިހާރު ފެންނަ މަންޒަރުތަކުން އުމަރު ނަސީރު އެކަނި މިކަންކަން ހައްލު ގެނެވޭފަދަ ވާހަކައެއް ދައްކަނީ. 2023ގައި މިކަންކަމަށް ހައްލުހޯދައިދޭނޭ ވެރިއެއް ގެންނަނަޖެހޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.