Support Us

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހަވީރު ރަސްދޫގައި ހުންނަ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އަތޮޅުގެ ކުރިއެރުމަށާއި އަތޮޅު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅު ކައުންސިލް ހިންގުމުގައި ދިމާވާ މާލީދަތިތަކަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވައިފައިވެއެވެ. އަދި އަތޮޅު ކައުންސިލްއަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ސަރުކާރުން ފަހިކޮށްދެއްވުމަށް ވަނީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން ވެސް އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް އަވަހަށް ފަށްޓަވައިދެއްވުމަށާއި، ސޯލަފ ޕަވަރ ޕްރޮޖެކްޓް ނުފެށޭތީ ހުރި ކަންބޮޑުވުންތަކާއި، އަތޮޅު ފިހާރައިން ލިބޭ އާމްދަނީ ލިބެނީ ކޮން އުޞޫލަކުން ކިހިނެއްކަން އޮޅުންނުފިލުމުގެ ސަބަބުން ދިމާވާ ދަތިތަކާ، އެތަނުގެ އާމްދަނީ ލިބޭނެ ގޮތް ހައްދަަވައިދެއްވުމަށް ވަނީ އަތޮޅު ކައުންސިލުން އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައެވެ. މީގެ އިތުރުން ވެސް އަތޮޅު ކައުންސިލްގެ އިދާރީ މުވައްޒަފުން މަދުވުމުގެ ސަބަބުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކާއި، އަތޮޅުގައި ސީ އެމްބިއުލާންސް އެއް ނެތުމުން ދިމާވާ ގޮންޖެހުންތައް އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އަތޮޅުކައުންސިލުން ވަނީ އަތޮޅުގެ ހުރިހާ ރަށެއް ހަމަހަމަކޮށް ތަރައްޤީކޮށްދެއްވުމަށާއި މަޑިވަރު ފިނޮޅުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި، ރަށްރަށުގެ ދަފްތަރެއް އޮތުމުގެ މުހިންމުކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. އަތޮޅު ކައުންސިލްގެ މެންބަރުން ދެންނެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ގޮތަކަށް އެކަންކަން ފަހިކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވެއިތު ފަންޑުގެ އެހީގައި އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށާއި، ސީ އެމްބިއުލާސް އަންނަ އަހަރު ލިބޭނެކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގެ މަޢުލޫމާތު އެއްތަނަކުން އެނގޭނެގޮތަށް ދަފްތަރެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް