ހިތާ ވިންދާ ކުރިން އުޅުނީ މި ދުނިޔޭގައި ވަކިން ދެތަނަކު
ހިތާ އެ ހިތުން ޖަހާ ވިންދާ އަލުން ގުޅުނީ އިހަށް ދުވަހަކު
ހެމުން ކޮށްލާ އިޝާރާތާ، ބަލައިލާ ތޫނު ކަތި ނަޒަރުން
އަމުރު އެގޮތަށް ހިތަށް ކުރެވޭ ނެތޭ އަދިވެސް ދެވަނަ މީހަކު
ދަނީ ފަހަރަކު ގަނޑެއް އުކެމުން ފޮރުވި މާޒީގެ އަލްބަމަކުން
ވަނީ އެތަކެއް ހަނދާންތަކެކޭ ނެގުނު ހަމަ ކޮންމެ ތަސްވީރަކު
ދިމާވީހިނދު ކުރުވި އިހުސާސް މަށަށް ތަކުރާރުކޮށް ބުނެދިން
ހިމޭންކޮށްފައި އޮތަސް މޭގައި އެވެސް ހިތެކޭ ވަރަށް ނާޒުކު
ދުލުން ބުނެ ފާޅުކުރެވެން ނެތް، ހުރީ ގިނަގުނަ ޝިކާޔަތުކަން
ލޮލުގެ ކަރުނައިން ބަޔާންކޮށްދިން، އިޒުނަދިންހިނދު އެރޭ އެކަމަކު
"އެނގޭހޭ؟ ލޯބިވާ މިންވަރު"، މިހެން ބުނެފައި ޔަޤީންކަންދޭން
ނަގާފައި ހިތް އެ ނިއުޅާލަން އުޅުނު އޭނާ އެތައް ފަހަރަކު
ވަރަށް ކެރިގެން ބުނަން ބޭނުން މަވެސް ހަމަ ލޯބިވޭ ތިޔަހާ
ދުރަށް ލޯތްބާ ފިލަންދާނޭ ނެތޭ ޤާބިލްކަމެއް މިއަދަކު
