Support Us

ރާއްޖޭގައި ޒުވާނުންނަށް އިންވެސްޓް ކުރެއްވުން ކީއްތޯއެވެ؟

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

(އައި.އެމް.އެފް އާ ގުޅޭ ޚަބަރެއް ނޫހުން ފެނިފައި...)

އަޅުގަނޑުގެ މި ލިޔުން ތަޚްޞީޞް މި ކުރަނީ ޚާއްޞަކޮށް ދިވެހި ޒުވާނުންނަށެވެ.

މިއަދުގެ ނޫސް ހުޅުވައިލިއިރުވެސް ފެނުނީ ބައެއް މީހުންނަށް ވަރަށް އާދައިގެ ޚަބަރަކަށް ވާނޭ ސުރުޚީއެކެވެ. ސަރުކާރުގެ ބަޖެޓުން ދެކޮޅުޖެއްސުމަށް ޓަކައި ނެތް ފައިސާ ޚަރަދުކުރުން ހުއްޓައިލަން އައި.އެމް.އެފް އިން ގޮވައިލި ވާހަކައެވެ. އެހެން ލަފުޒުތަކަކުން ދަންނަވާނަމަ، ޙަޤީޤަތުގައި ނެތް ފައިސާ ޗާޕުކޮށްގެން އެ ފައިސާއިން ޚަރަދުކުރުން ހުއްޓައިލާށޭ ގޮވައިލި ވާހަކައެވެ! އެއީ ދެރަ ވާހަކައެކެވެ. ބިރުވެރިވެސް ވާހަކައެކެވެ. އާދައިގެ ޚަބަރަކަށް ވުމުގެ ބަދަލުގައި، އެއީ ބިރުވެރި ޚަބަރެކެވެ. ދެން އަނެއްކާ އެ ޚަބަރާ ޖެހިގެން އެ އޮތީ ރާއްޖޭގައި އިންވެސްޓުކުރާނޭ ފަރާތްތައް ހޯދަން ކުރެވޭ މަސައްކަތުގެ ވާހަކައެވެ. އެކަމަކު އެއީ އެހެން ވާހަކައެކެވެ.

ބައެއް ބޭފުޅުން ހިތްޕުޅަށް އަރައިވެސްފާނެއެވެ. މި ލިޔުންތެރިޔާޔަށް ރާއްޖޭގެ މާލީ ކަންކަމާ ބެހޭގޮޮތުން އެނގޭނީ ކޮން އެއްޗެއް ހެއްޔެވެ. އެހެންނަމަވެސް، ހަތަރު އަހަރައީ ދުވަސްކޮޅެއް ވަންދެން އަޅުގަނޑު ރާއްޖޭގެ މާލީ ވަޒީރުގެ ނައިބުގެ މަޤާމުގައި ހުރީ ހުހަކަށް ނޫނޭ ދަންނަވާނަމެވެ. ވަރލްޑް ބޭންކް އާއި އައި.އެމް.އެފް ފަދަ ޖަމުޢިއްޔާ ތަކުން އެއިރުވެސް ރާއްޖެއައި ވަފުދުތަކާ އެކު ބޭއްވެމުންދިޔަ ބައްދަލުވުން ތަކުގައި އަޅުގަނޑުވެސް ބައިވެރިވެ އުޅުނީމެވެ. އެ ބައްދަލުވުން ތަކުގައި ޚިޔާލު ފާޅުކޮށްވެސް އުޅުނީމެވެ. އަދި އެކަހަލަ ވަފުދުތަކުގައި ވަޑައިގެން އުޅުއްވި ބައެއް މާހިރުން މިހައިރުވެސް އަޅުގަނޑާ ގުޅުއްވައިވެސް އުޅުއްވައެވެ. އެހެންނަމަވެސް، އެއިރުވެސް ބައެއް ދިވެހީން... އެ ވުޒާރާއިން ޤައުމަށް ކޮށްދޭން ޖެހޭ ޚިދުމަތުގެ ތެރެއިން ގާތަށް އެއްޗެއް ލަފައިލުން އިސްކުރާ ޒާތުގެ ކޮންމެވެސް ބަޔަކު ތިބިކަން އަޅުގަނޑަށް އެނގިއްޖެކަން އޭގެ ތެރެއިން ބަޔަކަށް އެނގި، އޭގެ ތެރެއިން ވަރަށް އިސް ކޮންމެވެސް ބަޔަކު އަޅުގަނޑަށް ސިޔާސީ ޙަމަލާތަކެއް ދެމުން ގެންދިޔަކަން އެ ދުވަސްވަރުގެ ޙާލަތުގެ ހެއްކަކަށް ވާކަން ވިސްނޭ ބަޔަކަށް ވިސްނޭނެއެވެ. އެކަމަކު އެއީވެސް ދެން އެހެން ވާހަކައެކެވެ.

ކޮންމެއަކަސް، އެ ދުވަސްވަރުވެސް ބޭރުގެ މާލީ މާހިރުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ’ޕަބްލިކް ސްޕެންޑިންގް‘ގައި ލަގަނެއް އަޅުވަން ވެއްޖެ ވާހަކައެވެ. ސިޔާސީ މުވައްޒަފުންނަށް ކުރާ ހޭދަޔާ ސިވިލް ސަރވިސްގައި އުޅޭ މުވައްޒަފުންނަށް ކުރަމުން ދިޔަ ހޭދަޔާ ދެމެދު ހުރި ނުބައްދަލު، ބޭއިންސާފު ތަފާތުގެ ވާހަކައެވެ. ދިވެހި ރައްޔިތުންގެ ފައިދާޔާއި ލާބަޔަށްޓަކައި ބިނާކުރާ ތަންތަން ކަމަށް ބުނަމުން ދިޔަ ތަންތަނާއި، އަޅަމުން ދިޔަ ޢިމާރާތްތަކާއި، މީހުން ތަމްރީނުކުރަން ބޭނުންވާކަމަށް ބުނެއުޅުނު ވަޞީލަތްތަކަށް ހޭދަކޮށް އުޅުނީ ބޭރު އެކި ފަރާތްތަކުގެ އެހީއިން، ނުވަތަ ބޭރުގެ އެކި ފަރާތްތަކުން ނަގާ ދަރަނިން ކަމަށް ވީ ވާހަކައެވެ. އެ ދަރަނިތައް، ނުވަތަ އިނގިރޭސި ލަފުޒަކުން ދަންނަވާނަމަ ލޯންތައް، ދެއްކުމަކީ އަހަރުން އަހަރަށް ދަތިވަމުން ދިޔަ، އަދި ދާނޭ ކަމަކަށް ވާ ވާހަކައެވެ. އެންމެފަހުން، ލޯނުތަކަށް ދައްކަން ޖެހޭ އިންޓަރެސްޓު އެކަނިވެސް ނުދެއްކޭ ހިސާބަށް އިސާހިތަކު ހިނގައިދާނޭ ވާހަކައެވެ. ރާއްޖޭގައި އިންވެސްޓުކުރާނޭ ބޭރުގެ ފަރާތްތައް ހޯދާ ވާހަކަ ނޫސްތަކަށް އިހަށް ނުދީ، އެ ޙާލަތު އިޞްލާޙުކުރަން ހުށައަޅާ ވާހަކައެވެ. އެކަމަކު އެއީވެސް ބޭރުގެ މާހިރުން ދެއްކި ވާހަކަޔަކަށް ވާތީ، އެވެސް ވީ ބޭކާރު ވާހަކަޔަށެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އަޅުގަނޑު ކަހަލަ ’ތަނުގެ ކަލްޗަރަށް ނުފެތޭ‘ މީހުންނާއި ’ރާއްޖެ ޢަމުދުން ނޭނގޭ‘ ބިދޭސީން ދެއްކި، އެހެން ކަހަލަ ވާހަކަޔަކަށެވެ.

އެކަމަކު، މިއަދުވެސް މި ފެންނަނީ ހަމަ އެ މަންޒަރެވެ. ދައުލަތަށް ލިބޭ އެއްޗަކާ ކުރާ ހޭދަޔާ ނުބައްދަލުވެ، އެތެރެޔާއި ބޭރުގެ ދަރަނި ބޮޑުވެ، ފައިސާ ޗާޕުކޮށްގެން ނެތް އެއްޗެއް ޚަރަދުކުރަމުން ގެންދާ މަންޒަރެވެ. ގައިބާރު ހުރިއިރު މަސައްކަތްކޮށްގެން ލިބުނު މަދު އެތިކޮޅުން ބައެއް ފަހަށް ރައްކާކޮށްގެން، އެއިން (’ލައިފް ސޭވިންގްސް‘ އިން) އެތިއެތިކޮޅުން ނަގައިގެން އަނގަޔާ އަތާ ކިރިޔާ ދިމާވާވަރަށް ބަލައިގެން ދިރި އުޅޭ އިސްރަށްވެހީންގެ ކުރިމަގު އިންތިހާޔަށް ބަނަވަމުންދާ މަންޒަރެވެ. މަސް ހުސްވާއިރު އަތުގައި ދޮޅުރުފިޔާވެސް ނޯންނަ މުސާރަވެެރީންނަށް ލިބޭ މަދު އެތިކޮޅުން ފުއްދައިލުން ދުވަހަށް ދަތިވަމުންދާ މަންޒަރެވެ. ޚުލާޞާކޮށް ދަންނަވާނަމަ،ބާޒާރުގައި ހުރި އެއްޗިހި ފަހައިދުވާ ފައިސާ މާނަ ނެތް ގޮތެއްގައި އިތުރުވަމުން ދިޔަވަރަކަށް ތަކެތީގެ އަގު ބޮޑުވަމުންދާ ބޮޑުމަންޒަރެވެ. އެކަމަކު އެއީވެސް ހަމަ އެހެން ވާހަކަޔަކަށް ހަދައިފައި ފުއްދައިލަން ވީތޯއެވެ؟

ދެން މިއިވެނީ އެވެނި ބޭފުޅަކު މިވެނި ޤައުމަކަށް ދަތުރުފުޅެއް ކުރެއްވި ވާހަކައެވެ. އެވެނި ބޮޑު މަޝްރޫޢެއް ހިންގަވަން، އެވެނި ހުވަފެނީ ޕުރޮޖެކްޓެއް ފަށްޓަވަން، އިންވެސްޓަރުން ހޯއްދަވަން ބައިހެޔޮ ސިޔާސީ ޓީމަކާއެކު ވަޑައިގެން ވާހަކައެވެ. އެ ހޯއްދަވާ އިންވެސްޓަރުންނަކީ ވިޔަފާރި ރޭޓުގައި ލޯނު ވިއްކާ ބަޔަކަށް ވިޔަސް، ނޫނީ ކޮންމެވެސް އެހެން ކަހަަލަ މަޤްޞަދެއްގައި ނަމަވެސް ސޮވަރިން ބޮންޑު ގަންނަން ތައްޔާރަށް ތިބި ބަޔަކަށް ވިޔަސް، އެއީ ވެސް އިންވެސްޓަރުންނޭ ވިދާޅުވެފައެވެ. މި ރާއްޖޭގެ ރައްޔިތުން ރުކުއަޅައި، ދަރުހޮވައި، ބިންބި ކަނޑައި، ފަތްކެޔޮ ޖަހައި އުޅުނު ރަށްތައް ރިސޯޓުތަކަށް ބަދަލުވެގެން، އެ ރިސޯޓުތަކުން ރެޔަކަށް ހާސްޑޮލަރުގެ އަގުގައި އެ ވިއްކާ ކޮޓަރިތަކުން ލިބޭހައި ފައިދާއިން ރާއްޖެޔަށް ވަންނަ އެއްޗެއް މާ ރަނގަޅަށް ހިސާބު ނުކުރެވުނަސް، އެއީވެސް އެހެން ވާހަކަޔަކަށް ހައްދަވައިފައި ކަމެއް، ނުވަތަ ނޫންކަމެއްވެސް އަޅުގަނޑަކަށް ވާ ނޭނގެއެވެ. އެއީ ހަމަ ގައިމުވެސް އެހެން ވާހަކައެކެވެ.

އެކަމަކު، އެހެން ވާހަކަޔަކަށް ނުވާނޭ ވާހަކައެއް އަޅުގަނޑު ދަންނަވާފާނަމެވެ!

މިރާއްޖޭގައި ޙަޤީޤީ އިންވެސްޓްމަންޓެއް ކުރައްވަން މިއަދު ބޭނުންފުޅިއްޔާ، ރާއްޖޭގެ ޒުވާނުންނަށް އިންވެސްޓް ކުރެއްވުން ކީއްތޯއެވެ؟ އަޅުގަނޑު މި ދަންނަވަނީ، އެތަން މިތަނުން ނަންގަވާ ދަރަނި ފައިސާ ކޮންމެވެސް ބަޔަކަށް ދެއްވީމައި، އެ ފައިސާ ފަހުން ދައްކާ ގޮތަށް އެ ތަންތަނުން ކާތިބު ފެންވަރުގެ ކުދީން ތައްޔާރު ކޮށްކޮށްފައި ނެރޭ ވާހަކައެއް ނޫނެވެ. މުއްސަނދީންގެ އެކި ވިޔަފާރިތަކުގައި ވަޒީފާ އަދާކޮށްގެން، ބުނިހައި ކަމެއް އެންގިހައި ގަޑިތަކެއްގައި ކޮށްގެން، ދިން އެއްޗެއް ހިފައިގެން ގެޔަށް ގޮސް، މަސް ހުސްވާއިރު ދޮޅުރުފިޔާޔަށްވާ ޒާތުގެ މުވައްޒަފުން ތައްޔާރުކުރާ ވާހަކައެއްވެސް ނޫނެވެ. ހުކުރެއް، ޢީދެއް، ޤައުމީދުވަހެއް ނުބަލައި، އާދެ މަސާހިބު ކިޔައިގެން ’ޕީނަޓްސް‘ ކޮޅެއް ހިފައިގެން އަނބިދަރީން ގާތަށް ދާންޖެހޭ ކަހަލަ ނޯކަރުން ތައްޔާރުކުރާ ވާހަކައެއްވެސް ނޫނެވެ. އެއީ އަނެއްކާވެސް އެއްކަލަ ކަހަލަ އެހެން ވާހަކައެކެވެ.

މިރާއްޖޭގައި ޙަޤީޤީ އިންވެސްޓްމަންޓެއް ކުރައްވަން މިއަދު ބޭނުންފުޅިއްޔާ، ރާއްޖޭގެ ޒުވާނުންނަށް އިންވެސްޓް ކުރައްވަން އަޅުގަނޑު މިއަދު މި ހުށައަޅަނީ، މިނިވަންކަމާއި، ދުރުވިސްނުމާއި، ކެރުމާ އެކު، އަމިއްލަ ވިޔަފާރިތަކާއި އިޤްތިޞާދީ އެހެނިހެން ޙަރަކާތްތައް އަމިއްލަޔަށް ހިންގައިލެވޭވަރުގެ ކުޅަދާނަ ޒުވާނުން ތައްޔާރުކުރަން އިންވެސްޓް ކުރާ ވާހަކައެވެ. އެފަދަ ޒުވާނުން ތައްޔާރު ކުރާ އަމިއްލަ އިންސްޓިޓިޔުޓް ތަކާއި، ކޮލެޖު ތަކަށް ހިތްވަރުދީ، އެތަންތަނަށް ހަރުދަނާކޮށް އިންވެސްޓް ކުރާ ވާހަކައެވެ. އެފަދަ ކޯސްތަކުގައި ބައިވެރިވާ ޒުވާނުންނަށް ހިތްވަރު ދީ، އިނގިރޭސި ލަފުޒަކުން ދަންނަވާނަމަ، ’އިންސެންޓިވައިޒް‘ ކުރާ ވާހަކައެވެ. ބޮޑެތި ހައެއްކަ މަހުޖަނުންގެ ނޯކިރީ ގުލާނުކުރުން ނޫން މަގެއް ނެތިފައި އެ ތިބޭ އެތަކެއް ޒުވާނުންނަށް އެމީހުންގެ މިނިވަންކަމާއި، އުފެއްދުންތެރިކަމަށް ވަރަލައިގެން އުދުހިލެވޭނޭ މާޙައުލެއް ބިނާކޮށްދޭ ވާހަކައެވެ. އެއީ އެހެން ވާހަކައެއް ނޫނެވެ!

މިރާއްޖޭގައި ޙަޤީޤީ އިންވެސްޓްމަންޓެއް ކުރައްވަން މިއަދު ބޭނުންފުޅިއްޔާ، ރާއްޖޭގެ ޒުވާނުންނަށް އިންވެސްޓް ކުރައްވަން އަޅުގަނޑު މިއަދު މި ހުށައަޅަނީ، އަމިއްލަ ވިޔަފާރި ފަށައިގެން ހިންގަން ބޭނުންވެފައި މިހައިރުވެސް ތިބި އެތަކެއް ޒުވާނުންނަށް ރާއްޖޭގެ މާލީ ނިޒާމުން އެހީވާން ވެއްޖެ ވާހަކައެވެ. ރާއްޖޭގެ ބެންކުތަކުން މިހާރު މި ގެންގުޅޭ، މަހުޖަނުންނާއި ފައިސާވެރީންނަށް ލުއި އިންޓަރެސްޓުގައި ލޯނާއި އޯވަރޑްރާފްޓް، ނުފޯރާ މީހާ ގޯތިގެދޮރު ރަހުނުކޮށްގެން އިންތިހާޔަށް ބޮޑު އިންޓަރެސްޓުގައި، އެވެސް ރުހިވަޑައިގެންފިއްޔާ، ދެއްވާ އުޞޫލު ބަދަލުކުރައްވަން ވެއްޖެ ވާހަކައެވެ. ރަހުނު ކުރާނޭ އަމިއްލަ ގޯތިގެދޮރު ނެތް، އެކަމަކު ދުނިޔޭގެ ފެންވަރުގެ ހުނަރުވެރިކަން އަމިއްލަ ބުރަ މަސައްކަތުން ހޯދައިގެން ތިބި އެތަކެއް ޒުވާނުން އެމީހުންގެ ވިޔަފާރިތައް ފަށަން ބޭނުންވާ ’އިނީޝަލް އިންވެސްޓްމަންޓް‘ ރަހުނަކާ ނުލައި، މިހައިރު އެނަމުގައި ތިޔަ ދެއްވާ ’ދޮޅުރުފިޔާ‘ އަށްވުރެ ތަންކޮޅެއް ބޮޑުކޮށް، ޤައުމީ ފެންވަރުގައި ލިބެންޖެހޭ ކަމަށް ފެންނަ ވާހަކައެވެ. އެހެން ވާހަކައެއް ހަމަ ނޫނެވެ.

މިރާއްޖޭގައި ޙަޤީޤީ އިންވެސްޓްމަންޓެއް ކުރައްވަން މިއަދު ބޭނުންފުޅިއްޔާ، ރާއްޖޭގެ ޒުވާނުންނަށް އިންވެސްޓް ކުރައްވަން އަޅުގަނޑު މިއަދު މި ހުށައަޅަނީ، ކޮންމެ ކަމެއް ކުރަން ވިޔަސް މިވެނި ބޭފުޅެއްގެ ފައިންޕުޅުދަށަށް ސަލާންޖަހާ ނާށިގަނޑު ހިފައިގެން ދާން ނުޖެހޭ ވަރު ޒުވާނުންނަށް ކޮށްލައްވައިދެއްވަން ވެއްޖެ ވާހަކައެވެ. އެ ނޫން ވާހަކައެއްވެސް ނޫނެވެ.

އަޅުގަނޑު ކެރިހުރެގެން ދަންނަވަމެވެ. އަޅުގަނޑު މިދެންނެވި މަގުތަކާއި ފުރުޞަތުތައް މިއަދުގެ ކެރޭ، ހުނަރުވެރި، އަމިއްލަ ކަށީގެ މަދުން ހިތްވަރު ނެރެގެން ޙަޤީޤީ ޤައުމީ ޚިދުމަތަށް ނިކުންނަން ތައްޔާރަށް ތިބި ޒުވާން މުޥާޠިނުންނަށާއި ތަޢުލީމީ މުއައްސަސާތަކަށް ފަހި ކޮށްދެއްވައިފި ނަމަ، ’ރާއްޖޭގައި އިންވެސްޓްކުރާނޭ ބަޔަކު ހޯއްދަވަން‘ ތިޔަ ކުރައްވާ ދަތުރުފުޅުތައް ކުރައްވާކަށް ދެން ޖެހިވަޑައެއް ނުގަންނަވާނެއެވެ. މިރާއްޖޭގެ ކެރޭ ޒުވާން ދަރީން އަމިއްލަޔަށް އެކަން ކުރާނެއެވެ. އިންވެސްޓްމަންޓް އަމިއްލަޔަށް ހޯދާނެއެވެ. ރާއްޖޭގެ އެންމެނަށް ފައިދާވާ އެތައް ކަމެއް އަލުން އާރާސްތުކުރާނެއެވެ. އުފަލާއެކު ކުރާނެއެވެ. ނަތީޖާ ނެރެމުން ކުރާނެއެވެ. މިހެން މިދަންނަވަނީ މިދެންނެވި ކަހަލަ އެތައް އެތައް ޒުވާނުންނެއް އަޅުގަނޑު ވަރަށް ގާތުން ފެނި، އެމީހުންގެ ފަންވަރާއި ފެންވަރު ލޮލުން ދެކި އަތުން ހިފައި ހެދުމުގެ ފުރުޞަތު ލިބި، އެމީހުންގެ މުސްތަޤުބަލު ބިނާކުރުމުގައި ބައިވެރިވެލުމުގެ ފުރުޞަތުތައް ލިބި، އަދި މިހައިރުވެސް އެކަހަލަ އެތަކެއް ޒުވާނުން ދަންނާތީއާވެސް އެކުގައެވެ.  މިއީކީ ހަމަގައިމުވެސް ތޯތޯ ވާހަކައެއް ނޫން އިނގޭތޯއެވެ! އަޅުގަނޑު އަދި ’ކަލްޗަރަށް ފިޓު‘ ނުވިޔަސް، ކާޓޫނުގައި އެދައްކާ ކަހަލަ ’ވަން ފޯރ ދަ ބާސްކެޓް، ޓޫ ފޯރ މީ‘ ޤައުމީ ޚާދިމަކަށް ނުވިޔަސް، މިވާހަކަޔަށް އައި.އެމް.އެފް އިން ހަމަ ގައިމުވެސް ތާއީދުކުރާނެއެވެ.