Support Us

ރައީސުލްޖުމްހޫރިއްޔާ އިންޑޯ ކުރިކެޓް އިފްތިތާޙް ކޮށްދެއްވައިފި

މާލެ ކުޅިވަރު އެކުވެނި އިންޑޯ ހޯލްގައި، ޕްލެޔަރސް ލައުންޖު ހުޅުވައިދެއްވައި 'ހިތާރޫޙުން ކުޅޭށެ ކުރިކެޓް' ލޯގޯ އަދި އިންޑޯ ކުރިކެޓް  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްލެޔަރސް ލައުންޖު ހުޅުވައިދެއްވައި އެތަން ބައްލަވައިލައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްއާއި މިލާން ކުރިކެޓް އެކަޑަމީގެ ކޯފައުންޑަރ އަދި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕްލެޔަރސް ލައުންޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ ކުރިކެޓް އެކަޑަމީ ކަމުގައިވާ މިލާން ކުރިކެޓް އެކަޑަމީގެ ފަރާތުން 'ޖަލީލް މާލަމް’ގެ ނަމުގައި ތަރައްޤީކޮށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހަދިޔާކުރި ލައުންޖެކެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގައި އިންޑޯ ކުރިކެޓް އިފްތިތާޙްކުރުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކުޅުއްވީ 'ޕްރެޒިޑެންޓް އިލެވަން' ޓީމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުއްވީ 'ވައިސް ޕްރެޒިޑެންޓް އިލެވަން' ޓީމަށެވެ. ރާއްޖޭގައި ކުޅުނު ފުރަތަމަ އިންޑޯ މެޗް ކާމިޔާކުރީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ކެޕްޓަންކަމުގައި ކުޅުނު ޓީމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ނައިބުގެ ކެޕްޓަނުކަމުގައި ކުޅުނު ޓީމުން 10 އޯވަރުގެ ތެރޭގައި 89 ލަނޑަ ހަދާފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ކެޕްޓަންކަމުގައި ކުޅުނު ޓީމުން 12 އޯވަރުގެ ތެރޭގައި ހެދުނީ 85 ލަނޑެވެ.

މި މެޗަށްފަހު ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ 'ހިތާ ރޫހުން ކުޅޭށެ ކުރިކެޓް’ގެ ލޯގޯ ވެދުމަށް އަރުވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް