Support Us

ސޫފިޔާނާ ޚިޔާލެއް

ސަލާމްލެއްވި ނޫހުގެފާނު ޒަމާނުގައި އުޅުއްވި ޒުހުދުވެރި އަޅުވެރިޔަކު އެއްދުވަހު ރަށުގެ ގަބުރުސްތާނު ކައިރިން ހިނގާފައި ދަނިކޮށް، ގަބުރުސްތާނުގައި މަހާނައެއް ދޮށުގައި ރޯން އިން އަންހެނަކު ފެނުނެވެ. ދެން، މި އަޅުވެރިޔާ އެ އަންހެން މީހާ ކައިރިއަށް ދިޔައެވެ. އަދި އޭނާ ކުރެން އެއްސެވެ.

"ކަމަނާއެވެ. ކަމަނާ ތިޔަވަރަކަށް ތި ރޮނީ ކީއްވެ ހެއްޔެވެ؟"

ދެން އޭނާ ޖަވާބުގައި ބުންޏެވެ. "މިތާ ވަޅުލެވިފައިވަނީ އަޅުގަނޑުގެ ކުޑަ ދަރިފުޅެވެ. އޭނާ މަރުވެ ދިޔައީ އޭނާގެ އެންމެ ޒުވާން އުމުރުގައެވެ."

ދެން، ޒުހުދުވެރި އަޅުވެރިޔާ އެއްސެވިއެވެ. "ދަރިފުޅު ނިޔާވި އިރު އޭނާގެ އުމުރަކީ ކޮބާ ހެއްޔެވެ؟"

ޖަވާބުގައި އަންހެން މީހާ ބުންޏެވެ. "ތިން ސަތޭކަ އަހަރެވެ." ނޫހުގެފާނުގެ ދުވަސްވަރު، މީސްތަކުންގެ އުމުރު، މިހާރާ އަޅާ ބަލާއިރު ވަރަށް ވެސް ދިގެވެ. ނޫހުގެފާނު ވެސް ދުނިޔޭގައި ހާހަށް ވުރެ ގިނަ އަހަރު އުޅުއްވި ކަމަށް ކީރިތި ގުރުއާނުގައި އިޝާރަތްކުރެވިފައި އޮވެއެވެ.

އަދިވެސް، ޒުހުދުވެރި އަޅުވެރިޔާ އަންހެން ކަމަނާ ކުރެން އެއްސެވިއެވެ. "ކަމަނާއަށް އެމީހުންގެ އުމުރަކީ 60 އަހަރުކަމުގައިވާ އުއްމަތެއްގެ މީހަކަށް ވެއްޖެ ނަމަ، ކަމަނާ ބުނާނީ ކީކޭ ހެއްޔެވެ؟"

"އެފަދަ އުއްމަތްތައް ވެސް އަތުވެދާނެ ހެއްޔެވެ؟" އަންހެން މީހާ ސުއާލުކުރިއެވެ.

އަޅުވެރިޔާ ވިދާޅުވިއެވެ. އާނއެކެވެ! އަތުވެދާނެ ކަމަށް ހީކޮށްލަ ބަލާށެވެ!"

އެފަދަ އުއްމަތެއްގެ މީސްތަކުން، މާތްރަސްކަލާނގެ މަތިން ހަނދާން ނައްތާލައި، އެކަލާނގެއަށް އުރެދި، ދުނިޔޭގެ އެދުމުގައި އެކަކު އަނެކަކާ އަރާރުންވެ، ތަޅާފޮޅައި ހަދާފާނެތޯއެވެ؟"

އަޅުވެރިޔާ ވިދާޅުވިއެވެ. "އެއީ ވެސް ހަމަ ވެދާނެ ކަމެކެވެ!"

ދެން އަންހެން މީހާ ބުންޏެވެ. "އެމީހުންގެ އުމުރު، އަޅުގަނޑުމެންގެ އުމުރުގެ ނިސްބަތުން ވާނީ ދެތިން ދުވަހުގެ މުއްދަތަކަށް ނޫންތޯއެވެ؟ ޅަފަތުގެ ދުވަސްވަރާއި މުސްކުޅި އުމުރުގެ ދުވަސްވަރު، އެމީހުންގެ އުމުރުން ކަނޑާލީމައި ދެން އޮންނާނީ ވިއްސަކަށް އަހަރު ނޫންތޯއެވެ؟ މި ކުޑަ ދުވަސްކޮޅުގައި ވެސް، ދުނިޔެއަކީ ވަގުތީ އެއްޗެއްކަން އެމީހުންނަށް ހަމަ ނުވިސްނޭނެތޯއެވެ؟ އެފަދަ އުއްމަތެއްގެ މީހަކަށް އަޅުގަނޑުވި ނަމަ، އަޅުގަނޑުގެ ގެއެއް ކީއްކުރަންތޯއެވެ؟ ޖިިފުޓިގަނޑެއް ވެސް ނާޅާނަމެވެ. އަޅުގަނޑުގެ ހަޔާތުގެ މަދު ވަގުތުކޮޅު ހޭދަކޮށްލާނީ ގަހެއްގެ ދަށުގައި މާތްރަސްކަލާނގެއަށް އަޅުކަންކޮށް، މީސްތަކުންނަށް ހެޔޮ ފޯރުކޮށްދިނުމުގައެވެ."

ދެން ޒުހުދުވެރި އަޅުވެރިޔާ ވިދާޅުވިއެވެ. "ނަމަވެސް، އެހެން ގޮތަކަށް ވެސް ކަންކަން ހިނގާފާނެއެވެ. ދާއިމީ ސިފައެއްގައި ދުނިޔޭގައި އުޅެވޭނޭ ކަމަށް ހީކުރާ ފަދަ ގޮތެއްގައި، ބޮޑެތި ބިޔަ އިމާރަތް ހަދައެވެ. ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ އެމީހުންނަށް ޖެހޭނީ އެތަންތަން ދޫކޮށްފައިދާށެވެ! ޝައްކެއް ނެތެވެ. ދުނިޔެ އިމާރަތްކުރުމަކީ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް، އެކަމުގައި އުޅެން ޖެހޭނީ މާތްރަސްކަލާނގެއަށް އުރެދުމުން ދުރުހެލިވެ، ދުނިޔެއަކީ ވަގުތީ މަންޒިލެއްކަން ހަނދާނުގައި ބަހައްޓައިގެން، އެހެން މީހުންނަށް ވެސް ހެޔޮއެދި، ވީވަރަކުން ހެޔޮ ފޯރުކޮށްދީ، އާޚިރަތަށްޓަކައި ވެސް މަސައްކަތްކުރަމުންނެވެ."

ދެން، އެ އަންހެން މީހާއަށް ތަސައްލީ ދިނުމުގެ ގޮތުން ޒުހުދުވެރި އަޅުވެރިޔާ ވިދާޅުވިއެވެ. "ނިކަން ވިސްނާލަބަލާށެވެ! ކަމަނާގެ ދަރިފުޅުގެ އުމުރު، ފަސްދޮޅަސް ނޫނީ ހަތްދިހަ ނޫނީ އަށްޑިހަ އަހަރުވަރުގެ އުމުރެއް ލިބިފައި އޮންނަ އުއްމަތުގެ މީހުންނާ އަޅާ ބަލާއިރު ކުރެއް ނޫނެއް ނޫން ހެއްޔެވެ؟ އަނެއް ކޮޅުން، މީހަކަށް ކިތަންމެ ދިގު އުމުރެއް ލިބިފައި އޮތަސް، އޭނާ މަރުވާނެ ނޫން ހެއްޔެވެ؟ މަރުވުމުން، ދުނިޔޭގައި ކުޑަ ދުވަސްކޮޅަކު އުޅުނު މީހެކޭ އޭނާއެކޭ އެއްވެސް ތަފާތެއް ނެތެވެ. އޭގެތެރެއިން އެކަކުވެސް ދުނިޔޭގައި ނެތުމުންނެވެ. ތަފާތަކަށްވާނީ އެމީހުން ދުނިޔެއަށް ދޫކޮށްފައިދާ ހެޔޮ އަމަލުތަކުގެ ސަބަބުންނެވެ. ކިތަންމެ ކުރު އުމުރެއްގެ މީހަކަސް، އޭނާގެ ހެޔޮ އަމަލުގެ ފޮތް ބޮޑުވެއްޖެ ނަމަ، އޭނާވާނީ ބާއްޖަވެރިއަކަށެވެ. ނަމަވެސް، ކިތަންމެ އުމުރު ދިގު މީހަކަސް އޭނާގެ ހެޔޮ އަމަލުގެ ފޮތް ކުޑަވެއްޖެ ނަމަ، އަދި، އޭނާގެ ހަޔާތް އުރެދުމުގައި ހޭދަކޮށްފި ނަމަ، އޭނާވާނީ އަބާއްޖަވެރިއަކަށެވެ. އެހެންވީމާ، އުމުރު ކުރުވެގެން ނޫނީ ދިގުވުމަކީ މައްސަލައެއް ނޫނެވެ. އެކަމާ މެދު ރޮއި ހިތާމަކުރަން ޖެހޭނޭ ކަމެއް ވެސް ނޫނެވެ. ތިމާއަށް ލިބިފައި އޮންނަ އުމުރުގެ ވަގުތުކޮޅުގައި މީސްތަކުންނަށް ފައިދާ ކުރާނޭ ހެޔޮ ކަމެއް ކުރެވޭތޯ އުޅެވިއްޖެ ނަމަ، ބާއްޖަވެރިއަކަށް ވާނެއެވެ. ކަމަނާގެ ދަރިފުޅަކީ ވެސް، އޭނާގެ ހަޔާތުގެ 300 އަހަރު، ހެޔޮ ގޮތުގައި، މީސްތަކުންނަށް ފައިދާ ކުރުވަނިވި ގޮތެއްގައި ހޭދަކޮށްލި ކުއްޖަކަށް ވާނޭކަމަށް ހީކުރަމެވެ. އެހެންވީމާ، އޭނާ މަރުވުމުން، އޭނާގެ އުމުރުގެ މުއްދަތު ވަކި ވަރަކަށް އޮތުމުން އެކަމާ ހިތާމަކުރުމުގެ ބޭނުމެއް ނެތެވެ. އޭނާގެ އުޚްރަވީ ހަޔާތް ބާއްޖަވެރިވޭތޯ ކަމަނާއަށް މިހާރު އޮތީ ހެޔޮ ދުއާކުރުމެވެ. މާތްރަސްކަލާނގެ ކަމަނާއަށާއި ކަމަނާގެ ދަރިފުޅަށް ހެޔޮ ދަރުމަ ދެއްވައި، ބާއްޖަވެރިންކަމުގައި ލައްވާށިއެވެ!"