Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: އަނިޔާ ލިބެމުންދާ އިންޑިއާގެ މުސްލިމުންގެ ދިފާއުގައި ދެތިން ބަހެއް

އަޅުގަނޑު މިއަދު ގަލަން މިނެގީ އެއްވެސް ސިޔާސީ ވާހަކައެއް ލިޔާކަށް ނޫނެވެ. އަވަށްޓެރި އިންޑިއާގެ މަގެއްގެ މަތީ، ރޯމާ ދުވާލު، ފުލުހުންގެ ކުރިމަތީ، މުސްލިމުން ތަކަކަށް ކުރާ ލާއިންސާނީ އަނިޔާ ފެނި، ހިތަށް ކެތްނުކުރެވިގެންނެވެ. އިންޑިއާގެ ހައްދުފަހަނަ އަޅާފައިވާ ހިންދޫން، މުސްލިމުންނަށް ކުރާ މިފަދަ އަނިޔާގެ އެތަކެއް ވީޑިއޯ ވަރަށް ގިނަ ދިވެހީންނަށް މީގެކު ރިންވެސް ހުންނާނީ ފެނިފައެވެ. އެހާވެސް މި ނުބައި އަމަލު މިހާރު ވަރަށް އާއްމުވެއްޖެއެވެ. ހިތާމައަކީ ދުނިޔޭގެ މެއިން ސްޓްރީމް މީޑިއާ އަށް މިކަން ނުފެންނަ ކަމަށް ހަދައިގެން އޮތުމެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ކަމަށް ބުނާ އެމެރިކާ، އިގިރޭސިވިލާތް، ފަރަންސޭސި ވިލާތް ފަދަ ޤައުމުތަކުން އިންޑިއާގެ މިނުބައި އަމަލު ކުށްވެރިނުކުރާތީ އެވެ.

ހުޅަނގުގެ ޤައުމުތަކަށް ވެސް ބޮޑު ކަމަކަށް ވާނީ މުސްލިމަކު ނިކުމެ ހިންދޫއަކަށް އަނިޔާއެއް ކޮށްފިއްޔާއެވެ. މުސްލިމުން ކިތައްމެ ކުޑަކަމެއް ކުރިއަސް އެވާނީ ޓެރަރިޒަމަށެވެ. ހައްދުފަހަނަ އެޅުމަށެވެ. އިންޑިއާއިން މުސްލިމުންގެ ދީނާއި ނަސްލު ނައްތާލަން ފާޅުގައި އެހެރަ ދަނީ ގޮވަމުންނެވެ. މަގުތައްމަތީ މުސްލިމުން މަރަނީ އެއްވެސް ރަހުމެއް ނެތިއެވެ. އެއީ ޓެރަރިޒަމެއް ނޫނެވެ. އެއީ ހައްދުފަހަނަ އެޅުމެއް ވެސް ނޫނެވެ!

މުސްލިމުންގެ ދިފާއުގައި ބަސްބުނާނެ ކަމަށް އުއްމީދު ކުރެވޭ އިސްލާމީ ޤައުމުތައްވެސް ތިބީ އިންޑިއާގެ ދަށުވެފައެވެ. އިންޑިއާ އަށް ވިކިފައެވެ. ސައުދީ އެރެބިއާ، ޔޫ.އޭ.އީ، ބަހްރައިން ފަދަ ޤައުމުތައް ވަނީ އިންޑިއާގެ އުނގަށް ވެއްޓިފައެވެ. ޔޫ.އޭ.އީ ސަރުކާރުގެ ހަރަދުގައި އިންޑިއާގެ ހިންދޫ ފައްޅިތައް ޔޫ.އޭ.އީގައި އެހެރަ ދަނީ އަޅައިދެމުންނެވެ. ޔޫ.އޭ.އީ އިން އެދަނީ އިޒްރާއީލްގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އިންވެސްޓްކޮށް، އިޒްރޭލް ދިފާއު ކުރަމުންނެވެ. ފަލަސްތީނު މީހުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާ އަށް ބީރުކަންފަތެއް ދެމުންނެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

އިންޑިއާގެ ލާއިންސާނީ އަމަލުތައް ހިންގަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވާ އާރް.އެސް.އެސްގެ ހިންދޫ މެމްބަރުންނެވެ. އެމީހުން ޤަބޫލް ކުރާ ގޮތުގައި މުޅި އިންޑިއާ އަކީ ހިންދޫންގެ މިލްކެކެވެ. މުސްލިމުން ޖެހޭނީ އިންޑިއާއިން ފައިބާށެވެ. ނުވަތަ މަރައި ހުސްކުރާށެވެ. މޯދީގެ ސަރުކާރުގެ ތާއީދާއެކު، އިންޑިއާ ފުލުހުންގެ ހިމާޔަތް ލިބިގެން، ހިންދޫން ނިކުމެ ލަޓިންނާއި ދަގަނޑުންނާއި ހަންޖަރުން ތަޅައި މުސްލިމުން މަރަމުންދާއިރު މުސްލިމުންގެ ދިފާއުގައި ބަހެއް ނުބުނެ ތިބި އިސްލާމީ މުނާފިޤް ޤައުމުތަކުގެ ތެރޭގައި މި ދިވެހި ރާއްޖެ ވެސް ހިމެނޭ ކަމީ އަތުވެދާނެ ކޯފާ އަކަށް ދިވެހީން ބިރުގަންނަންޖެހޭ ވަރުގެ ނުބައި ކަމެކެވެ.

ބީ.ޖޭ.ޕީގެ ތާއީދާ އެކު މުސްލިމުންނާ ދެކޮޅަށް މިފަދަ އަނިޔާވެރި އަމަލު ހިންގައި މުސްލިމުން މަރަމުންދާ އިރު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އެންމެ ލޯބިފުޅުވާ ބޭރުގެ ލީޑަރަކީ މުސްލިމުންގެ ލެއިން ދެއަތް ތަތްތެޅިފައިވާ މޯދީޖީ އެވެ. ދިވެހި ސަރުކާރުގެ ހޯމް މިނިސްޓަރ ޝެއިހް އިމްރާނުގެ ނަމުގެ ކުރިއަށް ޝެއިހް ލައިގެން ކިޔަން މިއަދު ލަދުވެސްގަންނަން ޖެހޭނެއެވެ. މުސްލިމުންގެ ލެއިން ދެއަތް ތަތްތެޅިފައިވާ ހިންދޫ ލީޑަރު އަމިތު ޝާހު ކައިރިއަށް އިމްރާން ވަޑައިގެން ހަދިޔާއަކަށް މުންނާރު ދީ، ހެއްދެވިއިރު އިންޑިއާގެ މުސްލިމުންނަށް ހިންދޫން ދެމުންދާ ލާއިންސާނީ އަނިޔާގެ ހަބަރެއް އިމްރާނާ ހަމައަށް ނުފޯރަނީތޯއެވެ؟ ދިވެހިރާއްޖޭގެ އިސްލާމީވަންތަކަން ރަމްޒުކޮށްދޭ އެންމެ މުހިންމު އެއް ބިނާ ކަމަށްވާ ހުކުރު މިސްކިތު މުންނާރު އަމިތު ޝާހަށް ދެއްވީ އިސްލާމް ދީނަށާއި ދިވެހިންނަށް މަލާމާތްކުރައްވަންތޯއެވެ؟ ހަގީގަތުގައި އަމިތަށް ހަދިޔާކުރައްވަންވީ ކަތިވަޅިއެކެވެ. އޭނާއާ އެންމެ ގުޅެނީ ކަތިވަޅިއެވެ.

ހައްދުފަހަނަ އަޅަނީ ހަމައެކަނި މުސްލިމުންނެވެ. މުސްލިމުންގެ ބިންތައް ފޭރި، އަނބިދަރީން ރޭޕްކޮށް، ފިރިހެނުން ސޮލީބަށް އަރުވައި، މަރައި، މުސްލިމުން އެމީހުންގެ ގެދޮރުން ނެރެ، ގެދޮރުގައި އަލިފާންޖަހައި، އަންދާ އިރުވެސް މުސްލިމުންނަށް އަމިއްލަ ދިފާއުގައި ކަމެއް ކުރުމުގެ ހައްޤެއް ނޯވެއެވެ. އަމިއްލަ ދިފާއުގައި މުސްލިމުން ތެދުވެ ކުރާ ކޮންމެ ކަމެއް ލޭބަލް ވަނީ ޓެރަރިޒަމްގެ ގޮތުގައެވެ. ދިވެހި ރާއްޖެ ފަދަ "އިސްލާމީ" ޤައުމު ތަކުންވެސް މުސްލިމުންނާއި އިސްލާމް ދީނާ މެދު ދެކެނީ މިފަދަ ދެފުށްކެހެރި ގޮތަކަށެވެ. އެހެން ކަމުން ހުޅަނގުގެ ޤައުމުތަކުން ދެކޭނީ އަދި ކޮންފަދަ ގޮތަކަށް ތޯއެވެ؟

(ވީޑިއޯ އުނިކޮށްފައި)

މަތީގައިވާ ވީޑިއޯ އަށް ބައްލަވާލައްވާށެވެ. ފައިސާ ކޮޅެއް ނަގަން އޭ.ޓީ.އެމަކަށް ވަން އިންޑިއާގެ މުސްލިމް އަންހެނަކު ކަނޑިއަކުން ޖަހައި އެތާ ތެރޭގައި މަރާލަނީއެވެ. އެ އަންހެން މީހާގެ ކުށަކީ މުސްލިމަކަށް ވީކަމެވެ.

ތިރީގައިވާ ވީޑިއޯގައި ވެސް އެންމެން ވެގެން އަނިޔާކޮށް އަދި ފުލުހުން ބަޑިޖަހައި މުސްލިމަކު މަރާލަނީއެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ވާނެ ކަމެއް ނޫނެވެ. އެންމެ ކުޑަމިނުން އިޒްރޭލްގައިވެސް ރޯމާ ދުވާލު މިވަރެއް ނުކުރެއެވެ. މިވަގުތު މުޅި ދުނިޔޭގައި ވެސް މުސްލިމުންނަށް އެންމެ ނަފްރަތު ކުރާ ބަޔަކީ ހައްދުފަހަނަ އަޅާފައިވާ އިންޑިއާގެ ހިންދޫންނެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ބެސްޓް ފްރެންޑުންނެވެ!

ދިވެހި ސަރުކާރުން ނަރެންދުރަ މޯދީ ރާއްޖެ ގެނެސް އޭނާގެ ކަރުގައި ރަން ފައްޓަރުބަޔާއި ރަން މެޑަލް އެޅުވީ މުސްލިމުންގެ ގާތިލަކަށް ވުމުން އެކަމަށް ޝުކުރުއަދާ ކުރަން ބާވައެވެ؟ ދިވެހި ރާއްޖޭގެ ރައީސާއި، ދިވެހި ރައްޔިތުންގެ މަޖުލީހުގެ ރައީސާއި، ހާރިޖީ ވަޒީރު ފަދަ އެތަކެއް މިނިސްޓަރުންނަކީ އިންޑިއާ އާއި މޯދީގެ ފޭނުންނެވެ. އިންޑިއާގެ މުސްލިމް އަޚުންގެ ލޭގެ އެއްވެސް އަގެއް މި މީހުންގެ ކުރިމައްޗަކު ނެތެވެ. މިއީ ކޮންފަދަ ނުބައި ބައެއްތޯއެވެ؟

މުސްލިމުންގެ ލޭ ހުއްދަކުރި ހިންދޫ މުޖުރިމުންނާއި އެމީހުންނަށް ތާއީދުކުރާ މީހުންނާއި އެމީހުންގެ ދިފާއުގައި ވާހަކަ ދައްކާ ފަރާތްތައް ﷲ ގަދަ ހިއްޕެވުމަކުން ހިއްޕަވައި ގަދަފަދަ ބަލިވުމަކުން ބަލިކުރައްވާށިއެވެ. ދުނިޔޭގެ ކަންކޮޅު ތަކުގައި ލާއިންސާނީ އަނިޔާ ލިބެމުންދާ މުސްލިމުންނާއި އެމީހުންނަށް ނަސްރު ދިނުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ﷲ ނަސްރު ދެއްވައި މުޖުރިމުން ބަލި ކުރައްވައި ނެތިކުރައްވާށިއެވެ.