އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތުން މުޅި ދުނިޔެއަށް ފަތުރުއްވަވާ އުންމީދުގެ ފަސް ދޯދިން ރާއްޖޭގެ ޤައުމީ މައްސަލަތަކާ ގުޅިފައިވާ ކަންބޮޑުވުންތަކަށްވެސް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޝާހިދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޢާންމު ރައީސްގެ ހައިސިއްޔަތުން، ޝާހިދު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މަޤާމު ދިވެއްސަކު ފުރުއްވަމުންގެންދަވާ ކަމީ، ކޮންމެ ދިވެއްސަކަށް ވެސް ލިބޭ ފަޚުރަކާއި ޝަރަފެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮވިޑުން މިންޖުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤުވާމީ މުޖްތަމަޢުގެ އެހީތެރިކަމާ އެހެން ޤައުމުތަކުގެ ތަޖުރިބާ ރާއްޖެއަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި، ކުރިއަރާފައިވާ ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށާ އަދި އ.ދ. މަޖިލީހަކީ އެންމެންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، އަދި މިހާރަށް ވުރެ އިންސާފުވެރި ހަމަހަމަ އުޞޫލަކުން، ހުރިހާ ޤައުމުތަކާ މެދު މުޢާމަލާތުކުރެވޭ މުއައްސަސާއަކަށް، ވުމަކީވެސް ރާއްޖެއިން އެދޭކަމެއްކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ މި ހުރިހާކަމަކަށް ލިބުނު އުންމީދެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ޝާހިދު އިންތިޚާބުވެވަޑައިގަތުމަކީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގަނެފައިވާ ކަމުގެ ހެއްކެއްކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު ހަރުދަނާ ގުޅުމަކުން ގުޅިފައިވާކަމުގެ ނިޝާނެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ އ.ދ.ގެ ޢާންމު މަޖިލީހުގެ އުންމީދުގެ ރިޔާސަތުގައި، ބައިނަލްއަޤުވާމީ މުޖްތަމަޢުގައި މިހާރަށް ވުރެ ވެސް، ކުލަގަދަ ގޮތެއްގައި ރާއްޖޭގެ ނަން ފެވިގެން ދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު މެންދުރުފަހު ބޭއްވި މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ޝާހިދުގެ ދެކަނބަލުންގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment