Support Us

ޝާހިދު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝާހިދަށް މަރުޙަބާ ދަންނަވައި، އެމަނިކުފާނުގެ ރިޔާސަތުގައި އ.ދ. އަށް ފާގަތިކަމާއި ކުރިއެރުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ޝާހިދަށް ލިބިވަޑައިގެންފައިވާ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވުމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ދެބޭފުޅުން ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމާ ގުޅޭގޮތުންނާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުދި ޤައުމުތަކާ ގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ޤާނޫނުތަކާއި ސިޔާސަތުތައް ކަނޑައަޅާފައިވީ ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި މެނުވީ މިކަންތައްތަކުން އަރައިނުގަނެވޭނެކަން ހާމަކުރައްވައި، އެކަމުގައި އެހީތެރިކަން ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި، އެމަނިކުފާނު ވަނީ ބޮޑެތި ޤައުމުތަކުގެ ސަރުކާރުތަކުން މޫސުމީ ބަދަލުތަކާ ގުޅޭ ސިޔާސަތުތަކަށް ތާއީދު ހޯދުން މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

ޝާހިދުގެ ވާހަކަފުޅުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސްކަން ރާއްޖެއަށް ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ފުރިހަމަ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ލިބިގެންދިޔަ ފަޚުރެއްކަމަށާއި، އެމަކުގެ ހުރިހާ ޝުކުރެއް ޙައްޤުވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމުގައި ވިދާޅުވިއެވެ. އަދި، ޝާހިދު ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގައި އެމަނިކުފާނު ގެންގުޅުއްވާ އުންމީދީ ރިޔާސަތުގެ ފަސް ދޯދީގެ ތަސައްވުރަކީ ރާއްޖެކަމުގައި ހާމަކުރައްވައި، އެމަނިކުފާނުގެ ހުރިހާ މަސައްކަތެއް ބައްޓަންކުރައްވާފައި ވަނީ ރާއްޖޭގެ ރިޔާސަތުގައި އދ. އަށް އެދެވޭ ބަދަލުތަކެއް ގެނައުމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ކުރިއެރުވުމަށްކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޝާހިދަށް ރަސްމީގޮތުން މަރުޙަބާ ދަންނަވާފައެވެ. އަދި ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޢިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް