12:15
ލ. މާވަށު ކައުންސިލް ރައީސްގެ ގެއިން ކަރަންޓު ކަނޑައިލައިގެން އުޅޭ މައްސަލަ ތިން ދުވަސް ފަހުން މާވަށު ކޯޓުން ބޭރުކޮށްލައިފިއެވެ.
ކައުންސިލްގެ ރައީސް އަޙުމަދު މޫސާގެ ގެއިން ދެވަނަ ފަހަރަށް ކަރަންޓް ކަނޑައިލުމުން އޭނާގެ ކުދިންނާއި އާއިލާ އަސާސީ ޙައްގަކުން މަޙުރޫމުކުރި ކަމަށް ބަލައި، އެ ގެޔަށް ވަގުތީ ގޮތުން ކަރަންޓް ދޭން ފެނަކައިގެ މައްޗަށް އަމުރުކޮށްދެއްވުން އެދި މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލީ، މައްސަލައިގެ ދެ ޚަޞްމުން ކޯޓަށް ޙާޒިރުކޮށް އަޑުއެހުންތައް ވެސް ބޭއްވުމަށް ފަހު، މައްސަލަ ހުށަހެޅިތާ 72 ގަޑިއަށްވުރެ ވެސް ގިނައިރު ވީފަހުންނެވެ.
ގަވާއިދުން ކަރަންޓް ބިލަށް ފައިސާ ދައްކަމުން ގެންދިޔަ ގެޔަކުން، މީގެ މާކުރީން އެހެން އިމާރާތަކަށް ދައްކާން ޖެހޭ ފައިސާއެއް ނުދައްކައި އޮތް ކަމަށް ބުނެ، ކަރަންޓް ކަނޑައިލިތާ މިހާރު 72 ގަޑި އިރަށްވުރެ ގިނަ އިރުވެފައިވާއިރު، އެ ގެއަކީ މާބަނޑު މީހުންނާއި ކުޑަކުދީން ވެސް ދިރިއުޅެމުންދާ ގެއެކެވެ.
ޕީ.ޕީ.އެމްގެ އިސް ސަޕޯޓަރެއް ކަމަށްވާ އަޙްމަދު މޫސާގެ އަމިއްލަ ގެ ކަމުގައިވާ، މާވަށު "އާފަރުން"ނާއި އޭނާ ހިންގާ ކޭބަލް ޓީވީ އިސްޓޭޝަނުންނާއި ޕީޕީއެމް ނަންބަރު 1 ޖަގަހައިން އެންމެ ފުރަތަމަ ކަރަންޓް ކަނޑައިލީ މި ހުސްވި ސެޕްޓެންބަރު މަހު ހަވަނަ ދުވަހު އެވެ. އެއީ އަޙުމަދު މޫސާގެ އަނބިކަނބަލުންގެ ނަމުގައި މީގެ ހަތަރު ފަސް އަހަރެއްގެ ކުރީން ހިންގި ވިޔަފާރިއެއް ކަމަށްވާ "މާވަށު މާޓް"ގެ ބިލަކަށް ފައިސާ ނުދައްކައި އޮތް ކަމަށް ބުނެއެވެ. އަޙުމަދު މޫސާ ވިދާޅުވާ ގޮތުގައި އޭނާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ބިލަކަށް ދައްކާންޖެހޭ އެއްވެސް ފައިސާއެއް މިހާތަނަށް ދުވަހަކު ވެސް ނުދައްކައެއް ނޯންނާނެއެވެ. އެ ފަހަރު އެ ތަންތަނުން ކަރަންޓް ކަނޑައިލުމަށް ފަހު ހަމަ އެ ދުވަހު އަލުން އެ ތަންތަނަށް ވަނީ ކަރަންޓް ދީފައެވެ. އެ ބިލުގެ ކަންތައް ވަކި ގޮތަކަށް ހަމަނުޖެހެނީހެވެ.
ފައިސާ ނުދައްކާ ހުރި ކަމަށް ބުނާ ބިލްތަކަށް އަރައިފައި ވަނީ ހަތް ހާސް ރުފިޔާއާ ގާތްކުރާ އަދަދެއް ކަމަށް ވެއެވެ.
އަޙުމަދު މޫސާ ތުހުމަތުކުރައްވާ ގޮތުގައި މިއީ، ސިޔާސީ ގޮތުން އޭނާގެ ފިކުރު ތަފާތުވާތީ ހިންގާ ޖެއްސުންކުރުމުގެ ޢަމަލެކެވެ. އެހެނީ ފުރަތަމަ ފަހަރު ކަރަންޓް ކަނޑައިލީ، މާލޭގައި ޕީޕީއެމުން ލައިވް ކުރި ޖަލްސާއެއްގައި އަޙުމަދު މޫސާ ވާހަކަދައްކަވާން މާލޭގައި ހުންނެވި ރޭގައި ކަމަށް ވެފައި މި ފަހަރު ކަރަންޓް ކަނޑައިލީ ރައީސް ޔާމީންގެ މައްސަލައިގެ އަޑު އެހުންތަކެއް ސުޕްރީމް ކޯޓުގައި ހިންގަމުން ދިޔަ ވަގުތެއްގައި ކަމަށް އަޙުމަދު މޫސާ ވިދާޅުވިއެވެ. އަދި ގަވާއިދުން ކަރަންޓް ބިލަށް ފައިސާ ދައްކަމުން ގެންދާ ޢިމާރާތަކުން ކަރަންޓް ކަނޑައިލުމަކީ ފަރުދެއްގެ އަސާސީ ހައްގަކަށް ގަސްތުގައި އަރައިގަތުންކަމަށް އަޙުމަދު މޫސާ ސިފަކުރެއްވިއެވެ.
މާވަށު ކައުންސިލްގެ އަމިއްލަ ގެ "އާފަރު"ން ކަރަންޓް ކަނޑައިލި ވާހަކަ ނޫހެއްގައި ޝާއިޢުރި ޚަބަރެއް އަޙުމަދު މޫސާ ފޭސްބުކްގައި މިއަދު ހިއްސާކުރެއްވުމުން އެ ޕޯސްޓަށް ރައްދު ދެއްވައި، ފެނަކަ މާވަށު ބްރާންޗު ހިންގުމާ ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މެނޭޖަރު އަބޫބަކުރު އަޙުމަދު ކުރެއްވި ޕޯސްޓެއްގައި، "ބޮޑެތި ދިގު ރުއްތައް ކަނޑާން ވަގުތު ނަގާނެ" ކަމަށާއި، އެކަމަކު "ކިތަންމެ ބޮޑަސް ކަނޑައި ތިރިކޮށް ގުޅިގުޅިއަށް ޖެހޭނެ"ކަމަށް ވަނީ ލިޔުއްވައިފައެވެ.

"އެހެންވެ މި ޢަމަލަކީ ބަހަނާއެއް ދައްކައިގެން ނަމަވެސް ސިޔާސީ ސަބަބަކަށް ޓަކައި އެޅި ފިޔަވަޅެއްކަން ސާބިތުވޭ،" އަޙުމަދު މޫސާ ވިދާޅުވިއެވެ.
ކުޑަކުދީންނާއި މާބަނޑު މީހުން ދިރިއުޅޭ ގެއިން ކަރަންޓް ކަޑައިލައިފައި އޮންނަތާ 72 ގަޑިއިރު ވީ ފަހުން އެ މައްސަލަ އެއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމެވުމުން، ރަށްރަށުގައި ދިމާވާ މި ފަދަ މައްސަލަތައް އެ ރަށެއްގެ ކޯޓުން ނުބެލޭނަމަ، ކޮންމެ ރަށެއްގައި ކޯޓެއް ހުރުމުގެ ބޭނުމާއި މަޤުޞަދާމެދު ވެސް މިހާރު މިވަނީ ސުވާލު އުފެދިފައި ކަމަށް އަޙުމަދު މޫސާ ވިދާޅުވިއެވެ. އަދި މާވަށުގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުވެފައި ހުއްޓަސް އެ ތަނުން ވެސް އެއީ ފުލުހުންނާ ބެހޭ ކަމެއް ނޫން ކަމަށް އަންގަވައިފައިވާ ކަމަށް އަޙުމަދު މޫސާ ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ޙައްގުތައް ހޯދާން މިއަދު ދާނެ ތަނެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަހުމަދު މޫސާ ވިދާޅުވީ ދައްކަން ނުޖެހޭ ފައިސާއެއް ދައްކައިގެން ކަރަންޓް ނުހޯއްދަވާނެ ކަމަށެވެ.
"އެ ގޮތަށް މި ނިންމީ، ދައްކާން ނުޖެހޭ ފައިސާއެއް ދައްކައިފި ނަމަ، އަނެއްކާ އެހެން އިމާރާތަކަށް ދޫކޮށްފައިވާ ކަރަންޓަށް ފައިސާ ދައްކައިފައި ނެތް ކަމަށް ބުނެ އަޅުގަނޑުގެ ނަމުގައި ގިނަ ފައިސާތަކެއްގެ ބިލެއް ފޮނުވައި އެ ބިލަށް ފައިސާ ނުދެއްކި ކަމުގެ ބަހަނާގައި އަނެއްކާ ވެސް ކަރަންޓް ކަނޑައިލައިފާނެތީ،" އަޙުމަދު މޫސާ ވިދާޅުވިއެވެ.
އަޙުމަދު މޫސާ ތުހުމަތުކުރައްވާ ގޮތުގައި މިއީ، ސިޔާސީ ގޮތުން އޭނާގެ ފިކުރު ތަފާތުވާތީ ހިންގާ ޖެއްސުންކުރުމުގެ ޢަމަލެކެވެ. އެއީ ފުރަތަމަ ފަހަރު ކަރަންޓް ކަނޑައިލީ، މާލޭގައި ޕީޕީއެމުން ލައިވް ކުރި ޖަލްސާއެއްގައި އަޙުމަދު މޫސާ ވާހަކަދައްކަވާން މާލޭގައި ހުންނެވި ރެއެއްގައި ކަމަށް ވެފައި މި ފަހަރު ކަރަންޓް ކަނޑައިލީ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ހިންގަމުން ދިޔަ ވަގުތުގައި ކަމަށް އަޙުމަދު މޫސާ ވިދާޅުވިއެވެ. އަދި ގަވާއިދުން ކަރަންޓް ބިލަށް ފައިސާ ދައްކަމުން ގެންދާ ޢިމާރާތަކުން ކަރަންޓް ކަނޑައިލުމަކީ ފަރުދެއްގެ އަސާސީ ހައްގަކަށް ގަސްތުގައި އަރައިގަތުން ކަމަށް ވެސް އަޙުމަދު މޫސާ ސިފަކުރެއްވިއެވެ.
މި ކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް އަދި ނުލިބެއެވެ.



advertisment
One Response
Mihabaraai gulhigen oi furathama habaruge comment bai kiyaaleema e geyne vegenen ulheygoi konmeves varakah