Support Us

ތިން ވަނަ ފަހަރަށް ތަށި ކާމިޔާބުކުރުމަށް ދިވެހިން ތިބީ ޤައުމީ ޓީމާއެކު: ރައީސް

ތިން ވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރުމަށް ދިވެހިން ތިބީ ޤައުމީ ޓީމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް 2021 ގެ ކުރިން ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރެއްވުމަށް ހޮޓެލް ޖެންގައި އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޤައުމީ ޓީމާ މުޚާތަބްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ޤައުމެއް ކަމަށާއި، ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށް ކަމުގައި ހާމަކުރައްވާފައެވެ. އަދި، މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރުތަކާއި ކުޅިވަރު އިންފްރާސްޓްރަކްޗަރތައް ތަރައްޤީކުރުމަށް އިސްކަންދެއްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ޤައުމީ ފުޓްބޯޅަ ދަނޑު ބޭނުންވާ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރުކުރި ފަދައިން ފުޓްބޯޅައަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމުގައި ވިދާޅުވެ، މި ލިބުނު ކުޑަ މުއްދަތު ތެރޭގައި ޤައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

 

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ ޢަދަދު މީގެ ކުރިން ބޮޑުކުރައްވާފައިވާ ކަމުގައި ވިދާޅުވެ، އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާ ކަމުގައި ވިދާޅުވެފައެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. އަދި މީގެ ކުރިން ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *