Support Us

ރައީސުލްޖުމްހޫރިއްޔާ (މ) އާއި ނައިބު ރައީސުލްޖުމްހޫރިއްޔާ (ކ) އަދި އެފް.އޭ.އެމްގެ ރައީސް ރޭގެ މެޗުގައި ތަރުހީބު ދެއްވަނީ -ފޮޓޯ ރައީސް އޮފީސް

ރައީސް އޮފީހުގެ ޚަބަރުގައި ރައީސް މައުމޫންގެ ވާހަކަ އާއި ފޮޓޯ އުނިކޮށްފައި

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އާއި ނޭޕާލް ރޭ ކުޅުނު މެޗު ބައްލަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގަލޮޅު ދަނޑަށް ވަޑައިގެންނެވި ޚަބަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރުމުގައި، ކޯލީޝަން ޕާޓްނަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުގެ ވާހަކަ އާއި ފޮޓޯ އުނިކޮށްފައި އޮތުމުން ބައެއް މީހުން ފާޑުކިޔަން ފަށައިފިއެވެ.

ރައީސް އޮފީހުގެ ޚަބަރުގައި އޮތީ "މި މެޗު ބައްލަވައިލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ސަރުކާރުގެ ބައެއް އިސް ވެރިން ދަނޑަށް ވަޑައިގަތް" ކަމަށާއި "މީގެ އިތުރުން ދިވެހި ގިނަ ސަޕޯޓަރުން ދިވެހި ޤައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރެއްވުމަށް ގަލޮޅު ދަނޑުގައި ތިއްބެވި" ކަމަށެވެ.

ރޭގެ މެޗު ބައްލަވައިލެއްވުމަށް ރައީސް މައުމޫން ވަޑައިގަތް އިންނެވީ ވެސް، ކުރިން މި ކަހަލަ މެޗުތަކުގައި ފެނުނު ގޮތާ ޚިލާފަށް، ރައީސް ސޯލިހުގެ އަރިހަކު ނޫނެވެ. ރައީސް ސޯލިހުގެ އަރިހުގައި އިންނެވީ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމެވެ. ރައީސް މައުމޫން އިންނެވީ ފައިސަލާ ޖެހިގެންނެވެ. އެހެންވެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވަނީ ވެސް ފްރޭމުގައި ރައީސް މައުމޫން ނެތް ފޮޓޯއެކެވެ. އެ ފޮޓޯގައި ރައީސް ސޯލިހުގެ ކަނާތްފަޅީގައި އިންނެވީ އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ބައްސާމުގެ ކަނާތްފަޅީގައި އިންނެވީ، އެމް.އެމް.ޕީ.އާރް.ސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ރަސްމީ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ރޭގެ މެޗު ބެއްލެވުމަށް ވަޑައިގެން ރޮސްޓްރަމްގައި ތިއްބެވި ޚާއްސަ މެހެމާނުން  -ފޮޓޯ: މަހުލޫފު/ ޓްވިޓަރ

ރޭގެ މެޗު ބައްލަވަން ތިއްބެވި ފޮޓޯއެއް މަހުލޫފު ނޫން އެހެން އެއްވެސް ބޭފުޅަކު ޓްވީޓްކުރައްވައިފައެއް ވެސް ނުވެއެވެ.

މެޗަށްފަހު މަހުލޫފު ކުރެއްވި ޓްވީޓުގައި ވަނީ "ޓީމު ވަރަށް ގަދަ، ރަނގަޅަށް ކުޅެ ފުރުސަތުގެ ބޭނުން ނުހިފުނީ" ކަމަށާއި "ޖަހާ ޖޯކަކަށް އަދި ކުރާ މަލާމާތަކަށް ނުބަލާ އިތުރު ހިތްވަރާއެކު ބަންގްލަދޭޝް މެޗު ކަމިޔާބުކުރަން އަޒުމް ކަނޑައަޅަންވީ" ކަމަށެވެ.

ރޭގެ މެޗުގައި ރާއްޖެއާ ވާދަކޮށް 1-0އިން މޮޅުވީ ނޭޕާލެވެ. ރާއްޖެ ބަލިވި ނަމަވެސް، ރަނގަޅު ކުޅުމެއް ރާއްޖެއިން ދައްކައި ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ތަނަވަސްކުރިއެވެ.

މި މުބާރާތުގައި ރާއްޖެ ދެން ވާދަކުރާނީ އަންނަ ބުރާސްފަތި ދުވަހު ބަންގްލަދޭޝާއެވެ.

މީގެ ކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް