Support Us

"ޝަހީބު މީޑިއާ"ގެ ނޫސްވެރިކަމުގެ ކޯސް ނިމި ސެޓްފިކެޓްދީފި

"ޝަހީބު މީޑިއާ"ގެ ފަރާތުން އިންތިޒާމްކުރި ނޫސްވެރިކަމުގެ ކޯސް ނިމި، ބައިވެރިންނަށް ރޭ ސެޓްފިކެޓްދީފިއެވެ.

ސެޕްޓެމްބަރު 15-30އަށް ކުރިއަށްގެންދިޔަ "ނޫސްވެރިން ތަމްރީނުކުރުމުގެ ކޯސް"ގައި 16 ދަރިވަރުން ބައިވެރިވެ، 11 ދަރިވަރަކު ސެޓްފިކެޓް ހާސިލްކުރިއެވެ. ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި މީޑިއާގައި މިހާރުވެސް ހަރަކާތްތެރިވާ ނޫސްވެރިންނާއި ބައެއް މުވައްސަސާތަކުގެ މީޑިއާ އަދި މާކެޓިން ބައިގައި މަސައްކަތްކުރާ މުވައްޒަފުންނާއި މުޅިން އަލަށް ނޫސްވެރިކަން ދަސްކުރަން ބޭނުންވާ ކުދިންވެސް ހިމެނެއެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވީ "ޝަހީބު މީޑިއާ"ގެ ސީއީއޯ، "އަދިވެސް"ގެ އެޑިޓަރު އަދި ހަވީރު އޮންލައިނާއި "ހުވާސް"ގެ ކުރީގެ އެޑިޓަރު މުހައްމަދު ޝަހީބެވެ. ލެކްޗަރަރުންގެ ގޮތުގައި ކިޔަވައިދެއްވީ ވެސް ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލްކުރައްވައިފައިވާ ތަޖުރިބާކާރު ނޫސްވެރީންނެވެ. އެއީ "ދައުރު" އޮންލައިންގެ އެޑިޓަރު މޫސާ ލަތީފާއި "ވަން އޮންލައިން"ގެ ސީ.އީ.އޯ އަދި އެޑިޓަރު ސިނާން އަލީ އާއި "މޮންދު ޕްރޮޑަކްޝަން"ގެ ސީ.އީ.އޯ މުހައްމަދު އާސިފު (މޮންދު) އާއި ރާއްޖެ ޓީވީގެ ނިއުސް ކޮންސަލްޓަންޓް، އިމާދު ލަތީފާއި "މިއަދު"ނޫހުގެ ކުރީގެ އެޑިޓަރު ހޯރަފުށީ މުހައްމަދު ސަލީމާއި ހަވީރުގެ ކުރީގެ ސްޕޯޓްސް އެޑިޓަރު އަބްދުﷲ އަޒުމީނާއި ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ ފަރެސް މުހައްމަދު އާމިރެވެ.

މި ކޯހުގައި ކިޔަވައިދިން މައިގަނޑު ބައިތަކުގެ ތެރޭގައި ޚަބަރު ދެނެގަންނާނެ ގޮތާއި، ޚަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއުކުރާނެ ގޮތާއި ފީޗަރ ރިޕޯޓް ލިޔާނެ ގޮތްތައް ހިމެނެއެވެ. އަދި ނޫސްވެރިކަމުގެ އަޚުލާގާ ބެހޭ ގޮތުންނާއި ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ އަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށާއި މީޑިއާގެ ތަފާތު ވައްތަރުތަކުގެ މައްޗަށާއި އަދުގެ ނޫސްވެރިކަމުގައި ކުރިމަތިވާ ޗެލެންޖާއި ގޮންޖެހުމުގެ މައްޗަށް ތަގުރީރުކުރެއްވިއެވެ.

"ޝަހީބު މީޑިއާ" އަކީ ނޫސްވެރިން ތަމްރީނު ކުރުމާއި ނޫސްވެރިކަމުގެ ކޮންސަލްޓެންސީ އާއި މާކެޓިން އަދި ޕްރޮމޯޝަންގެ ހިދުމަތް ދިނުމަށް، މީޑިއާ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ ޝަހީބު، މީގެ 10 އަހަރު ކުރިން އުފައްދަވައިފައިވާ ތަނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް