Support Us

އިންޑިއާގައި މިލިޓަރީ ތަމްރީން ހަދަމުންދިޔަ އެމް.އެން.ޑީ.އެފްގެ ޒުވާނެއް ނިޔާވެއްޖެ

އިންޑިއާގައި މިލިޓަރީ ތަމްރީން ހަދަމުންދިޔަ އެމް.އެން.ޑީ.އެފްގެ ލާންސްކޯޕްރަލް މުޙައްމަދު ސުލްޠާން އިބްރާހީމް ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ. އއ. ހިމަންދުއަށް އުފަން އުމުރުން 22 އަހަރުގެ ސުލްތާން ނިޔާވީ އިންޑިއާގެ ޕޫނޭގެ ނެޝަނަލް ޑިފެންސް އެކަޑެމީގައި މިއަދު މެންދުރުފަހު އޮތް ދުވުމުގެ ހަރަކާތެއްގައި އުޅެނިކޮށް ވެއްޓިގެންނެވެ.

"ލާންސް ކޯޕްރަލް ސުލްޠާން ނިޔާވެފައި ވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ. މިއަދު މެންދުރުފަހު އޮތް މި ދުވުމުގެ ތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި 13:58 ހާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވަނީ ނިޔާވެފައެވެ." އެމް.އެން.ޑީއެފުން ނެރުނު ބަޔާނުގައިވެއެވެ.

އަހުމަދިއްޔާ ސްކޫލުން އޭ ލެވެލް ހެދުމަށްފަހު ސުލްތާން އެމް.އެން.ޑީއެފާ ގުޅުނީ 2018 އޭޕްރީލް 8 ވަނަ ދުވަހުއެވެ. ސުލްޠާން އިންޑިއާގައި ފުރިހަމަ ކުރަމުންދިޔައީ މި އަހަރުގެ މާރިޗުން ފެށިގެން 2024ގެ މާރިޗަށް ކުރިއަށްގެންދާ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން ސުލްޠާން މަސައްކަތްކުރީ އިންޓަގްރޭޓެޑް ހެޑްކްއޯޓަރޒް (ޖޭ-1) ގައެވެ. ޕްރައިވެޓްގެ މަގާމުން ލާންސް ކޯޕްރަލް ކަމުގެ ރޭންކަށް ސުލްތާން ޕްރޮމޯޓުވެފައި ވަނީ ކޯސް ފުރިހަމަ ކުރަމުން ދަނިކޮށް ކަމުގައި އެމް.އެން.ޑީއެފުން ނެރުނު ބަޔާނުގައިވެއެވެ.

އަޙްމަދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވެފައިވާ ގޮތުގައި "ސުލްޠާނަކީ ސްކޫލްގައި އުޅުނުއިރު ވަރަށް މަޑުމައިތިރި، ހިތްހެޔޮ، ވަރަށް ބަސް އަހާ ކުއްޖެކެވެ. ކިޔެވުމަށް ވަރަށް ގަދައަޅާ މަސައްކަތްކުރި، ވަރަށް ރަނގަޅު އަޚްލާގެއްގެ ޒިންމާދާރު ކުއްޖެކެވެ."

ސުލްތާންގެ ޖަނާޒާ ބޭއްވުމަށްޓަކައި އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް އިން އަންނަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *