Support Us

މިއުޒިކް އާޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖޭގައި މިއުޒިކް އާރޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ކަމާ ބެހޭ ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މަޝްވަރާ ކުރައްވައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިނގް އެންޑް ރިސާޗް (ޔުނިޓާރ)ގެ ނިއުޔޯކް އޮފީހުގެ ހެޑް، މާރކޯ ސުއާޒޯ އާއި ގްލޯބަލް ފައުންޑޭޝަން ފޯރ ޕަރފޯމިންގ އާރޓްސް (ޖީ.އެފް.ޕީ.އޭ.)ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ލޫސިއާ ޖޭ. ގުއޯ އާއި، ޖީ.އެފް.ޕީ.އޭ.ގެ އާރޓިސްޓް ރޮސްޓަރގައި ހިމެނޭ ޕިއަނިސްޓެއް ކަމަށްވާ ބައިރޮން ޒޫއޮ އާ މެޑަމް ފަޒުނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ.ގެ ފަރާތުން އެކަމަނާއަށް ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، ޔޫ.އެން.ޖީ.އޭ ކުރިޔަށްދާއިރު އެކަމަނާ ނިއުޔޯއަށް ކުރެއްވި މިދަތުރުފުޅަކީ މިފަދަ ފައިދާ ހުރި އައު ޕާރޓްނަރޝިޕް ފުރުޞަތުތައް ފަހިވެގެންދިޔަ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެ ކަމަނާ ވަނީ އެކަމަނާއަކީ ވެސް ތައުލީމީ ދާއިރާއިން ވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކުރައްވަމުން، ތަޢުލީމު ދިނުމުގެ ތެރޭގައި އާރޓް އަދި މިއުޒިކް ބޭނުންކުރުމަކީ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ އާ ގުޅިގެން ރާއްޖޭގެ ޓީޗަރުންނަށް އާރޓް ތެރަޕީގެ ތަމްރީނުތައް ހިންގަން ފެށުމަށް އޮތް ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި މަޢުލޫމާތު ހޯއްދެވިއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ.ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ އާރޓް އަދި މިއުޒިކަކީ ޢިލްމީ ކަންކަމާއި ޞިއްޙީ ދުޅަހެޔޮކަމަށް އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެއްކަން ފާހަގަކުރައްވައި، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތައް ކަމުގައިވާ ހާވަރޑް ޔުނިވަރސިޓީއާއި މަސަޗޫސެޓްސް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ފަދަ ޔުނިވަރސިޓީތަކާ ބައިވެރިވެގެން ކުރިޔަށްގެންދާ މިފަދަ ބައެއް އޮންލައިން ކޯސްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި ސްކޫލް ކުދިންނަށް އާރޓް އެންޑް މިއުޒިކް ތެރަޕީ ފޯރުކޮށްދިނުމަށް ޓްރެއިން-ދަ-ޓްރެއިންނަރ އުސޫލުން ރާއްޖޭގެ ޓީޗަރުންނަށް އަމާޒުކޮށް، ސެޝަންތަކެއް ކުރިޔަށް ގެންގޮސްދިނުމަށް ތައްޔާރަށް ތިއްބެވިކަންވެސް އެބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒުނާ ވަނީ، ދައުލަތުގެ އެހީތެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އާރޓް އަދި މިއުޒިކް ތެރެޕީ ސެޝަން ހިންގައިދިނުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް ޔުނިޓާރ އަދި ޖީ.އެފް.ޕީ.އޭ އަށް ހުށަހަޅުއްވާފައެވެ. އަދި ޔުނިޓާރ އަދި ޖީ.އެފް.ޕީ.އޭ.ގެ ބޭފުޅުން ވަނީ ރާއްޖޭގައި ދައުލަތުގެ އެހީތެރިކަމުގައި ތިބޭ ކުޑަކުދިންނަށް ޚާއްޞަކޮށް އެފަދަ ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފެއްޓެވުމަށް އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ފަރާތްތަކުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ގޮތަށް ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެންދެވާނެ ކަމުގައި ފާހަގަކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *