Support Us

އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައެވެ.

ރައީސުލްޖުމްހުރިއްޔާ ވަނީ ޝާހިދު އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައިވާ "ފައިވް ރޭސް އޮފް ހޯޕް"ގެ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މިގޮތުން، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ވަނީ، 2022 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

އަދި ޝާހިދު ވަނީ އެމަނިކުފާނު އެ މަޤާމަށް ކުރިމަތިލުމާ ހަމައިން ފެށިގެންވެސް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ދިވެހި ދަރިޔަކަށްވެ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފުރުޞަތު ލިބުމަކީ އެމަނިކުފާނަށް ލިބުނު ޝަރަފެއް ކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ޤައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ޤާއިމު ކުރުމަށް ކަމުގައި ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ޝާހިދު ވިދާޅުވިގޮތުގައި އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމު އެމަނިކުފާނަށް ކާމިޔާބުކުރެއްވުމުން ރަމްޒުކޮށްދެނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގަނެފައިވާކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި، ޝާހިދު ވަނީ މި ކާމިޔާބީގެ ފަހަތުގައި ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޤާބިލްކަމާއި ފަންނުވެރިކަން މުހިންމު ދައުރެއް އަދާކުރާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމުގައި ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ޝާހިދު ވަނީ މިންތީގެ ހަމަހަމަކަމަކީ އެމަނިކުފާނުގެ ރިޔާސަތުގައި އިސްކަންދެއްވާނެ ދާއިރާއެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ރައީސް ޞާލިޙް ނަންގަވާފައިވާ މުހިންމު ފިޔަވަޅުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ ސަފީރުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ފޮރިން މިނިސްޓަރ ޝާހިދަށް ދަޢުވަތު ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *