Support Us

ކާމިޔާބު ނާކާމިޔާބަށްވެ، ނާކާމިޔާބު ކާމިޔާބަށްވުން

ތާރީޚުގެ ސަފުހާތައް އުކާލާއިރު، މިއީ ފެންނަ މަންޒަރެކެވެ. ކާމިޔާބީ ކަމުގައި ބެލެވޭ ކަންކަން، އާޚިރުގައި ނާކާމިޔާބީއަކަށް ފުރޮޅިގެން ދިޔުމެވެ. އަދި، ނާކާމިޔާބީއަކީ ހަގީގީ ކާމީޔާބީއެއް ހޯދުމަށްޓަކައި މެދުވެރިވާ ވަގުތީ ކަމެއް ކަމަށް ވެސް ވުމެވެ. މީގެ ތާރީޚީ ދެ މިސާލެއްގެ މައްޗަށް ބަލާލައި މިކަމުން ލިބޭ ފިލާވަޅުގެ މައްޗަށް ވެސް ކަޅިއެއް އެއްލަމާ ހެއްޔެވެ؟

ފުރަތަމަ މިސާލު ގުޅެނީ ލަފްޒަކާއި އަދި އެ ލަފްޒާ ގުޅޭ ވާހަކައަކާއެވެ. އެ ލަފްޒަކީ 'ކުވިޒްލިންގ' އެވެ. މާނައަކީ ޣައްދާރުވެރިޔާއެވެ. ތިމާގެ ވަތަނަށާއި ތިމާގެ ގައުމަށް، މީހުންނަށް، ޣަދަރުވެ، ޚިޔާނަތްތެރިވާ މީހާއެވެ. ތިމާގެ ގައުމު ބޭރު މީހުންގެ ބާރުގެ ދަށަށް ގެންދިޔުމަށް އެހީވާ ނުވަތަ ތިމާގެ ގައުމަށް އަރައިގަންނަ ބޭރު މީހުންނާ ބައިވެރިވެ، ތިމާގެ ގައުމުގައި އެމީހުންގެ ބާރު ފަތުރާލުމަށް އެހީވާ މީހާއެވެ. މިހެން ކަންތައް ކުރާ ގިނަ ޣައްދާރުންގެ މަގުސަދަކަށް ވެފައި އޮންނަނީ ބޭރު ބާރެއްގެ އެހީގައި ތިމާގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުމެވެ.

'ކުވިޒްލިންގ' މި ލަފްޒުގެ އަސްލު ގުޅެނީ މީހެއްގެ ނަމާއެވެ. އާދެ، ނޯވޭގެ ސިޔާސީވެރިއެއް ކަމުގައިވި، 'ވިޑްކުން އެބްރަހަމް ކްވިޒްލިންގ' (1887-1945) އާއެވެ. އޭނާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1942އިން 1945 ހަމައަށް، ނޯވޭގައި ގާއިމުކުރެވިފައި އޮތް ޖަރުމަނުގެ ގޮނޑިކޮއްކޮ ސަރުކާރުގެ ބޮޑުވަޒީރެވެ. އޭނާގެ ބޮޑުވަޒީރުކަމުގެ ދަށުގައި، ނޯވޭގައި ބެހެއްޓުނު ޖަރުމަނުވިލާތުގެ އިދާރީވެރިޔާ ބެލުމުގެ ދަށުން ކުވިޒްލިންގ ނޯވޭގެ ސަރުކާރު ހިންގިއެވެ.

ވިޑްކިން ކުވިޒްލިންގުގެ ކާމިޔާބާއި އަދި އެކަން، ނާކާމިޔާބަކަށް ފުރޮޅިގެން ދިޔަ ގޮތް ބަޔާންކޮށްދިނުމުގެ ކުރިން، ކުވިޒްލިންއާ ބެހޭ ކުޑަ މައުލޫމާތުކޮޅެއް ލިޔެލާނަމެވެ. ދުނިޔޭގެ ސިޔާސީ ތާރީޚުގައި، ތަނާއި ޒަމާން ބަދަލުވިޔަސް، ބައެއް ފަހަރު ހަމަ އެއް ކުޅިގަނޑެއް ކުޅެވޭތަން ކިޔުންތެރިން އަމިއްލައަށް ފާހަގަކޮށްލުމަށް އެހީވެ ދިނުމަށްޓަކައެވެ.

ވިހިވަނަ ގަރުނުގެ ކުރީކޮޅުގެ ދަސްއަހަރުތަކުގައި ޔޫރަޕުގެ ސިޔާސީ ފިކުރު، މައިގަނޑު ދެބަޔަކަށް ބަހާލެވިދާނެއެވެ. ކަނާތުފިޔައިގެ ގައުމީ ފިކުރާއި ވާތުފިޔައިގެ އިޝްތިރާކިއްޔަތުގެ ފިކުރެވެ. ޔޫރުޕަގެ ގިނަ ގައުމުތަކުގައި ބާރު އޮތީ ކަނާތުފިޔައިގެ ގައުމީ ފިކުރުގެ ސިޔާސީ ޕާޓީތަކުގެ އަތްމަތިގައެވެ. މިއާއި ޚިލާފަށް ކަންތައް އޮތީ، 1917 ވަނަ އަހަރު، ރަޝިޔާގައި އުފެދުނު ކޮމިޔުނިސްޓު ސޯވިއެޓް ޔުނިއަންއާއި 1930ގެ އަހަރުތަކުގެ ތެރޭގައި ދެފަހަރެއްގެ މަތިން އިސްޕޭނުގައި ވެރިކަމަށް އައި ވާތުފިޔައިގެ ޖުމްހޫރީ ޕާޓީއެވެ. ކަނާތު ފިޔައިގެ ޕާޓީތަކުގެ ތެރޭގައި ހިޓިލަރުގެ ޖަރުމަނުގައި އޮތް ނަސްލީ ނާޒީވެރިކަމާއި އިޓަލީގެ މުސޯލިނީގެ ބާރުގެ ދަށުގައި އޮތް ހައްދުފަހަނާއަޅާފައިވާ ގައުމިއްޔަތުގެ މައްޗަށް ބިނާވެފައި އޮތް އިސްތިބްދާދީ ވެރިކަން ހިމެނެއެވެ.

ކުވިޒްލިންގ ހިމެނުނީ އިޓަލީގެ މުސޯލިނީ ފަދަ ކަނާތުފިޔައިގެ ހައްދުފަހަނާ އަޅާފައިވާ ގައުމިއްޔަތެއްގެ އަގީދާގެ ވެރި ސިޔާސީވެރިއަކަށެވެ. އެހެންވެ، ވެރިކަމަށް އައުމަށްޓަކައި، އޭނާއާ އިދިކޮޅު އެހެން އެންމެންނަކީ ވާތުފިޔައިގެ ކޮމިޔުނިސްޓުންކަމުގައި އޭނާ ތުހުމަތުކުރިއެވެ. އޭނާގެ މި ދައުވާއަކީ އެއްވެސް ހެއްކެއް ނެތް ހޮއި ދައުވާއަކަށްވީ ކަމުގައި ވިޔަސް ވެހެވެ. އާދެ، މި ދައުވާވަނީ އަދުގެ ރާއްޖޭގައި ވެސް، ބައެއް ސިޔާސީ ވެރިން ގެންގުޅޭ އުކުޅަކަށެވެ. އެމީހުން އަޅާ ޗައިނާ ނޫނީ އައިސިސް ތާކިހާއަށެވެ. ތިމާގެ ވާދަވެރި އިދިކޮޅު ސިޔާސީ ވެރިން ގޯސްކުރުމުގެ ގޮތުން އެމީހުންނަކީ އަނިޔާވެރި ދަހިވެތި ޗައިނާއަށް ނޫނީ ހައްދުފަހަނައަޅާފައިވާ އައިސްގެ ޖަމާއަތަށް ތާއީދުކުރާ ބައެއް ކަމުގައި ހަދާ ހެދުމެވެ. ކުރީގައި ބުނެވިދިޔަފަދައިން، ތަނާއި ޒަމާން ތަފާތު ވިޔަސް، ހަގީގަތަށް ބަލާއިރު، މުނާފިގު ސިޔާސީ ވެރިން، ހުރިހާ އިރެއްގައި ވެސް ކުރަނީ ދާދި އެއްކަހަލަ ކަންކަމެވެ.

ކުވިޒްލިންގު އޭނާ އެޅި ޗައިނާ ތާކިހާ އަޅައިގެން، އާދެ، އޭނާގެ އިދިކޮޅު އެންމެންނަކީ ކޮމިޔުނިސްޓުންނޭ ބުނެގެން، ވެރިކަމުގެ ގޮނޑިއާ އޭނާއަށް ކައިރިވެވޭ ގޮތެއް ނުވެއެވެ. ނޯވޭގެ ރައްޔިތުންގެ ހޭލުންތެރިކަން އޮތުމުން، އޭނާ ދައްކާ ވާހަކައިގެ ހަގީގަތް ދެނެގަންނަން އެނގުމުންނެވެ. ހަމަ މީހަކު ދައްކާ ކޮންމެ ވާހަކައެއް، ސީދާ އޭނާގެ ވާހަކަތަކުގެ މައްޗަށް ބަލައި، ވާހަކައިގެ އަގު ވަޒަންކޮށް، އޭގެ ތެދުދޮގު ކަނޑައަޅާލުމުގެ ސިކުނޑީ ތެތްކަން ރައްޔިތުންގެ ކިބައިގައި ހުރުމުންމެވެ.

ކޮންމެއަކަސް، 1939ގައި ދެވަނަ ބޮޑު ހަނގުރާމަ ފެށި، އަދި، 1942ގައި ޖަރުމަނުވިލާތުން ނޯވޭއަށް އަރައިގަނެ، ނޯވޭ އިހުތިލާލު ކުރެވުމަށްދާންދެން، ކުވިޒްލިންގުއަށް ނޯވޭގެ ވެރިކަމާ ހަމައަށް ވާސިލުވެވޭ ގޮތެއް ނުވިއެވެ. ނަމަވެސް، 1942ގައި ޖަރުމަނުން ނޯވޭ އިހުތިލާލުކުރުމާ ވިދިގެން، ޖަރުމަނުން، ހިޓިލަރުގެ ފަރާތުން، ކުވިޒްލިންއާއި ބައްދަލުކޮށް، ނޯވޭގައި ސަރުކާރެއް އެކުލަވާލަން އެދުނެވެ. ބޮޑު ހަނގުރާމައިގެ ކުރިން، ހިޓިލަރާއި ބައްދަލުކޮށް، ހިޓިލަރުގެ ފިކުރާއި އޭނާގެ ފިކުރާ އެއްގޮތްކަން ކުވިޒްލިންގ ވަނީ ހިޓިލަރަށް ސާބިތު ކޮށްދީފައެވެ. އަދި، ނޯވޭގައި ވެސް އެތަނުގެ ބައެއް އަގައްލިޔަތުގެ މީހުންނާ (މައިނޯރިޓީސް) އިދިކޮޅު ތަގުރީރުތަކެއް ވެސް ކޮށްފައެވެ. އެހެންވެ، ހިޓިލަރު ދުށީ ކުވިޒްލިންގއަކީ އޭނާގެ މީހެއް ކަމެވެ. އެންމެފަހުން، ޖަރުމަނުވިލާތުގެ އެހީގައި، ކުވިޒްލިންގ ބޭނުންވި ކަންތައް ހާސިލުވީއެވެ. ވެރިކަން ލިބުނީއެވެ. ވަތަނާއި ގައުމުގެ މީހުން، ބޭރުބައެއްގެ ބާރުގެ ދަށަށް ގެނެސްގެން ކަމަށް ވިޔަސް ވެހެވެ. އާދެ، ރާއްޖޭގައި ވެސް މިފަދަ މަންޒަރު މަންޒަރު ފެންނަހެން މިހާރު ހީވެއެވެ. ބޭރު ބާރުތަކުގެ އެހީގައި ވެރިކަމުގެ ގޮނޑި އަތުޖެހޭތޯ ޣަދަރުވެރި ބައެއް މީހުން މަސައްކަތްކުރާ ތަނެވެ. ކޮންމެ އަކަސް މިވަގުތު ކުވިޒްލިންގުގެ ވާހަކައާއިގެން ކުރިއަށް ދަމާ ހެއްޔެވެ!

ކުވިޒްލިންގއަށް ލިބުނު ކާމިޔާބު ދެމި އޮތީ ދެތިން އަހަރަށެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި، 1945ގައި، ޖަރުމަނު ބަލިވެ، އަމާންދިނުމުން، ޔޫރަޕުގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް އައެވެ. ދެން، ޖަރުމަނުން، އެގައުމުތަކަށް އަރައިގަނެ އިހުތިލާލުކުރި ގައުމުތައް މިނިވަންކުރެވުނެވެ. އަދި، ޖަރުމަނާއި ހިޓިލަރާއި ބައިވެރިވެ، އެމީހުންގެ އަމިއްލަ ގައުމުތަކަށް ވެސް ޣައްދާރުވެ ޚިޔާނަތްތެރިވި މީހުންނާ މެދު، ގައުމަށް ޣައްދާރުވުމުގެ ބޮޑު ކުށުގެ ޝަރީއަތް އެމީހުންނާ މެދު ކުރެވުނެވެ. މިގޮތުން، ކުވިޒްލިންގްއާ މެދު ވެސް ޝަރީއަތްކުރެވުނެވެ. އޭނާގެ މައްޗަށް އުފުލުނު ދައުވާތަކުގެ ތެރޭގައި ހިޓިލަރާ ބައިވެރިވެގެން ނޯވޭއަށް ހަމަލާދިނުމަށް ރޭވިކަމުގެ ކުށް ހިމެނެއެވެ. އޭނާގެ މައްޗަށް ގައުމަށް ޣައްދާރުވުމުގެ ކުށް ސާބިތުވެ، 10 ސެޕްޓެމްބަރު 1945ގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވުނެވެ. އަދި، ހަމަ އެހަރުގެ އޮކްޓޯބަރު މަހު، އޭނާގެ ގަޔަށް ބަޑިޖައި، އޭނާގެ މައްޗަށް މަރުގެ ހުކުން ތަންފީޒުކުރެވުނެވެ.

އާދެ، ކުވިޒްލިންގުގެ ހަޔާތުން ފެނިގެން ދިޔައީ ކާމިޔާބީއެއް ނާކާމިޔާބީއަކަށް ފުރޮޅިގެން ދިޔަ ގޮތެވެ. ނޯވޭގެ ވެރިކަން، ޖަރުމަނުގެ އެހީގައި އޭނާއަށް ލިބުނެވެ. އަދި، މިގޮތުން، އޭނާގެ ހަޔާތުގައި އޭނާ އެންމެ ބޮޑަށް ބޭނުންވި ކަންތައް އޭނާއަށް ހާސިލުވިއެވެ. އާދެ، ވެރިކަން ކޮށްލުމުގެ ފުރުސަތެއް އޭނާއަށް ލިބުނެވެ. ނަމަވެސް، މިކަން ދެމިއޮތީ ދާދި ކުޑަ ދުވަސްކޮޅަކަށެވެ. ތިން އަހަރެއްހާ ދުވަސް ވަންދެންނެވެ. އަދި، އޭނާ ވެރިކަން ހޯދި ހޯދުންވީ، އާޚިރުގައި، އޭނާގެ ގައުމަށް ޣައްދާރުވި ކަމުގެ ތުހުމުތު އޭނާގެ ބޮލުގައި އެޅި، އެކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލި، ޝަރިއަތްކުރެވި، ޝަރީއަތުގައި ކުށްވެރިވެ، މަރަން ހުކުމްކުރެވި، އޭނާގެ ގަޔަށް ބަޑިޖަހައި މަރަން ދިމާވި 'ކާމިޔާބީ’އަކަށެވެ. މިއަދު، އޭނާގެ ނަންގަނެވޭ ހިނދު، އޭނާގެ ގައުމުގެ މީހުންނާއި އަދި އެހެން މީހުންގެ ވެސް ހަނދާނަށް އަންނަނީ އޭނާއަކީ ބޮޑު ޣައްދާރެއް ކަމެވެ. އޭނާގެ ނަން، 'ކުވިޒްލިންގް' ކުރިންވެސް ނަންގަތް ފަދައިން، ޔޫރަޕުގެ ބައެއް ބަސްތަކަށް ވަދެފައި ވަނީ 'ޣައްދާރު' މި މާނައިގައެވެ. ހަމައެކަނި އޭނާގެ ނިމުންއައީ ބަޑިޖަހައި މަރާލެވިގެންނެއް ނޫނެވެ. އަދި، އެއަށްފަހު، ދެން އައި ޖީލުތަކުގެ ދޫމަތިން، އޭނާގެ ނަންގަނެވޭ ހިނދު، އޭނާއަށް ލައުނަތް ވެސް ދެމުންނެވެ. އާދެ، އާޚިރުގައި، އޭނާގެ ކާމިޔާބީވެގެން ދިޔައީ ވަރަށް ވެސް ބޮޑު ނާކާމިޔާބީއަކަށެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި، ބޭރުގެ އަސްކަރީ ބާރުތަކަށް، ތިމާމެންގެ އަމިއްލަ ގައުމު ހިފަން ގޮވާ މީހުން އަޅުގަނޑުމެންގެ ތެރެއިން ވެސް މިހާރު އެބަ ފެނެއެވެ. ކުވިޒްލިންގުގެ ހަޔާތާއި އޭނާގެ ނިމުމުގެ މައްޗަށް ބަލާލާއިރު، ޣައްދާރުން ނިމިދާ ގޮތް ފެންނަ އިރު، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ޣައްދާރުން ނިމި ހިނިގައިދާނޭ ގޮތް ވެސް ފެންނަކަހަލައެވެ.

ވިޑުކިން ކުވިޒްލިންގެ ފަދަ އެހެން އެތައް ޣައްދާރުވެރި ސިޔާސީވެރިންނާއި އަސްކަރީވެރިން ދުނިޔެ ދުށްޓެވެ. އިނިގިރޭސިންގެ އަތް މައްޗަށް އިންޑިޔާދާން މެދުވެރިވި މީރު ޖައުފަރާއި، ސޯވިއެޓް ޔުނިއަން ބަލިކުރާނޭ ގޮތުގެ ޕުލޭނެއް ޖަރުމަނުންނަށް ކިޔައިދިން ރޫސީ އަންޑްރޭ ވްލަވްސޮވް ފަދަ ޣައްދާރު ޚާއިނުންނެވެ. ވަގުތީ ކާމީޔާބީއެއްގެ އެދުމުގައި އެމީހުންގެ ގައުމަށް ޚިޔާނަތްތެރިވެ، އެމީހުން ހޯދި ވަގުތީ ކާމިޔާބީ، މަތީގައި ބަޔާންކުރެވި ދިޔަ ކުވިޒްލިންގުގެ ވާހަކައިން ހާމަވެ ސާފުވިހެން، އާޚިރުގައި، ބަދަލުވެގެން ދިޔައީ ވަރަށް ވެސް ބޮޑު ނާކާމިޔާބިއަކަށެވެ. މިހުރިހާ އެންމެންގެ ވާހަކަތަކުގެ ތަފްސީލަށް ދިޔުމުގެ ޖާގައެއް މިތާކު ނެތެވެ. އެހެންވެ، ދެން އެވާހަކަތައް މި ވަގުތަށް ބާއްވާފައި، ދެން، އެނބުރިލާނީ ނާކާމިޔާބީ ކާމިޔާބީއަށް ވެގެންދާ ގޮތުގެ ތާރީޚީ މިސާލެއް ގެނެސްދެވޭތޯއެވެ.

ނާކާމިޔާބީ ނުވަތަ ފަސްފަހަތަށް ޖެހުމެއް ކަމުގައި ބެލެވުނު، ނަމަވެސް، އެކަމަކީ، އާޚިރުގައި ކާމިޔާބީއަކަށް ވެގެން ދިޔުމުގެ ވަރަށް ރީތި މިސާލެއް އިސްލާމީ ތާރީޚުގެ ހާދިސާއަކުން ލިބެން އެބަ އޮތެވެ. އެއީ ހުދައިބިއްޔާގެ ސުލްހައިގެ ނަމުން ނަންދެވުނު އެއްބަސްވުމުގެ ހާދިސާއެވެ. މި އެއްބަސްވުމަކީ، އެއްކޮޅުން ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާއާއި މުސްލިމުންނާއި އަދި އަނެއްކޮޅުން މައްކާގެ މުޝްރިކުންނާ ދެމެދު ވެވުނު ހުދުނާއެއްގެ (އާމިސްޓިސް، ވަގުތީ ސުލްހަވެރިވުމެއްގެ) އެއްބަސްވުމެކެވެ.

ހުދައިބިއްޔާގެ އެއްބަސްވުން ނިންމުނީ ހިޖުރައިން 6 ވަނައަހަރުއެވެ. އެއީ މީލާދީ ސަނަތުން 628ވަނަ އަހަރެވެ. މި އެއްބަސްވުންވާން މެދުވެރިވީ އެ އަހަރު މުސްލިމުން މަދީނާއިން މައްކާއަށް އުމުރާއަކަށް ދަތުރެއްކުރުމާ ވިދިގެންނެވެ. ޖާހިލީ ޒަމާނުގެ އަރަބި އާންމު އާދަކާދަ ނިޔާކުރާ ގޮތުން، ކޮންމެ އަރައްބަކަށް ވެސް، މައްކާއަށް ޒިޔާރަތްކޮށް ގެފުޅުގައި އަޅުކަންކުރުމުގެ މިނިވަންކަން އޮވެއެވެ. މި ހަމައިގެ މައްޗަށް ބުރަވެ، ސަލާމާތް ސަލަވާތްލެއްވި އިތުރު އެކަލޭގެފާނު ސާދަ ސަތޭކައެއްހާ މުސްލިމުންގެ ޖަމާއަތަކައިގެން މި ނަންގަތް އަހަރު އުމުރާއަށް ވަޑައިގަތުމަށް ނިންމެވިއެވެ. ދެން، މުސްލިމުން މަދީނާއިން މައްކާއަށް ދަތުރުކޮށް، މައްކާއާ ކައިރިވުމުން، ހުދައިބިއްޔާއޭ ކިޔުނު ތަނެއްގައި މަޑުކޮށް، އެތަނުގައި ފޭލިގެޖަހައި، މައްކާއަށް މަންދޫބަކު ފޮނުވިއެވެ. އެދުވަސްވަރަކީ މުސްލިމުންނާއި މައްކާގެ ގުރައިޝުންނާ ދެމެދު ހަނގުރާމަތަކެއް ކުރެވިފައި އޮތް ދުވަސްވަރަކަށްވާތީ، ނުރަނގަޅު ވިސްނުމެއް ހިނގައިފާނެތީ، މުސްލިމުން މައްކާއަށް އައީ ހަނގުރާމަކުރަން ނޫންކަމާއި އަދި އުމުރާގެ އަޅުކަން އަދާކުރުމުގެ ގޮތުންކަމުގައި މައްކާގެ ގުރައިޝުންނަށް ބުނެދީ އެންގުމަށްޓަކައެވެ. ކޮންމެއަކަސް، މުސްލިމުންނަށް ޚަބަރު ލިބުނީ މުސްލިމުންގެ މަންދޫބު އުޘްމާނުގެފާނު އަވަހާރަކޮށްލައިފިކަމުގެ ޚަބަރެވެ. މި ޚަބަރާ ވިދިގެން، މުސްލިމުން ނިންމީ މައްކާގެ ގުރައިޝުންނާ ހަނގުރާމަކުރުމަށެވެ. މި ނިންމުން ނިންމުނުތަނާ މާ ގިނަ އިރުތަކެއް ނުވަނީސް، މުސްލިމުންގެ ފޭލިގެއަށް އުޘްމާނުގެފާނު އެނބުރިވަޑައިގަތެވެ. އަދި އެކަލޭގެފާނު އަވަހާރަކޮށްލެވުނު ޚަބަރަކީ ދޮގު ޚަބަރެއްކަމުގައި އެނގުނެވެ. ދެން، މައްކާގެ ގުރައިޝުންނާ މުސްލިމުންގެ މެދުގައި ބައްދަލުވުމެއް ބޭއްވި، މަޝްވަރާތަކެއް ކުރެވި، ހުދައިބިއްޔަ އެއްބަސްވުމުން ނަންދެވުނު ހުދުނައިގެ އެއްބަސްވުން ލިޔެވުނީއެވެ. މި އެއްބަސްވުމުގެ ބަންދުތަކުގެ ތެރޭގައި، ކުރިއަށް އޮތް 10 އަހަރު ހަނގުރާމަ ނުކުރުމަށާއި، މުސްލިމުން، އެ އަހަރު، އުމުރާނުކޮށް މަދީނާއަށް އެނބުރި ދިޔުން ވެސް ހިމެނެއެވެ. އަދި، މައްކާއިން މީހަކު މަދީނާއަށް ހިނގައްޖެ ނަމަ، އެމީހަކު އަނބުރާ މައްކާއަށް ފޮނުވަންޖެހޭނޭ ކަމާއި ނަމަވެސް މަދީނާއިން މީހަކު މަދީނާ ދޫކޮށް މައްކާއަށް ހިނގައްޖެނަމަ، އެމީހަކު މަދީނާއަށް އެނބުރި ފޮނުވަން ނުޖެހޭނޭކަން ވެސް ހިމެނުނެވެ. މީގެ އިތުރުން، މުސްލިމުންނާ ބައިވެރިވެ ހިލްފުތައް (އެލައަންސްތައް) އުފެއްދުމުގެ މިނިވަންކަން މުސްލިމުންނަށް ވެސް ލިބިގެންދިޔައެވެ.

ކޮންމެ އަކަސް، ހުދައިބިއްޔާގެ މި އެއްބަސްވުމުގައި ހިމެނޭ ބަންދުތަކާ މެދު ބައެއް މުސްލިމުން، ހިތްހަމަ ނުޖެއެވެ. އެމީހުން ދުށްގޮތުގައި މިއީ މުސްލިމުންނަށް ލިބުނު ނާކާމިޔާބީއެކެވެ. ނުވަތަ ފަހަތަށް ޖެހުނުޖެހުމެކެވެ. އެއަހަރު އުމުރާ ނުކުރެވުމާއި އަދި، މަދީނާއިން މައްކާއަށް އެނބުރިދާ މީހުން އެނބުރި ފޮނުވަން ނުޖެހޭނޭކަން އޮތުމުންނެވެ. ނަމަވެސް މިއިން ކަމެއްގައި މުސްލިމުންނަށް ދެރައެއް އޮތްކަމުގައި ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ ދެކެވަޑައެއް ނުގަނެއެވެ. ކުރިއަށް އޮތް އަހަރު، މުސްލިމުން ބޭނުންނަމަ، އެމީހުންނަށް މައްކާއަށް އުމުރާއަށް އޭދެވޭނެއެވެ. މަދީނާ ދޫކޮށްފައި، މައްކާއަށް އެނބުރިދާނީ އިސްލާމް ދީން ދޫކޮށްފައި ދާ މީހެއްކަމުން، ގަދަކަމުން އޭނާ އެނބުރި މަދީނާއަށް ގެނައުމުގެ ބޭނުމެއް އޮތް ކަމަކަށް އެކަލޭގެފާނު ދެކެވަޑައިއެއް ނުގަނެއެވެ. އެގޮތަށް ކަންތައް ކުރަން ވެއްޖެ ނަމަ، އާދެ، އެފަދަ މީހުން ގަދަކަމުން މަދީނާއަށް ގެންނަން ވެއްޖެ ނަމަ، އެކަމުން މުސްލިމުންނަށް ވިޔަސް ވާނީ ގެއްލުމެވެ.

ކޮންމެއަކަސް، ހުދައިބިއްޔާގެ ސުލްހައަކީ، މުސްލިމުންނަށް ލިބުނު ނާކާމިޔާބީއެއް ކަމުގައި، އެސުލްހައިގެ އެއްބަސްވުން އެއްބަސްވެވުނު ވަގުތުގައި ބައެއް މުސްލިމުން ދުށްކަމުގައި ވިޔަސް، އާޚިރުގައި އެކަން މެދުވެރިވެގެން ދިޔައީ މުސްލިމުންނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމުގައެވެ. ހުދައިބިއްޔާގެ ސުލްހައަށް ފަހު، ވިދިގެން އައި އަހަރު، މައްކާގެ ގުރައިޝުން އެއެއްބަސްވުމާ ޚިލާފުވިއެވެ. މިކަމުގެ ސަބަބުން، މައްކާ ފަތަހަކުރެއްވުމަށް ސަލާމާއި ސަލާވާތްލެއްވި އިތުރު ރަސޫލާ ނިންމެވިއެވެ. އަދި، ލޭ އޮހުރުވުމަކާ ނުލައި ހިޖުރައިން 8ވަނަ އަހަރު (މީލާދީ ސަނަތުން 630ވަނަ އަހަރު،) މުސްލިމުންނަށް މައްކާ ފަތަހަކުރެވުނެވެ. އަދި، މައްކާގެ އެންމެން އިސްލާމްވެ، މިކަމާ ވިދިގެން މުޅި އަރަބިކަރަ ވެސް އިސްލާމް ދީން ގަބޫލުކުރިއެވެ. އާދެ، ނާކާމިޔާބީއެއް ކަމުގައި ބަޔަކު ދުށް، ހުދައިއްބިއްޔާގެ ސުލްހަ ވެގެންދިޔައީ މައްކާ ފަތަހެވެ މައްކާގެ މީހުންނާއި އަދި މުޅި އަރަބިކަރައިގެ އެންމެންހެން ވެސް އިސްލާމް ދީން ގަބޫލުކުރުމަށް މެދުވެރިވި ހާދިސާއަށެވެ. ނާކާމިޔާބީއެއް ކަމުގައި ބެލެވުނު ކަންތައް، އާޚިރުގައި ނިމުނީ، އިސްލާމުންނަށް ލިބުނު އެންމެ ބޮޑު އެއް ކާމީޔާބީ މެދުވެރިކުރުވި ހާދިސާއަށެވެ. ކީރިތި ގުރުއާނުގައި، މިކަމުގެ އަހައްމިއްޔަތު ބޮޑުކަމުން، ކީރިތި ގުރުއާނުގައި ދެ ސޫރަތެއް މި މުހިއްމު ހާދިސާއަށް، އާދެ، މައްކާ ފަތަހަކުރުމުގެ މައްޗަށް އިޝާރަތްކުރެވިފައި ވެއެވެ. ފަތަހަ ސޫރަތާއި ނަސްރު ސޫރަތުގައެވެ.

ދެން އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ މަސްރަހުން މިފަދަ މިސާލެއްގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި، އަދު، ރާއްޖޭގައި ބޭރު ސިފައިންގެ ބަޔަކު، އާދެ، އިންޑިޔާގެ އަސްކަރީންގެ ބަޔަކު، ގާއިމުވެ ތިބޭ ގޮތް ހަމަޖެހިއްޖެއެވެ. ރާއްޖޭގެ ބިމުން އުފެދުނު ކުވިޒްލިންގުގެ މަދު ބައެއްގެ އެހީގައެވެ. މިކަމެއްގެ ވާހަކަ މިބަޔަކާ ދައްކާތާ އަހަރުތަކެއް ވެއްޖެއެވެ. ދެ ހާހުގެ އަހަރުތަކުގެ ހިސާބުން ފެށިގެން، މިވާހަކަތައް ދެކެވެމުން އައެވެ. ދެހާސް ދިހައެއްގެ އަހަރުތަކުގައި މިކަމަށް އަމަލީ ސިފަގެނައުން ފެށުނު ނަމަވެސް، ރާއްޖޭގެ ކުވިޒްލިންގުތައް ތިބި ސަރުކާރު ބަދަލުވުމާ ވިދިގެން މި މަސައްކަތަށް ހުއްޓުން އައެވެ. ނަމަވެސް، 2018ގައި އަނެއްކާވެސް، ކުވިޒްލިންގުގެ ބަޔަކު ތިބި ޖަމާއަތަށް ވެރިކަން ލިބުމާ ވިދިގެން، މިކަމަށް ހަލުވިކަން އައިސް، މިކަމާ ބެހޭ އެކިއެކި އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. މިކުވިޒްލިންގުގެ ބައިގަނޑުގެ ޚިޔާލު ބަދަލުވެދާނެ ކަމަކަށް ހީކޮށް އިންޑީޔާގެ ބޮޑުވަޒީރު އެ ބައިގަނޑުގެ ވެރިކަން އިފްތިތާހު ކުރެވުނު ދުވަހު، ހަމަ އެވަގުތު، ރާއްޖެ އައިސް އެ އެއްބަސްވުމުގައި ސޮއިކުރިއެވެ. ދެން، ވަރަށް ހަލުވިކާމާއެކު އެކަން، އާދެ، ބޭރުގެ އަސްކަރީން ރާއްޖޭގައި ތިބުމުގެ ކަންތައްތައް ހަގީގަތަކަށް ހަދާލުމުގެ މަސައްކަތްކޮށް އެކަން ހަގީގަތަކަށް ހަދާލިއެވެ. އަދި، ރާއްޖޭގެ އުތުރާއި ދެކުނާއި މެދުތެރޭގައި އިންޑިޔާ ސިފައިންގެ 'މަރުކަޒުތައް' ގާއިމުކުރެވިގެންދިޔައެވެ. އަދި، ރާއްޖޭގެ އުތުރުން ބައެއް ރަށްރަށް އެމީހުން ގަނެ، އެމީހުންނަށް މިލްކު ކުރެވޭނޭ މަގުވެސް މިހާރު ފަހި ކުރެވިއްޖެއެވެ. މުސްތަގުބަލުގައި، މަލިކު ގެއްލިގެން ދިޔަ ގޮތަށް، ހަމަ އަނެއްކާވެސް، ވެރިކަމުގެ އިންތިހާއީ ދަހިވެތިކަމުގެ އެދުމުގެ ދަލުގައި ޖެހުމުގެ ސަބަބުން، ރާއްޖޭގެ އެންމެ އުތުރުން އިތުރު ބައެއް ގެއްލިދިޔުމުގެ މަގު ފަހިވެގެން ދިޔައީއެވެ. ތިމާމެން ގަނެފައިވާ ތަނެއް، ދިފާއުކޮށް އެތަން ހިފުމުގެ ހައްގު އޮންނާނޭކަމުގެ ދައުވާ ކޮށް، އެކަން ކުރެވޭނެތާއެވެ!

މިތަނުގައި މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ކުވިޒްލިންގުންގެ ބައިގަނޑު ދެކޭ ގޮތް ލިޔެލުން ވެސް މުހިއްމެވެ. އެ ކުވިޒްލިންގުންގެ ބައިގަނޑުގެ ނަޒަރުގައި އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އިންޑިޔާއަކީ، އެމީހުންގެ ނަޒަރުގައި ރާއްޖޭގެ އެންމެ ބޮޑު ރަހުމަތްތެރިޔާއެވެ! ރާއްޖެއަށް އޮތް އިލާހީ ރަހުމަތެކެވެ. އާދެ، މި ކުވިސްލިންގުންގެ ބައިގަނޑުގެ ނަޒަރުގައި، ތިމާގެ ގާތް ރަހުމަތްތެރިޔާއަށް ތިމާގެ އަނބި ދަރިން ވިއްކާލައި، ދައްޔޫސެއްގެ ބައި ކުޅުމަކީވެސް ހަމަ އެންމެ ރަނގަޅުކަމެކެވެ! މި ދައްޔޫސީ ކުވިޒްލިންގުންގެ ބައިގަނޑުގެ ނަޒަރުގައި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ކަމެއް ނޫނެވެ. އެމީހުންގެ މައްޗަށް ރާއްޖޭގެ ގާނޫނު ނުހިނގާ ކަމަށް ވިޔަސް ވެހެވެ. އަދި، މި ދައްޔޫސީ ކުވިޒްލިންގުންގެ ބައިގަނޑުގެ ނަޒަރުގައި އިންޑިޔާއާ ސިފައިން ރާއްޖޭގައި ކޮންމެހެން ވެސް ތިބެން ޖެހެއެވެ. އެއީ، މި ދައްޔޫސީ ކުވިސްލިންގުންގެ ބައިގަނޑު ދެކޭގޮތުގައި ރާއްޖޭގެ ތަރައްގީގެ މަސައްކަތް އޮތީ އިންޑިޔާއާއި ގުޅިފައި ކަމަށްވާތީޔޯލައެވެ. ރާއްޖޭގެ އިމްރާނީ ތަރައްގީއަށް ބަލާލާއިރު، މިއީ ހަގީގަތާ ޚިލާފުކަމުގައި ވިޔަސް ވެހެވެ. ރާއްޖޭގެ އިމްރާނީ ބޮޑެތި ތަރައްގީތައް – އެއާޕޯޓު އެޅުންފަދަ – ގުޅިފައި އޮތީ މެދުއިރުމަތިން ލިބުނު އެކިއެކި ލުއި ލޯނުގެ އެހީތަކާއެވެ. ރާއްޖޭގެ މަސްވެރިކަމާއި ރާއްޖޭގައި ތައުލީމު އާންމުކުރުމުގެ އެހީތައް ގުޅިފައި އޮތީ ޖަޕާނުގެ ހިލޭ އެހީއާއެވެ. މިހެން ކަންކަން އޮތް އިރުވެސް، ރާއްޖޭގެ ދައްޔޫސީ ކުވިޒްލިންގުން، އެމީހުންގެ ވާހަކަތައް، އެވާހަކަތަކުގައި މާ ބޮޑު ބުރަދަނެއް ނެތްކަމުގައި ވިޔަސް، އެމީހުން ބުނީތީވެ، އެމީހުންގެ ބަސް އެހެން އެންމެން ގަބޫލުކުރަންޖެހެއެވެ. ކޮންމެއަކަސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިންޑިޔާގެ ސިފައިން، މިއަދު، ރާއްޖޭގައި ގާއިމުވެ ތިބިކަމެވެ. މިތާ ފާހަގަކޮށްލަން ޖެހެނީ މިއީ މުޅިން ދޮގެއް ކަމަށް ރާއްޖޭގެ ދައްޔޫސީ ކުވިޒްލިންގުގެ ބައިގަނޑު ފުރަތަމައިން ދޮގު ކުރި ކަމެވެ.

ޝައްކެތް ނެތްގޮތުގައި، ރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބުމަކީ، ރާއްޖޭގެ ދައްޔޫސީ ކުވިޒްލިންގުންނާއި އެމީހުންގެ ވާހަކަތައް، ތިމާމެންގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން ތެދު ދޮގު ކަނޑައަޅާލަން ނުކުޅެދި، އެވާހަކަތައް ތަކުރާރުކުރާ ސަންގުތައް ދެކޭ ގޮތުގައި، އެމީހުންނަށް ލިބުނު ވަރަށް ވެސް ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް، ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި، އިންޑިޔާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ ރާއްޖެއަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. އެއް ސަބަބަކީ ބޭރުގެ މިއަސްކަރީން ތިބުމުގެ ޚަރަދުގެ ބޮޑު ބައެއް އުފުލަން ޖެހެނީ ސީދާ ދިވެހި ރައްޔިތުން ކަމަށް ވުމެވެ. މީގެ ހެކި ބޭނުންނަމަ އުތުރުތިލަފަޅުގެ އެއްބަސްވުމުގެ މައްޗަށް ބަލާލާށެވެ! އަސްކަރީ މަރުކަޒުތަކުގެ ހުރިހާ ޚަރަދެއް ކުރަން ޖެހެނީ ދިވެހި ރައްޔިތުންނަށެވެ. އިންޑިޔާއިންދޭ ލޯނު ބޭނުންކޮށްގެންނެވެ. ދެވަނަ ސަބަބަކީ، ބޭރު ބައެއްގެ ސިފައިން މުޅި ރާއްޖޭގައި ތިބުމަކީ، މިކަމާ އިދިކޮޅު މީހުންގެ ނަޒަރުގައި ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެކެވެ. ޚާއްސަ ގޮތެއްގައި، ކުރިންވެސް ބުނިފަދައިން، މިސިފައިންނަކީ އެމީހުންގެ މައްޗަށް ރާއްޖޭގެ އެއްވެސް ގާނޫނެއް ހިނގާނޭ ބަޔަކަށް ނުވާތީއެވެ. އެމީހުންގެ އާންމު ސަގާފަތާ ރާއްޖޭގެ އާންމު ސަގާފަތް ތަފާތުވެ، އެމީހުންގެ ގާނޫނުގައި ހުއްދަ ބައެއް ކަންކަން ރާއްޖޭގައި ހުއްދަނުވުމާއި ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ރާއްޖޭގެ މީހުންނާ މަސްހުނިވެ އުޅޭއިރު ދިމާވެދާނެ މައްސަލަތަކަށްޓަކައެވެ. މިސާލެއްގެ ގޮތުން، އެމީހުންގެ ގާނޫނުގައި މަސްތުވާ ބައެއް ކަހަލަތަކެއްޗަކީ ހުއްދަ އެއްޗިއްސެވެ. އަދި، ޚަބަރުތައް ބުނާގޮތުން، މިފަދަ ތަކެތި، އެމީހުންނަށް ރާއްޖެއަށް އެތެރެކުރެވޭނެއެވެ. އަދި، ބޭނުންވެސް ކުރެވޭނެއެވެ. އެއީ މިހާރު، ބޭރު މީހުންނަށް މިކަން ކުރެވެން އޮންނަ ގޮތާ ޚިލާފަށެވެ. މިހާރު މިފަދަ ކަންކަން ކުރެވެނީ ރިސޯޓުތަކުގައެވެ. އެމީހުންނަށް ބޭނުންވާ މަސްތުވާ ބުއިންތައް އެތެރެކުރަނީ ރިސޯޓުތަކުންނެވެ. އެކަމަށް ހޯދަން ޖެހޭ ޚާއްސަ ހުއްދައެއް ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން ހޯދައިގެންނެވެ. ނަމަވެސް، އިންޑިޔާގެ އަސްކަރީން އެކަން އެ ގޮތަށް ކުރާކަށް ނުޖެހެއެވެ. ސީދާ އެއްޗެހި އެމީހުންނަށް އެމީހުންގެ އަމިލއް ބޯޓުފަރުގައި އެތެރެކުރުމުގެ މަގު ފަހިވެފައި މިހާރު އެބަ އޮތެވެ. 'ފެރީ ދަތުރޭ' ކިޔާ ދަތުރާއި އަސްކަރީ ވައިގެ އުޅަނދުފަހަރު މެދުވެރިކޮށެވެ. މީގެ އިތުރުން، އިންޑިޔާ ސިފައިންނަށް އޮތީ ރާއްޖޭގެ މީހުން އުޅޭ ބައެއް ރަށްރަށުން ގޭގެ ކުއްޔަން ހިފައިގެން އާންމުންގެ ތެރޭގައި އުޅެވޭ ގޮތަށެވެ. މިހެން އުޅުމުގައި މަސްތުވެގެން އާންމުންގެ ތެރޭގައި އުޅުމުން، އަދި، މަސްތީ ހާލުގައި ކޮންމެ ފަދަ ކަމެއް ކުރި ކަމުގައި ވިޔަސް، އެ ހާލަތުގައި މީހަކު މެރިކަމުގައި ވިޔަސް، ނޫނީ މީހަކާ ޖިންސީގޮތުން ބެހުނު ކަމުގައި ވިޔަސް، އެމީހުންގެ މައްޗަށް ރާއްޖޭގެ އެއްވެސް ގާނުނެއް ނުހިނގާނެއެވެ. އެހެން ކަމަށްވާ އިރު، އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ގާއިމުވެ ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ ނާރާނޭ ކަމެކޭ ނުބުނެވޭނެއޭ އެމީހުން ތިބުމާ އިދިކޮޅު ހަދާ މީހުން ބުނެއެވެ.

ކޮންމެ އަކަސް، ރާއްޖެއަށް ކުރިމަތިވި މި ނާކާމިޔާބީ ކާމިޔާބީއަކަށް ހަދާލެވިދާނެއެވެ. ގައުމެއްގެ ގައުމީ ހަޔާތުގައި މިފަދަ ނާކާމިޔާބީ ހާލަތްތައް މެދުވެރިވުމަށް ސަބަބުތަކެއް އޮވެއެވެ. މި ވަގުތަކީ އަޅުގަނޑުމެންނަށް މި ބަދުނަސީބީ ހާލަތު މެދުވެރިވާން ދިމާވި ސަބަބުތަކަކީ ކޮބައިތޯ ހޯދައި އެ ސަބަބުތައް ނައްތާލަން މަސައްކަތްކުރަން ލިބޭ އިލާހީ ފުރުސަތެކެވެ. އެ ސަބަބުތައް ނައްތާލެވުމުން، އަޅުގަނޑުމެންގެ ބަދުނަސީބުގެ ހާލަތު ބަދަލުވެ، ނާކާމިޔާބު ކާމިޔާބަކަށް ފުރޮޅިގެންދާނެއެވެ. އެހެންވެ، ކުރު ގޮތަކަށް ނަމަވެސް، މިއަދުގެ ބަދުނަސީބުގެ ހާލާތު މެދުވެރިވި ސަބަބުތަކާ މެދު ވިސްނާލައި އެއްޗެއް ބުނުން ލާޒިމެވެ.

ޝައްކެއްނެތް ގޮތުގައި ރާއްޖޭގެ ގައުމީ ހަޔާތަށް މިއަދު ވަނީ ހީނަރުކަން އައިސްފައެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ފަސާދާއިގެ މައްސަލައެވެ. އަށްޑިހާއިގެ އަހަރުތަކުން ފެށިގެން، ރާއްޖޭގައި ސަރުކާރުގެ އިދާރާތަކުގައި ފަސާދައިގެ އަމަލުތައް އައީ މަޑުމަޑުން ނަމަވެސް، އަށަގަނެ ފެތުރެމުންނެވެ. އެސް.ޓީ.އޯ. އާއި އަދިވެސް ސަރުކާރުން ހިންގާ ދައުލަތުގެ އެހެން ކުންފުނިތަކުގެ ތެރޭގައެވެ. އެފް.ޕީ.އައި.ޑީ.ގެ ޚިޔާނަތުގެ މައްސަލަ ހިތަށް ގެންނަވާށެވެ. ގާތްގަނޑަކަށް ސަތޭކަވަރަކަށް ބޯޓު އޮތް ރާއްޖޭގެ ޝިޕންލައިންއާއި އަދި ރާއްޖޭގެ އެއާލައިން އުވި ނެތިދިޔަ ގޮތް ހަނދާނަށް ގެންނާށެވެ. މިއިން އެއްވެސް ކަމަކީ، އެކަން ވެދިޔަ ގޮތުގެ ހަގީގީ ތަހުގީގެއް ކުރެވި، މިފަދަ ބޮޑެތި ގެއްލުންތައް ދައުލަތަށް ލިބުނީ ކިހިނެއްކަމާއި އަދި މިކަންކަމުގައި މަސްއޫލުވާން ޖެހޭނޭ އެއްވެސް ފަރާތެއް ކަނޑައަޅާ ލެވުނު ކަންކަމެއް ނޫނެވެ. އަދި، ދާދި މިދާކަށް ދުވަހު، ފެންމަތިވި އެމް.ޕީ.އާރު.ސީ.ގެ މައްސަލަ ވެސް ހަނދާނަށް ގެންނަވާށެވެ. މިމައްސަލައިގައި ހިމެނޭ ގިނަ މީހުންނަކީ އެމީހުންނަށް ހަގީގީ އަދަބެއް ލިބުނު ބައެއް ނޫނެވެ.

ފަސާދައިގެ އިތުރުން، ދެން، އާންމުވެގެން ދިޔަ، މަރާމާރީ ހިންގުމާއި މީހުން މެރުމުގެ މައްސަލަތައް ވެސް ހަނދާނަށް ގެންނަވާށެވެ. ބުނެވޭ ގޮތުގައި މިފަދަ ބައެއް މައްސަލަތައް ގުޅެނީ، ބޮޑެތި ބޮޑެތި ޚިޔާނާތްތައް ފޮރުވުމުގެ ގޮތުން ހިންގުނު ކަންކަމާއެވެ. މީގެ އިތުރުން ވެސް، ޝަރުއީ އިދާރާތަކުގެ ތެރޭގައި ވެސް ފަސާދަ އޮތީ އަށަގަނެފައެވެ. ވަކީލުންނާއި ގާޒީން އެއްބައިވެގެން 'ޑީލްތައް' ހެދައި، ރިޝްވަތުގެ ބާރުގެ މައްޗަށް ބުރަވެ، މައްސަލަތައް ނިންމާލުމުގެ ފަސާދަވެސް މިހާރުވަނީ މުޅިން އާންމުވެ، އެއީ މޮޅު ރަނގަޅު ގޮތްކަމަށް ވެފައެވެ. ފަސާދައިގެ އަމަލުތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުން ކަމެއް ކުރަން ވެއްޖެ ނަމަ، 'ކަޓު' ނެގުމުގެ މައްސަލަތައް ވެސް ފާހަގަކުރަން ޖެހެއެވެ. އެނޫން ގޮތަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ކުރެވެން ނޯންނަކަމުގެ ޝަކުވާގެ އަޑު މިހާރު ވަރަށް ގަދަވެއްޖެއެވެ.

ދެން، އާންމު ފަރުދުންގެ ހާލުވެސް އޮތީ ހަމަ އެހާ ދަށު ދަރަޖައެއްގައެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާއި މަސްތުވާތަކެތީގެ ބޭނުންކުރުމުގެ އިޖުތިމާއީ ވަބާއެވެ. މިކަމަކާ ގުޅޭ ވައްކަންތަކާއި ހަށިވިއްކުމުގެ މައްސަލަތަކެވެ. މަގުމަތީގައި ރޯ އޮރިޔާމުން އުޅުމަކީ އެކަން ހުއްޓުވުމުގެ ބަދަލުގައި އެކަންކަން ފޯޓޯނެގުމަށް ލިބޭ ފުރުސަތަކަށް ހަދާލުމުގެ މައްސަލައެވެ. ކުޑަކުދިންނާ ބެހުމާއި އަދިވެސް ބަދުއަޚުލާގީ އަމަލުތައް ފާޅުގައި، ބައެއް ފަހަރު، މަގުމަތީ އެންމެންގެ ކުރިމަތީގައި ހިންގުމުގެ މައްސަލަތަކެވެ. ފާޅުގައި މިކަންކަން ކުރުމުގެ އިތުރުން، ކުރިން ވެސް ބުނިފަދައިން މީޑިޔާތަކުގައި މިފަދަ ވީޑިޔޯތަކާއި ފޮޓޯތައް އާންމުކުރުމުގެ މައްސަލަތަކެވެ.

ދެން އަޅުގަނޑުމެންގެ ދީނީ ހަޔާތަށް ބަލާލާއިރުވެސް ފެންނަނީ މާ އުފާވެރި މަންޒަރެއް ނޫނެވެ. ދީން ވާންޖެހޭނީ ވަކިވަކި އަފުރާދުންގެ ރޫހާނިއްޔަތު ކުރިއެރުވުމަށް ބާރު އަޅައިދޭ ވަސީލަތަކަށެވެ. އެކަމަށް އެހީވެދޭ މެދުވެރިޔަކަށެވެ. މީގެ އިތުރުން، ދީން ވާންޖެހޭނީ ތަނުގެ ޖަމާއީ ހަޔާތް ބިނާވާން ޖެހޭނީ ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް ކަމަށް ބާރުއަޅައި އެކަން ކުރާނީ ކިހިނެއްކަން ބުނެދޭ އެއްޗެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ދީން އަދު އޮތީ މިފަދަ ގޮތަކަށް ނޫނެވެ. ދީންވެފައި އޮތީ ސޫރީކަންކަމަށް ބާރު އަޅައި ދީނަކީ ހަމައެކަނި ބޭރުފުށުގެ ކަމެއްކަން އަންގައިދޭ އެއްޗެއްގެ ގޮތުގައެވެ. ތިމާމެންގެ ޝުހުރަތާއި މަގުބޫލުކަން ހޯދުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތެއްގެ ގޮތުގައެވެ. ފެންކިޔަވައި ފުޅިފުޅީގައި ބަންދުކޮށް ވިއްކައި ވިޔަފާރިކުރަން ބޭނުން ކުރެވޭ މުދަލެއްގެ ގޮތުގައެވެ.

މިފަދަ ދަށު ދަރަޖައަކަށް އަޅުގަނޑުމެންގެ އާންމު ހާލަތު ވެއްޓިފައި އޮތުމަކީ އަޅުގަޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި ދައްޔޫސީ ކުވިޒްލިންގުން އުފެދެން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި، މިފަދަ ދައްޔޫސީ ކުވިޒްލިންގުންގެ އަތްމަތީގައި ތަނުގެ އިސްތިގުލާލައި މިނިވަންކަން ގެއްލޭ ސަބަބެވެ. މިއަދު މިއޮތީ އެގޮތް މެދުވެރިވެފައެވެ. މިއީ މަތީގައި ނަންގަނެވުނު އަޅުގަނޑުމެންގެ ޖަމާއީ އަދި ފަރުދީ އަޚުލާގީ ބަލިމަޑުކަމާ ދޭތެރޭ ވިސްނައި ފިކުރުކޮށް އެކަން އިސްލާހުކުރުމުގެ މަސައްކަތް ފަށަން އެންމެނަށް ވެސް ލިބުނު ފުރުސަތަކެވެ. އަޅުގަނޑުމެންގެ ފަރުދީ ހަޔާތާއި ޖަމާއީ ހަޔާތް އިސްލާހުކުރުމަށް ލިބުނު އިލާހީ ފުރުސަތެކެވެ. އާދި، އިލާހީ ސުންނަތުގެ މަތިންނެވެ. މިފުރުސަތުގެ ބޭނުންކޮށް ފަސާދައާއި ބަދުއަޚުލާގީ އަމަލުތަކަށް ފުރަގަސްދީ، އިސްލާހުގެ މަގު ޚިޔާރުކޮށް، އެމަގުގައި އަޅުގަނޑުމެން ހިނގަން ފަށައިފި ނަމަ، އަޅުގަނޑުމެންނަށް ކުރިމަތިވީ ވަގުތީ ނާކާމިޔާބު، އާޚިރުގައި، ކާމިޔާބީއަކަށް ބަދަލުވެގެން ދާނެކަމާ މެދު ޝައްކެއް ނެތެވެ. އެހެންވެ، މިދަނޑިވަޅުގައި، ހަނދާންކޮށްލުން އެންމެ ރަނގަޅު ހިކުމަތުން ފުރިގެންވާ އާޔަތް ކޮޅެއް ހަނދާނަށް އާދެއެވެ. އެއާޔަތްކޮޅު މާނައާއެކު ލިޔެލާނަމެވެ.

ولقد أرسلنا إلى أمم من قبلك ހަމަކަށަވަރުން، ކަލޭގެފާނުގެ (އެބަހީ މުހައްމަދުގެފާނުގެ އުއްމަތުގެ) ކުރިން ވެސް، އުއްމަތްތަކަށް، ގައުމުތަކަށް، ތިމަން ރަސްކަލާނގެ، ރަސޫލުބޭކަލުން ފޮނުއްވީމެވެ. فأخذناهم بالبأساء والضراء لعلهم يتضرعون އަދި (ދިރިއުޅުމުގެ) ދަތި އުނދަގޫތަކާއި (މިސާލަކަށް، ވާރޭނުވެހުމުގެ ސަބަބުން ދަނޑުގޮވާން ނުކުރެވުން، ނައަމްސޫފިތައް މަރުވެދިޔުން، ނޫނީ މަސް ނުބޭނުން، އެއްޗެތީގެ އަގު ބޮޑުވުން، މިފަދަ މަޢީޝީ އުނދަގޫތަކާއި) އަދި ބަލިމަޑުކަން (ބަލިތައް ފެތުރި އާންމުވުން، އަދި އެކަމުގެ ސަބަބުން މީސްތަކުން މަރުވަމުން ދިޔުން، އަދި ދިރިތިބީންނަށް މައީޝީ އުނދަގޫތައް ކުރިމަތިވުން) އެ އުއްމަތްތަކާއި ކުރިމަތި ކުރެއްވީމެވެ. އެއީ އެ އުއްމަތްތަކުގެ މީސްތަކުން(ގެ ހިތްތައް) މަޑުމޮޅިވެ، (އެމީހުން ހަމަ މަގަށް އެޅި)ދޭތޯއެވެ. فلولا إذ جاءهم بأسنا تضرعوا ތިމަންރަސްކަލާނގެ މެދުވެރިކުރެއްވި ދަތިތަކާއި ބަލިމަޑުކަމުގެ އިމްތިހާނު އެމީހުންނާ ކުރިމަތިވި ހިނދު، އެބައި މީހުން(ގެ ހިތްތައް) މަޑުމޮޅިވެ، (ހަމަ މަގަށް އެމީހުން އެޅި)ދިޔަނަމައެވެ! ولكن قست قلوبهم وزين لهم الشيطان ما كانوا يعملون ނަމަވެސް، (ހުރި ހިތާމަހުއްޓެވެ! އެމީހުންގެ ކަންތައްތައް ހުރީ މިއާ ދިމާ އިދިކޮޅަށެވެ!) އެމީހުންގެ ހިތްތައް (އިތުރަށް) ހަރުކަށިވެ، (އެމީހުން ބޮޑާވެގަނެ، އިތުރަށް ނުބައިވުން ނޫންކަމެއް އެމީހުންގެ ކިބައަކުން ނުފެނުނެވެ.) އެހެނީ، ޝައިތާނާ، (އެބަހީ، ނުބައި ކަންކަމަށް އަރައިގަތުމަށް، ހިއްވަރުދޭ، އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތާއި ދަހިވެތިކަން ފަދަ، ނުބައި ބާރުތައް،) އެމީހުން ކުރަމުން ގެންދިޔަ ކަންތައްތަކަކީ ރީތި، މޮޅު، ކަންތައްތަކެއްގެ ގޮތުގައި އެމީހުންނަށް ދެއްކިއެވެ. فلما نسوا ما ذكروا به فتحنا عليهم أبواب كل شيء ދެން، އެމީހުންނަށް ހަނދާންކޮށްދެވުނު ކަންތައްތައް މަތީން އެމީހުން ހަނދާން ނައްތާލައި (އެކަމުން އިބުރަތް ލިބި ނުގަތުމުން، އެމީހުން އެދޭ) ހުރިހާ ކަމެއްގެ ދޮރުތައް އެމީހުންގެ މައްޗަށް ހުޅުވާލެވި (އެމީހުން ބޭނުންވާ ގޮތަށް ކަންތައްތައްވެ، އެމީހުންގެ އެދުންތައް ހާސިލުވިއެވެ.) حتى إذا فرحوا بما أوتوا أخذناهم بغتة فإذاهم مبلسون އަދި މިކަމާމެދު (އެބަހީ، އެމީހުންނަށް ލިބުނު މި ނަންގަތް ކާމިޔާބީއާ މެދު، ފަޚުރުވެރިވެ، ބޮޑާވެގަނެ،) އުފާފާޅުކުރުމުގައި ވަނިކޮށް، (އެމީހުން ނުވެސް ދެނެ ތިއްބާ،) ހަމަ ކުއްލިއަކަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ގެންދެވީމުއެވެ. (އެބަހީ، އެމީހުންގެ މައްޗަށް އަޒާބު ފޮނުއްވައި، އެމީހުންގެ ނިމުން ގެންނެވީމުއެވެ.) އެހިނދު، އޮޅުންއަރައި، ހަދާނެ ގޮތެއް، ކުރާނެ ކަމެއް، ނޭނގި، އެމީހުން (މުޅިން މާޔޫސް)ވިއެވެ. فقطع دابر القوم الذين ظلموا ދެން، މިފަދައިން ކަންތައްވެވި، އަނިޔާވެރި(ވެ، ބޮޑާވެގަތް) މީސްތަކުންގެ އެންމެ ފަހު މީހާއަށް ދާންދެން، (އެބަހީ، ހަމަ އެކަކުވެސް ބާކީނުކޮށް، އެ އެންމެން އެއްކޮށް،) ނެތިކުރެވުނެވެ. والحمد لله رب العالمين އަދި (މިކަން މިގޮތަށް ނިމިދިޔުމުގެ) ހުރިހާ ތައުރީފެއްގެ، މޮޅެއްގެ، ހައްގުވެރި ފަރާތަކީ އާލަމްތުގެވެރި މާތް ރަސްކަލާނގެއެވެ. (އަންއާމު ސޫރަތުގެ 42ވަނަ އާޔަތުން ފެށިގެން 45ވަނަ އާޔަތުގެ ނިޔަލަށް)

އާދެ، މިއާޔަތްތަކުގައި ވަނީ ހެޔޮ މަގުން ފައިކައްސާލާ ހިނދު، ކޮންމެ ބަޔަކަށް ވެސް، އެކިއެކި ދަތިގޮތްތައް މެދުވެރިކުރައްވައި ހެޔޮ މަގަށް އައުމަށް ހަނދާންކޮށްދެވޭ ކަމެވެ. އާދެ، އަޅުގަނޑުމެންނަށް ވެސް މިއޮތީ އެފަދަ ފުރުސަތެއް ލިބިފައެވެ. އެ ފުރުސަތު ގެއްލި، ދެން، އެކަމާ ވިދިގެން އޮންނަ ކަންތައްތައް ވެދިޔަ ނުދިނުމައްޓަކައި، ހެޔޮމަގަށް ރުޖޫއަވުމުގެ މަސައްކަތް އަވަހަށް ފަށައި، އަޅުގަނޑުމެންގެ ވަގުތީ ނާކާމިޔާބު، ކާމިޔާބީއަކަށް ހަދާލުމުގެ މަސައްކަތްކުރިއަށް ގެންދަންވެއްޖެއެވެ.