Support Us

ކޮލަމް މާޒީ: ރަސްމީ އެކިއެކި މުޢާމަލާތްތަކުގައި މީޔާރު ބަހުރުވަ ބޭނުންކުރުން މުހިންމެވެ.

ދިވެހިބަސް ވެސް އިސްތިސްނާ ނުވާ ގޮތުން ބަހުރުވައަކީ ހުރިހާ ބަހެއްގައި ވެސް ވަރަށް މުހިންމު ބަހާއެކެވެ. ބަހުގެ އަސްލު ފެށިގެން އަންނަނީ ވެސް ބަހުރުވައިންކަން އަޅުގަނޑުމެން ދަންނަމުއެވެ. އެހެންވީމާ ބަހުރުވައަކީ ކޮންމެ ބަހެއްގެ ވެސް މުހިންމެ އެއް ބަހާއެވެ. އެއީ ދިރުވައި އާލާކުރާންޖެހޭ އެއްޗެކެވެ. އުވި ދިޔަ ނުދީ ޙިމާޔާންކުރާންޖެހޭ ތަރިކައެކެވެ.

ބަހުރުވައަކީ އެ ބަހުރުވައެއްގެ އަހުލުވެރީންގެ ސަގާފަތާއި އާދަކާދަ ވަރަށް ރީތިކޮށް ދައްކައިދޭ އެއްޗެކެވެ. އަދި ބަހުރުވަތަކުގެ ވާސިޠާއިން، އެ ބަހުރުވައެއް އެކުލެވޭ މައިބަހުގެ ގިނަ ދިރާސާތަކެއް ކުރެވޭ އެއްޗެކެވެ. ބަހުގެ ހަމަތަކާއި ބައެއް ލަފުޒުގެ ތާރީޚާއި ހަގީގަތް ދެނެގަތުމަށް ޓަކައި ވެސް ބަހުރުވައެއްގެ މުހިންމުކަން ވަރަށް ބޮޑެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ބަހުރުވަތަކަށް ވިސްނައިލުމުން ބަހުގެ ގަވާއިދުތަކާއި މުއްސަނދި ބަސްކޮށާރުތައް ދެނެގަންނާން ފަސޭހަވެއެވެ. މިސާލަކަށް ދިވެހިބަހުގެ މީޔާރު ބަހުރުވައިގައި ދެމޭ ފިއްޔަށް ނިމިފައި ހުންނަ ބައެއް ލަފުޒު އެކަހެރިކުރާއިރު ލާމެއްގައި ފިލިޖެހޭތަން އާދެއެވެ. ހަމަ މިފަދަ އަނެއް ބައި ލަފުޒު އެ ގޮތަށް އެކަހެރިކުރާއިރު ނުވަތަ ޢާންމުކުރާއިރު، ލާމުގައި ފިލިޖަހައިގެން ކަމަކު ނުދެއެވެ. އެއީ ބަހުގެ ހަމަތަކާ ޚިލާފު ކަމެއްކަން އެނގެއެވެ. މި އަންނަ ތަފާތު ދެނެގަންނާން ފުވައްމުލަކު ބަހުރުވައިން އެހީތެރިވެދެއެވެ. މި ދެންނެވި ގޮތަށް އެކަހެރިކުރާއިރު ލާމެއްގައި ފިޖެހޭ ލަފުޒުތަކަކީ ފުވައްމުލަކު ބަބުރުވައިގައި ލާމުގައި ސުކުންކުރެވޭ ލަފުޒެވެ. މިސާލަކަށް: މާ– މަލެއް، ބޯ– ބޮލެއް، ގާ- ގަލެއް މީޔާރު ބަހުރުވައިގައި ކިޔާއިރު، ފުވައްމުލަކު ބަހުރުވައިން ކިޔަނީ މަލް، ބޮލް، ގަލް މިހެންނެވެ.

ދިވެހިބަސް ލިޔެކިޔައި އުޅޭއިރު މި ފަހަކަށް އައިސް ގިނަ މީހުންނަށް އުނދަގޫވަނީ، އަދި ދިވެހިބަސް ދަސްކުރާ ބިދޭސީންނަށް ވެސް އެންމެ އޮޅުން އަރަނީ ށަވިޔަނި ސުކުނާއި އަލިފު ސުކުނުގެ ހަމަތަކެވެ. މި އޮޅުން ނައްތައިލުމަށް ޓަކައި ހުވަދޫ ބަހުރުވަ އެހީތެރިވެދެއެވެ. އެ ބަހުރުވައިން އެ މައްސަ ހައްލުކޮށްދެއެވެ.

ބުއިމުގެ މާނައިގައި ބޭނުންކުރާ "ބޯ"އާއި ތުނީގެ އިދިކޮޅަށް ބޭނުންކުރާ "ބޯ"ގެ ތަފާތު ދެނެގަންނާން ހައްދުންމަތީ ބަހުރުވަ އެހީތެރިވެދެއެވެ. މިސާލަކަށް ބުއިމުގެ މާނައިގައި އެ ބަހުރުވައިން "ބޮންފެން" ކިޔަސް ބޯމިނަށް އެ ބަހުރުވައިގައި ވެސް ކިޔަނީ "ބޯ"އެވެ. އެހެންވީމާ ހައްދުންމަތީ ބަހުރުވައިން "ބޯކިބާ" ކިޔާތީ އެއީ ބުއިމުގެ މާނައިގައި ބޭނުންކުރާ "ބޯ"އެއް ނޫންކަން ސާބިތުވެއެވެ. މި ނޫނަސް ކިތަންމެ ކިތަންމެ ހަމައެއްގެ ހައްލު، ބަހުރުވަތަކުން ހޯދައިދެއެވެ.

އެއްވެސް ޝައްކެއް ނެތެވެ. ބަހުރުވައަކީ އެ ބަހުރުވައެއްގެ އަހުލުވެރީންގެ ފަޚުރެކެވެ. ޝަރަފެކެވެ. އަދި މުހިންމު ތަރިކައެއްވެސްމެއެވެ. އެހެންކަމުން ބަހުރުވަތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ.

ދުނިޔޭގެ ހުރިހާ ބަހެކޭ ވެސް އެއް ފަދައިން ދިވެހިބަހުގައި ވެސް މީޔާރު ބަހުރުވައެއް އޮވެއެވެ. އެއީ އާންމު މުޢަމަލާތްތަކުގައި ބޭނުންކުރާ ބަހުރުވައެވެ. ރަސްމީ ކަންކަމުގައި ބޭނުންކުރާ ބަހުރުވައެވެ. ޢިލްމީ މަންސަތަކާއި ރަސްމީ ކަންކަމުގައި މީޔާރު ބަހުރުވަ ބޭނުންކުރަނީ އެންމެންގެ ލާބައާއި މަންފާއަށް ޓަކައެވެ. ޢިލްމީ ކަންކަމުގައި ބޭނުންކުރާނީ މި ބަހުރުވައެވެ.

އާންމު ގޮތެއްގައި ކޮންމެ ބަހެއްގެ ވެސް މީޔާރު ބަހުރުވަ ފިޔަވައި އެހެން ބަހުރުވަތައް އެއީ ލިޔެކިޔުމުގައި ބޭނުން ކުރާ އެއްޗެއް ނޫނެވެ. ތަފާތު ބަހުރުވަ ބޭނުންކުރުން އެންމެ އައުލާވެގެންވަނީ އެ ބަހުރުވައެއްގެ އަހުލުވެރީންގެ އިޖުތިމާޢީ އަދި ޢާއިލީ މުޢާމަލާތަތަކުގައެވެ. އަނގަބަހުގެ މުޢާމަލާތްތަކުގައެވެ. ކަންކަން އަނގަބަހުން އޮޅުންފިލުވައިދިނުމުގައެވެ. މީޔާރު ބަހުރުވައިން ލިޔެފައިވާ ލިޔުމެއް އެހެން ބަހުރުވައެއްގެ އަހުލުވެރީންނަށް އަނގަބަހުން އޮޅުންފިލުވައިދިނުމުގައި އެ ބަހުރުވައެއް ބޭނުންކުރުމަކީ އޮޅުންފިލުވައިދޭން ފަސޭހަވެދާނެ ކަމެކެވެ. ނަމަވެސް ތަފާތު ބަހުރުވަތަކުގެ އަހުލުވެރީން ބައިވެރިވާ މަންސަތަކުގައި ޚާއްޞަކޮށް ރަސްމީ އަދި ސީރިއަސް ބައްދަލުވުންތަކުގައި މީޔާރު ބަހުރުވަ ފިޔަވައި އެހެން ބަހުރުވައެއް ބޭނުންކުރުމަކީ އެ ފަދަ ބައްދަލުވުންތަކުގެ ސީރިއަސްކަން ކުޑަވެދާނެ ކަމެކެވެ. އަދި ޢިލްމީ ވާހަކަތައް ވަކި ބަހުރުވައަކުން، ގިނަ ބަހުރުވަތަކެއްގެ އަހުލުވެރީންނަށް ފޯރުކޮށްދިނުމުގައި އުނދަގޫތަކެއް ހުންނާނެއެވެ. ފޯރުކޮށްދޭން ބޭނުންވާ މެސެޖް ފަސޭހަކަމާއެކު ފޯރުކޮށްދޭން ދަތިތަކެއް ހުރެދާނެއެވެ. އެހެންވީމާ، ލިޔެކިޔުމުގެ މުޢާމަލާތްތަކާއި ރަސްމީ އަދި ސީރިއަސް މުޢާމަލާތްތަކުގައި މީޔާރު ބަހުރުވަ ބޭނުންކުރުން މުހިންމެވެ. އެއީ އެ މުޢާމަލާތެއްގެ މަޤުޞަދު ޙާޞިލުކުރާން އެކަމުން ފަސޭހަވާނެތީއެވެ.

ދިވެހީންގެ ރަސްމީ އަދި ސީރިއަސް ބައެއް މުޢާމަލާތްތަކުގައި މީޔާރު ބަހުރުވަ ބޭނުންކުރާން ބައެއް މީހުން ފަސްޖެހެނީ، ދިވެހިބަހުގެ މީޔާރު ބަހުރުވައަކީ "މާލޭބަސް" ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކުށް ހީއެއްގެ ސަބަބުންނެވެ. ޝައްކެއް ނެތް ގޮތުގައި މިއީ ކުށް ހީއެކެވެ. ރަސްމީ މުޢާމަލާތްތަކުގައި އަޅުގަނޑުމެން ބޭނުންކުރާ މީޔާރު ބަހުރުވައަކީ ނުވަތަ ރަސްމީ ބަހުރުވައަކީ ވަކި ރަށެއްގެ ބަހުރުވައެއް ނޫނެވެ. އެއީ އެންމެންގެ ބަހުރުވައެކެވެ. އެ ބަހުރުވައިގެ ޙައްޤު ދިވެހި ހަމަ ކޮންމެ ރައްޔިތަކަށް ވެސް އެއް ވަރަށް ލިބިގެންވެއެވެ.

މާލޭ މީހުންގެ ބަހުރުވައަކީ ނުވަތަ މާލެއާ ކައިރި ހިސާބުތަކުގެ ބަހުރުވަތަކަކީ މީޔާރު ބަހުރުވަ ކަމަށް އަޅުގަނޑުމެންނަށް ހީވިޔަސް، އެ ހިސާބު ގަނޑުގެ އެކި ރަށްރަށުގެ ބަހުރުވަތަކުގައި ވެސް ތަފާތުތަކެއް ހުރެއެވެ. މިއަދު މާލޭގައި ރާއްޖޭގެ ތަފާތު ކަންކޮޅުތަކުން ހިޖުރަކޮށްފައިވާ މީހުން ގިނަވުމުން ބަހުރުވަތައް މަސްހުނި ވެފައި ވިޔަސް ކުރީ ޒަމާނުގައި މާލޭގެ ހަތަރު އަބަށުގައި ވެސް ބަހުރުވަ ތަފާތެވެ. އަޅުގަނޑު ކުޑައިރު މި ކަން ތަޖުރިބާކުރީމެވެ. މަންމަ، ބައްޕަ، ދައްތަ އަށް އަންމަ، އައްޕަ، އައްތަ ކިޔުމަކީ ވަކި އަވަށެއްގެ ބަޔަކު ކުރީން ބޭނުންކޮށް އުޅުނު ގޮތެވެ. އެއީ އެބައިމީހުންގެ ބަހުރުވައެވެ. އަދި ހުތްއަނބުގެ ބަދަލުގައި "ގިތި އަނބު" ވެސް އެއް އަވަށެއްގެ ބަޔަކު ކިޔައި އުޅުނެވެ.

އަޅުގަނޑު ދަންނަވާން މި އުޅެނީ ބަހެއްގެ މީޔާރު ބަހުރުވައަކީ ވަކި ބަޔަކަށް "މިލްކުވެގެންވާ" އެއްޗެއް ނޫނޭއެވެ. އެއީ މުޅި ރާއްޖޭގެ އެންމެންގެ ވެސް ރަސްމީ މުޢާމާލާތްތަކުގައި ބޭނުންކުރާ ބަހުރުވައެވެ. ވީމާ، ރަސްމީ އަދި ސީރިއަސް މުޢާމަލާތްތަކާއި ޢިލްމީ އަދި ފުރޭފުކުރެވޭ ލިޔުންތަކުގައި މީޔާރު ބަހުރުވަ ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތޭއެވެ. އެހެން ނޫނީ ކަމުގެ ސީރިއަސްކަން ކެނޑިދާނެއެވެ. އަދި އެ މުޢާމަލާތުގައި "ޢިލްމީ ގޮތް" ކުޑަވެދާނެއެވެ.

އާދޭހެވެ! ދުނިޔޭގެ ކޮންމެ ބަހެއްގައި ވެސް ބަހުރުވަތައް ހުންނަ ފަދައިން، އަދި އަދަބީ ގޮތުންނާއި ސަގާފީ ގޮތުން ބަހުރުވަތަކުގެ މުހިންމުކަމަށް ވާތީ ބަހުރުވަތައް ދިރުވައި އާލާކުރާންޖެހޭނެއެވެ. އެ ބަހުރުވައެއްގެ އަހުލުވެރީންގެ އާންމު އިޖުތިމާޢީ އަދި ޢާއިލީ މުޢާމަލާތްތަކުގައި ބަސްމޮށެ އުޅޭން އެންމެ ރަނގަޅި ވެސް އެ ބަޔެއްގެ ބަހުރުވައެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ރަސްމީ، ޢިލްމީ އަދި ސީރިއަސް މުޢާމަލާތްތަކުގައި މީޔާރު ބަހުރުވަ ބޭނުން ނުކުރާނަމަ، ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑުވެ، މަގުސަދު ހާސިލުކުރުމަށް ހުރަސްތަކަކާ ކުރިމަތިވާނެއެވެ. މީޔާރު ބަހުރުވައޭ އަޅުގަނޑު މި ދަންނަވަނީ ރަސްމީ ލިޔެކިޔުންތަކުގައި ބޭޏުންކުރާ ބަހުރުވައަށެވެ. އެއީ އާންމު ބަހުރުވައޭ ކިޔަސް އަދަބީ ބަހުރުވައޭ ކިޔަސް އެއީ މީޔާރު ބަހުރުވައެވެ. އަދޭހެވެ! މި ޒަމާނުގެ ކުދީންނަށް ވިސްނޭ ގޮތަށް ދަންނަވާނަމަ ސްޓޭންޑަރޑް ލެންގްވިޖެވެ.

 

ކަވަރ ފޮޓޯގައި: މާދަރީބަހުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން.. -ފޮޓޯ: ކެންގަރޫކިޑްސް ބިލަބޮން ހައި އެމް.އެމް އިންޓަނޭޝަނަލް، ތިނަދޫ