Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: މިއީ ސިޔާސީ ވާހަކައެއް ނޫނެވެ. ފުރުސަތު އޮއްވާ އަޑުއަހާށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގެ ދަށުން މި ހިނގާ އެމް.ޑީ.ޕީގެ ވެރިކަމުގެ މައިގަނޑު ހާރިޖީ ސިޔާސަތަކީ "އިންޑިއާ ފަސްޓް" (ފުރަތަމަ އިންޑިއާ)ގެ ސިޔާސަތެވެ. މި ސަރުކާރުގެ އަމަލުތަކުން އެކަން ވަރަށް ސާފެވެ. ދިވެހި ޤައުމު އަޅުވެތިވެ، ދިވެހި ރައްޔިތުން އިންޑިއާ އެމްބަސީ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން، ނާށިގަނޑު ހިފައިގެން ވިސާ ހޯދަން ދާންޖެހޭ ގޮތަށް އިންޑިއާއިން ބޮޑާކަން ދެއްކިއަސް ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ނެރެނީ އިންޑިއާ ފަސްޓް ސިޔާސަތެވެ. މޯލްޑިވްސް ފަސްޓެއް ނޫނެވެ.

ވިސްނާލައްވާށެވެ! ދިވެހި ކަނޑުތަކުގެ އަޑީގައި ގުދުރަތީ ގޭހާއި ތެޔޮ ހުރި ވަރެއްވެސް ނޭނގެއެވެ. އަދި ޕްރޮފެސަރ ހަސަން އުޤައިލް ދާދި ފަހުން ވިދާޅުވެފައިވާ ފަދައިން ދިވެހި ކަނޑުތަކުގެ އަޑީގައި ސާފު ބޯފެނުގެ އެތައް ބިލިއަން ލީޓަރުގެ ފެން އެބަހުއްޓެވެ. ކަނޑުގެ އަޑިން އުފެދޭ ހޫނުން ކަރަންޓް އުފެއްދުމުގެ ގުދުރަތީ ވަސީލަތް އެކަނޑުތަކުގައި އެބަހުއްޓެވެ. އަދި ނުވިތާކަށް، އެތައް ޤަރުނެއް ކުރިން ދިވެހި ކަނޑުތަކަށް، ގިނަ ހަޒާނާތަކާ އެކު ފެތުނު ބޭރުގެ މުދާ އުފުލާ ނާފަހަރުން އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހޯދުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިފަދަ ހުރިހާ ދިރާސާތައް ދިވެހިން ކުރަން ޖެހޭއިރު ރައީސް ސޯލިހުގެ ސަރުކާރުން ދިވެހި ކަނޑުތަކުގެ ޗާޓް ކުރަހައި ދިރާސާ ކުރުމަށް ދިވެހި ކަނޑުތައް މިވަނީ އިންޑިއާއަށް ހިތަކަށް ދީފައެވެ. މިވަރުގެ ރައީސަކަށް ދެވަނަ ދައުރެއް ދޭނީ މޮޔައިން ކީއްކުރަންތޯ، ހިއްސުތައްވެސް ނެތިގޮސްފައިވާ ޖާހިލުން ތަކެކެވެ.

އުތުރުތިލަފަޅުގައި ހަދާ ދިފާއި ބަނދަރުން އިންޑިއާއަށް ބާރުލިބޭ ގޮތަށް ރައީސް ސޯލިހުގެ ސަރުކާރުން ހެދި ސިއްރު އެއްބަސްވުމުގެ ތަފްސީލް ދިވެހި ރައްޔިތުންނަށް ނުދީ ފޮރުވައިގެން އުޅެނިކޮށް އެ އެއްބަސްވުން ފަޅާއަރުވާލުމުންވެސް ވީކަމެއް ނެތެވެ. އެކަމުގެ މަތީން ދިވެހީން މިހާރު ހަނދާން ނެތިއްޖެއެވެ.

އައްޑޫ ސިޓީގައި އިންޑިއާއިން އަޅަމުންދާ މިލިޓަރީ މަރުކަޒަކީ ދިވެހީންގެ ބާރު ހިނގާނެ ތަނެއް ކަމަށް މިސަރުކާރުން ކިތައްމެ ވަރަކަށް ބުންޏަސް އެވާހަކަ ޤަބޫލް ކުރާނެ ފުރިހަމަ ދިވެއްސެއް މަދުވާނެއެވެ. އެމަރުކަޒު ހުޅުވެންވާއިރަށް އައްޑޫގައި އިންޑިއާގެ ކޮންސިލއުލޭޓް އޮފީހެއް ހަދަން އެމް.ޑީ.ޕީ އަށް ނިސްބަތްވާ މޭޔަރ އަލީ ނިޒާރާއި ރައީސް ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރާ ކުރުމަކީ ވެސް ދިވެހި ޤައުމަށް ވުރެ އިންޑިއާގެ މަސްލަހަތު އިސްކުރުމުގައި މިސަރުކާރުން ގެންގުޅޭ ރޭވުމުގެ ލާމަސީލް މިސާލެކެވެ. މުޅި އައްޑޫ ސިޓީ އިންޑިއާގެ ބާރުގެ ދަށަށް ދާގޮތަށް އިންޑިއާ އަށް އައްޑޫ ވިއްކާލުމުގެ ޕްލޭން މިސަރުކާރުން ކުރިއަށް ގެންދާއިރު 2023ގައި ރައީސް ސޯލިހު ހޮވައިފިނަމަ އައްޑޫ ވެގެންދާނީ ދިވެހި ދައުލަތުން ވަކިވެފައިވާ، މަލިކު ފަދަ، އިންޑިއާގެ ޔުނިއަން ޓެރިޓަރީއަކަށެވެ. އެވަރުން ވެސް އައްޑޫ ރައްޔިތުން ވޯޓުދޭންވީ އެމް.ޑީ.ޕީއަށްތޯއެވެ؟ ރައީސް ސޯލިހަށް ތޯއެވެ؟

ހދ. ހަނިމާދޫގައި އިންޑިއާ ސިފައިންގެ މަތިންދާ ބޯޓަކާއި އިންޑިއާ ސިފައިން ބައިތިއްބައިގެން އެ ސަރަހައްދަށް އިންޑިއާގެ ބާރު ގަދަ ކުރުވުމަށް މި ސަރުކާރުން އިންޑިއާއަށް ދެމުންދާ ހީލަތްތެރި ފުރުސަތަށް ބެއްޔަސް އުތުރުގެ ހުރިހާ ރައްޔިތުން ރައީސް ސޯލިހަށް ނޫނެކޭ ބުނަން ޖެހެއެވެ.

މާލޭ ސަރަހައްދުގައި އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސީޝެލްސްގައި އިންޑިއާގެ ސިއްރު މިލިޓަރީ ބޭސްއެއް ބިނާ ކުރުމުގެ މަސައްކަތް ކުރާ ކުންފުނި، އެފްކޯންއާއެވެ. އެ ބްރިޖް ނިމޭއިރު ބްރިޖާއި ތިލަފުއްޓާއި ގުޅީފަޅުގެ ބަނދަރާއި އަދި ވެލާނާ އެއާޕޯޓް ވެސް އޮންނާނީ އިންޑިއާ ފަސްޓް ސިޔާސަތުގެ ދަށުން، އިންޑިއާގެ ބާރުގެ ދަށުގައެވެ. މި ޤައުމުގެ ވެރިރަށް މާލޭ ސަރަހައްދުގައި ދިވެހި ސަރުކާރަށް ވުރެ އިންޑިއާގެ ބާރު އެއިރުން ގަދަވާނެއެވެ. މިކަން މިހާ ސާފުކޮށް އެނގިތިބެ މާލޭ ސަރަހައްދުގެ ރައްޔިތުން ރައީސް ސޯލިހުގެ އެމްޑީ.ޕީ އަށް ދެވަނަ ދައުރެއް ދިނުމަކީ އަމިއްލައަށް މަރުވުން ކަހަލަ މޮޔަ ކަމެކެވެ.

ރައީސް ސޯލިހުގެ ވެރިކަން ދިފާއުކުރުމުގެ އެންމެ އިސް މޭސްތިރިއަކަށް، ނަމުގެ ކުރިއަށް "ޝެއިހް" އޮންނަ ބޭފުޅަކު ހުންނެވިއަސް މި ސަރުކާރަކީ ލާދީނިއްޔަތަށް ނުވަތަ ސެކިއުލަރިޒަމަށް ފުރުސަތުދޭ ސަރުކާރެއްކަން ވަރަށް ސާފެވެ. ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތެއްގެ ނަމުގައި ހިންގަނީ އިސްލާމް ދީން ބަލިކަށި ކުރުމުގެ މަސައްކަތެވެ. ކިޔަވާ އުމުރުގެ ކުދީން ހަރުކަށި ފިކުރާ ދުރު ކުރުވުމުގެ ނަމުގައި ސްކޫލް ތަކުގައި ކުރާ ކަމަކީ އެސެމްބްލީގައި މިއުޒިކް ޖަހައި، ނައްޓުވައި، ކުދީންގެ ދީނީ އަޤީދާ ބަލިކަށި ކުރުމެވެ. ދާދި ފަހުން ޔުނެސްކޯ އިން ދިވެހި ދަރިވަރުންގެ މެދުގައި ހިންގި ތަމްރީން ޕްރޮގްރާމެއްގައި މާތްﷲ ވޮޑިގެން ވޭތޯ ޝައްކު އުފައްދައި، ކާޓޫނު ކުރަހައި، ދިވެހި ދަރިވަރުންގެ ބޮލަށް އެތައް ޗިޕެއް ޖެހިކަން ފަޅާއެރުމުންވެސް މިސަރުކާރުން، އަދި އެޑިކޭޝަން މިނިސްޓަރަކަށް ހުންނެވި ބޭފުޅާ އެނގޭ ކަމަށް ވެސް ނުހެއްދެވިއެވެ. ޔުނިސެފުން ދާދި ފަހުން ކުރި ދިރާސާއެއްގައި، ކުޑަ ކުދިން ޕޯނޮގްރަފީ (ބަރަހަނާ މަންޒަރު) ބެއްޔަސް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ކަނޑައަޅާފައި ވާއިރު މިޤައުމުގެ ޒުވާން ޖީލު ބައްޓަން ކުރުމުގެ ބާރު މިސަރުކާރުން މިތިބީ ޔުނެސްކޯ އާއި ޔުނިސެފް ފަދަ ލާދީނީ ޖަމާއަތްތަކަށް ދީގެންނެވެ. އެމީހުން އައިސް ކަލަކު ވޮޑިގެންނުވާ ކަމާއި ބަރަހަނާ ފޮޓޯ ކުޑަކުދިންނަށް ދެއްކުމަކީ "ސެކްސް އެޑިއުކޭޝަން" ކަމަށް ބުނާއިރު މިއަދުގެ ސަރުކާރަށް ހަމަ އޯކޭ އެވެ! އެވަރުންވެސް ހަމަ 2023 ގައި ވޯޓު ދޭންވީ ރައީސް ސޯލިހަށްތޯއެވެ؟

ލިބިދާނެ ގެއްލުމަކާ މެދު ފުރިހަމަ ދިރާސާއެއް ނުކޮށް ދެމުންދާ ވެކްސިނެއް ދިވެހި ރައްޔިތުން ގަޔަށް މަޖުބޫރުން، ބިރު ދައްކައިގެން ޖަހާ، އެ ވެކްސިން ނުޖަހާ މީހުންގެ އިންސާނީ ކަރާމާތަށާއި އިންސާނީ ހައްޤުތަކަށް މިސަރުކާރުން އަރައިގަންނަމުންދާއިރު މިޤައުމުގައި ތިބި ޑޮކްޓަރުންނާއި ޤާނޫނީ ވަކީލުން ތިބީ ނިދައިފައެވެ. ޤައުމިއްޔަތެއް ނެތެވެ. ދީނެއް ނެތެވެ. އެންމެން ވެސް ދުވަނީ މަޤާމާއި ފައިސާގެ ފަހަތުންނެވެ. ހިނގަމުން މިދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ދުވަހަކުވެސް ނުނިމޭނެއެވެ. ކޮވިޑްގެ ނަމުގައި ކޮރަޕްޝަނާއި ވައްކަން ހިންގޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮވެގެންނެވެ. މާސްކް އެޅުން މަޖުބޫރު ކުރުންވެސް ދުވަހަކު ވެސް ނުނިމޭނެއެވެ. މާސްކްގެ ވިޔަފާރި ވެސް އަދި ސެނިޓައިޒަރގެ ވިޔަފާރި ވެސް އަދި ގެސްޓް ހައުސް ތަކުގެ ކަރަންޓީން ވިޔަފާރި ވެސް، އަދި ޕީ.ސީ.އާރ ޓެސްޓް ހެދުމުގެ ވިޔަފާރި ވެސް ދަނީ ހެސްކިޔާފަ ކުރިއަށެވެ. ކޮވިޑްގެ ހާލަތު އޮތުމުން މަހުޖަނުންނަށްވާ ބަޔަކު މަހުޖަނުންނަށް ވަމުންދާ ނަމަ، އަދި ރައްޔިތުން ވާވައްދައިގެން ތިބެ ވެރިކަން ކުރެވޭ ނަމަ ސިއްހީ ކުއްލި ނުރައްކާ އުވާލާނެ ކަމެއް ނެތްތާއެވެ!

އޮލިމްޕަހުން ފެށިގެން ގޮސް އިސްކަންދަރު ސްކޫލަށް ދާންދެން ރަހުނުކޮށް އިންޑިއާގެ ބޭންކް ތަކުން ލޯނުނަގަނީ އެވެ. މޯލްޑިވިއަން ފަދަ، ޤައުމީ ރައުސުލްމާލުތަކުގެ ގޮތުގައި ބެލެވޭ ކުންފުނިތައް، ނާޤާބިލް އެމް.ޑީ.ޕީ އެކްޓިވިސްޓުންނާ ހިންގަން ހަވާލު ކުރުމުން ބޭންކްރަޕްޓްކޮށް ނިންމައިފިއެވެ. ދުވަސްކޮޅަކުން މޯލްޑިވިއަންގެ ހިއްސާ އިންޑިއާ ކުންފުންޏަކަށް ވިއްކާލާނެއެވެ. ރޯމާ ދުވާލު މުޅި ދިވެހި ޤައުމު ފަނާ ކުރަމުން ދާއިރު ވެސް ބައެއް ދިވެހިން ޣާފިލް ކަމުގެ ނިދީން ހޭނުލެވެއެވެ. ތިމަންނާގެ މަޤާމަށް ޓަކައި ނުވަތަ ތިމަންނާގެ ރަށުގައި އެއާޕޯޓެއް އަޅާކަމަށްޓަކައި ރައީސް ސޯލިހަށް ވޯޓުލުމަކީ މޮޔަ ކަމެކެވެ. އެއާޕޯޓް އަޅައިދޭނަމަ އަޅުވާށެވެ. ވޯޓު ނުދޭށެވެ.

ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލް އިންޑިއާ އަށް ވިއްކައި، ޤައުމުގެ ކުންފުނިތައް ބަނގުރޫޓްކޮށް، ހަރުމުދާ ރަހުނުކޮށް، ރައްޔިތުން ބިކަކޮށް، މުޅި ޤައުމު ފަނާ ކުރަމުންދާ ނާޤާބިލް ސަރުކާރަކަށް، އަދި ނާޤާބިލް ރައީސަކަށް ދޭނެ ވޯޓެއް ނުވަތަ ކުރާނެ ތާއީދެއް އެއްވެސް ދިވެއްސެއްގެ ކިބައިގައި އޮވެގެން ނުވާނެއެވެ. މިއީ ސިޔާސީ ވާހަކައެއް ނޫނެވެ. މިއީ ދީނާއި ޤައުމަށްޓަކައި ބުނާ ހައްޤު ބަހެވެ. ފުރުސަތު އޮއްވާ އަޑު އަހާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
611

One Response

  1. ކޮށްމެ ދެރަށުން އެއްރަށުގައި އެއާރޕޯޓް އެޅިޔަސް މަވާ މިސަރުކާރަށް ސަލާމް. އަހަރެންނާއި އަހަރެންގެ ބަސްއަހާ ހަމަ އެކެއްގެ ވޯޓްވެސް އަންޑިއާ އަކަށްނުދޭނަން. ވަރަށް ސާފުކޮށް މިބުނީ….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *