Support Us

ކޮލަމް: ދިނަށަ

މާލެ ކައިރިން އިރު ދަތުރުކުރާ ކުރުމެއް

ކޮންމެ އަހަރަކު ވެސް ދުނިޔެ، އިރުވެ ވަށައިގެން ޖަހާ ބުރުގައި، ދުނިޔެއަށް އިރު ފެންނަ ފެނުމުގެ ނަޒަރުން ބަލާއިރު ދުނިޔޭގެ ދެ ޕޯލު ދެމެދުން، އިރުން ހުޅަނގަށް އޮންނަ އެންމެ ދިގު ރޮނގު ނުވަތަ އީކުއާޓަރގެ ދެކުނަށާއި އުތުރުން 23 ދަރަޖަ 26.2 ދަގީގު ދުރަށް ނުވަތަ ޓްރޮޕިކް އޮފް ކެޕްރިކޯނަށާއި ޓްރޮޕިކް އޮފް ކެންސަރއަށް އިރު ދަތުރު ކުރެއެވެ. ޓްރޕިކް އޮފް ކެޕްރިކޯން (ދެކުނު ދަނޑި) އަށް އިރު ދަތުރު ކުރަނީ ޑިސެމްބަރ މަހުގެ 21، 22، ދެ ދުވަހު ނުވަތަ މުލަ ނަކަތުގެ 12، 13، ދެ ދުވަހުގައެވެ. އެފަދައިން ޓްރޮޕިކް އޮފް ކެންސަރއަށް އިރު ދަތުރު ކުރަނީ ޖޫންމަހުގެ 20، 21، ދެ ދުވަހު ނުވަތަ އަދަ ނަކަތުގެ 4، 5، ދެ ދުވަހުގައެވެ. އެއީ، އެކަން އަބަދަށްމެ ހިނގާ ގޮތެވެ. އެއީ، ޔާސީން ސޫތަރުގެ 40 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވާ ޢިލްމީ ޙަޤީޤަތްތަކުގެ މާނަ ތަކުގެ ތެރެއިން އެއް މާނައިގައި ވެސް މެއެވެ. ފަހެ، އެ މަތިވެރި ބަސްފުޅުގައި ވެއެވެ. "وَكُلٌّ فِي فَلَكٍ يَسْبَحُوْنَ" (އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.)

ބުނެވި ދިޔަ ފަދައިން، އިރުގެ ދައުރު ވުމުގައި ކޮންމެ އަހަރަކު ދެފަހަރު މާލެ އޮންނަ ޕޮޒިޝަން ކަމުގައިވާ ޚައްޠު ޠޫލުން 73 ދަރަޖަ 30 ދަގީގާއި ޚައްޠު ޢަރުޟުން 4 ދަރަޖަ 10 ދަގީގު ރަސްގެވާ ޕޮއިންޓަށް ނުވަތަ އެ ޕޮއިންޓާއި ކައިރިން އިރު ދަތުރު ކުރެއެވެ. އެ ދުވަސްތައް ކުރިން ބުނެފައި އެވަނީއެވެ.

އެގޮތުން މި އަހަރު އިރު، އުތުރުދަނޑިއަށް ގޮސް ހުރެފައި އެނބުރި ދެކުނުދަނޑިއަށް ދަތުރު ކުރާ ކުރުމުގައި މި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު މާލޭ ގަޑިން ހެނދުނު 06:00 ގައި މާލެ އޮންނަ ޢަރުޟު ކަމުގައިވާ 4 ދަރަޖަ 10 ދަގީގަށް އާދެއެވެ. އެހެން ކަމުން 12 ސެޕްޓެމްބަރ 2021 ވަނަ ދުވަހު, އިރު ހުޅަނގުގެ ގޮތުން, އިރު, މާލެއަށް މެދުވާ ވަގުތު ކަމުގައިވާ 12 ގަޑި 2 މިނެޓް 15 ސިކުންތުގައި، އިރު، ސީދާ މާލެ މައްޗަށް އޮލްނބު ނުވެ އިރުގެ މެދު އޮލަނބުވާނީ މާލެ އާއި ދިމާ ދެކުނުން 7 މޭލު ކައިރިއަށެވެ.

އެފަދައިން 11 ސެޕްޓެމްބަރ 2021 ވަނަ ދުވަހުވެސް 12:02 ގައި މާލެއާ ދިމާ 16 މޭލު އުތުރަށް އިރުގެ މެދު އޮލަނބުވާނެއެވެ.

އެހެންކަމުން، މި ސެޕްޓެމްބަރ މަހުގައި މާލެ ކައިރިން އިރު ދާ ދިއުމުގައި ސީދާ މާލެ މައްޗަށް އިރުގެ މެދު އޮލަނބު ނުވިޔަސް، 12 ސެޕްޓެމްބަރ ދުވަހު 12 ގަޑި 2 މިނެޓް 15 ސިކުންތުގައި މާލެއާއި މާލޭގެ ކައިރި ތަންތާނގައި ސީދާ އޮލަނބަށް ހުންނަ ތަކެތީގެ ހިޔަނި ފޮރުވިގެންދާނެއެވެ.

އިރު ދެކުނަށް އެ ދާ ދިއުމުގައި ޚައްޠުއިސްތަވާ (އީކުއާރޓަރ) ގައި ހުންނާނީ މި ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުގެ މާލޭ ގަޑިން 23:00 އިން, 23 ވަނަ ދުވަހުގެ 00:00 އާއި ދެމެދުގައެވެ.

މިފަދަ ކަންކަން ބަލައި ދިރާސާކޮށް ދެނެގަތުމީ މާތްﷲ ގެ މަތިވެރިކަމާއި ވޮޑިގެންވާ ކަމުގެ ޢަޤްލީ ހެކިތައް ޢިލްމީ ގޮތުން ކަށަވަރުވެ އީމާންކަން ވަރުގަދަވާ މުހިންމު ކަމެކެވެ. އެކަލާނގެ މަތިވެރި ހެކިތައް ޢުލޫމުލް ފަކަލުން ދެނެގަނެވޭނޭކަން ކީރިތި ޤުރުއާނުން އެނގޭން އޮވެއެވެ.

އޭގެ މިސާލެއް ގެންނަ ނަމަ، ސޫރަތުލް އަންޢާމުގެ 190 ވަނަ އާޔަތާއި އެ މަފްހޫމުގައި ހުރި އެހެން އާޔަތްތައް ފުދެއެވެ. މަންފާ ލިބޭ ހުށީ ހޯދާބަލައި ވިސްނާ ފިކުރުކުރާ މީހަކަށެވެ.