Support Us

ލަވަކިއުންތެރިޔާ އިޝާމް (ކ) އަދި މިއުޒިކް ކޮމްޕޯސަރ އަބްދުﷲ ޝާފިއު (ޝާ)

އިޝާމުގެ ނިދާލާށޭ މަގޭ ދޫންޏާ… އެއް ފަހަރު އަޑު އަހައިފިއްޔާ ދުލެއް ނުކުރެވޭނެ

މިއުޒިކް ކޮމްޕޯސަރ އަބްދުﷲ ޝާފިއު (ޝާ) ބޭނުންވީ އޭނާގެ ދަރިފުޅަށް ދޭ ހަދިޔާއެއްގެ ގޮތުގައި އޭނާގެ ސްޓޫޑިއޯ އިން ލަވައެއް ތައްޔާރުކުރާށެވެ. އެހެންވެ، ޝާގެ ލަވަތަކުގެ ޅެންވެރިޔާ ސަމީރު އަށް އެކަން ހަވާލުކުރުމުން، އެ ވާހަކަތައް ގަނޑަށް ތިރިކޮށްލާކަށް ގިނަ ވަގުތުތަކެއް ސަމީރު ނުނެގިއެވެ. އޭރު ޝާ ދިޔައީ، ރ. އަލިފުށީގައި ހުންނަ އޭނާގެ އަމިއްލަ ސްޓޫޑިއޯގައި އިނދެ، މަޝްހޫރު ހިންދީ ފިލްމު "ޚުޝްބު"ގެ "ޔެ ދިލް ތުމް ބިން ކަހީން ލަގުތާނެހީ ހަމް ކިޔާކަރޭ"ގެ ރާގަށް މުޅިން ތަފާތު އިހުސާސްތަކެއް ގެންނަމުންނެވެ. ސަމީރުގެ ހިތްގައިމު ޅެމާއި ޝާގެ މޮޅު މިއުޒިކަށް ހަގީގީ ފުރާނަ އެޅިގެންދިޔައީ ވިދަމުން އަންނަ ޒުވާން ލަވަކިއުންތެރިޔާ ރ. މީދޫ އަހުމަދު އިޝާމްގެ ހިތްގައިމު އަޑު ވިރުވައިއަޅައިލުމުންނެވެ. 

އެއީ "ނިދާލާށޭ މަގޭ ދޫންޏާ"އެވެ.

"ޝާ ސްޓޫޑިއޯ"ގައި ލަވަ ރެކޯޑްކުރުމުގެ މަސައްކަތުގައި ޝާފިއު (ޝާ) ހަރަކާތްތެރިވަނީ

ކުރިން ހީކުރެވިފައި އޮތީ ރ. އަލިފުށީގައި މުޅިން ވެސް އުޅޭނީ އޮޑިދޯނިފަހަރު ބަންނަ ވަޑިން ކަމަށެވެ. ނަމަވެސް، އަލިފުއްޓަކީ މިއުޒިކާއި ލަވައިގެ ފަންނާނުން ވެސް ތިބި ރަށެއްކަން ކަށަވަރުކޮށްދެނީ ޝާގެ ހިތްގައިމު އުފެއްދުންތަކުންނެވެ. މިއުޒިކް އުފެއްދުމުގެ މަސައްކަތަށް ޚާއްސަކޮށް އަލިފުށީގައި "ޝާ ސްޓޫޑިއޯ" ހަދައި، ރަސްމީ ސިފައެއްގައި އެ މަސައްކަތް ޝާ ފަށައިގަތީ 2018 ގައެވެ. އޭގެ ފަހުން މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ ލަވަތައް ވަނީ އެ ސްޓޫޑިއޯގައި އުފައްދައިގެން ނެރެފައެވެ. ތަފާތު މުނާސަބަތުތަކަށް ކިޔައިދީފައިވާ ލަވަތަކާއި ޚާއްސަ ލަވަތަކެވެ. ޝާގެ ގިނަ ލަވަތައް ލިބެން ހުންނާނީ "ލަވަފޮށި"ންނެވެ.

ޝާ ބުނީ މާލޭގައި މިއުޒިކް ސްޓޫޑިއޯ ހަދައިގެން އުޅުމަށްވުރެ، އަނބިދަރީން ކައިރީގައި ހުރެގެން، ރަށުގައި ސްޓޫޑިއޯ ހިންގުން ހުރިހައި ގޮތަކުން ވެސް ފައިދާ ބޮޑު ކަމަށެވެ. އެހެންވެ، އޭނާ މިހާރު ގެންދަނީ ރަނގަޅު ފެންވަރުގެ ސްޓޫޑިއޯއެއް ރަށުގައި ހަދައި، މަސައްކަތް ފުޅާކުރަމުންނެވެ.

"ނިދާލާށޭ މަގޭ ދޫންޏާ" އެއީ ކޮންމެހެންވެސް އަޑުއަހާލަންޖެހޭ، ޚާއްސަ ލަވައެކެވެ. އެ ލަވަ އެއްކޮށް "ލަވަފޮށި"ން އަހައިލެވުނު ނަމަވެސް، ޝާގެ އެފް.ބީގައި ވަނީ އޭގެ އެއް ކަޑި، ވީޑިއޯއާއެކު ހިމަނައިފައެވެ.

ޝާ ބުނީ މި ލަވައިގެ ހުރިހައި ކަމެއް އޭނާ ނިންމާލައިފައި ވަނީ ދެތިން ދުވަހުން ކަމަށެވެ. މިއުޒިކްގެ ހުރިހައި ކަމެއް ކޮށްފައި ވަނީ ޝާ އަމިއްލައަށެވެ. ތަބްލާ ވެސް ޖަހައިފައި ވަނީ އޭނާއެވެ.

އިޝާމް: މިއުޒިކްގެ ތެރެއަށް ވަދެވުނީ ބޮޑުބެރު ޖެހުމުގެ ތެރެއިން

ރ. މީދުއަށް އުފަން، އުމުރުން 19 އަހަރުގެ އިޝާމު މީގެ ކުރިން ވެސް ވަނީ ޝާ ސްޓޫޑިއޯގެ ބައެއް އުފެއްދުންތަކުގައި ބައިވެރިވެފައެވެ. ކައިރިކައިރީގައި އޮންނަ ދެ ރަށް ކަމަށް ވާތީ، އިޝާމް ދޭތެރެ ދޭތެރެއިން އަލިފުއްޓަށް ގޮސްހަދައެވެ. މީދޫ އަކީ ބޮޑުބެރުގެ ރަށަކަށް ވާތީ، އަދި އާއިލާގެ ބައެއް މީހުންނަކީ ވެސް ބޮޑުބެރު ގްރޫޕުގެ މީހުންނަށް ވާތީ، އިޝާމް ވެސް މަސައްކަތް ކުރަމުން އައީ، ބޭބެމެންނާއެކު ބޮޑުބެރު ގްރޫޕުގައެވެ. ޝާ އަށް އިޝާމްގެ ހުނަރު ފާހަގަވީ އަލިފުށީގައި އޮތް އީދު ޝޯއެއްގައި ބޮޑުބެރު ގްރޫޕާއެކު އިޝާމް ލަވަކިއުމުންނެވެ. އެއާއެކު ސްޓޫޑިއޯ މިއުޒިކާއެކު ލަވަކިއުމަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނެވެ. މިހާތަނަށް ވިއްސަކަށް ލަވަ އިޝާމް ރެކޯޑުކޮށްފައިވެއެވެ. އެ ހުރިހައި ލަވައެއް ވެސް "ލަވަފޮށި"ން ލިބެން ހުންނާނެއެވެ.

އިޝާމް ބުނީ "ނިދާލާށޭ މަގޭ ދޫންޏާ" ކިއިފައިވާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި އެ ފުރުސަތު އޭނާ އަށް ދިނީތީ ޝާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިޝާމް: މިހާނަތަނަށް ވިއްސަކަށް ލަވަ ރެކޯޑުކޮށްފައިވޭ

ނިދާލާށޭ މަގޭ ދޫންޏާ…

ޅެން: ސަމީރު

ނިދާލާށޭ މަގޭ ދޫންޏާ ތިއޭ އުންމީދަކީ
ހިޔާވަހިކަން ލިބުން މާތް ހަޒުރަތުން އުންމީދަކީ
އެދޭ ހުރިހާ އުފަލެއް ހާސިލު ވުމޭ އުންމީދަކީ
ދެދުނިޔޭގައި ނަސީބާ ކުރިއެރުން އުންމީދަކީ

ތިއީއޭ ނޫރަކީ ދެލޮލަށް ވުރެން ބަބުޅާ ލުމަށް އެދެވޭ
ކޮކާލެއް ހެން ނިކަން ލޯބިން އުދުހިލާތަން ދެކެން އެދެވޭ
ހިނގާފާ ފިރުކިފާ ދުވެފާ އެކީގާވާން އަބަދު އެދެވޭ
ނުވާހެން މޯޅި ވުން ފޮޅިފައިވުމޭ އުންމީދަކީ
އެދޭ ހުރިހާ އުފަލެއް ހާސިލު ވުމޭ އުންމީދަކީ
ނިދާލާށޭ…

އަހައިގެން ބަސް މިދުނިޔޭގާ ނިކަން ލޯބިން އުޅެން ވާނޭ
މިސާލެއް ހެން ނަމޫނާ ދަރިޔަކަށް ވޭތޯ ބަލަން ވާނޭ
ނުބައި މަގަކަށް އެޅޭނޭ ގޯޅިއާ ދުރުގައި ހިނގަން ވާނޭ
ދުއާއޭ މީ ވެވޭ މިންވަރު ވުމޭ އުންމީދަކީ
އެދޭ ހުރިހާ އުފަލެއް ހާސިލު ވުމޭ އުންމީދަކީ
ނިދާލާށޭ..

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
141
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *