އޭ "ވަޠަންގެ" ހިތާ ލިބޭ ތިޔަ ޒަޚަމުތައް ދަންނާނަމޭ
ނޭވަޔަށް ތިޔަހަރަ ވަމުންދާގޮތް ބަލައި ވިސްނާނަމޭ
ތިޔަ އަޅާ ވޭނާއި ރޯ ރުއިމާ ރިހުން އިޙްސާސްވޭ
ތިޔަ ހިތާމައިގައި ހިތާ ރޫޙުން މަ ބައިވެރި ވާނަމޭ
މޭ ތެރޭ އޮވެ ތެޅިފޮޅޭ މަންޒަރު ލޮލަށް އެބަ ސިފަވެޔޭ
ގޭ ތެރޭ ކަންހުރި ގޮތުން ވާގޮތްކަމަށް ހެކި ވާނަމޭ
ނެތް މި ގޭގެ އަމާންކަމެއް މިނިވަންކަމެއް އެކުވެރިކަމެއް
ނެތް ލިބޭ އުފަލެއް އަރާމެއް ސަބަބުވެސް ބުނެދޭނަމޭ
ގޭގެ ހުރި އަށި އެދުތަކާ،ތެލި ތަށިތަކާއެކު ރަހުނުކޮށް
އޭގެ ބަދަލަށް ދަރަނި ނެގުމަށް އާނ ބަހެއް ނުބުނާނަމޭ
ވާރުތައިން ލިބިފައި މިވާ މި ގެއާއި ގޭގައިހުރި މުދާ
ފާޅުގައި ނީލަން ކިޔާ ވިއްކާކަށެއް ނުރުހޭނަމޭ
އައިބަޔަކު އައިނައިގޮތެއް ނޭނގޭގޮތެއްގައި އައިސްއަރާ
ބައިބަޔަށް ތިބެ ބައިއަޅައި ކާކަށް ދުލެއް ނުކުރާނަމޭ
މިހިރަ ކަންކަން ފެނި ލޮލަށް ކުރަމުން މިދާ ފުންއަސަރުގައި
ޖެހިލުމެއްނެތި ރައްދު ދޭން މި ހިތާ ފުރާނަ މަ ދޭ ނަމޭ