Support Us

ރައީސް ޔާމީނުގެ ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްޞާކުރައްވައިފި

ރީގެ ރައީސް ޢަބްދުﷲ ޔާމީނު ޢަބުދުލްޤައްޔޫމުގެ ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްޞާކުރެއްވުމަށް ޕީޕީއެމްއާ ޕީއެންސީއަށް ނިންބަތްވާ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ޓީމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިއުމުން ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު އެ ބޭފުޅުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑު އައްސަވައިފިއެވެ.

މި ބައްދަލުވުމުގައި މި ޓީމުގެ ފަރާތުން ހުރި މައިގަނޑު ކަންބޮޑުވުންތައް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ. އެގޮތުން މިހާރު މީޑިޔާގައި ފެތުރެމުންދާ އޯޑިޔޯތަކަށް އިޝާރާތްކުރައްވައި އެއީ ރައީސް ޔާމީނުގެ ސަރީޢަތް ހިންގެވި ތިން ފަނޑިޔާރެއްގެ އޯޑިޔޯކަމަށާއި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޝަރީޢަތަށް ނުފޫޒުފޯރުވާ ކަމަށް މި ޓީމުގެ ބޭފުޅުން ތުހުމަތު ކުރެއްވިއެވެ. އަދި އެފަދަ އޯޑިޔޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން ޝިޔާމު ވަނީ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުގެ އޯޑިޔޯތައް ވެސް ހުރި ކަމަށް ވިދާޅުވެ ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަޔްތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ ފެތުރޭ އޯޑިޔޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއްދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަޞްލެއްނެތް ވާހަކަތަކަކަށް ވާތީ ކަމުގައެވެ. އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފައިވާނެ ކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައިވާ ކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ. އަދި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒުފޯރުވާ ކަމަށް ކުރެއްވި ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގުކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން ޗީފް އޮފް ސްޓާފްގެ އޯޑިޔޯ ހުރި ކަމަށް ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ޢަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމަށް ނަމަވެސް އެއްވެސް މުއާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާ ކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި ޢަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ޙުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިނިވަން މުވައްޞަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުޞަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާޙުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުން ކަމުގައި ޗީފް އޮފް ސްޓާފް ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް