Support Us

ޓެކުމާއި، ގުޅަ ލުމާއި، ފުރަފާލު

އާބާދީގައި ސަތޭކައެއްހައި މީހުން ދިރިއުޅޭ މުސިންބިފުށީގެ ބަނދަރެކޭ ކިޔާ ހިސާބު އަތިރިމަތީގައި ހުރި، ދެބައިންބައުވެފައިވާ ހޮޅުއަށްޓެއްގައި އެ ރަށު ހަސަނުދުރުގޭ މުހަންމާ އެބައިނެވެ. އޭނާގެ ނިތްކުރިމަތީގައި ހުރި ރޫތަކާއި، ދެ ލޮލުން އެ ފެންނަ ހާސްކަމާއެކު ދެ ފަހަރު ދެ އަތަށް އެ ހޫރައިލާ ބޮލުން ދޭހަކޮށްދޭން އުޅޭހެން ހީވަނީ ހަމަ އެންމެ އެއްޗެކެވެ. އެއީ ޒާތަކު ރުޅިޔަކާއި، ވާނުވާ ނޭނގުނަސް އެކަމުގެ ސަބަބެއްވެސް ނޭނގޭކަން އެއްވެގެން ވެފައިވާ ފޫއްސެކެވެ.

ރަށު ހޭޅީގައި ރަތަފައި އުޅޭތޯ ބަލަން މާއިރާ ގެއިން ނިކުތް، މުސިންބިފުށީ އެކަތަހަރުގޭ މޫސަބޭ ހައިބަނޑާ އެ ހުރި ގޮތަށް ހުރެ ބަނދަރުމަތީ ހޮޅުއަށްޓާ ދިމާޔަށް ނިކުތްއިރު މުހަންމާ އެތާ އިންދާ ފެނިގެން އޭނާ ގާތަށް ޖެހިލިއެވެ.

މޫސަބޭ: އައްސަލާމް ޢަލައިކުމް، މުހަންމާ! ބަލަ ދެބުމައިން ގޮށްޖަހައިގެން، ދެލޯ މުދުނަށް އަރުވައިގެން މިތާ ތިޔަ އިނިއްޔޯ؟

މުހަންމާ: ވަޢަލައިކުމުއްސަލާމް، މޫސަބޭ! މޫސަބެޔާ ބުނާކަށް، އަހަރުމެން ކަހަލަ މީހުން މިޒަމާނުގައި ދެން އުޅޭނޭކަ ދުނިޔެއެއް މިހައިރަކު ނެތް. ދެބޯދޫނި ދުނިޔެއަޅައި ދިޔަ މަގު ފެނޭތޯ ބަލަން ވިއްޔޭވެސް އެބަ ހިތަށް އަރާ!

މޫސަބޭ: ކިހައިވަރެއްގެ ކަމަކާ ލައިގަތީތަ އަނެއްކާ؟

މުހަންމާ: އަހަރުމެން ގޯތި އަހަންމަދު މިފަހަރު މާލެ ދިޔަތަނާ އެ ރަށު މައިމަގު މަތީން އެ ބުނާ ކަހަލަ ފަސްދޮޅަސްފަހަކު ކަށްޓަކުން ކުރެ ކަށްޓަކަށް އެމުނުނީ ތޯއްޗެ، ސަރުކާރުގެ ކޮންމެވެސް ގަދަ އަތަކުން އޭނާ ހިފަހައްޓައިފި. މިޒަމާނުގެ ކޮންމެވެސް ކަހަލަ އަށިގެޔަަކަށް ލަތްޕޯ. ދެން އޭނާޔާ ވާހަކަދެއްކެން އޮތީ އަހަރެންވެސް ކޮންމެވެސް ކަހަލަ ޓެކުމެއްގައި ބައިވެރިވެގެން، ދެން އެހެން ތާކަށް ހެދިކާއެއް ލައިގެން، އޭގެ ފަހުން ފަރުގާލު ފޮށްޓެއް ގަނެގެންނޯ! ހަމަ ތެދެއް މިބުނަނީ، މަށަކަށް ވާ ހަމަ ނޭނގުނު. އެކަމާ ކޮސްވެފައި މި އިނީ.

މޫސަބޭ: އާނ، ފަހެ، ދޯ؟ މިހައިރު ރާއްޖޭގެ ކަންކަން ހިންގައި ބެލެހެއްޓުން ބޮލަރުވައިގެން މިއުޅޭ ޒުވާން ކުދީން ކޮޅު އެ ތިބީ ފަރަންޖީ އެކި ވިލާތުންނާއި، ފޮންނައްކާއިންނާއި، ސުވޭހު ބަނދަރުމަތީން ކިޔަވައިގެން އައިހޯ. އެ ތަންތާނގައި ކަން ކުރާ ގޮތަށޯ މި ތާނގައިވެސް ކަންކަން ކުރަން ވާނީ.

މުހަންމާ: ބަލަ، އަންދުހުއްސުރެ އަހަރުމެން ދިވެހީން ކަންކުރަމުން އައި ގޮތްތަކަށް ކިހިނެއްތަ ވީ، އަޅެ ފަހެ؟ އަހަރުމެންގެ ކާބަފައިން އަހަރުމެންނަށް ދަސްކޮށްދީފައި ހުރި ރިވެތި ގޮތްތައް ހަމަ ކަމުނުދަނީތަ؟

މޫސަބޭ: އެ ގޮތްތައް އެއީ ކަޓުމުއްލާއިންގެ ކަޓު ގޮތޯ. މިހައިރު ކަމުދަނީ ޑޮންޑޮން ބޮއިގެން، ދޮންވެގެން، ތޮފިއަޅައިގެން، ފަޓުލޫނު ލައިގެން، ހަތަރެސްފައިޖެހި އެތީގެ ކަރުގައި ވާޖަހައިގެން ދަމައި ކޫއްތަމުން، ޗޭސްޕޭސް އަޅުވަމުން މަގުމަތީ ގޯއްޑޭމަށް ހިނގައި އުޅުނު ޒާތުގެ ފަރަންޖީންހެން ހިނގީމަޔޯ! މަށަކަށް ވާ ނޭނގެ! ދެން އަހަންމަދު ސަލާމަތް ކުރަން ކިހިނެއްތަ ހަދަންވީ؟

މުހަންމާ: އަހަރެންނަށް ހީވެފައި އޮންނަނީ ސަރުކާރުގެ އޮފީހަކަށް ރަސްމީ ސިޓީއެއް ލީމައި އެޔަށް އެތަނުން ޖަވާބު ދޭން ޖެހޭނެހެން. ތި ކަމާ ސިޓީއެއް ލާން ވީ ނޫންހޭ މީހަކު ބުނީމައި އަހަރެން ސިޓީއެއް ލައިފިން. ރަސްމީ ސިޓީ އަކީ މިހައިރު ބާޠިލު ވެއްޖެ އެއްޗެކޭ އިޢުލާނު ގޮވި އަޑެއް މަށަކު އަދި ނާހަން. އެހެންވީމައި، އަހަންމަދު ސަލާމަތް ކުރަން އަހަރެން ރަސްމީ ސިޓީއެއް ލީ، ކަމާ ބެހޭ ފަރާތަށް… އެކަމަކު…

މޫސަބޭ: ދެން އެ މީހުން ކޮންމެވެސް އެހެން މީހެއްގެ ސިޓީއެއްގެ ޖަވާބު ދޯ މުހަންމާޔަށް ފޮނުވީ؟

މުހަންމާ: ނޫނޭ، ނޫނޭ! ޖަވާބެއް ހަމަ އެއްގޮތަކަށްވެސް ނުދިނީ!

މޫސަބޭ: ދެނޯ؟

މުހަންމާ: ޖަވާބު ނުދީ މަސްދުވަސް ވީމައި، އަހަރެން މިތާ އޮފީހަށް ގޮސް ބުނެ ކިޔައި އާދޭސް ކޮށްގެން އެ އޮފީހަށް ފޯނު ކުރީ. އެ ހިސާބުން މަށަށް އެނގުނީ މިހައިރު މިޒަމާނުގައި ކަން ކުރަން އޮންނަ ގޮތް.

މޫސަބޭ: އެއީ އަނެއްކާ ކިހިނެއް؟

މުހަންމާ: އެންމެ ފުރަތަމަ އެ އޮފީހުން ފޯނު ނެގި ކުއްޖާ ބުނީ އަހަރެންނަށް ފޯނު އެ ކުރެވުނީ އެ އޮފީހުގެ ނުބައި ސޭކުހަސަނަށޯ. ކަމާ ބެހޭ ސޭކުހަސަނަށް ގުޅަލާށޯ. ދެން އެ ސޭކުހަސަނު ނެތްތޯ އެހީމައި ބުނީ ކަމާބެހޭ ސޭކުހަސަނު ހުންނަނީ ހުޅުމާލޭގަޔޯ. މުޅި އޮޑީގައި އެ ޒާތުގެ ހަސަނު ތޯއްޗެ! ކޮންމެއަކަސް، މޫސަބެޔާ ބުނާކަށް، އެގޮތަށް ތަންތަން ހިއްކާ ހިއްކާ މާލެ މިހައިރު އިނގިރޭސި ވިލާތަށްވުރެ ބޮޑު ވެއްޖެ. އެއް އޮފީހުގެ އެތައް އެތައް ބައެއް އެކި ތަނަށް ބަހައިލައިފި. އެއް ތަނުން އަނެއް ތަނަށް އެތެރޭ ފޯނުން ގުޅައިލެވޭ ވަރަށް ވުރެވެސް މާ ދުރަށް!

މޫސަބޭ: ދެނޯ؟

މުހަންމާ: ދެން އަނެއްކާވެސް މި ރަށު އޮފީހުގައި އާދޭސް ކޮށްގެން އެ ބުނާ ސޭކުހަސަނަކާ ގުޅިއްޖެ. މޫސަބެޔާ ބުނާކަށް، ނަމުން ސޭކުހަސަނު، އެކަމަކު އަޑުން ސޭކުހަސީނާ. އަންހެން އަޑެއް! ބޮޑާކަމާއި، ތިމާޔަށް ތިމާ ފެނުމާއި، ފޮނިކަންވެސް ފިސާރި ލޮނުހެޔޮވަރު އަންހެން އަޑެއް.

މޫސަބޭ: ވެދާނެއެއްނު އެއީ ޤަވާޢިދާ ޚިލާފަށް އެތެރެވެގެން އުޅެނިކޮށް މަތާ ޖަހައިގެން ޤަވާޢިދަށް ފައްތައިފައި ހުރި އައު ދިވެއްސަކަށްވެސް؟

މުހަންމާ: މަށަށް ވަރިހަމަ ކޮންމެކަހަލަ ދިވެއްސަކަސް އަހަރުމެން އަހަންމަދު ސަލާމަތް ވަނިކޮށް.

މޫސަބޭ: އާނ، ދެނޯ؟

މުހަންމާ: ދެން އަހަރެން އެ ސޭކުހަސަނު ގާތު ބުނެފިން އަނެއް ސޭކުހަސަނު  ބުންޏޭ ތި ސޭކުހަސަނަށް ގުޅަލާށޭ. ދެން އަހައިފިން އެހެންވީމައި، ގުޅަ ފޮނުވަންވީ ކޮންތާކަށްހޭ. ފޮނުވަންވީ ހަމަ ގުޅަ ހޭ، ނޫނީ މިރަށު ޒުނޭރާއްތަ ހަދާތަނުން މީރު ބަޖިޔާ ކޮޅެއްވެސް ފޮނުވަންހޭ ގުޅަލާ އެތީގެ ތެރެޔަށް ލައިފައި.

މޫސަބޭ: ބަލަ މުހަންމާ، މިހައިރުގެ ކުދީން ގުޅަލާށޭ އެ ބުނަނީ ގުޅައިލާށޭއޭ. އެޔަކާ ހަނޑުލު ގުޅަޔަކާ ވާ ބެހޭވެސް ކަމެއްނޫނޭ. މުހަންމާ ތިޔަ އުޅެނީ މާ ކުރީ ޒަމާނެއްގައޭ. ދިވެހި ބަހަކީ ވަކިބަޔަކަށް ނޫނީ ނޭނގޭނޭ ބަހެކޭ ބުނި ޒަމާނުގައޭ.

މުހަންމާ: އެކަން މަށަށް އެ ހިސާބުން ވިސްނުނު. ވިސްނިގެން ކުޑަކޮށް ލަދުވެސް ގެންފައި، އަހައިފިން ސިޓީއަކަށް ޖަވާބު ނުދީގެންނޭ މިގުޅައިލީ. އެ ހިސާބުން އެ ހަސީނާ ބުނީ މިހައިރު އެ އޮފީހަކުން ސިޓީއަކަށް ޖަވާބެއް ނުދެމޯ. އަހަރެންނަށް ޖެހޭނީ ކޮންމެވެސް ފޯމަކަށް ގޮތެއް ހަދައިފައި ދެން ފުރަފާލާށޯ؟

މޫސަބޭ: ފޯމަކަށް ކިހިނެއް ހަދާާށޯ؟

މުހަންމާ: ކޮންމެވެސް ޑައުންލޯ އެކޯ. ދެން އަހަރެން ބުނެފިން ފޯމު ބަލައި މީހަކު ދިޔައްޔާ ލިބޭނެހޭ، މަށަކީ ޑައުންލޯ ދަންނަ ވަރަށް ވުރެ ދުވަސްވެފައި ހުރި މީހަކީމޭ. އޭނާ ބުނީ އާނއެކޯ، އެކަމަކު އެއިރުން ފަނަރަ ރުފިޔާ ނަގާނަމޯ އެތަނުން ފޯމު ނަގަންޏާ. ދެން އަހަރެން ބުނެފިން ފޯމު ނަގަން މީހަކު ފޮނުވާނަމޭ.

މޫސަބޭ: ދެނޯ؟

މުހަންމާ: އަދި އެ ބުނި ފުރަފާލު ހޯދަން ޖެހޭނެނު؟ އެހެންވެ އަހަރެން މިރަށު ހަމީދުގެ ފޮތް ފިހާރަޔަށް ވަދެ އަހައިފިން ފުރަފާލު އެބަ ހުރިހޭ. އެއީ ފަރުގާލު ކަހަލަ އެއްޗެއްހޭ. އެ މީހުންނަކަށް ނޭނގުނު އެއީ ކޮން އެއްޗެއްކަމެއް. އެހެންވީމާ އެއްކަލަ ސޭކު ހަސީނާޔަށް އަނެއްކާ ފޯނުކޮށްފިން. ދެން ފުރަފާލަކީ ކޮބައިތޯ އެހީމައި އޭނާ ފުރަތަމަ އައީ ރުޅި. އެހީ ކަލޭ ތިމަންނާޔަށް ހަޖޫ ޖަހަނީހޯ. އަހަރެން ވަރަށް ދެރަވެފައި ނޫނެކޭ ބުނީމާ އޭނާ ދެންބުނި އެތިން އެނގިއްޖެ އަހަރުމެން މިހައިރު މިތިބި ހާލު.

މޫސަބޭ: އެއީ އަނެއްކާ ކޮން ހާލެއް؟

މުހަންމާ: އެ މަންޖެ ބުނީ އަހަރެންނަށް ޓެކުމާ ބެހޭ ކޮންމެވެސް އެއްޗަކަށް ނުފަރިތަ ވީމަޔޯ އެހެން އެވަނީ. ކޮންމެވެސް ޓެކުނު ލޯޖެއްސިޔެކޯ ބުނީ..

މޫސަބޭ: ޓެކުނޯލޮޖީތަ އަނެއްކާ؟

މުހަންމާ: އާނ! ތިޔަ އެތި. ކަލެޔަށް ކިހިނެއް އަނެއްކާ އޭތި އެނގުނީ؟

މޫސަބޭ: އެއީ މިޒަމާނުގެ ކުދީންގެ އެއްޗަކީ. އަހަރުމެން ވާނެ އެ ބުނާ ޓެކުމަކަށްވެސްް ފަރިތަވެ، ފިސާރި ރަނގަޅަށް ޓެކެން  ދަސްކުރަން.

މުހަންމާ: ކިހިނެއްތަ ދަސްކުރާނީ؟ އެއް ފަހަރު ބުނާނެ ޓެކުނު ލޯޖެއްސިޔޭ. ދެން ބުނާނެ ގުޅަލާށޭ، ބަޖިޔާ ލާށޭ. ދެން ބުނެފާނެ ފޯމު ފުރަފާލާއޭ..މަށަކަށް ނޭނގެ! އެހެން ނޫނަސް، އެ ކުދީން އެކަކު އަނެކަކާ ކޯޅި ނިމިގެނެއްނު އެހެން ކަމެއް ވާނީ؟ އަހަރުމެން ކަހަލަ އާދައިގެ މީހުންގެ ދަރީންގެ ބޮލުގައި ނޭނގިތިއްބައި، ހޭ ވެސް އަހައިނުލައި، އެޅުވުނު ދަރަނިތައް ފިލުވައިދެވޭނެތަ އެމީހުން އެހެން އުޅެގެން؟ ދޭން ޖެހިފައި ހުރި ފަޅުތައް ނުދީ ފަރުޖެއްސަން އެނގޭނެތަ؟ ކޮން ކަމެއް ކުރެވޭނީ؟ އެކަމަކު މައިސޯބުން ފެށިގެން ގޮސް އިސްފިރޭނު ސޯބުގެ ތަނޑިޔާ ހަމަޔަށް އެހެރަ އެނބުރެނީ ހައުދަހައި ނުސިޔާނު ގޮތަކަށޭ!

މޫސަބޭ: އާނ، ތެދެއް! އެއް ތާކަށް އެއް ޕާޓީއެއްގެ އަންހެނަކާ ފިރިހެނަކާ ލިޔަސް ހީވަނީ ވަރިފަށަށް އަރައިގެން އުޅޭ ދެމަފިރީން ކޯޅޭ ހެންވިއްޔަ، ހުރިހައި ކަމެއް ދަނީ ވިއްކާކިޔާ، ނުވިއްކާ ކިޔާ މަގުން ވިއްޔަ، ދޯ؟

މުހަންމާ: މަ ހަމަ ކޮސްވެއްޖެ! މަށަށް އެންމެ ރަނގަޅު އަހަންމަދު މިރަށުގައި ހުއްޓައި މާލޭގައި ހިނގި ކަމެއް ކުރިކަމަށް ހަދައިގެން އޭނާ ބަންދުކޮށްގެން އެ އުޅޭ ތަނުން ދޫކޮށްލައި ދީފިއްޔާ. އެ ހިސާބުން މަށަށް ވަރިހަމަ ޓެކުނު ލޯޖެެއްސި އައިސް ފުރަފާލާ ތަބަކަށް ގުޅަލައިގެން ފައިތަޅާޔަށް ދިިޔަޔަސް!

މުސިންބިފުށީ ހޮޅުއަށީގައި އެ ދުވަހު ދެކެވުނު ވާހަކަ އެ ހިސާބުން ނިމުނީ ކަމެއް، ނުވަތަ ނޫން ކަމެއް ވެސް ދެނެހުރި މީހަކު އަދި ނުފެނެއެވެ.