ހަމަތެދެއް އެއްވެސްގޮތެއް އޮތްނަމަ މަށެއް ނާންނާނަމޭ
ނަމަވިޔަސް ބާރެއް އެފަދަ ނެތަތީ އައިސްފައި ދާނަމޭ
ދިން ގަދަރު، ކީ މަރުޙަބާ! އައިމާ ކުރިން މިތަނުން މަށަށް
ދިން ގަތާ ފަރި ހާރުތައް، ނުދިނަސް ބަހެއް ނުބުނާނަމޭ
އަންޒަމާނުއްސުރެ މިތާ އޮތް ގާތްކަމާ އަޚުވަންތަކަން
ދަންނަ މީހަކުނެތި މުޅިން ހުސްވެއްޖެޔޭ ބުނެލާނަމޭ
ކޮންމެ މޫނެއް ބުނެދެނީ ހާހުން ގުނޭ ވާހަކަ ތަކޭ
ކޮން ކަމެއް ކަން ވީ ބަލައިގެން ބުއްދިކޮށް ހޯދާނަމޭ
ނު ފެނެޔޭ ދިރުމެއް މިތާކުން އަލިކަމީވެސް އަނދިރިއޭ
އުފެދުނަސް އެތަކެއް ސުވާލެއް ހާމައެއް ނު ކުރާނަމޭ
މާތަކުން ޒީނަތްވެފައި ހުރި ގަސްތަކުންދިން ފިނިހިޔާ
ޒާތަކަށް ހީނަރުވެ ދިޔަ ގޮތް ވިސްނުމަށް ގެންނާނަމޭ
ކޮންމެ އަހަރަކުވެސް ކުރާ ދަތުރެއް މިއީ މުޅި ދުނިޔެއަށް
އޮންނަ ދަންފަޅި ހަމަވުމުން އަހުރެން ފުރައިގެން ދާނަމޭ
ދައުރު ވާ ދުނިޔޭގެ ހަމައިން އޮތް މަގޭ ޒިންމާ އަކީ
ދައުރުވުން ކަމުގައި ބަލައިގެން އެނބުރި ގޮސް އަންނާނަމޭ