Support Us

ކިހިނެއް ކިޔާނީ ތަހުނިޔާ!

މިނިވަންކަމުން އަޅުވެތިކަމަށް ފުރޮޅާލަމުން ދާ އިރު ރިޔާ
ގިނި އަންދަމުން ހިތުގައި ހިނގައި މި ޝުޢޫރުތައް ކުޅެނީ ލެޔާ
މިނިވަން ދުވަސް ފާހަގަކުރަން ނެތް އިރު އަމާންކަން އޮތް ހިޔާ
ހިނިތުން ވެގެން އުފަލާ އެކީ "ކިހިނެއް ކިޔާނީ  ތަހުނިޔާ"

މަދަދާ އެހީ ބޭނުންވެގެން މަތިވެރިވި ދީނުގެ ވަޙުދަތާ
ގަދަ ހިތްވަރާއެކު ހޯދިހައި މިނިވަންކަމާއި ކަރާމަތާ
ގަދަރާއި ޝަރަފާ ޢިއްޒަތާ ވެއްޔާ މޮޑޭ އިރު ރާޔަތާ
ޖަދަލެއް ނުކޮށް ތިބެ ރުހުމުގައި"ކިހިނެއް ކިޔާނީ ތަހުނިޔާ"

ގުރުބާންވި ލޮބުވެތި ކާބަފައިން ދީނާއި ވަޠަނުގެ ޙައްގުގައި
ޙުރުމަތް އަދާ ކުރަމުން ބިމަށް އޮހޮރާލި ލޭ ގަދަ ޢަޒުމުގައި
ނުރުހުން ވުމެއް ނެތި ހެޔޮ ހިތުން ތަކުރާރުވާ އެ ހަނދާނުގައި
ކުރުނީސް ނުކޮށް އަދު ދިރި ތިބީން"ކިހިނެއް ކިޔާނީ ތަހުނިޔާ"

އަޅުވެތިކަމުގެ ހިތި ރަހަ އަރުން ދިރުވަން އަލުން ނޭދޭކަމުން
ފަޅުކަމުގެ ނާމާން ކަން ދެކެން އިތުރަށް ދެލޯ ނުރުހޭކަމުން
ތަޅުދަނޑި ހިލޭ ހަދިޔާ ކުރަން ހީލަތުގެ މުށް ދިއްކޮށްލުމުން
ކަޅު ދަންވަރެއްގައި ހުރެ ބިރުން"ކިހިނެއް ކިޔާނީ ތަހުނިޔާ"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *