...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އައްޑޫ ސިޓީ ފަނާކޮށް، ރައްޔިތުން ހިޖުރަ ކުރުވުމުގެ މަޝްރޫއު ހުއްޓާލާ!

މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ 27 ސެޕްޓެމްބަރެވެ. ރާއްޖޭގައި އެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަހަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. ސުވާލަކީ އައްޑޫ ސިޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން އެންމެ އެކަށީގެންވާ ތަންތޯއެވެ؟ އައްޑޫ ސިޓީގައި އޮތީ އެންމެ ތިން ރިސޯޓެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން އެ ތިން ރިސޯޓް ވެސް ބަންދުކުރި ގޮތަށް އަދިވެސް ނުހުޅުވެއެވެ. މިއަހަރު ނިމޭއިރުވެސް ހުޅުވޭނެކަމުގެ ޔަޤީންކަމެއް ނެތެވެ. ގެސްޓްހައުސްގެ ވިޔަފާރި އެއްމެ ދަށް އަތޮޅުތަކުގެ ތެރޭގައި އައްޑު އަތޮޅު ހިމެނެއެވެ. ރަނގަޅު ވޯޓަރ ސްޕޯޓްސްގެ ވަސީލަތްތަކެއް އައްޑޫގައި ނެތެވެ. ފޭދޫގެ ބިން ހިއްކުމުގެ ސަބަބުން އައްޑޫގެ ފަރުތަކަށް ލިބުނު ގެއްލުންތަކުން އަދިވެސް އަރައިނުގަނެވެއެވެ. ބިން ހިއްކުމުގެ ސަބަބުން އައްޑޫގެ އެތެރެވަރީގެ ކަނޑުއަޑީގެ ވިސިބިލިޓީ ދަށްވި ގޮތަށް އަދިވެސް ވިސިބިލިޓީ ރަނގަޅެއް ނުވެއެވެ. މިފަދަ ދަށް ހާލަތެއްގައި ފަތުރުވެރިކަމުގެ ދާއިރާ އޮތް ތަނެއްގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަކީ އަހަރަކު އެއްފަހަރު ބާއްވާ ހަރަކާތަކުން އައްޑޫ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ހާސިލް ވުމެއްނެތް އުއްމީދެއްގައި އަނެއްކާވެސް އަހަރުތަކަކަށް ރައްޔިތުން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ދިވެހި ސަރުކާރުން ޖަހާ މަކަރުވެރި މަޅިއެއް ނޫން އެހެން އެއްޗެއް ނޫނެވެ.

މި އަހަރުގެ ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަ ކުރާކަން އިއުލާން ކުރައްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައި ވަނީ ސެޕްޓެމްބަރ މަހު އެ ހަފްލާ ބޭއްވޭ އިރު އައްޑޫގެ ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ފެންނަ ވަރުގެ ކަންތައްތަކެއް އިއުލާން ކުރެވިގެން ދާނެ ކަމަށެވެ. އަދި އެ ހަފްލާތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަތުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވެއެވެ. އައްޑޫ ރައްޔިތުން ބޭނުންވަނީ 27 ސެޕްޓެމްބަރުގައި ރައީސާއި ޓޫރިޒަމް މިނިސްޓަރ ވަޑައިގެން އަނެއްކާވެސް ބޮޑެތި ވައުދުތަކާއި، ޕްލޭންތަކެއް އިއުލާން ކުރެއްވުމެއް ނޫނެވެ. ބޭނުންވަނީ އަމަލުން ފެންނާނެ ކަންތައްތަކެއް ވުމަށެވެ. އެމް.ޑީ.ޕީގެ ރިއާސީ ކެމްޕެއިން ތެރެއިން އިއުލާން ކުރެވުނު އައްޑޫގެ ވައުދުނާމާ ވެފައިވަނީ ނާމާން އެއްޗަކަށެވެ. ލޮލަށް ނުފެންނަ ހުސް ވާހަކަ ތަކަކަށެވެ. އަނެއްކާވެސް ރައީސާއި ޓޫރިޒަމް މިނިސްޓަރ ވަަޑައިގެން އެފަދަ ވައުދުތަކެއް ވެވަޑައިގަތަސް އައްޑޫގެ ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތެވެ.

އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭނެއެވެ. އެއް އަހަރު ފަހުން އެދުވަސް އަންނަ އިރު އައްޑޫސިޓީގެ ތިމާވެއްޓާއި ފަތުރުވެރިކަމުގެ އޮތްނަމަ އޮތް އުއްމީދެއްވެސް ފުނޑާލާއި، މުޅި އައްޑޫ ސިޓީއަކީ ރައްޔިތުން އުޅެން ވެސް ކަމުނުދާވަރު ތަނަކަށް ހަދާލަން އެމް.ޑީ.ޕީގެ ސަރުކާރާއި އިންޑިއާ ގުޅިގެން ރާވާފައިވާ ފަދައެވެ.

އެއީ އައްޑޫގެ ބިން ހިއްކުމުގެ ޕްލޭންގެ ނަމުގައި އިއުލާންކޮށްފައިވާ މަޝްރޫއެވެ. އައްޑޫ ރައްޔިތުން ހިތުން ބިން ހިއްކުމުގެ މި މަޝްރޫއަކީ ތަރައްޤީގެ ބިޔަ މަޝްރޫއެކެވެ. ނަމަވެސް ހަޤީގަތަކީ އިންޑިއާގެ ބޭންކަކުން ލޯނު ނަގައިގެން ސަރުކާރުން ހިންގުމަށް ރާވާފައިވާ މި މަޝްރޫއުގެ ބިން ހިއްކުމަށް ހަ މިލިއަން ކޮޑި މީޓަރުގެ ވެލި، އައްޑޫގެ އެތެރެވަރިން ނެގުމަށް ނިންމާފައިވާ އިރު އެހާވަރަށް އައްޑޫ ސިޓީގެ އެތެރެވަރިން ވެލިނެގިދާނެތޯ ބަލަން ދިރާސާއެއްހާ ވަރުވެސް ނުކުރާކަމެވެ. ހަ މިލިއަން ކޮޑިމީޓަރުގެ ވެއްޔަކީ އާދައިގެ ކުޑަ އަދަދެއް ނޫނެވެ. މި ސާލަކަށް، އައްޑޫސިޓީގެ ފޭދުއިން ބިންހިއްކުމަށް މީގެ ދެތިން ހަތަރު އަހަރު ކުރިން ހިންގުނު މަޝްރޫއުގައި އައްޑޫގެ އެތެރެވަރިން އެއް މިލިއަން ކޮޑިމީޓަރުގެ ވެލި ނެގިއެވެ. އެފަހަރު އެކަން ކުރީވެސް އެއްވެސް ދިރާސާއެއް ހެދުމެއް ނެތިއެވެ. އޭގެ ސަަބަބުން އައްޑޫގެ ފަރުތަކަށް ބޮޑެތި ގެއްލުން ލިބި، އެތެރެވަރީގެ ކަނޑު އަޑި ތަގައްޔަރުވެ، ވިސިބިލިޓީ ދަށްވެ، އެންވެރިކަން ދަށްވެގެން ގޮސްފައިވެއެވެ. މިފަހަރު ބިން ހިއްކުމަށް ހަ މިލިއަން ކޮޑިމީޓަރުގެ ވެލި އައްޑޫގެ އެތެރެވަރިން ނެގުމުން ކުރިއަށް އޮތް 50 އަހަރު ނުވަތަ ބައި ޤަރުނަށް އައްޑޫގެ ފަރުތައް އެކީއެކަށްހެން މަރުވެގެން ދާނެއެވެ. އެންވެރިކަން ނެތިގޮސް މަސްވެރިކަން އައްޑޫއިން ނެތިގެން ދާނެއެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކާއިރު ފަޅުތެރެއިން މަސްނޫއީ (އާޓިފިޝަލް) ދެރަށް، ރިސޯޓް ހަދަން ހަމަޖެހިފައިވެ އެވެ. ނަމަވެސް ފަރުތައް ހަލާކުވެ، އެތެރެވަރީގެ ކަނޑު އަޑީގެ ވިސިބިލިޓީ ގެއްލި، ތިމާވެށި ހަލާކުވެފައިވާ އަތޮޅެއްގައި މަސްނޫއީ ދެ ރަށް ހަދައިގެން ބިނާ ކުރާ ދެ ރިސޯޓަށް އަންނާނީ ކޮން ފަތުރުވެރީންނެއްތޯއެވެ؟

ބިން ހިއްކުމުގެ މި މަޝްރޫއަކީ ގަސްތުގައި، ރާވައިގެން، އައްޑޫއިން މަސްވެރިކަމާއި ފަތުރުވެރިކަން ނައްތާލަން، އިންޑިއާ އަޑީގައި އޮވެގެން ކުރާ ކަމެއް ކަމަށް، ކަމުގެ ތަޖުރިބާކާރަކު މިކޮލަމަށް މައުލޫމާތު ދީފައިވެއެވެ. އިންޑިއާ އިން ބޭނުންވަނީ އައްޑޫގެ ބިން ބޮޑުކުރުމަށެވެ. ތަރައްޤީގެ ދަޅަ ދައްކައިގެން އެ ބިންތައް ބޭނުންކުރާނީ އިންޑިއާ ބޭނުންވާ ކަންކަމަށެވެ. އައްޑޫގައި ޓޫރިޒަމް ވެސް އަދި މަސްވެރިކަން ވެސް ތަރައްޤީވާކަށް އިންޑިއާއިން ބޭނުމެއް ނުވާނެއެވެ. ބިން ހިއްކައި މަގު ހެދިއަސް، އަތޮޅުގެ ތިމާވެށި ހަލާކުވެ، އެއްވެސް އިގްތިސޯދީ ހަރަކާތެއް އާލާނުވުމުން އައްޑޫ ސިޓީން މަޑުމަޑުން މީހުން ހިޖުރަކުރަން ފަށާނެއެވެ. އެގޮތަށް އައްޑޫން ރައްޔިތުން ފޭބުމުން އައްޑޫ ސިޓީ އިންޑިއާ އަށް ވިއްކާލުމަކީ އެމް.ޑީ.ޕީގެ ވިސްނުން ކަމަށް ވެސް ވެދާނެވެ.

އައްޑޫ ސިޓީހެ ގުޅިފައިވާ ރަށްތައް…  ފޮޓޯ: އައްޑޫ ސިޓީ/ އެފް.ބީ

ކަށަވަރުން ވެސް ފެންނަން އޮތް ހަޤީގަތަކީ އައްޑޫ ސިޓީގައި ބިން ހިއްކުމަށް އިންޑިއާއާ ގުޅިގެން ސަރުކާރުން ރާވައިފައިވާ މަޝްރޫއަކީ އައްޑޫ ރައްޔިތުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ނުކޮށް، މާބޮޑު ދިރާސާއެއް ނުކޮށް، ދިގު މުއްދަތުގައި ލިބިދާނެ ގެއްލުމަކަށް ނުވިސްނައި، އަވަސް އަރުވާލައިގެން އެކުލަވާލާފައިވާ މަޝަރޫއެއްކަމެވެ. އޭގެ ސަބަބުން އައްޑޫގެ އިގްތިސޯދު އިނދަޖެހި، ޓޫރިޒަމާއި މަސްވެރިކަން ހަލާކުވެ، އުދަ އެރުމާއި ފެންބޮޑުވުން ގިނަވެ، އައްޑޫން ހިޖުރަކުރުން އިތުރުވެ، މުޅި އައްޑޫގެ ތިމާވެއްޓާއި އިގްތިސޯދު ހަލާކުވެގެން ދިއުން ވަރަށް ކައިރިއެވެ.

މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުން ބަލާ ޓީމުގެ ބައެއް ފަރާތްތަކުންވެސް މިކަމާ ހައިރާން ވެގެން މިވާހަކަތައް ސިއްރިޔާތުގައި ބައެއް ފަރާތްތަކާ ހިއްސާކޮށްފައިވާކަން މިކޮލަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެމީހުންގެ ވަޒީފާ ގެއްލިދާނެތީ ފާޅުގައި އެވާހަކަ ދައްކަން ޖެހިލުންވެފައި ތިބި ކަމަށް ވެއެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ހެއްވައި، މާބޮޑު ތަރައްޤީއެއް އަންނަނީ ކަމަށް ބުނެ، ރައްޔިތުންގެ ލޯމަތީގައި މުޅި އައްޑޫ ސިޓީގެ ތިމާވެށި ހަލާކުކޮށް، މަސްވެރިކަމާއި ޓޫރިޒަމް މި ސިޓީން ނައްތާލާއިރު ރައްޔިތުން ތިބީ ގާފިލް ކަމެއްގައެވެ. މިއީ ރައްޔިތުންނަށް ހެޔޮ އެދޭ ކަމަށް ބުނާ ސަރުކާރަކުން ކުރަން ހެޔޮނުވާވަރުގެ ބޮޑު ޖަރީމާއެކެވެ.

ކޮންނަ ބޯޓު ގެނެސް އައްޑޫގެ އެތެރެވަރިން ވެލިނަގަން ޖައްސާތާ ބަރާބަރު އެއް ހަފުތާތެރޭ އައްޑޫގެ ފަރުތަކާއި ކަނޑާއި ކަނޑުގެ ދިރުމަށް ލިބިގެންދާ ގެއްލުން އަނބުރާ އިއާދަވާން 70 ވަރަކަށް އަހަރު ނަގާނެއެވެ. ކޮންނަ ބޯޓު ޖައްސާ ކޮންމެ ދުވަހަކަށް 10 އަހަރެވެ! ކޮން ފަދަ ބޮޑު ގެއްލުމެއް ތޯއެވެ؟ މިއީ ކަނޑައެޅިގެން އިގްތިސޯދީ ބޮޑު ޖަރީމާއެކެވެ. މިއީ އިންޑިއާ ބޭނުންވާ ގޮތަށް ބިންހިއްކައި އައްޑޫގެ ބިން ބޮޑުކޮށް، އާޚިރުގައި އައްޑޫ ރައްޔިތުން އައްޑޫން ފައިބައިގެންދާން މަގުފަހިވާ ގޮތަށް ރާވާފައިވާ މަޝްރޫއެކެވެ. މިކަން ވަގުތުން ވަގުތަށް ހުއްޓާލައި، އިންޑިއާގެ މި ހީލަތްތެރި މަޝްރޫއިން އައްޑޫ ސަލާމަތް ކުރުމަށް ރައީސް ސޯލިހަށް އިލްތިމާސް ކުރަމެވެ.

އައްޑޫއަށް ޓޫރިޒަމް ގެނައުމަށް ކޮންމެހެން އާޓިފިޝަލް ދެ ރަށެއް ހިއްކާކަށް ނުޖެހެއެވެ. ކަނޑިހެރަ، ކުދު ކަނޑިހެރަ، މުލިކެޑެ، ގަސްކެޑެހެރާ، ފަތިކެޑެހެރާގަނޑަ އަދި ހިތަދޫ ބަނދަރު ކައިރީގައި އޮތް ފަސްގަނޑު ފަދަ ރަށްރަށަކީ ރިސޯޓް ތަރައްޤީ ކުރެވިދާނެ ރަށްރަށެވެ. އަދި ހިތަދޫ ފަޅުތެރޭގައިވާ މާހެރަ، ދީރޮނޑި، ކޯހެރަ، ކައްބޯހެރަ ފަަދަ ރަށްރަށަކީ ވެސް ރިސޯޓް ތަކުގައި ހުންނަ ފަދަ ލަކުޑި ފާލަން ތަކަކުން ގުޅާލައިގެން އެ ރަށްތައް އެކީ ގެސްޓް ހައުސް ސަރަހައްދަކަށް ބަދަލުކޮށްލެވިދާނެ ރަށްތަކެކެވެ. ހަމަ އެފަދައިން ކޯއްޓޭއާއި ހަންކެޑެ އަކީ ރަނގަޅު ޑައިވިންގ ސްޕޮޓަކާއި ބީޗްވެސް ހިމެނޭ، ހިއްގައިމު ދެ ސިޓީ ހޮޓަލެއް އެޅިދާނެ ދެ ސަރަހައްދެވެ. އޭގެ އިތުރުން މިހާރުވެސް ގެސްޓް ހައުސް އެޅުމަށް ބިން ވަކިކޮށްފައިވާ ވަރަށް ރަނގަޅު ލޮކޭޝަންތައް އައްޑޫ ސިޓީީގެ އެކި އަވަށްއަވަށުގައި އެބަހުއްޓެވެ. ވީއިރު، މިތަންތަން މިހެން ހުއްޓާ، އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، އައްޑޫގެ ތިމާވެށި ފަނާކޮށްލާ ފަދަ ބިންހިއްކުމުގެ މިބޮޑު ޖަރީމާ އިންޑިއާ ލައްވާ ނުހިންގުވާ، މިކަން ވަގުތުން ވަގުތަށް ހުއްޓުވުމަށް ރައީސް ސޯލިހުގެ ސަރުކާރަށް ގޮވާލަމެވެ. ސިޔާސީ މަންފާ ހޯދުމަށް އެމް.ޑީ.ޕީން އަބަދުވެސް ބޭނުންކޮށް، ފެންކައްކާ ބޮލީގެ ގޮތުގައި ނާޖާއިޒު ފައިދާ ނަގަމުން އައި އައްޑޫ ސިޓީގެ ކުރިމަގު އެއްކޮށް ސަންދޯކަކަށް ނުލައި އައްޑޫ ސަލާމަތް ކުރުމަށް ނުހަނު އާދޭހާ އެކު ރައީސް ސޯލިހަށާއި މި ސަރުކާރަށް ދަންނަވަމެވެ.

ކަވަރ ފޮޓޯގައި: އައްޑޫ ސިޓީ މަރަދޫ (ފޮޓޯ އަލީ އިބްރާޙިމް/ އައްޑޫ ސިޓީ އެފް.ބީ)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.