ވީދިފައި އޮތް ޢީދު ހެދުމެއް ލާން މިއަދު އަތުގައި އޮތީ
ރީތިވާން އެ ހެދުންލުމަށް ލަދުވެތިވެ ރޯން ގޭގައި އޮތީ
ޢީދު އަޔަކަސް ޢީދު ކުޅެލައި ޢީދު ކެއްކުން ކައި ހަދާ
ހީނ މަޖާ ކުރެވޭ ވަރަށް ވުރެ އަދިރި މާޙައުލެއް އޮތީ
ޢީދު ވެދުމާ އިރަކު ދިޔަޔަސް އަދަކުނެތް ދާނޭ ތަނެއް
ޢީދު އައުމާ ނައުމުގައި ވަކި ކޮން ތަފާތެއްހޭ އޮތީ
ޙާލަތާ މެދު ފިކުރުކޮށް ވިސްނާލުމުން ދެރަވާ ވަރުން
މާލަހެއްނުވެ ހުއްޓުމަށް ބޭނުން ވެފައި އަދު ހިތް އޮތީ
ހާދަހާ މާޔޫސް ކަމާ ހިތް ދަތި ކަމާ ބިރުވެރި ކަމޭ
މާދަމާއަށް ނަޒަރު ހިންގާ އިރު ލޮލަށް ފެންނަން އޮތީ
އިރު އަރައިގެން އައިކަމަކު ބޮޑު ޢީދަކަށް އަލިކަން ދެމުން
ބިރު ހިތަށް ވެރިވުންމެ ނޫނީ ކޮންކަމެއް ބާއޭ އޮތީ
ފަހުމު ނުވެގެން މިފަދަ ޙާލަތަކަށް މިދިޔަ ސަބަބެއް މަށަށް
ބަހުސަކަށް ހުޅުވާލިޔަސް ދޭން ކޮން ޖަވާބެއްތޯ އޮތީ