ގްރޭޓާމާލޭ ކަރަންޓު ވިއުގަ ގުޅާލުމުގެ މާދަމާ ފަށާނެ ކަމަށާއި މި މަސައްކަތް ހިނގަމުންދާ ވަގުތު މާދަމާ އާއި މި މަހުގެ 21 ގައި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނިގޮތުގައި ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްއޫއެކެވެ.
މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި އަދި ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.
ކަރަންޓް ކެނޑިދާނެ ވަގުތުތައް:
- 17 ޖުލައި: ހެނދުނު 8:00 އިން 17:00 އަށް- ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ.
- 21 ޖުލައި: ހެނދުނު 8:00 އިން 17:00 އަށް- މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ.