Support Us

ބިންމަތީގައި ހަގީގަތެއް ގާއިމުކޮށް، ގައުމު ވިއްކާލުމުގެ މަސައްކަތަކީ ވެސް ހަމަ ގައުމީ ޚިދުމަތް ހެއްޔެވެ؟

މި ސުއާލު އުފެދުނީ ނޫހެއްގައި އޮތް މައި ސުރުޚީއެއް ފެނިފައެވެ. 'ބިދޭސީންނަށް ވިއްކާނެ ގެދޮރު އަޅާނެ ރަށްތައް ކަނޑައަޅައިފި' މި ސުރުޚީއެވެ. މި ސުރުޚީގެ ދަށުން ލިޔެފައި އޮތް ޚަބަރުގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ ބައެއް ރަށްރަށުގައި ބިދޭސީންނަށް މިލްކުކުރެވޭނޭ ތަންތަން ހެދުމުގެ ޕުލޭނެއް، މިއަދުގެ ސަރުކާރުގެ ފަރާތުން ރާވައި އެކަމަށް އަމަލީ ސިފަ ގެނެވުމުގެ މަރުހަލާއަށް ހިނގައްޖެކަން ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު އިއުލާނުކޮށްފިއެވެ. އެކަމަށްޓަކައި ރަށްތަކެއް ކަނޑައަޅައި، އެ ރަށްތަކުގައި، ބޭރު މީހުންނަށް ވިއްކުމަށްޓަކައި ގެދޮރުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށުމުގެ މަރުހަލާއާ ހަމައަށް ގޮސް، އެކަމާ ބެހޭ ގާނޫނުތަކާއި ގަވާއިދުތައް ވެސް ނިމިއްޖެ ވާހަކަ އެ ޚަބަރުގައި ލިޔެފައި އޮތެވެ. މި ޚަބަރު ކިޔާލުމުން، މަތީގައި ސުރުޚީގައި އަޅާލެވިފައި އޮތް ސުއާލުކޮށްލެވުނީއެވެ. ގައުމީ ޚިދުމަތަކީ ހަމަ މިއީ ހެއްޔެވެ؟ ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ހަގީގީ ޑިމޮކުރަސީއޭ ކިޔައިގެން ހެދުނު ނިޒާމުން ރައްޔިތުންނަށް ޚިދުމަތް ކުރަނީ މިފަދައިން ކަންތައް ކޮށްގެން ހެއްޔެވެ؟ ރައްޔިތުންގެ ގިނަ ބަޔަކަށް އުޅެވޭނޭ ގޮތެއް ނެތިފައި އޮތް އިރު، ޖީލުތައް އެންމެ ކޮޓަރި ގަނޑެއްގައި އެމީހުންގެ ދިރިއުޅުން ހޭދަކުރަމުން ދާއިރު، އެކަމަށް ހައްލެއް ހޯދުމަކީ މުހިއްމު ކަމެއްކަމުގައި ނުދެކި، ކުރަން ޖެހޭ ކަމަކީ ހަމަ މިއީ ހެއްޔެވެ؟ އިމާރާތްކޮށް ނިމިފައިވާ ތަންތަން ވެސް، އެ ތަންތަނަށް ތިން އަހަރު ވަމުންދާއިރު، އެތަނަށް އިތުރު ޚަރަދުތަކެއް ކުރަން ޖެހޭތީއާއި، އެ ޚަރަދު ކުރެވޭނޭ ގޮތް ނެތިއްޔޭ ކިޔާފައި އެތަނަށް މީހުންނަށް ވަދެވޭނޭ ގޮތް ހެދުން ނުކުޅެދިފައި އޮތް އިރު، އަވަސް އަރުވާލައިގެން، ބޭރު މީހުންނަށް ވިއްކުމަށްޓަކައި ގެދޮރު އަޅައިދިނުމުގެ ފައިސާ އެބަ ހުރިކަމުގެ ވާހަކަ، ނުސީދާ ގޮތެއްގައި ދެންމެ މި އިޝާތްކުރި ޚަބަރުގައި ލިޔެފައި އެ އޮތީއެވެ. މިކަމުގެ ހަގީގަތުގެ މައްޗަށް ވިސްނާލުން ހުއްޓެވެ.

އެންމެ ފުރަތަމަ ސުއާލުކޮށްލަން ޖެހެނީ ބޭރު މީހުންނަށޭ ކިޔައި މި އިޝާރަތްކުރަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ހުރިހާ ހެއްކެއް އަމާޒުވަނީ އެންމެ ބަޔަކަށެވެ! އިންޑިޔާ މީހުންނަށެވެ. މިހެން ބުނަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ މި އިއުލާނު ކުރެވުމުގެ މާ ކުރިން، އިންޑިޔާގެ މީހުންނަށް އަމާޒުކުރެވިގެން ހ.އ. ދައްޕަރުގައި ތަންތަން ހަދާ ވާހަކަ ދައްކާތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި، އެކަމަށް ތައްޔާރީތައްވުމުގެ ގޮތުން ބައެއް ކަންކަން ކުރެވެމުން އެބަދެއެވެ. އެތާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ރާއްޖެ އެތެރެކުރެވޭ ގޮތް ހަދައި، އެކަން ޓެސްޓުކުރެވިއްޖެއެވެ. އާދެ، ސީދާ އިންޑިޔާއިން ހ.އ. އަށް ފެރީއޭ ކިޔައިގެން ހަމަޖެހުނު ދަތުރެވެ. ދެން، ދާއިމީ ގޮތަށް އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމުގެ އެއް މަރުކަޒަކަށް ހ.އ. ހަނިމާދޫ ތައްޔާރުވަމުން ދާތަނެވެ. ބިން ހިއްކައިގެން، ހ.އ. ހަނިމާދޫގެ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއެއް ހިންގާލާ ވާހަކައެވެ. ދެންވެސް، މިނޫން ވެސް، ރާއްޖޭގައި އިންޑިޔާގެ ހަންފެތުރުމުގެ މަޝްރޫއުތަކެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ހެދުމުގެ މަޝްރޫއުތަކެވެ. އައްޑޫގައްޔާއި، ލާމު އަތޮޅުގައްޔާއި އުތުރު ތިލަފަޅުގައި ވެސް މެއެވެ. މިނޫންވެސް، މިފަދަ، އެހެން އެކިއެކި މަޝްރޫއުތަކެވެ. ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމާއި ރާއްޖެއަށް ފާރަވެރިވުމުގެ މަޝްރޫއުތަކެވެ.

މީގެ އިތުރުން، އިންޑިޔާގެ އެމްބަސީގެ ބާރުގެ ދަށަށް ރާއްޖޭގެ ސަރުކާރުގެ މުއައްސަސާތަށް ގެނެވިފައިވާ މައްސަލައެއެވެ. އެކަމުގެ ސަބަބުން، ދިވެހިންގެ ބައެއް ދަތުރުތަކަށް، މިސާލަކަށް ޕާކިސްތާނުގެ އެކިއެކި ސަރަހައްދުތަކަށް ދިޔުމުގެ ދަތުރުތަކަށް– ދިވެހި ސަރުކާރުން ހުރަސްއަޅައެވެ. އިންޑިޔާގެ ނުރުހުން ލިބިދާނެތީއެވެ. ބައިނަލް އަގުވާމީ ޖަމާއަތްތަކުގައި ރާއްޖެއިން އިންޑިޔާ ދިފާއުކުރަން ޖެހިފައިވުމެވެ. މިސާލަކަށް އޯ.އައި.ސީ.ގައި (މުސްލިމު ގައުމުތަކުގެ މުނައްޒަމާގައި)، ކަޝްމީރުގައި އިންޑިޔާއިން އަނިޔާވެރި އަމަލުތައް ނުހިންގާ ކަމަށް ބުނެ، ރާއްޖޭގެ އަދުގެ ސަރުކާރުން އިންޑިއާ ދިފާއުކޮށްފައި ވާހަކަ ދެއްކިއެވެ. އަދި، ނޫސްތަކާއި ނޫސްވެރިން ވެސް އިންޑިޔާގެ އެމްބަސީގެ ނުފޫޒުގެ ދަށަށް ގެނެވިފައިވާ ތަނެވެ. މީގެ އެއް މިސާލަކީ، އިންޑިޔާގެ ރުހުން ހޯދުމަށްޓަކައި ޕާކިސްތާނުގެ ސަރުކާރުގެ އަގު ވައްޓާލުމުގެ ގޮތުން، ދިވެހި ބައެއް ނޫސްތަކުގައި ޝާއިއުކުރެވޭ ވާހަކަތަކެވެ. އެފަދަ ވާހަކަތަކަކީ ޕާކިސްތާނުގެ ދާޚީލީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ވާއިރުވެސް މެއެވެ. ހަމަ އެފަދަ ވާހަކަތައް އިންޑިޔާގެ ނޫސްތަކުން ވެސް ފެންނާނެއެވެ. ނަމަވެސް، މި ފަދަ ވާހަކަތެއް ދިވެހި ނޫސްތަކުގައި ޖަހައިފި ނަމަ، އެ ވާނީ، ހަގީގަތުގައި ވެސް، އިންޑިޔާގެ ދާޚިލީ ކަންކަމާ ބެހުން ކަމުގައެވެ. ނަމަވެސް، އިންޑިޔާގެ ދުޝްމަނުންގެ އަގުވައްޓާލުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ.

މިނަންގަތް ހުރިހާ ކަމެއްގެ މައްޗަށް ބަލާލުމުން، މި ހަމަޖެހިގެންދާ 'ބޭރު' މީހުންނަށް ގެދޮރު ވިއްކުމަކީ ސީދާ އިންޑިޔާގެ މީހުންނަށް އަމާޒުކުރެވިގެން، ނުވަތަ، އިބްތިދާއީ ގޮތެއްގައި، އެމީހުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތް ހެދުމުގެ ގޮތުން ހިންގޭ މަޝްރޫއެއް ކަމަށް ލަފާކުރެވެއެވެ. އެމީހުން ރާއްޖެއިން ގެދޮރު ގަނެ، އެ މަޝްރޫއުގައި ބުނެފައިވާ ފަދައިން، ގާނޫނީ ގޮތުން، އެފަދަ މީހުންނަށް ރާއްޖޭގައި ވަޒަންވެރިވެ އުޅުމުގެ ގޮތް، ހަމަޖެހިގެން ދެއެވެ. ދެން، އޮންނާނީ އެމީހުންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމެވެ. އަދި، އެއަށް ފަހު، ތަނުގެ މުވާތިނުންކަމުގައި ހަމަޖެއްސުމެވެ.

މިފަދައިން ކަންތައް ހަމަޖެހިގެން ދިޔުމުން، ދެން ނިކުންނާނޭ މައްސަލަތަކަކީ ކޮބާ ހެއްޔެވެ؟ ހަމަގައިމު ވެސް، އެއް ސަގާފަތެއްގެ މަތީގައި ދިރިއުޅެމުންއައި ޖަމާއަތެއްގެ ތެރޭގައި ތަފާތު ސަގާފަތްތައް އުފެދިގެންދާނެއެވެ. ހިންދީ ސަގާފަތެވެ. ބުދު ދީނުގެ ސަގާފަތެވެ. އަޅުގަނޑުމެންގެ އަމިއްލަ ސަގާފަތް އޮތީ މިހުރިހާ ކަމެއް ބަލައިގަންނާނޭ ދަރަޖައަކަށް ތަރައްގީވެފައި ހެއްޔެވެ؟ އާންމުންގެ ސިކުނޑިތައް މިކަންކަން ބަލައިގަންނާނެ ހެއްޔެވެ؟

ގާނޫނުތަކާއި ގަވާއިދުތަކަކުން މީހުންގެ ވިސްނުން ބަދަލެއް ނުކުރެވޭނެއެވެ. ފައިސާ ދީގެން ކޮންމެ ވެސް ވަރަކަށް އެކަން ކުރެވިދާނެއެވެ. ފައިސާ ދީގެން މީހުން، އެމީހުންގެ ދީނާއި ދައުލަތް ވެސް ވިއްކާފައި އެބަހުއްޓެވެ. މިސާލަކަށް ރާއްޖޭގެ ޑޮމް މެޏުއަލް، ކުރީގެ ނަމުންނަމަ ހަސަން ނުވަ ވަނަ ރަސްގެފާނު، ރާއްޖެއާއި އަދި އޭނަގެ ދީން ވެސް، ވެރިކަމުގެ އެދުމުގައި ވިއްކާލިއެވެ. މީރު ޖައުފަރަކީ އިންޑިޔާގައި އިނގިރޭސީންގެ ބާރު ފަތުރާލުމަށް އިނގިރޭސިންނަށް އެހީވެދިން، ދުނިޔޭގެ ބޮޑެތި ޣައްދާރުންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. މުސްލިމު އިސްޕޭނުން ވެސް މިފަދަ އެތައް ވެރިންނެއް ފެނުނެވެ. އަދި، މިހާރު ރާއްޖޭގެ ވެރިކަމުގެ އިސް ސަފުގައި ތިބި ބައެއް މީހުންނަކީ މިފަދަ ބައެކޭ ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެކޭ ނުބުނެވޭނެއެވެ. އެއީ ރާއްޖެއަށް އަސްކަރީ ގޮތުން ވެރިވުމަށް އިންޑިޔާއަށް ފާޅުގައި، ބޭރު ގައުމުއްގެ ޓީ.ވީ. މެދުވެރިކޮށް، ގޮވާލި ކަމަށްވާތީއެވެ. ނޮވެމްބަރު ތިނެއްގެ އެންމެ ބޮޑު މުޖުރިމު ލުތުފީއާއި މި މީހުންނާ މާ ބޮޑު ތަފާތެއް ނެތެވެ. މުޖުރިމު ލުތުފީ ޓެމިލް ޓައިގަރުންނަށް ރާއްޖެ ހިފުމަށް ދައުވަތު ދިނީމައި، ޓައިގަރުން އެ ދައުވަތު ގަބޫލުކޮށްގެން ރާއްޖެއައީއެވެ. ނަމަވެސް، މިވަގުތު ސަރުކާރުގެ އިސް ސަފުގައި ތިބި ބައެއް މީހުން، ރާއްޖެ ހިފުމަށް އިންޑިޔާއަށް ދައުވަތު ދިނުމުން، އިންޑިޔާއިން އެ ވަގުތު އެދައުވަތު ގަބޫލު ނުކުރީއެވެ. އެހެންވެ، މުޖުރިމު ލުތުފީއާއި މިހާރު ރާއްޖޭގެ ވެރިކަމުގެ އިސް ސަފުގައި ތިބި މީހުންނާ މާ ބޮޑު ތަފާތެއް ނެތެވެ.

ދެން، ބޭރު މީހުންނަށް ގެދޮރު ވިއްކުމުގެ މަޝްރޫއާ ބެހޭ ގޮތުން ކޮށްލަން ޖެހޭ އެހެން ސުވާލެއް އެބައޮތެވެ. މި މަޝްރޫއު އަމާޒުވަނީ މުޅި ދުނިޔެއަށް ހެއްޔެވެ؟ ޚާއްސަ ގޮތެއްގައި ހުޅަނގުގެ ދޮން މީހުންނަށް ހެއްޔެވެ؟ ހުޅަނގުގެ ދޮން މީހުންގެ ތެރެއިން، ބޮޑު އަގުގައި ރާއްޖެއިން ތަންތަން ގަނެގެން، ރާއްޖޭގައި އުޅެން އަންނާނީ ކިތައް މީހުން ހެއްޔެވެ؟ އެންމެ ފުރަތަމަ، ދާއިމީ ސިފައެއްގައި ރާއްޖޭގައި އުޅުމަކީ އެމީހުން މާ ގަޔާވާ ކަމަކަށް ނުވާނެއެވެ. މޫސުމުގެ މައްސަލައިގައެވެ. ރާއްޖޭގެ މޫސުމަކީ ދާއިމީ ސިފައެއްގައި އެ މީހުން އުޅެން ބޭނުންވާނޭ ކަހަލަ ތަނަކަށް ނުވާނެއެވެ. މީގެ މިސާލެއްގެ ގޮތުން، ޔޫރަޕުގެ މީހުން ބައެއް ގައުމުތައް އިސްތިއުމާރުކޮށް އެމީހުންގެ ތަނެއްގެ ގޮތުގައި އެތަންތަން ހަދައި، އެތަންތާނގައި އުޅެން ނިންމި އިރު، އެމީހުން އުޅެން ޚިޔާރު ކުރީ އެތަންތަނުގެ ވަކި ސަރަހައްދުތަކެކެވެ. އެމީހުން އުޅެން އާދަވެފައިވާ މޫސުމާ ގުޅޭ ސަރަހައްދުތަކެވެ. މިކަން އޮސްޓުރޭލިޔާއިން ފެންނާނެއެވެ. ހުޅަނގުގެ މީހުން އޮސްޓުރޭލިޔާގައި ވަޒަންވި އިރު، އެ މީހުން އުޅެން އިޚުތިޔާރު ކުރީ އޮސްޓުރޭލިޔާގެ ފިނި ހޫނުމިން އެމީހުންނާ ގުޅޭ ސަރަހައްދުތަކެވެ. ތަނުގެ ދެކުނާއި އިރާއި އިރު ދެކުނުގައެވެ. އެންމެ އުތުރާއި މެދުތެރެއަކީ އެސަރަހައްދުގެ މޫސުން އޮންނަ ގޮތުން، އެތަންތާ އުޅެން އެމީހުން މާގަޔާވި ސަރަހައްދުތަކަކަށް ނުވެއެވެ. މިއަދުވެސް، މި ހަގީގަތް ކޮންމެ ވެސް ވަރަކަށް ނަމަވެސް ފެންނަން އެބައޮތެވެ.

މީގެ އިތުރުން ވެސް، ދާއިމީ ސިފައެއްގައި ޔޫރަޕުގެ މީހުން ރާއްޖޭގައި އައިސް އުޅުމަށް ހުރަސް އަޅާނޭ އެހެން ސަބަބުތައް ވެސް އެބަ ހުއްޓެވެ. އެމީހުންނަށް ބޭނުންވާނޭ ތަފާތު ޚިދުމަތްތައް، އެމީހުން ބޭނުންވާ ފެންވަރެއްގައި ރާއްޖެއިން ލިބެން ނެތުމެވެ. އެމީހުން ބޭނުންވާނޭ ސިއްހީ ޚިދުމަތްތަކެވެ. އެމީހުން ބޭނުންވާނޭ މުނިފޫހިފިލުވުމުގެ ޚިދުމަތްތަކެވެ. އެމީހުންގެ ދިރިއުޅުމަށް ބޭނުންވާނޭ ސާމާނާއި ތަކެތި ފަސޭހައިން ލިބުމުގެ ޚިދުމަތްތަކެވެ. ޒުވާން އުމުރުގެ މީހުން ނަމަ، އެމީހުން ބޭނުންވާނޭ ތައުލީމީ ޚިދުމަތްތަކެވެ. މިހުރިހާ ކަމެއް، އެމީހުންގެ ގައުމުތަކުން ފަސޭހައިން އެމީހުންނަށް ލިބެން އޮއްވައި، މިފަދަ ކަންކަން ލިބެން ނެތްތާކަށް، ބޮޑު ޚަރަދެއްކޮށްފައި އެމީހުން ހިޖުރަކޮށްފާނެ ހެއްޔެވެ؟ އެއީ ހަމަ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ. ޑުބާއީ ތަންތަނުގެ މިސާލު ދައްކާއިރު، މި ނަންގަތް ފަދަ ޚިދުމަތްތަކަކީ އެތަނުން ފަސޭހަކަމާއެކު ލިބެން ހުރި ޚިދުމަތްތަކެވެ.

ދެން، އަދި އެއްފަހަރު، މި މައްސަލައިގެ މައްޗަށް ވިސްނާލަބަލާށެވެ! އެ ބުނާ ގެދޮރުގެ މަޝްރޫއު އަމާޒުވަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ހަމަ ހުޅަނގުގެ ދޮން މީހުންނަށް ހެއްޔެވެ؟ ނޫން ނަމަ، ކުރިން ބުނި ފަދައިން، އެއީ، ކުރިން ވެސް ރައްޔިތުންނަށް އޮޅުވާލައިގެން، އިންޑިޔާގެ ސިފައިންނެއް ރާއްޖެއަކަށް ނުގެންނާނޭ ކިޔައިގެން އެކަން ވެސް ކުރި ފަދައިން، އޮޅުވާލައިގެން ކުރަން އުޅޭ ކަމެއް ހެއްޔެވެ؟ ޖަވާބުގައި ބުނަން ޖެހޭނީ އާނއެކެވެ. މިކަން ވެސް ބޮޑަށް ވައްތަރީ އެފަދަ އޮޅުވާލުމަކާއެވެ. ރާއްޖެއަށް ތައާރުފުވި މަލްޓި ޕާޓީގެ ހަގީގީ ޑިމޮކުރަސީގެ މައިގަނޑު އެއް ސިފައަކީ ދޮގު ހެދުމާއި އޮޅުވާލުންކަން މިހާރު އެނގެމުންދަނީއެވެ.

މިފަދަ ކަންކަން، އެހެން ގައުމުތަކުގައި ވެސް ހިންގާލެވިފައި އެބަ ހުއްޓެވެ. ދެ މިސާލެއް ލިޔެލާނަމެވެ. އެންމެ ފުރަތަމަ މިސާލަކީ ފަލަސްތީނުގެ މިސާލެވެ. ނަވާރަ ސަތޭކަ ވިހީގައި، އިނގިރޭސިންގެ ބާރުގެ ދަށަށް ފަލަސްތީނު ގެނެވުނެވެ. ދެން، ޔޫރަޕުގެ ޔަހޫދީން ފަލަސްތީނަށް ހިޖުރަކުރުމުގެ ދޮރު ތަންމިނަށް ހުޅުވާލެވުނެވެ. ދެން އައި ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ސައްތައިން ތިނެއްގައި ފަލަސްތީނުގައި އޮތް ޔަހޫދީންގެ އާބާދީ ސައްތައިން ތިރީހަށް ބަދަލުވެ، ބިންމަތީގައި އާ ހަގީގަތެއް ގާއިމުކުރެވުނެވެ. އެ ހަގީގަތަށް ރިއާޔަތްކޮށް 1948ގައި ފަލަސްތީނުގެ ބޮޑު ބައެއްގައި އިޒުރޭލު ގާއިމުކުރެވުނެވެ. ދެން، އައި ފަސްދޮޅަހަކަށް އަހަރު ދުވަހުގެ ތެރޭގައި އަރަބިންގެ ބިންތަކުގައި، ހުޅަނގު އައްސޭރިއާއި ގޯލާން ހައިޓްސްގައި ޔަހޫދީން ވަޒަންވެރިވުމުގެ ގެތައް އަޅައި، އިރުމަތީ ގުދުސްގެ އަރަބިންގެ ގެތަކުން އަރަބިން ނެރެ، އެތަންތަނުގައި ވެސް ޔަހޫދިން ވަޒަންވެރިވެ، ބިންމަތީ އިތުރު އާ ހަގީގަތްތަކެއް ގާއިމުކުރެވުނެވެ. ދެން، މިހާރު އެއޮތީ އެތަންތަންވެސް، އާދެ، ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސާއި ގޯލަން ހައިޓްސް ވެސް ޔަހޫދީ ތަންތަނަށް ވެފައެވެ.

ދެވަނަ މިސާލަކީ ޔޫގެންޑާއެވެ. އެތަނުގެ ވިޔަފާރިތަކަށް އިންޑިޔާގެ މީހުން އަތް ގަދަކޮށް، މުޅި ތަނުގެ އިގުތިސޯދު އެމީހުންގެ އަތްމައްޗަށް، 1970ގެ އަހަރުގެ ތެރޭގައި ގެނައެވެ. ނަމަވެސް، ތަނުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެހެން ހީވެގެން، ޔޫގެންޑާގެ އީ.ޑީ. އަމީން އެކަމާ ފިޔަވަޅު އަޅައި، އެ އެންމެން ތަނުން ބޭރުކުރިއެވެ. މިކަން ކުރީ، ޝައްކެއްނެތް ގޮތުގައި، އެންމެ ރަނގަޅަކަށޭ ނުބުނެވޭނެއެވެ. ތަނުން ބޭރުވާން އެ މީހުންނަށް ލިބުނީ މަދު ގަޑިއިރު ކޮޅެކެވެ. އެމީހުންގެ ހުރިހާ މުދަލެހެން ދޫކޮށްލާފައި، ތަނުގެ ފައިބައިގެން ދިޔުން، އެމީހުންނަށް މަޖުބޫރުވިއެވެ.

އެހެންވެ، ދެން ބުނަން މަޖުބޫރުވަނީ ރާއްޖޭގައި ވެސް ހިންގާލަން އުޅޭ ބޭރު މީހުންނަށް ރާއްޖޭގެ ބިންތައް މިލްކުކޮށް ދިނުމުގެ މަޝްރޫއުއަކީ ފަލަސްތީނުގެ ބިންތަކުގައި އާ ހަގީގަތެއް ގާއިމުކުރި ފަދައިން، ރާއްޖޭގެ ބިންތަކުގައިވެސް، އިންޑިޔާގެ މީހުން ވަޒަންވެރިކުރުވައި، ބިންމަތީގައި އާ ހަގީގަތެއް ގާއިމުކުރުމުގެ މަސައްކަތެއް ކަމެވެ. މިކަމުގެ އިސް ސަފުގައި ތިބީ ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ ރައީސްއާއި ރާއްޖޭގެ ފޮރިން މިނިސްޓަރެވެ. މިހެން ބުނަން ޖެހެނީ، މި ދެ މީހުންނަކީ، ޓެމިލް ޓައިގަރުނަން، ރާއްޖެ ހިފަން، މުޖުރިމު ލުތުފީ ދައުވަތު ދިން ފަދައިން، ރާއްޖެ ހިފަން އިންޑިޔާގެ އަސްކަރިއްޔާއަށް، ފާޅުގައި، ބޭރު ޓީވީއެއްގައި ގޮވާލައި، ދައުވަތު ދިން މީހުން ކަމަށް ވާތީއެވެ. އަދި، ރާއްޖޭގައި، އިންޑިޔާގެ އެމްބަސީ މެދުވެރިކޮށް، އިންޑިޔާގެ ނުފޫޒު ފެތުރުމުގެ މަސައްކަތްކުރަމުން ދާއިރު، އެކަމާ ދެކޮޅު ހަދައި މީހުން އެއްޗެހި ބުނުމުން، އެކަން ހުއްޓާލަން ގޮވަނީ ވެސް މި މީހުންނެވެ. ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ހުއްދަ އޮތް އިރު، އިންޑިޔާއިން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި، އަދި އެމީހުންގެ ނުފޫޒު ފަތުރަމުންދާ އިރު، އެކަމާ އެއްޗެއް ބުނުމަކީ އެއް ގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއް ނޫނޭ ބުނާ އިރު، އިސްލާމް ދީނުގެ ހުރުމަތާއި މުގައްދަސު ކަމަށް ވުރެ، އަދި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ މުގައްދަސު ކަމަށް ވުރެ، އިންޑިޔާގެ ހުރުމަތާއި މުގައްދަސުކަން ބޮޑު ކަހަލައެވެ! މިއީ ކޮން ކަހަލަ ހަމައެއް ހެއްޔެވެ؟

ސުއާލަކީ މިހުރިހާ ކަމެއް ހިނގަމުން ދާއިރު ރައްޔިތުން ކޮބާ ހެއްޔެވެ؟ ހަމަ ބުއްދިވާކަށް އަދިވެސް ހަމަ ނުވަނީ ހެއްޔެވެ؟ ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ ފަދައިން، އެތައް ފަހަރަކު، މިފަދައިން ކަންކަން ކުރެވެމުންދާ ކަން، ހަނދާންކޮށް ދެވިއްޖެއެވެ. އަންޢާމު ސޫރަތުގެ ولقد أرسلنا إلى أمم من قبلك فأخذناهم بالبأساء والضراء لعلهم يتضرعون… މިއާޔަތުގައި، ނުސީދާ ގޮތެއްގައި، އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. މިއާޔަތުގައި ބަޔާން ކުރެވިފައިވަނީ، އިހުގެ އުއްމަތްތަކަށް ރަސޫލުބޭކަލުން ފޮނުއްވައި މީސްތަކުން ހެޔޮ މަގަށް އެނބުރި ދިޔުމަށްޓަކައި، ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، އެމީހުންގެ ހިތްތައް މަޑުމޮޅިވެދޭތޯ ދަތިތަކާއި އުނދަގޫތައް، ބަލި މަޑުކަމާއި ހަނގުރާމަތައް، މެދުވެރިކުރެއްވި ވާހަކައެވެ. ހަމަ އެހެންމެ، ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމަކީ ހަމަ އެހެން އޮވެފައި ކުއްލިއަކަށްވާ ކަމެއް ނޫނެވެ. މިކަން ކަންވާން ދިމާވަނީ، ތަނުގެ މީހުންގެ ތެރޭގައި ފަސާދައިގެ އަމަލުތައް އިންތިހާއަށް ގިނަވެ، އެމީހުންގެ މައްޗަށް، ކަމަށް ނާގާބިލު، ތަނަށް ވަފާތެރިކަމެއް ނެތް، ހިތް ނުބައި ވެރިންތަކެއް އައުމުންނެވެ. މިކަމާ މެދު، ވިސްނާލައި، ހިތްމަޑުމޮޅިވެ، މިކަން ހުއްޓުވުމުގެ ގޮތުން، އެއްކޮޅުން، އަޅުގަނޑުމެންނަށް ވެސް އަދުވަނީ ބަލި މަޑުކަމާއި ބޮޑެތި ދަތިތައް ކުރިމަތިވެފައެވެ. ރޯގާތަކެވެ. އިގުތިސާދީ އަދި މައީޝީ ދަތިތަކެވެ. އަނެއްކޮޅުން، ވެރިންގެ ނާގާބިލުކަން ފެންނަ އެތައް އެތައް އިޝާރާތެކެވެ. އޭގެ އެންމެ ފަހުގެ އިޝާރާތަކީ ތަނުގެ ދިފާއީ ވަޒީރު ބުނި ވާހަކައެވެ. ބޮމެއް ގޮވުމުގެ މައުލޫމާތު އޭނައަށް ލިބުމަކީ އެ މައުލޫމާތު ކަމާ ބެހޭ މީހުންނާ ހިއްސާކުރަން އޭނާގެ މައްޗަށް ލާޒިމުކުރާ ކަމެއް ނޫނޭ ބުނުމެވެ. އާދެ، ބޭންކެއް ބެލެހެއްޓުމަށްޓަކައި ފާރައަށް ތިބި ސިފައިންގެ ކުރިމަތީގައި ވަގުންގެ ބަޔަކު ބޭންކު ފަޅާލައި ވައްކަން ކޮށްފައި ދާތަން ފެނުމުން، އެތަން ފެނުމަކީ ތިމަންމެން އެކަން ހުއްޓުވުން ލާޒިމުކުރާ ކަމެއް ނޫނޭ ބުނުން ފަދަ ބުނުމެކެވެ. މި ހިސާބުން ވެސް، ވެރިންގެ ނާގާބިލުކަން ހަމަ ނުފެންނަނީ ހެއްޔެވެ؟ ދެން، އިތުރަށް ދޭނޭ އިޝާރާތަކީ ކޮބައި ހެއްޔެވެ؟ އަދިވެސް، ކޮންމެ ދެމީހަކު ވެގެން ސިޔާސީ ޕާޓީއެއް ހަދައި، ކޮންމެ މީހަކުވެސް، ލޯގަނޑަށް ބަލައި، ތިމާގެ މޫނަށް ބަލަހައްޓައިގެން ހުރެ ތިމާގެ މޮޅުކަން ފާހަގަކުރަން ހަމަ ހުންނަންވީ ހެއްޔެވެ؟

މިހެން ތިބުމުގެ ވަގުތު ފާއިތުވެދަނީއެވެ. ކޮންމެ މީހަކަށް ވެސް މިކަމާ ދެކޮޅު ހަދައި ކުރެވޭނޭ ކަންކަން ހުންނާނެއެވެ. މިވާހަކަ ދެއްކުމެވެ. އެމީހުން ތަމްސީލުކުރާނޭ ކަމަށް މާތްރަސްކަލާނގެ ގަންދީ ހުވާކޮށްގެން ތިބި މީހުން ހޯދައި، ގައުމު ވިއްކާލުމުގެ މަސައްކަތް ހުއްޓުވަން އެމީހުން ގާތު ބުނަންވީއެވެ. ޣައްދާރުން ފާހަގަކޮށް، އެމީހުންގެ ކިބައިން ގައުމު ސަލާމަތްކުރުމަށް އެދި، މިސްކިތަށް އަރައި، އަޑު ހަރުކޮށް ދުއާ ކުރަންވީއެވެ. ގާނޫނޫ ހުއްދަކުރާ ގޮތެއްގެ މަތީން މިވާހަކަތައް އަޑުހަރުކޮށް ދައްކަންވީއެވެ. ގައުމަށް ވުރެ ބޮޑު އެކަކުވެސް، އެއީ ކޮންމެ މީހަކު ކަމުގައި ވިޔަސް، ނުހުންނާނޭކަން ދެނެގަންނަންވީއެވެ. ގައުމުގެ ހުރިހާ ޚައިރާތެއް، ހުރިހާ ޚިދުމަތެއް އެކަކަށްޓަކައި ނުވަތަ އެއް ބަޔަކަށްޓަކައި އަމާޒުކުރެވިފައި އޮވެގެން ނުވާނެކަން ދެކެންވީއެވެ. އަދި، އެކަން އެހެންވިޔަ ނުދިނުމަށްޓަކައި، ވެރިކަމުގައި ތިބޭ މީހުންނަކީ މުގައްދަސު، ކަލާނގެތަކަކަށް ނުހަދައި، ގަދައަޅައި އެންމެން ވެސް މަސައްކަތްކުރަންވީއެވެ. ނޫން ނަމަ، ކުރިން، މަލިކު ގެއްލުނު ފަދައިން، ރާއްޖޭގެ އުތުރުން ބޮޑު ބައެއް ބުރިކޮށްލައިގެން އިންޑިޔާ ގެންދިޔުމަކީ ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ! ނަވާރަ ސަތޭކައިގައި ފަލަސްތީނުގެ އަރަބިން ވެސް، އަދި އެހެން އަރަބި ގައުމުތަކުގެ އަރަބިން ވެސް، ފަލަސްތީނު ގެއްލިދާނެ ކަމަކަށް ނުދެކެއެވެ. ނަމަވެސް، 1948ގައި ކަންތައް ވެގެން ދިޔައީ މުޅިން އެ ހީކުރި ގޮތާ ޚިލާފަށެވެ. ހަމަ އެފަދައިން، މިއަދު އެމަސައްކަތް ނުކޮށްފި ނަމަ، ކުރިއަށް އޮތް ފަނަރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެކަން ތަކުރާރުވެ، ރާއްޖެ ނުވަތަ ރާއްޖެއިން ބައެއް ގެއްލިގެން ހިނގައިދާނެއެވެ. ރާއްޖޭގައި ތިބި އިންޑިޔާގެ އޭޖެންޓުންގެ އެންމެ އިސް ވެރިޔާ، ރައްޔިތުންގެ މަޖުލީހުގެ ރައީސް، ވެރިކަމަށް އައުމުގެ އެންމެ ބޮޑު ބޭނުމަކީ މި މަގުފަހިކޮށްދިނުމޭ ވެސް މިހާރު ބުނެވިދާނެއެވެ. އޭނާގެ ހުރިހާ ވެސް އެދުމަކީ ރާއްޖޭގެ ބިމުގައި އާ ހަގީގަތެއް ހަދާލައި، ރާއްޖޭގައި އިންޑިޔާގެ ބާރު ގާއިމުކޮށް ރާއްޖެ ފޮތިފޮތިކޮށް، އެއިން ފޮއްޗެއް ނަމަވެސް އިންޑިޔާއަށް ދިނުން ކަމުގެ ބިރުވެސް މިހާރު ހީވާންފަށައިފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
721

2 Responses

  1. ހާދަ ސަޅި މޮޅު ލިޔުމެއް… #ސަންޖޭ މުދީރު އައުޓު #ސަންޖޭ ހޭރޭ އައުޓު #ސަންޖޭ ލިފުޓު އައުޓު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *