މަގޭ ހިތުގެ ލޭނާރުތައް ސިއްރު ސިއްރުން
މަގޭ ނަފުސު ފިރުމައި، ބުނޭ ހުވަފެނެއްގައި
އެނގޭނޭ ތިމާ "ޞަބްރު" ދެކެ ލޯބިވީމާ
އެނގޭނޭ ސަފުން ދުނިޔެ އުޅެލަން އުފަލުގައި މަގޭ ހިތުގެ ލޭނާރު…
ހަނގާ މަހުޖަނުން ކޮށް، ފުރައްސާރަ ކުރުމުން
ނަގުދު ރަންރިހިން ނަމުގަ ނެތުމުން ޖަމައިގައި
ފަނގާ ދަނޑު ބަގީޗާ ތިމާ އަތުނެތީމާ
އަގެއް ނެތި ލަދުން ފިސްނުވާށޭ ތިތާނގައި މަގޭ ހިތުގެ ލޭނާރު…
މަގުން ކެހި ފަގީރާ ނުޖެހި ރެކި ސަލާމުން
ދޮގާ މަކަރު ޙީލަތް ވިކޭ "މޮޅު" ބިމެއްގައި
ވަގަށް ނުގޮވެނީސް ހިތް ސަލާމަތް ކުރީމާ
"ވިގަނި ސިހުރު" ބާތިލް ވެދާނޭ ތިތާނގައި މަގޭ ހިތުގެ ލޭނާރު…
ރޮނގާލީގެ މަސްތުން ދުނިޔެ ހަނދުމަ ނައްތަން
ހިނގާ މަގުތަކުން ދެރަ ފަގީރުން އޮޅުމުގައި
ބަނގާ "ފަތްޕިލާވެލި" ނުބޯން ގަދަ ހެދީމާ
"ނަގޫނެތް ދެޔޯ" ގޮސް ފިލައިދޭ ތިތާނގައި މަގޭ ހިތުގެ ލޭނާރު…