...

Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: އިންޑިއާ އެމްބަސީން ބޭނުންވަނީ "އަދިވެސް" އާއި "ކެޔޮނިރު" ކޮލަމަށް ވެސް ފިޔަވަޅު އަޅަން؟

އިންޑިއާ ހައިކޮމިޝަނާއި، ހައިކޮމިޝަންގެ އިސްވެރީންނާއި މުއައްޒަފުންގެ އަބުރާއި ކަރާމާތަށް "ހަމަލާ"ދީ ރާއްޖޭގެ ނޫސްތަކުގަ އާއި ސޯޝަލް މީޑިއާގައި ލިއަމުންދާ ކަމަށް ބުނެ، އެފަދަ މީޑިއާ އަދި އެފަދަ ފަރުދުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް އިންޑިއާ އެމްބަސީން ދިވެހި ސަރުކާރަށް އަންގައި، ރާއްޖޭގެ ޚާރިޖީ ވުޒާރާއަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑީއާގައި މިދިޔަ ބުދަ ދުވަހު ވަނީ ލީކް ކޮށްލައިފައެވެ. އެ ލިއުމުގައި ވަކި ނޫހެއްގެ ނަން ފާހަގަކޮށްފައި ނެތަސް އިންޑިއާ އިން ރާއްޖޭގައި ހިންގާ ސިއްރު އެޖެންޑާގެ ވާހަކަ އެންމެ ގިނައިން ލިޔާ ދެ ނޫހަކީ ދިޔަރެސް ނޫހާއި އަދިވެސް އޮންލައިނެވެ. އަދި އެންމެ ގިނައިން މި މައުލޫގައި ލިއާ ކޮލަމަކީ "ކެޔޮނިރު" ކޮލަމެވެ. އެހެންކަމުން އިންޑިއާގެ މި އިންޒާރަކީ އަދިވެސް ނޫހާއި ކެޔޮނިރު ކޮލަމާ ވެސް ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލައިފައިވާ އިންޒާރުގެ ލިއުމެއް ކަމަށް ގަބޫލްކުރެވެއެވެ.

މީގެ އިތުރުން، އިންޑިއާއިން ރާއްޖޭގައި ހިންގާ އަޅުވެތިކަމުގެ ހަރަކާތްތަކުގެ ވާހަކަ ލިއާ މީޑިއާތަކާއި ލިއުންތެރީންނާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި، އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ، ރޮހިތު ރަތިޝް، ރައްޔިތުންގެ މަޖުލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު، އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމަށް ފޯނުން ގުޅައި އަންގައިފައިވާ ކަމަށް ބުދަ ދުވަހު މީޑިއާ ތަކުން ރިޕޯޓްކޮށްފައި ވެއެވެ. ރޮޒައިނާ ވަގުތުން ވަނީ މައްސަލަ ބަލައިދޭން މީޑިއާ ކައުންސިލްގެ ރައީސަށް އަންގަވައިފައިކަން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންގެ ވަޓްސްއަޕް ގްރޫޕަށް ރޮޒައިނާ ފޮނުއްވި މެސެޖުން އެނގެއެވެ. އޭގެ ފަހުން އަޑު އިވިގެންދިޔައީ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުން ރަސްމީ ސިފައެއްގައި މީޑިއާ ކައުންސިލަށް ސިޓީއަކުން ވެސް އިއްޔެ އަންގައިފައިވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ވަޓްސްއަޕް ގްރޫޕުގައި ރޮޒައިނާ ލިއުއްވާފައިވާ މެސެޖެއް (ފޮޓޯ: މީސްމީޑިއާ)

އިންޑިއާ ހައި ކޮމިޝަނުން ކުރާ ތުހުމަތު ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީޑިއާ ކައުންސިލަށް ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުވި ނަމަވެސް ފުރަތަމަ ހީކުރެވުނު ގޮތާ ޚިލާފަށް، މަޖުލީހުން މީޑިއާ ކައުންސިލަށް މި ސިޓީ ފޮނުވީ ކޮމިޓީގެ ބައްދަލުވުމެއް ނުބާއްވަވައި، އަދި އެކަމާ ކޮމިޓީގެ ހުރިހާ މެމްބަރުންގެ މަޝްވަރާއެއް ނެތި، ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް އަމިއްލަ އަމިއްލައަށެވެ. ކޮމިޓީގެ ބައްދަލުވުމަކުން ނިންމައިގެން ނޫނަސް، މިނިވަން މުއައްސަސާތަކަށް ސިޓީ ފޮނުވުމަކީ މީގެ ކުރިން ވެސް މަޖުލީހުން ކުރާ ކަމެއް ކަމުގައި ރޮޒައިނާ ވިދާޅުވިއަސް މިއީ އާއްމު އުސޫލުން ކަންކުރާ ގޮތެއް ނޫނެވެ. އަދި އަމުދުން ދިވެހި މީޑިއާ އާއި ދިވެހި ރައްޔިތުންގެ ތެރެއިން ބައެއްގެ ބޮލުގައި ބޭރު ޤައުމެއްގެ އެމްބަސީއަކުން މިވަރުގެ އިލްޒާމެއް އެޅުވުމުން، ކޮމިޓީގައި ބަހުސް ވެސް ނުކޮށް ރޮޒައިނާ އަމިއްލައަމިއްލަ އަށް ނިންމައިގެން މިފަދަ ސިޓީއެއް މީޑިއާ ކައުންސިލަށް ފޮނުވުމަކީ އުސޫލާ ޚިލާފް ޖަރީމާއެކެވެ. އަމުދުން އެ މައްސަލަ އިންޑިއާ އެމްބަސީ ނުވަތަ ފޮރިން މިނިސްޓްރީން ލިޔުމުން މަޖިލީހަށް ނުފޮނުވަނީސް، ކޮމިޓީގައި ވެސް މަޝްވަރާކުރުމެއްނެތި، އަވަސް އަރުވާލައިގެން، ރޮޒައިނާއަކަށް ވެސް އެގޮތަށް މީޑިއާ ކައުންސިލަކަށް ސިޓީއެއް ނުފޮނުއްވޭނެއެވެ. ފޮނުއްވައިގެން ނުވެސް ނުވާނެއެވެ. އެއީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވުމެވެ. އެހެންވެ މަޖިލީހުން ފުރަތަމަ ބަލަންވާނީ ރޮޒައިނާގެ އެ މައްސަލަކަން ޔަގީނެވެ.

މީގެންވެސް ދައްކުވައިދެނީ މަޖުލީހުގެ ބައެއް މެމްބަރުން ދިވެހި ރައްޔިތުންނަށް ވުރެ އިންޑިއާ ދެކެ ލޯބިވާ ވަރެވެ. ނުވަތަ ރޮޒައިނާމެން ފަދަ އަޑުގަދަ މެމްބަރުން ވެސް އިންޑިއާގެ ދަށުވެފައިވާ މިންވަރެވެ.

ރޮޒައިނާ މިފަދައިން ކަން ކުރައްވާފައި ވަނިކޮށް ރައްޔިތުންގެ މަޖުލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު (މަވޯޓާ) އިބްރާހިމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ލިއުއްވާފައި ވަނީ އިންޑިއާ ހައިކޮމިޝަނާ ދެކޮޅަށް އަނިޔާވެރި، ހަރުކަށި އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިއީ ކަނޑައެޅިގެން ދޮގެކެވެ. އިންޑިއާ އިން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމާއި، އައްޑޫގައި މިލިޓަރީ މަރުކަޒެއް ހެދުމާއި، އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބައިތިއްބަން އުޅުމާއި، ހަނިމާދޫ އާއި ކައްދޫ އަދި އައްޑޫގައި އިންޑިއާ ސިފައިން ތިބުމާއި މިފަދަ އެތައް ކަމަކާ ދެކޮޅަށް، ޤައުމު ދެކެ ލޯބިވާ ދަރީންތަކެއް އަޑު އުފުލުމުން، ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ މެބަރުން ތަކެއް ދިވެހި ރައްޔިތުންނާ ދެކޮޅަށް، އޮޅުވާލައިގެން، ދޮގު ހަދައިގެން މިފަދަ އަމަލު ހިންގުމަކީ ޤައުމަށް ޤައްދާރުވުން ނޫން ދެން ކޮން ކަމެއްތޯ އެވެ؟

ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ، ވިއެނާ ކޮންވެންޝަންގެ 29 ވަނަ މާއްދާގެ ދަށުން ދިވެހި މީޑިއާތަކަށް ފިޔަވަޅު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލިއިރު ވިއެނާ ކޮންވެންޝަންގެ ދަށުން އެއްވެސް ޤައުމެއްގެ މީޑިއާތަކަށް ސަރުކާރުތަކުން ބާރެއް ނުފޯރުވޭނެއެވެ. ދިވެހި ރާއްޖޭގެ މީޑިއާތައް ތަޅުއަޅުވައި ލިއުންތެރީންގެ ދުލުގައި ގޮށްޖަހައި ޚިޔާލް ފާޅުކުރުމުގެ މިނިވަން ކަމަށް އަރައިގަތުމަށް އިންޑިއާ ސަރުކާރުން ގޮވާލުމަކީ އިންޑިއާ ސަރުކާރުގެ ނާތަހުޒީބު ކަމާއި ހުދުމުހުތާރުކަމުގެ ލާމަސީލު މިސާލެކެވެ.

"ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް" ގެ 41 ވަނަ މާއްދާގެ (2) ވަނަ ނަމްބަރުގައި ބުނެފައި ވަނީ ޑިޕްލޮމެޓިކް މިޝަނެއް ހުންނަ ގައުމުގެ ސަރުކާރާ އެ މިޝަނުން ކުރަންޖެހޭ ހުރިހާ މުއާމަލާތެއް ކުރާނީ ފޮރިން މިިނިސްޓްރީ ނުވަތަ އެ ދައުރު އަދާކުރާ އެ ގައުމަކުން ކަނޑައަޅާފައިވާ މިނިސްޓްރީއަކާ ކަމަށެވެ. އެހެންވެ ރޮހިތު ފޯނުކޮށްފައި ރޮޒައިނާއަށް މައްސަލަ ހުށަހެޅުމަކީ ވެސް އެ ބުނާ ވިއެނާ ކޮންވެންޝަނާ ޚިލާފު ކަމެކެވެ. ފޮރިން މިނިސްޓްރީން އެންމެ ފުރަތަމަ ބަލަންޖެހޭނީ އެ މައްސަލައެވެ. އެކަމަކު އިންޑިއާގެ އެހީގައި ޔޫ.އެން ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ހޮވި، އިންޑިއާގެ ގޮނޑިކޮއްކޮ އަކަށް ވެފައި ހުރި ފޮރިން މިނިސްޓަރު ޝާހިދަށް އެއީ ކުރެވޭނެ ކަމެއް ނޫންކަން ވެސް އެނގެއެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

ކަޝްމީރުގައި މުސްލިމުންގެ ހައްގު ތަކަށް އަރައިގަނެ، އިންޓަނެޓް ސެންސަރުކޮށް، އިންޑިއާގެ މަގުތަކުގައި އެއްވެސް ހައްގަކާ ނުލައި މުސްލިމުން މަރާއިރު އެވާހަކަތައް ލިއާ މީޑިއާތަކާއި ނޫސްވެރީންނަށް އިންޑިއާ ފުލުހުން ތިބެނީ ބިރުދައްކައި ދޫބަންދުކޮށްފައެވެ. މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ރޮހިތަކީ އިންޑިއާގެ ސިއްރު ފުލުހުންގެ ޖަމާއަތެއް ކަމުގައިވާ "ރޯ"ގެ އެޖެންޓެއް ކަމަށް ބައެއް ސިޔާސީ މުހައްލިލުން ބުނެއެވެ. އެފަދަ މީހަކު މި ޤައުމުގައި ޑިޕްލޮމެޓިކް ހިމާޔަތް ލިބިގެން ހުރެ، ވަކިވަކި ނޫސްވެރީނާއި މީޑިއާތަކަށް ގުޅައި، ރިޝްވަތު ހުށަހަޅައި، ބިރުދައްކައި ހެދުމަށް ފަހު "އިންޑިއާ-އައުޓް"ގެ ގޮވެލި ނުހުއްޓުވުމުން އެންމެ ފަހުން މިހާރު ދިމާކޮށްފައި އެހެރީ ދިވެހި ނޫސްވެރީންނަށް ބިރުދައްކައި، މި ޤައުމުގައި އެންމެ ގަދަޔީ އިންޑިއާގެ ބާރުކަން ދެއްކުމަށެވެ.

ދިވެހި ނޫސްވެރީންނަކީ ވެސް، އަދި ދިވެހި ރައްޔިތުންނަކީ ވެސް އެއަށްވުރެ ވަތަނީ، އަދި ޤައުމު ދެކެ ލޯބިވާ ބައެކެވެ. ޤައުމުގެ ދިފާއުގައި މަރަކަށް، ފުރާނައަކަށް، ވަޒީފާ އަކަށް، ދައްކާ ބިރަކަށް ނުބަލައި ހައްޤު ބަސް ބުނަން ކެރޭނެ ބައެކެވެ. އެޖެންޓު ރޮހިތު ރަތިޝް އާއި ހައިކޮމިޝަނަރ ސުދީރަށް އަދި ރަނގަޅަށް ދިވެހީން ނޭނގެނީ އެވެ. މިއީ މާސިންގާ ޕޯޗުގީޒުންގެ ކުރިމަތީގައި، ކުޑަކުޑަ ދޯންޏެއްގައި މުހައްމަދު ތަކުރުފާނު ދެއްކެވި ހިއްވަރާއި، ތަމަޅަ ޓައިގަރުންގެ ކުރިމަތީގައި ޝަހީދު ހުސެއިން އާދަމް ދެއްކި ފަދަ ހިއްވަރު ދެއްކި އެތައް ބަތޮލުންނެއް އުފަން ކުރި ޤައުމެކެވެ.

އިންޑިއާ އެމްބަސީން ފޮރިން މިނިސްޓްރީ އަށް ފޮނުވި ސިޓީ (ފޮޓޯ: މީސްމީޑިއާ)

ދިވެހި މީޑިއާގައި ލިޔާ ލިއުންތަކުގެ ސަބަބުން އިންޑިއާގެ ޑިޕްލޮމޭޓުންނަށް ސަލާމަތާއި ރައްކާތެރިކަމެއް ނެތޭ ބުނެ، ވިއެނާ ކޮންވެންޝަނާ ހަވާލީދީ ފޮރިން މިނިސްޓްރީ އަށް ސިޓީ ފޮނުވައި އަދި މީޑިއާތަކަށް ފިޔަވަޅު އެޅުމަށް މަޖިލިސްގެ މެމްބަރުންނަށް ޕްރެޝަރުކުރުމުގެ ފަހަތުގައި އިންޑިއާގެ މަކަރުވެރި އެހެން ރޭވުމެއް ވެސް އެބައޮތެވެ. އެއީ، ރާއްޖޭގައި ތިބި އިންޑިއާގެ ޑިޕްލޮމޭޓުންނަށް ސަލާމަތާއި ރައްކާތެރިކަމެއް ނެތޭ ބުނެ، އެ މީހުންގެ ހަށިފާރަވެރިންގެ ގޮތުގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން މާލެ ގެނައުމެވެ. އޭރުން އިންޑިއާ ހައިކޮމިޝަން ކައިރީގަ އާއި ސުދީރާއި ރޮހިތުގެ ހަށިފާރަވެރިންގެ ގޮތުގައި އިންޑިއާ ސިފައިންގެ ފައުޖެއް މާލޭގައި ތިބެވޭނެ ގޮތް ފަހިވީއެވެ. ލަންކާގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ސެކިއުރިޓީ ބަލަހައްޓާށާއި ސަފީރުގެ ބޮޑީގާޑުންނަށް ވެސް އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ބޭތިއްބިއެވެ. އެހެންވެ، މިހާރު އެ ކައްކާ ގޭސްގަނޑަކީ އެއީ މާލޭގައި އިންޑިއާ ސިފައިން ރަސްމީ ސިފައެއްގައި، ހަތިޔާރާއެކު ބޭތިއްބުމަށް، ކުރާ މަސައްކަތެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެހެން ނޫނީ އެހާ ވަރެއް އަރުވާލައިގެން އުޅެންޖެހޭ ސަބަބެއް ނެތެވެ. އިންޑިއާއޭ ކިޔައިގެން ނޫސްތަކުގައި މި ލިޔަނީކީ ދޮގު ވާހަކަތަކެއް ނޫނެވެ. އަދި ރޮހިތޭ ކިޔައިގެން އެ ދައްކަނީ ވެސް ދޮގު ވާހަކަތަކެއް ނޫނެވެ. އެ ވާހަކަތައް ދެއްކުމަކުން ސުދީރާއި ރޮހިތު ފަހަތަކުން އެއްވެސް ބަޔަކު ނުދެއެވެ. ދާކަށް ނުވެސް އުޅެއެވެ.

މި ޤައުމުގެ ރައްޔިތުންނާއި، ޤައުމު ދެކެ ލޯބިވާ ލިއުންތެރީން، އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވެސް ހުއްޓާލާނީ ހަމަ، އިރާދަކުރެއްވިއްޔާ، "އިންޑިއާ-އައުޓް" ކޮށްފައެވެ. އަހަރުމެންނަށް ވިއެނާ ކޮންވެންޝަންގައި އޮތް އެއްޗެއްވެސް އެނގެއެވެ. އިންޑިއާގެ ސިއްރު "ރޯ" ސިފައިން މި ޤައުމުގައި ގަންނަ ގަނޑުވެސް އެނގެއެވެ. އިންޑިއާ ހައިކޮމިޝަނުން މަހު މުސާރަދޭ މީހުންވެސް އެނގެއެވެ. މި އަޑެއް ނުކެނޑުވޭނެއެވެ. މިޤައުމެއް ނުހިފޭނެއެވެ. މިއަޒުމެއް ނުގުޑުވޭނެއެވެ. ކުރިއަށް ދިވެހި ޤައުމު- އިންޑިއާ އައުޓް!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
125

8 Responses

  1. ؟ގައުމު ދިފާއުކުރާން ބަތަލުން އަބަދުވެސް އުފަންވާނެ. ގައުމު ދެކެ ލޯބިވާނީ އަވަށްޓެރި ގައުމެއް އެކަނިތަ

  2. ސާބަހޭ ކެޔޮ ނިރު. ތިޔައީ ދިވެހި ރަތްލޭ ހިނގާ ދަރިއެއް

    1. ކަޝްމީރުގަ މީހުން މެރިގޮތަށް ދިވެހިން މަރަން މިމީހުން ބޭނުންވަނީ. އިންޑިޔާއޭ ކިޔާފަ އަނގަ ހުޅުވާލާ މީހާވެސް ވުޖޫދުން ގެއްލުވާލުން. މަރަން ބޭނުންވަނީ

  3. ހުއްޓާނުލާތި، ފަހަތަށް ނުޖެހޭތި. އަހަރުމެންގެ ގައުމު. އަހަރެމެންގެ ދީން. އަހަރެމެން އުފަންވީ ފަސްގަނޑު. ދީނާއި ގައުމުގެ ދިފާއުގައި ތެދުވަން މިތިބީ ތައްޔާރަށް. މާތްﷲ މިނުބައި ފާސިދު ކާފަރުންގެ ރޭވުން ނެތިކުރައްވާނދޭވެ. އަދި މިނުބައި ކާފަރުންނަށް ވާގިދެމުންދާ ލާދީނީ މުނާފިގު ބައިގަނޑު ނިކަމެތިކުރައްވައި އިސްލާމްދީނާއި މިގައުގަތިބި މުސްލިމުންނަށް ނަސްރު ދެއްވާނދޭވެ.އާމީން އާމީން.

  4. ދިވެހިރާއްޖެ ދެކެ އިންޑިއާ މިވަނީ އަމަށަކު ލޯތްބެއް ނޫން. އެކަމަކު ވެސް ތިޔައީ ބަލައިގަނެވޭނެ ލޯތްބެއް ނޫން. ވަރަށް އިހުތިރާމާއެކު ބުނެވޭނީ އަހަރެމެންގެ ގައުމުން ބޭރުވާށޭ. އަމިއްލަ އެދުމުން ފޯވެފައިވާ ތި ލޯބި ބޭނުމެއް ނޫނޭ. ތަކުރާރުކޮށް ވެސް މި ކިޔަނީ ހަމަ "އިންޑިއާ އައުޓް"އޭ. ދޭހަވުމުގެ މައްސަލައެއް އުޅޭ ބައެއް ތޯއްޗެއް.."ކެޔޮނިރު" އަދި ދެން ތިއްބެވި ބޭފުޅުން ތަންފުކެއް ވެސް ދޫނުކުރައްވާތި. ލިޔުއްވަމުން ގެންދަވާ. ދީނާއި ގައުމުގެ ދިފާއުގައި ތެދުވަން މިތިބީ ތައްޔާރަށް. މި ނުބައި މީހުން ހުތުރު ގޮތަކަށް ބަލިކުރައްވާނދޭވެ.

  5. ވަރަށް ފުރިހަމަ އާޓިކަލް އެއް، އަސްލުވެސް ގައުމު ދެކެ ލޯބިވާ ހަގީގީ ދަރިންނަކީ ބުޝްރީކަހަލައި ދަރިން ސާބަސް ދޫނުކުރާތި މީ އަހުރެމެންގެ ގައުމު އިންޑިއަ އައުޓު، ސަންޖޭ މުދީރު އައުޓު، ސަންޖޭ ލިފުޓު އައުޓު، ސަންޖޭ ހޭރޭ އައުޓު، ސަންޖޭ ގޮނޑި ދުއްވާ އައުޓު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.