ތަކާޘުރު ސޫރަތަކީ މައްކީ ސޫރަތެކެވެ. އިތުރުއެކަލޭގެފާނުންގެ އިސްލާމީ ދައުވަތުގެ މައްކީ މަރުހަލާގެ ކުރީކޮޅު ބާވާލެއްވުނު ސޫރަތެކެވެ. ކީރިތި ގުރުއާނުގެ މައްކީ މަރުހަލާއިގައި ތޭރަވަރަކަށް އަހަރު ހިމެނެއެވެ. މި 13 އަހަރުގެ ތެރެއިން ފުރަތަމަ ހަތަރު އަހަރު ބެލެވެނީ އެއީ މައްކީ މަރުހަލާގެ ކުރީކޮޅެ ކަމަށެވެ. މިއިން، ތަކާޘުރު ސޫރަތް ބާވާލެއްވުނު ދުވަސްވަރު އަންދާޒާކޮށްލެވެއެވެ.
މި ނަންގަތް، މައްކީ މަރުހަލާގެ ކުރީ ދުވަސްކޮޅަކީ އިސްލާމީ ދައުވަތުގެ މަސައްކަތާ ދެކޮޅުހަދައި، މުސްލިމުންނާ މެދު އަނިޔާވެރި އަމަލުތައް މައްކާގެ ގުރައިންޝުންގެ ބޮޑުން، އަދި ނުފެށާ އޮތް ދުވަސްވަރެކެވެ. ނަމަވެސް، އެދުވަސްވަރު، ބާވާލެއްވުނު ބައެއް ސޫރަތްތަކުގައި، މައްކާގެ ޖާހިލިއްޔަތު ނިޒާމަށް ފާޑުކިޔައި ތަންގީދުކުރެވިފައި ވެއެވެ. ޖާހިލިއްޔަތުގެ ނިޒާމޭ ބުނޭ މި އިޝާރަތްކުރަނީ، ދިރިއުޅުމުގެ ކަންކަމުގައި އެއްވެސް ރިވެތި އަޚުލާގީ ހަމައަކަށް ނުބަލައި، ހިތު ހުރި ގޮތަކަށް ކަންތައްތައް ކުރެވެމުން ދިޔަ ނިޒާމަކަށެވެ. ކޮންމެ މީހެއްގެ ހަޔާތުގެ މަގުސަދަކަށް ވެފައި އޮތީ އަމިއްލަ ފައިދާއެވެ. ކޮންމެ މީހެއްގެ މަސައްކަތަކީ މުދަލާއި ފައިސާ ވީހާ ވެސް ގިނައެއްކޮށް ހޯދުމެވެ. މުޖުތަމައުގެ އެހެން އަފުރާދުންގެ މަސްލަހަތަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. އަޚުލާގީ އިމެއްގެ ތެރޭގައި ތިބެ އެކަން ކުރުމުގެ ބޭނުމެއް އޮތްކަމަށް ނުދެކިއެވެ. ތަކާޘުރު ސޫރަތުގައި ޖާހިލިއްޔަތު މި ސިފައަށް ފާޑުކިޔިފައިވެއެވެ.
މި ފާޑުކިޔުން، ސޫރަތުގެ ނަމުން ފެނި، ސާފުވެގެންދެއެވެ. ތަކާޘުރުގެ މާނައަކީ ކޮބައި ހެއްޔެވެ؟ ގިނަކުރުމެވެ. މުދަލާއި ފައިސާ އެއްކޮށް، ޖަމާކޮށް، ގިނަކުރުމެވެ. ދުނިޔަވީ ހަޔާތަށް ޒީނަތްތެރިކަން ގެނެސްދޭ ސާމާނު އެއްކޮށް ޖަމާކޮށް ގިނަކުރުމެވެ. ބާރާއި ނުފޫޒު، ޖާހާއި ބޮޑުކަންވެސް، އިތުރަށް ލިބިގަތުމެވެ. އަދި، މިކަންކަމުން ތިމާއަށް މޮޅުކަން ލިބިފައިވާ ކަން ދައްކައި އެކަމާ މެދު ފަޚުރުވެރިވެ، ބޮޑާވެސް ވުމެވެ.
މިފަދައިން މުދަލާއި ފައިސާ، ތަކެއްޗާއި ސާމާނު، ބާރާއި ނުފޫޒު، ޖާހާއި ބޮޑުކަން އިތުރުކުރުމުގެ މަގުސަދަކީ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ދުނިޔަވީ އުފަލުގެ ގޮތުގައި ބެލެވޭ ކަންތައްތައް، ޖިސްމާނީ އުފާތައް – މީރު ކެއުމާއި ބުއިން، ޖިންސީ ލައްޒަތުތައް – މި އުފާތަކަށް ވާސިލުވެވެން އޮންނަ ވަސީލަތަކަށް މި ނަންގަތް މުދަލާއި ފައިސާ، ބާރައި ނުފޫޒު ފަދަ ކަންކަން ވުމުންނެވެ. ދެން މިކަމަށް ފާޑުކިޔައި ތަކާޘުރުގެ މި ދިރިއުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ތަކާޘުރު ސޫރަތުގައި ބަޔާން ކުރެވިފައި ވެއެވެ.އިތުރަށް ކުރިއަށް ދިޔުމުގެ ކުރިން، ދެން، ތަކާޘުރު ސޫރަތުގެ މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟

بسم الله الرحمن الرحيم ރަހުމަތްވަންތަ، ރަހުމަތްލައްވާ މާތްރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތުން ފަށްޓަމެވެ. ألهاكم التكاثر ކަލޭމެން ޣާފިލުކޮށްލާފައިވަނީ (މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަންތައްތައް، އެކަކު އަނެކަކަށްވުރެ) ގިނަކުރަން އުޅުމެވެ. حتى زرتم المقابر ކަލޭމެން ގަބުރުތަކަށް ޒިޔާރަތްކުރަން ޖެހެންދެންނެވެ. [އެއީ ރަނގަޅު މޮޅު ގޮތް ކަމަށް ދެކިގެން، ކަށްވަޅަށް ދާންޖެހެންދެންނެވެ.] كلا سوف تعلمون ނޫނެކެވެ. (ހަގީގަތުގައި ކަން ހުރިގޮތާއި، މުދަލާއި ފައިސާއާއި ދުނިޔޭގެ ޒީނަތްތެރިކަމުގެ ސާމާނު އެއްކޮށް ޖަމަޢަކޮށް އެއަށްޓަކާ ފަޚުރުވެރިވެ އުޅޭ ދިރިއުޅުން ޚިޔާރުކުރުމުގެ ނަތީޖާ) ލަހެއްނުވެ ކަލޭމެންނަށް އެނގޭނެއެވެ. ثم كلا سوف تعلمون އަދި ވެސް ނޫނެކެވެ. (ހަގީގަތުގައި ކަންހުރިގޮތާއި، މުދަލާއި ފައިސާއާއި ދުނިޔޭގެ ޒީނަތްތެރިކަމުގެ ސާމާނު އެއްކޮށް ޖަމަޢަކޮށް، އެއަށްޓަކާ ފަޚްރުވެރިވެ އުޅޭ ދިރިއުޅުން ޚިޔާރު ކުރުމުގެ ނަތީޖާ) ލަހެއް ނުވެ އެނގޭނެއެވެ. كلا لو تعلمون علم اليقين (ޚިޔާރުކޮށްގެން އުޅެންވީ “ތަކާޘުރު”ގެ، މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަންތައްތައް، އެކަކު އަނެކަކަށްވުރެ ގިނަކުރުމުގެ، ދިރިއުޅުމެއް) ނޫނެވެ. ޔަގީން ކުރެވޭ، (އެއާމެދު އެއްވެސް ޝައްކެއް ނުކުރެވޭ)، އެނގުން ކަލޭމެންނަށް އެނގޭނަމަ، (އެގޮތަކަށް ނޫޅުނީހެވެ). لترون الجحيم ޔަގީން އެވެ. ކަލޭމެންނަށް ނަރަކަ ފެންނާނެއެވެ. ثم لترونها عين اليقين އަދި ހަމަ ޔަގީނެވެ. ޝައްކު ނުކުރެވޭގޮތަށް، ޔަގީންކަމުގެ ލޮލުން، ކަލޭމެންނަށް އެނަރަކަ ފެންނާނެއެވެ. ثم لتسئلن يومئذ عن النعيم ދެން، އެދުވަހުން (ދުނިޔޭގައި ކަލޭމެންނަށް ދެއްވި) ނިއުމަތްތަކާ މެދު ސުވާލު ކުރެވޭނެއެވެ.

ދެން، މި ސޫރަތުގެ ޖުމްލަ މާނައިގެ މައްޗަށް ނަޒަރެއް ހިންގާލަމާ ހެއްޔެވެ؟ މުދަލާއި ފައިސާ، ބާރާއި ނުފޫޛު އަދި ދުނިޔަވީ ހަޔާތުގެ ޒީނަތްތެރި ކަންތަކާއި އެއްޗެތި ކަމަށް، ކީރިތި ޤުރުއާނުގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި އެއްޗެތި، ހޯދައި އެއްކޮށް، ގިނަކޮށް، ޖަމަޢަކޮށް، އެތަކެއްޗާއި ކަންކަމުގެ ގިނަކަމަށްޓަކާ، މީސްތަކުންގެ މައްޗަށް، ނުވަތަ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށާއި އެކަކު އަނެކެއްގެ މައްޗަށް ފަޚްރުވެރިވެ އުޅުން، ދުނިޔަވީ ހަޔާތާއި ވަކިވެ މަރުވެ ދިޔުމަށްފަހު ކުރިމަތިވާނެ ކަންތައްތަކާ އާޚިރަތް ދުވަހު ކުރިމަތިވާން ހުރި ކަންތައްތަކުން، ކަލޭމެން ވަނީ، މުޅީން ޣާފިލުކޮށްލާފަ އެވެ. އަދި މިޣާފިލުކަމުގައި ކަލޭމެން މަރުވެގެން ޤަބުރުތަކަށް ދާންޖެހެން ދެން، ކަލޭމެން ތިބެއެވެ. މިގޮތަށް ކަލޭމެން ދިރި އުޅެމުން ދަނީ، މިގޮތަށް، ތަކާޘުރުގެ ދިރިއުޅުމުގައި ދުނިޔަވީ ހަޔާތް ވޭތުކޮށްލުމުގެ ނަތީޖާ ނޭނގޭތީއެވެ. މަރުވުމަށްފަހު، ކުރިމަތިވާން ހުރި ކަންތައްތައް، ހިތުގައި އެއްވެސް ޝައްކުކަމަކާ ނުލައި، ޔަގީންކަމާއެކު، ގަބޫލު ނުކުރެވޭތީ އެވެ. ނުވަތަ އެކަން ހަނދާނުގައި ނުބެހެއްޓޭތީއެވެ. އެކަމުގެ ހޯޝް، ހޭވެރިކަން، (ކޮންޝަސްނަސް) ހިތުގައި ނޯންނާތީއެވެ. ދުނިޔޭގައި ލިބޭ ހިއްސީ ބައެއް އުފާތައް، ލޮލަށް ފެންނަ ރީތި މަންޒަރުތަކާއި، ކަންފަތަށް އިވޭ ހިތްގައިމު އަޑުތަކާއި، ދުލުން އިހުސާސުކުރެވޭ މީރު ރަހަތަކާ، ޖިންސީ ލައްޒަތުގެ އަރާމުތައް ހޯދައި ލިބިގަތުމަކީ، ދުނިޔޭގެ ހަޔާތުގައިއޮތް އެންމެ މޮޅު ކަންތައް ކަމަށް ދެކި، މިކަންކަން ހޯދުމުގައި މަޝްޣޫލުވެ އަވަދި ނެތި އުޅެން ހަދައިގެންނެވެ. މިއުފާތައް ލިބިގަތުމަށްޓަކާ، މުދަލާއި ފައިސާ، ބާރާއި ނުފޫޒު ހޯދައި، ވީހާ ގިނައިން އެއްކޮށް އުޅުމަކީ، ހަޔާތުގެ ހަމައެކަނި މަގުސަދުކަމަށް ހެދިފައިވާތީ އެވެ. ނަމަވެސް، ހަގީގަތުގައި ކަންހުރީ ކަލޭމެން ތިދެކޭ ގޮތަކަށް ނޫނެވެ. އަދި، ލަސްތަކެއް ނުވެ، ކަލޭމެންނަށް، އެކަން އެނގޭނެ އެވެ. އަދި ހަގީގަތުގައި ކަންހުރީ ކަލޭމެން ތިޔަ ހީކުރާގޮތަށް ނޫންކަން، ކަލޭމެންނަށް، ޔަގީން ކުރެވޭގޮތަށް، އެނގޭނަމަ، ތިޔަގޮތަކަށް ނޫޅުނީހެވެ. ޔަގީނެވެ. ކަލޭމެންނަށް ފެންނާނެއެވެ. އަދި ޔަގީން ކުރެވޭ ގޮތެއްގައި، ލޮލަށް އެނަރަކަ ފެންނާނެއެވެ. އަދި މިކަންތައްތައް ފެންނަ ދުވަހު، ﷲ ސުބްޙާނަހޫ ވަތަޢާލާ، ދުނިޔޭގައި ކަލޭމެންނަށް ދެއްވި، ނިޢުމަތްތަކުގެ ބޭނުން ހިފިގޮތާ މެދު ސުވާލު ކުރެވޭނެއެވެ.
ސޫރަތުގެ މެސެޖަކީ، ރިސާލަތަކީ، ބުނެދޭ ވާހަކައަކީ ކޮބާ ހެއްޔެވެ؟ ފަހަރެއްގައި ވެސް، މަސައްކަތްކޮށް މުދާ ހޯދައި ފައިސާވެރި ވުމަށް އިންކާރެއް ނުކުރެއެވެ. އެއީ ހަމަ ކުރުން އެންމެ ރަނގަޅުކަމެކެވެ. ނަމަވެސް، ސޫރަތުގައި އިންކާރު ކުރެވިފައިވަނީ މުދަލާއި ފައިސާ ހޯދުމަކީ ހަމައެކަނި ދުނިޔަވީ ހަޔާތުގެ މަގުސަދުކަމަށް ހަދާލުމަށެވެ. މުދަލާއި ފައިސާ ހޯދުމުގެ މަސައްކަތް ކުރަން ޖެހޭނީ ދުނިޔެއަކީ ހަމައެކަނި އުޅެން އޮތްތަން ކަމުގައި ނުބަލައި އުޚުރަވީ ހަޔާތެއް ހަޔާތެއް ވެސް އޮތްކަން ހަނދާން ނައްތާ ނުލައެވެ. އަދި، އެކަން ކުރަން ޖެހެނީ އަޚުލާގީ އިމެއްގެ ތެރޭގައި ކަމެވެ. ވައްކަމާއި ފޭރުން، އޮޅުވާލުމާއި ލަނޑުދީގެން މުދަލާއި ފައިސާ ހޯދުމަކީ މި ބުނާ އަޚުލާގީ އިމުން ބޭރުގައިވާ ކަންކަމެވެ. އެހެންވެ، އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަންކަމެއް ނޫނެވެ. މީގެ އިތުރުން، ތިމާގެ މުދަލާއި ފައިސާގައި ފަގީރުންނާއި ނިކަމެތިންނަށް ވެސް ހައްގެއްވާކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އާދެ، ތަކާޘުރު ސޫރަތުގެ މައިގަނޑު ރިސާލަތަކީ މިއެވެ.




advertisment