Support Us

ޕީ.ޖީ ހުސެއިން ޝަމީމު (ކ) އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު

ޝަރީއަތުގައި ޢަލީ ވަޙީދު ބައިވެރިވެފައި ވަނީ ކޮން ތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ: ޕީ.ޖީ

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ޢަލީ ވަޙީދު އިއްޔެ ބައިވެރިވެވަޑައިގެންފައި ވަނީ ކޮން ތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި، ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާ އާއި، ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާ އާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާއާ ގުޅޭ "ސިއްރު" އަޑުއެހުމުގައި ޢަލީ ވަޙީދު ބައިވެރިވެފައި ވަނީ ކޮން ތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީޢަތުގައި ބައިވެރިވާ ކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިޢުތިރާޟުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީޢަތާ ސުވާލު ކުރިމަތިކުރުވި ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަލީ ވަހީދުގެ މައްސަލައިގައި އިއްޔެ ކޯޓުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވީ ޕީ.ޖީ ހުސެއިން ޝަމީމެވެ.

"ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫނެވެ. އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން އިޢުތިރާޟުކުރީމެވެ. ޖަވާބުގައި މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވިދާޅުވެފައިވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށެވެ. ޝަރީޢަތުން ނިންމަވާ ނިންމެވުންތައް މައްސަލާގައި ހިމެނޭ ދެ ފަރާތާ ލިޔުމުން ޙިއްޞާކުރަންޖެހެއެވެ. އެހެންކަމުން މިކަމުގައި ޝަރީޢަތުން ގޮތެއް ނިންމަވާފައިވާ ކަމަށް ވިދާޅުވާތީ، އެ ނިންމެވުން ލިޔުމުން ދައުލަތާ ޙިއްޞާކޮށްދިނުމަށް ދެންނެވީމެވެ. ނަމަވެސް އެ ނިންމެވުން ކޯޓުން މި އޮފީހާ ޙިއްޞާކޮށްފައެއް ނުވެއެވެ. މި ނިންމެވުން ނިންމަވާފައި ވަނީ، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލުގެ ލަފާ ލިޔުމުން ލިބިގެން ކަމަށް ޤާޟީ ޙަސަން ސަޢީދު ވިދާޅުވިއެވެ. ނަމަވެސް، ޤާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި، އަދި އެކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ، އިސް ޤާޟީ އަޙްމަދު ޝަކީލަށް ކުރެއްވޭނެ ކަމެއް ކަމަށް ނުފެންނާތީ، އެ ވިދާޅުވާ ލަފާފުޅުވެސް ލިޔުމުން ޙިއްޞާ ކޮށްދެއްވުމަށް އެދުނީމެވެ. އަދިވެސް އެލިޔުމެއް ނުލިބެއެވެ." ތިން ސަފުހާގެ އެ ބަޔާނުގައިވެއެވެ.

"މި ޝަރީޢަތް ކުރިއަށްގެންދެވޭނެ ކަމަށް ޤާޟީ ޙަސަން ސަޢީދު ނިންމެވުމާއެކު، މައްސަލައިގެ "އިބްތިދާއީ އަޑުއެހުން" ކުރިއަށްގެންދެވުނެވެ. މި މައްސަލައާ ގުޅިގެން 09 ފެބްރުވަރީ 2021 ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި، ދެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ވާނަމަ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ފަރާތުން ހުށަހަޅަން ހުރި ހުށަހެޅުންތައް ހުށަހަޅާފައިވާނެއެވެ. ނަމަވެސް 21 ޖޫން 2021 ދުވަހުގެ އަޑުއެހުމާ ހަމައަށްވެސް ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅުއްވާފައިނުވެއެވެ. އަދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދެއްވުމަށް ޢަލީ ވަޙީދުގެ ފަރާތުން އެދިފައިވެއެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ޝަރީއަތުން ދީފައިވާ މުއްދަތު ފާއިތުވިތާ ތިން މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން 10 ޖޫން 2021 ދުވަހު ހުށަހެޅުން ކޯޓަށް ފޮނުވާފައިވާ ކަމަށް ޢަލީ ވަޙީދުގެ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް، 10 ޖޫން 2021 ދުވަހު ހުށަހެޅި ކަމަށް ބުނި ހުށަހެޅުންވެސް ލިބިފައިނުވާ ކަމަށް ޤާޟީ ޙަސަން ސަޢީދު ޝަރީއަތުގައި ވިދާޅުވިއެވެ."

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 117 ވަނަ މާއްދާގެ (ނ) ގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ކޯޓުން ކަނޑައަޅާ މުއްދަތު ފާއިތުވުމަށްފަހު އެކަމަށް އިތުރު ފުރުޞަތެއް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ޢަލީ ވަޙީދަށް ލިބިދިން މި ފުރުޞަތު މަޤްބޫލު އުޒުރެއްނެތި ދޫކޮށްލާފައިވާތީ، ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން މި ފުރުޞަތު އިތުރަށް ލިބިނުދެވޭނެތީ، ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުޞަތު ދިނުމަށް ދައުލަތުން އިޢުތިރާޟުކުރި ކަމަށެވެ. ނަމަވެސް ޢަލީ ވަޙީދަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް މައްސަލަ ބައްލަވާ ޤާޟީ ނިންމަވާފައިވާ ކަމަށެވެ.

"ޢަލީ ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުތަކާ ގުޅިގެން ޤާޟީ ޙަސަން ސަޢީދު ނިންމެވި ބައެއް ނިންމެވުންތައް ލިޔުމުން މި އޮފީހާ ޙިއްޞާކޮށްދިނުމަށް އެދުނު ނަމަވެސް ޤާޟީ ޙަސަން ސަޢީދު އެ ލިޔުންތައް މި އޮފީހަށް ދީފައިނުވެއެވެ. އަދި ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހެޅި ކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތަކާއި، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތުގައި ބައިވެރިވުމުގެ ހުއްދައަށް އެދި ހުށަހެޅި ކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތައް ޙިއްޞާކޮށްދިނުމަށް އެދުމުން، މިހާތަނަށް އެ ލިޔުންތައްވެސް، ޤާޟީ ޙަސަން ސަޢީދު މި އޮފީހާ ޙިއްޞާކޮށްފައެއް ނުވެއެވެ." ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައި ވެއެވެ.

"ކޮވިޑުގެ ޙާލަތާ ގުޅިގެން ޝަރީޢަތް ކުރުމާ ގުޅޭ ޚާއްޞަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ހިންގުން ހުއްދަކުރާ 12 ޙާލަތެއް އޮވެއެވެ. އެއިން އެއްވެސް ޙާލަތަކަށް، ޢަލީ ވަޙީދުގެ ޙާލަތު ނުފެތޭތީ، މި ޝަރީޢަތަކީ މިގޮތަށް ހިންގޭނެ ޝަރީޢަތެއް ކަމަށް ދައުލަތުން ނުދެކޭތީ، އެ ނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދުކުރަމެވެ. އިސްތިއުނާފު ކުރުމުގެ ކަންތައް އެއްކޮށް ނިންމޭނީ، އެނިންމެވުމާ ބެހޭ ލިޔުންތައް ޤާޟީ ޙަސަން ސަޢީދު، މި އޮފީހަށް ފޮނުއްވައި ދެއްވުމުންނެވެ."

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މި ބަޔާނާ ގުޅިގެން ކްރިމިނަލް ކޯޓުން ވެސް އަދި އަލީ ވަހީދުވެސް އަދި މިހާތަނަށް އެއްޗެއް ވިދާޅެއްނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް