ހީލަތުގެ ބާޒާރުގެ މުދާ އަބަދަކު އަގެއް ނާރާނެޔޭ
ނީލަންކިޔަސް އެ މުދާ އިނގޭ ނުވިކޭ ދުވަސް އަންނާނެޔޭ
ނަފުރަތުގެ މުޑުވައްކޮށް އުޅޭ ދަނޑަކުން ލިބޭ މޭވާޔަކުން
ނަފުސާއި ރޫޙަށް ރާޙަތެއް ކެޔަކަސް އެއިން ނުކުރާނެޔޭ
އޮޅުވާލުމުގެ އެކިއެކި މުބާރާތުން ލިބޭ ރަން ވަނަތަކުން
ކޮޅުކެހި ލިބުންނޫން އެއްގޮތެއް ޢަމުދުން ނުވެސް އޮންނާނެޔޭ
އިޔަހޫދި ގިރިޓީ ދަޅަތަކުން ހިނދުކޮޅަކު ލޯތައް މެރުނަކަސް
ތިޔަ ހީކުރާހައި ގިނަ އިރަކު އޮފު ނުކެނޑި ހުރެ ނުވިދާނެޔޭ
މަކަރުގެ ގަހެއް ހެދި ބޮޑުވެގެން އަތްގުޅި ނުކާވަރު ފަލަވިޔަސް
ވަކަރަށް ޖަހާލީމާ އެއީ ޅޮސް ކަން ލޮލަށް ފެންނާނެޔޭ
ޙަސަދައިގެ ކިއްލާ އުސްވެފައި ކުރިބޯށިތައް ހުރި ގިނަވިޔަސް
މަސަލަސްކަމުގެ ފަންޖިފުޓި ވެސް މާ ހިތް އުފާވެރި ވާނެޔޭ
ކިބުރުގެ ކެހެރި ފޭރާމުގައި ނަލަ ހެދި ނިކަން ޒީނަތްވެގެން
ޢިބްރަތުގެ ދަރުބާރަށް ވަނަސް ފޭރާމަކަށް ނުބަލާނެޔޭ
ދޮގުވެރިކަމީ އައްޑަނައަކަށް ދެކިގެން އުޅޭ މީހާގެ މޭ
ވަގުތާއެކީ ތެދުވެރިކަމުގެ ނޭޒާގެ ތުނޑު ތޮރުފާނެޔޭ