ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމަކީ ރާއްޖޭގެ ބޯހިޔާވަހިކަމަށް އަމާޒުކޮށް މިހާތަނަށް އިޢުލާނުކޮށްފައިވާ އެންމެ ލުއިފަސޭހަ ލޯނު ސްކީމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހާރު ކުރިޔަށްގެންދާ ބައެއް މަސައްކަތްތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް މިއަދު މީޑިޔާ ދެއްވަމުން މަބްރޫކް ވަނީ މިހާ ކުޑަ އިންޓަރެސްޓް ރޭޓްގައި މިހާ ފަސޭހައިން ލޯނު ލިބި، ލޯނު ދައްކަން ދިގު މުއްދަތެއް ލިބޭނެ އިންތިޒާމެއް މީގެ ކުރިން ހަމަޖެހިފައި ނެތްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ގެދޮރުވެރިކަން ބިނާކުރުމަށް ފަސޭހައިން ލޯނު ލިބުމަކީ، ސަރުކާރުގެ ޖަޒީރާވަންތަ ދިރިއުޅުމުގެ ސިޔާސަތުގެ ވިސްނުމުގެ ތެރެއިން، މާލެއަށް އެންމެން އެއްފަސްކުރުމުގެ ބަދަލުގައި ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުމަށް ކުރެވޭ ކަމެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. މި ލޯނު ސްކީމުގެ އިތުރު ތަފްޞީލުތަކަށް ބައްލަވާލައްވަމުން މަބްރޫކް ވަނީ ލޯނު ނެގުމުގައި ދެ ފަރާތެއް ބައިވެރި ވެވޭގޮތަށް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ ލޯނަށް ޒިންމާނަގާ ގެރެންޓަރއެއްގެ ގޮތުގައި ދެވަނަ ފަރާތެއް ބައިވެރިވެވޭގޮތް ހެދުންކަން ފާހަގަކުރައްވާފައެވެ.
ނޫސްވެރިންނަށް މަޢޫލޫމާތު ދެއްވަމުން މަބްރޫކް ވަނީ ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގެ ކުލި ކަނޑައެޅުމުގައި ހިސާބުތައް ހަދާފައިވާ ގޮތް އިތުރަށް ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގެ އަގުބޮޑުވެފައި ވަނީ އެ ޕްރޮޖްޓަކީ އެ ޕްރޮޖެކްޓްގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރިއިރުވެސް އަގުބޮޑުކޮށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކަށް ވުމުންކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ މިހާރު އެންމެ ބޮޑަށް ވާހަކަދެކެވޭ ހިޔާ ޕްރޮޖެކްޓްގެ ފިނިޝިންގެ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މަބްރޫކް ވަނީ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީވެސް ޕްރޮޖެކްޓްގެ ސްކޯޕްގައި އެ އެ މަސައްކަތްތައް ނުހިމަނާކަން ހާމަކުރައްވާފައެވެ.
މާލެ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢުތަކަށް ބައްލަވާލައްވަމުން މަބްރޫކް ވަނީ މާލެ ސަރަޙައްދުގައި ތަރައްޤީކުރާ 11000 ހައުސިންގ ތެރެއިން 25-30 އިންސައްތަ ހައުސިންގ ޙާއްޞަކުރެވިގެންދާނީ ކައުންސިލު ހައުސިންއަށްކަން ފާހަގަކުރައްވާފައެވެ.
މި ޕްރެސްކޮންފަރެންސްގައި މަބްރޫކް ވަނީ ކޯވިޑް ފެސިލިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ އޮރެންޖް ހިޔާގެ ފަހުގެ މައުލޫމާތުތަކާއި އަދި މި ނޫންވެސް ސަރުކާރުން މިހާރު ކުރިޔަށްގެންދާ މުހިންމު ބައެއް މަސައްކަތްތަކުގެ މައުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި ޕްރެސްކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވެއެވެ.



advertisment