...

Support Us

ހަކުރު ދިނަސް މިހިފުނީ ކާކުގެ އަތެއްގައިކަން އެނގޭހެއްޔެވެ؟

"ހިންދުތުވާ" ނުވަތަ "ހިންދޫކަން" މިއަންނަނީ އިންޑިއާގެ މުސްލިމުންގެ އިތުރުން ދެކުނު އޭޝިއާގެ ޤައުމުތަކަށް ވެސް ހިޔަނި އަޅަމުންނެވެ. އިންޑިއާގެ މުސްލިމު ރައްޔިތުންނޭ މިދެންނެވީ ކަޝްމީރާއި މަލިކުގެ މުސްލިމް ރައްޔިތުންވެސް ޝާމިލުވާގޮތުންނެވެ. މިއަދު އިންޑިއާގައި ވެރިކަން ކުރަމުންދާ "ބަރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) ނުވަތަ "އިންޑިއާގެ ރައްޔިތުންގެ ޕާޓީ"ގެ ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން، "ހިންދުތުވާ"ގެ އުނދަގޫ މިހާރު މިވަނީ ހައްދުންނެއްޓި، ދެކުނު އޭޝިއާގެ ޤައުމުތަކުގެ ހަމަޖެހުމަށާއި މިނިވަންކަމަށާއި އިސްތިޤުލާލަށް ނުރައްކަލަކަށް ވެފައެވެ. ޚާއްޞަކޮށް، އިންޑިއާ ކަނޑަކީ މިލިޓަރީ ބާރުތަކުގެ ވާދަވެރިކަމެއް ނެތް ޞުލްޙައިގެ ކަނޑަކަށް ހެދުމަށް އދގެ ޢާއްމު މަޖިލީހުން 1971މ. ގައި ފާސްކޮށްފައިވާ ޤަރާރު (ނަމްބަރު 2832) ތަންފީޒުކުރުމަށް އޮތް ހުރަހަކަށް ވެސް ވެފައެވެ. މި ޤަރާރަށް އަދި ފަހުން ބަލައިލާނަމެވެ.

"ހިންދުތުވާ" ނުވަތަ "ހިންދޫކަން" ސިފަކުރާ އިންޑިއާގެ ލިޔުންތެރިން ސިފަކޮށްފައިވާ ގޮތުގައި، "ހިންދޫ ކަމަކީ" އިންޑިއާގައި މިއަދު ވެރިކަންކުރަމުން އަންނަ ބީ.ޖޭ.ޕީ އާއި "ރަޝްތިރިޔާ ސްވަޔަމްސެވަކް ސަންގު (އާރު.އެސް.އެސް.) ނުވަތަ "ޤައުމީ ވޮލަންޓިޔަރުންގެ ކޯ" ގެ "ސިޔާސީ ޢަޤީދާ" ނުވަތަ "ސިޔާސީ ނަޡަރިއްޔާއެވެ. ބީ.ޖޭ.ޕީން ސިފަކުރާ ގޮތުގައި، "ހިންދޫ ކަމަކީ" އެޕާޓީ އިން އާލާކޮށް، ދިރުވައި، ދަމަހައްޓަން ބޭނުންވާ "ޘަޤާފީ ޤައުމިއްޔަތެވެ. މި ޘަޤާފީ ޤައުމިއްޔަތު އާލާކޮށް، ދިރުވައި، ދެމެހެއްޓުމުގައި ބީ.ޖޭ.ޕީ. އާއި އާރު.އެސް.އެސް. އަކީ އެއްބަޔަކު އަނެއް ބަޔަކަށް އިންތިހާއަށް ބަރޯސާވެފައިވާ ދެ ޖަމާޢަތެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއްފައިސާ ފޮތީގެ ދެފުށެވެ.

"ހިންދޫ" އާއި "ހިންދުތުވާ"ގެ ތަފާތަކީ ކޮބައިކަން ސިފަކުރާ ލިޔުންތެރިން ބަޔާންކުރާ ގޮތުގައި، ބީޖޭޕީގެ ވެރިކަމުގައި، "ހިންދުތުވާ" ވެފައިވަނީ ހިންދޫންގެ "ނަހަލާލު ދަރިއަކަށެވެ." އެހެން ލިޔުންތެރިން ސިފަކުރާ ގޮތުގައި "ހިންދޫ" އާއި "ހިންދުތުވާ"އާ އޮންނަ ގުޅުމަކީ ޔަހޫދީންނާއި ޒަޔަނިސްޓުންނާ ދެމެދު އޮންނަ، ނުވަތަ ނަޞޯރާއިން (Christian Zionism)" އާ ދެމެދު އޮންނަ ފަދަ ގުޅުމެކެވެ. ކުރުކޮށް ދަންނަވާނަމަ، "ހިންދުތުވާ" އާއި ޔަހޫދީ ޒަޔަނިޒަމް އާއި މަސީޙީ ޒަަޔަނިޒަމް އަކީ ހައްދުފަހަނައަޅާފައިވާ ޢަޤީދާތަކެކެވެ. ޞުލްޙައަށް އެޅިފައި އޮތް ހުރަހެކެވެ.

އޭޝިއާ ބައްރުގެ ޤައުމުތަކަށް ކުރިމަތިވެގެން މި އެޅެނީ މިދެންނެވި "ހިންދުތުވާ"ގެ ނޮހޮރުއްޕާނެވެ. މެދު އިރުމައްޗަށް ޔަހޫދީ ޒަޔަނިޒަމްގެ ނޮހޮރުއްޕާނެވެ. މި ދެ ޢަޤީދާގެ އަހުލުވެރިންނަށް (ހިންދުތުވާގެ ހަރުކަށި ފިކުރު ފަތުރަމުން މިދާ ބީޖޭޕީ އަށާއި، ޒަޔަނިޒަމްގެ ހަރުކަށި ފިކުރު ދަމަހަައްޓަމުން ގެންދާާ ލިކުޑް ޕާޓީ) އަށް މާލީ، ސިޔާސީ އަދި އަޚްލާޤީ ޙިމާޔަތް ދެމުންދަނީ އެމެރިކާ އާއި ޔޫރަޕްގެ މަސީޙީ ޒަޔަނިސްޓުންނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި، ފަލަސްޠީނުގައި ޔަހޫދީން ވަޒަންވެރި ނުކުރެވޭހާ ހިނދަކު، އެމީހުން އިންތިޒާރުކޮށްގެން ތިބި "މަސީޙް" ދުނިޔެއަކަށް ވަޑައެއްނުގަންނަވާނެއެވެ. އެހެން ކަމުން، ހުރިހާ މާނައެއްގައި، ޔަހޫދީން ފަލަސްޠީނުގައި ވަޒަންވެރި ކުރުވުމަށް މަގުފަހިކޮށްދިނުމަކީ އެމީހުންގެ ދީނީ ވާޖިބެކެވެ.

ހިންދުތުވާ ފަތުރަމުންދާ މީހުންވެސް ޤަބޫލުކުރާ ގޮތުގައި، އިންޑިއާގެ ބިން "ސާފުވާނީ" އެހެން ދީންތަކުގެ މީހުން އިންޑިއާގެ ބިމުން ބޭރުކޮށްގެންނެވެ. މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ ތެރޭގައި، ބީޖޭޕީ އިން ވަނީ މުސްލިމުންނާ ދެކޮޅަށް ދެ ބިލެއް ފާސްކޮށްފައެވެ. ކުރިންވެސް އިޝާރާތްކޮށްފައިވާ ފަދައިން، މި ދެ ބިލުންކުރެ އެއް ބިލަކީ އިންޑިއާ އިން ހިފާފައިވާ ޖައްމޫ- ކަޝްމީރަށް އިންޑިއާގެ ޤާނޫނު އަސާސީގެ 370 ވަނަ މާއްދާ އިން ދީފައި އޮތް ޚާއްޞަ އިމްތިޔާޒުތައް ބާޠިލުކުރުމުގެ ބިލެވެ. މި ބިލް ފާސްކޮށްފައިވަނީ 05 އޯގަސްޓް 2019 ގައެވެ. މީގެ ފަހުން 11 ޑިސެމްބަރު 2019 ގައި ބީޖޭޕީ އިން ވަނީ އިންޑިއާގެ ރައްޔިތުކަމާ ބެހޭ 64 އަހަރުވެފައިވާ ޤާނޫނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، އެތައް ލައްކަ މުސްލިމުންނެއްގެ ރައްޔިތުކަން ނިގުޅައިގެންފައެވެ.

ނަސްލީ އިމްތިޔާޒަކީ ހިންދީން ޤަބޫލުކުރާ ނިޡާމުގެ އެއް އަސާސެވެ. މި ނިޡާމުގައި އިންސާނުން ބެހިގެންވަނީ މައިގަނޑު ފަސް ގިންތިއަކަށެވެ. އެއް ގިންތިއަކީ "ބްރަހްމިނުން"ނެވެ. މި ގިންތީގެ މީހުންނަކީ އެމީހުން ޤަބޫލުކުރާ "ކަލާނގެ" ބޮލުން އުފެއްދެވި މީހުންނެވެ. މިއީ އެންމެ މާތް ގިންތިއެވެ. މި ގިންތީގެ މީހުންނަށް ނޫނީ ދީނީ، ޢިލްމީ، ފަންނީ މީހުންނަކަށް ނުވެވޭނެއެވެ. ދެވަނަ ގިންތިއަކީ "ކަށަތުރިޔާސް" އެވެ. މި ގިންތީގައި ހިމެނެނީ "ކަލާނގެ" މަތިހަށިން އުފެއްދެވި މީހުންނެވެ. މިއީ ދެވަނަ ދަރަޖައިގެ މީހުންނެވެ. މި ދަރަޖައިގެ މީހުންނަކީ ވެރިންނާއި  ހަނގުރާމަވެރިންނެވެ. ތިންވަނަ ދަރަޖައިގެ މީހުންނަކީ ފައިންޕުޅުން އުފެއްދެވި މީހުންނެވެ. މި ދަރަޖައިގެ މީހުންނަކީ "ވައިޝިއާސް" އިންނެވެ. މި ދަރަޖައިގެ މީހުންގެ ތެރޭގައި ހިމެނެނީ ވިޔަފާރިވެރިންނާއި ސައުދާގަރުންނާއި ދަނޑުވެރިންނެވެ. ހަތަރު ވަނަ ދަރަޖައަކީ ފައިތިލަޕުޅުން އުފެއްދެވި މީހުންނެވެ. މިއީ "ޝުދުރާސް"އިންނެވެ. މިއީ މަސައްކަތު މީހުންނެވެ. މިއިން ގިންތިއެއްގައި ލައްްވާނުލާ މީހުންނަކީ އިންސާނުންގެ ދަރަޖަ ލިބިގެންވާ ބައެއް ނޫނެވެ. އެމީހުންގެ އިންސާނީ ޤަދަރެއް، ކަރާމަތެއް، އަސާސީ ޙައްްޤެއް ނޯވެއެވެ. މި ގިންތީގައި ހިމެނެނީ "ދަލީތުން"ނެވެ. މި މީހުންނަކީ އިސްވެ މި ދެންނެވި ހަތަރު ގިންތީގެ މީހުންގެ ޚިދުމަތުގައި ލެއްވި މީހުންނެވެ. އެމީހުންނަށް ކުރެވޭނީ މަގުމަތި ކުނިކެހުމާއި، ކުރިން މިދެންނެވި ހަތަރު ގިންތީގައި ހިމެނޭ މީހުންގެ ގެދޮރުން ނަޖިސް ކަހާ އުކުމެވެ. އެމީހުން އިށީންނަ ތާކު އެހެން ގިންތިއެއްގެ މީހަކު ނީށީންނާނެއެވެ. އެމީހުން އަތްލި އެއްޗެއްގައި އެހެން ގިންތިއެއްގެ މީހަކު އަތެއް ނުލާނެއެވެ. މިހެން އަދި ދަންނަވާލުމަކުން، މިމީހުން އުޅޭ ނިކަމެތި ޙާލު އިޙްސާސްކޮށްލަންވެސް ނޭނގޭނެއެވެ. އެކަން އިޙްސާސްކުރެވޭނީ އެމީހުންގެ އެ ނިކަމެތި ދިރިއުޅުން ފެނުނު މީހަކަށެެވެ.

އަހުރެން، 1999ގައި، އިންޑިއާ އަށް ކުރި ރަސްމީ ދަތުރެއްގައި ދަލީތުންގެ ދަރިން ގެންގުޅޭ ބޯޑިންގއަކަށް ޒިޔާރްކުރުމުގެ ފުރުސަތު ލިބުނެވެ. އެއީ ހިލޭސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމާޢަތަކުން ހިންގަމުންދިޔަ ބޯޑިންގއެކެވެ. އެ ޒިޔާރަތުގައި އެ ކުދިންނާ ސިދާސީދާ ވާހަކަ ދައްކާލުމުގެ ފުރުޞަތުވެސް ލިބުނެވެ. އެކުދިންގެ ވާހަކަތަކަކީ މީހެއްގެ ހިތްފަޅައިގެންދާ ވަރުގެ ވާހަކަތަކެކެވެ. މިދެންނެވި ޖަމާޢަތުން މަސައްކަތް ކުރަމުންދަނީ، މި ދެންނެވި ނަސްލީ އިމްތިޔާޒުގެ ޝިކާރައަކަށްވެފައި ތިބި ދަލީތުންގެ ދަރިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީ، އެކުދިންގެ މައިންބަފައިން ކުރަމުންދާ ހަޑިމުޑުދާރު މަސައްކަތުން އެކުދިން މިންޖުކުރުމަށެވެ. އެ ކުދިންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށެވެ.

މިދެންނެވި ފަދަ ނާތަހުޒީބު ނިޡާމެއް ގެންގުޅޭ ޤައުމެއްގެ ވެރިން، އެހެން މީހުންނާމެދު އިހާނެތިކޮށް ހިތުމަކީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް، މިއީ، މި ތަހުޒީބީ ދުނިޔޭގައި، ހަމަޔާއި އިންޞާފަށް ލޯބިކުރާ އެއްވެސް ޤައުމަކުން، އަދި އެއްވެސް ބަޔަކު ބަލައިގަނެގެންވާނެ ނިޡާމެއް ނޫނެވެ. އަހަރެމެން އިންޑިއާ އަށް ނޫނެކޭ ބުނަންޖެހެނީ މިފަދަ އެތައް ސަބަބާ ހުރެއެވެ.

ޑރ. ސުބްރަމާނިއަމް ސްވާމީ އަކީ އިންޑިއާގެ މަތިގެއަށް ޢައްޔަނުކޮށްފައި ހުރި، ބީޖޭޕީ އަށް ނިސްބަތްވާ ހަރުކަށިފިކުރުގެ މެމްބަރެކެވެ. ބީޖޭޕީގެ ތެރޭގައި އެންމެ ގަދައަށް ބަސްވިކޭ އެއް ބޭފުޅެކެވެ. ނަސްލީ އިމްތިޔާޒުގެ ސިޔާސަތަށް ފާޅުގައި ތާއީދުކުރައްވާ، އެކަމަށް ވަކާލާތުކުރައްވާ ބޭފުޅެެކެވެ. ރައީސް މުޙައްމަދު ނަޝީދުގެ ގާތް އެކުވެރިއެއްވެސް މެއެވެ. ޑރ. ސްވާމީ އަކީ އިންޑިއާގެ ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ބޮޑުވަޒީރަކަށް ނުވެ ހުރި ބޮޑުވަޒީރެކެވެ. މާލީ ވަޒީރަކަށް ނުވެހުރި މާލީ ވަޒީރެކެވެ. ދާދިފަހުން، ޑރ. ސްވާމީއާ ނޫސްވެރިއަކު ބައްދަލުކޮށް، އިންޑިއާގެ ޤާނޫނަށް ގެނައި ބަދަލުތަކާ ބެހޭގޮތުން ސުވާލުކުރިއެވެ.

 

 

ނޫސްވެރިޔާ: 11 ޑިސެމްބަރު 2019 ގައި ރައްޔިތުކަމާ ބެހޭ ޤާނޫނަށް (ސިޓިޒަންޝިޕް ޤާނޫނަށް) ގެނައި ބަދަލާ ބެހޭގޮތުން ވިދާޅުވާނީ ކީކޭ ތޯއެވެ؟

ސުބްރަމާނިއަމް: އަހަރެމެން (ބީޖޭޕީ ސަރުކާރުން) މި ކުރިހާވެސް ކަމަކީ ޢަމަލީ ގޮތުން ތަންފީޒުކުރީއެވެ. ހަނދާން ހުންނާނެ ފަދައިން، މިއީ އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ޙަވާލުވެ ވަޑައިގެން، ޓެލްއަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރެއްވުމަށް ނިންމެވި ޤަރާރުގައި ސޮއިކުރެއްވުމަށްފަހު ވިދާޅުވި ބަސްފުޅުގެ ތަކުރާރެކެވެ. މި ބިލާމެދު، މުޅި އިންޑިއާ އޮތީ ބީޖޭޕީއާ އެކުގައެވެ. އިންޑިއާގެ ގިނަ ރައްޔިތުންނަކީ، މިހެން ހުރި ކަންކަން ޙައްލުކުރުމަށް އަހަރެމެން (ބީޖޭޕީ އިން) ގެންގުޅޭ ހަރުކަށި ސިޔާސަތަށް ތާއީދުކުރާ މީހުންނެވެ.

(ސުބްރަމާނިއަމް މިހެން ވިދާޅުވި ނަމަވެސް، މި ޤާނޫނަށް ބީޖޭޕީން ހުށަހެޅި އިޞްލާހު، މަޖިލީހުގެ މަތިގެ އިން ފާސްވީ، 125 ވޯޓުންނެވެ. މި ބިލާއި ދެކޮޅަށް 105 މެމްބަރަކު ވޯޓް ދީފައިވާކަން ހަނދާންކޮށްލަން ޖެހެއެވެ).

ނޫސްވެރިޔާ: އދ ދެކޭ ގޮތުގައި، މި ބިލަކީ (ރައްޔިތުކަން ދިނުމުގައި، ބައެއްގެ ޢަޤީދާއަށް ބިނާކޮށް) ތަފާތުކުރުންތަކެއް ގެނެސްފައިވާ ބިލެކެވެ. މި ބިލުގައި މުސްލިމުން ފިޔަވައި އެހެން ހުރިހާ ދީންތަކެއްގެ އަހުލުވެރިންނަށް ރައްޔިތުކަން ދިނުމަށް ހުޅުފާލާފައި އޮތުމުން، އިންޑިއާ އަކީ ޢަލްމާނީ (ސެކިއުލަރ) ޑިމޮކްރެޓިކް ޤައުމެއް ކަމަށް ކުރަމުން އައި ދަޢުވާގެ އަސާސް ގުޑައިގެން ނުދޭތޯއެވެ؟

ސުބްރަމާނިއަމް: ތިކަމަކުން ޤާނޫނުގެ މަސްއަލައެއް އޮތެކޭ ނުބުނެވޭނެއެވެ. އަހަރެމެން މި ފުރިހަމަކުރީ އެތައް އަހަރަކުއްސުރެ، އެތައް ސަރުކާރަކުން ކުރަން އުޅެ ނުކުރެވިފައި އޮތް ކަމެކެވެ. މުސްލިމުންގެ ބޮޑު އާބާދީއެއް އޮތް ކޮންމެ ތަނެއްގައި، އަބަދުވެސް މަސްއަލަތައް އުޅޭކަން އަހަރެމެނަށް އެނގެއެވެ. އެކަން އެހެން ވަނީ އިސްލާމް ދީނުގެ نظریہ ހަމަނުޖެހުމަށް ގޮވާލާތީއެވެ.

ނޫސްވެރިޔާ: އިންޑިއާގައި 200 މިލިއަން މުސްލިމުންގެ އާބާދީއެއް އެބަ އޮތެވެ. އިންޑިއާގެ މުސްލިމް އާބާދީއަކީ މުޅި ދުނިޔޭގައި ވެސް އޮތް، ދެވަނަ އަށް އޮތް އެންމެ ބޮޑު އާބާދީއެވެ. މި ޙަޤީޤަތާ އެކުވެސް ތިޔަ ވިދާޅުވަނީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮތް ތަނެއްގައި ބޮޑެެތި ހަމަނުޖެހުންތައް އޮންނަ ކަމަށްތޯއެވެ؟

ސުބްރަމާނިއަމް: އެތަނެއްގައި މުސްލިމުންގެ އާބާދީ 30 އިންސައްތައަށްވުރެ ބޮޑުވެއްޖެ ނަމަ، އެ ޤައުމެއް އެވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. (ސުބްރަމާނިއަމް މިހެން ވިދާޅުވިއިރު، އެންމެ ފަހުން (2011މ. ވަނަ އަހަރު) އިންޑިއާގައި ނެގި ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިންޑިއާގެ އާބާދީގެ 79.8 އިންސައްތައަކީ ހިންދޫންނެވެ. މުސްލިމުންނަކީ އާބާދީގެ އެންމެ 14.2 އިންސައްތައެވެ.)

ނޫސްވެރިޔާ: ތިޔަ ވިދާޅުވި އެއްޗެއްގެ އަޑަކީ ނަފުރަތު އުފެއްދުން ނޫން ދެން އެހެން ކޮން އަޑެއްތޯއެވެ؟

ސުބްރަމާނިއަމް: އެއީ ނަފުރަތު އުފެއްދުން ކަމުގައި ބުނެލަން ފަސޭހަ ވެދާނެއެވެ. އެހެން ނަމަވެސް، މުސްލިމުން މި ޤައުމަށް އަޔަނުދިނުމަށް މިކުރާ މަސައްކަތަކީ އެމީހުންނަށް ހެޔޮ އެދިގެން އަހަރެން ކުރާ މަސައްކަތެކެވެ.

ނޫސްވެރިޔާ: އިންޑިއާގެ ޤާނޫނުއަސާސީގެ 14 ވަނަ މާއްދާއިން، އިންޑިއާގައި ދިރިއުޅެމުންދާ ކޮންމެ ރައްޔިތަކަށް ހަމަހަމަ ކަން ޔަޤީކޮށްދެއެވެ.

ސުބްރަމާނިއަމް: ޤާނޫނުއަސާސީގެ 14 ވަނަ މާއްދާ ތިޔަ މާނަކުރަނީ ރަނގަޅަކަށް ނޫނެވެ. އެ މާއްދާއިން ޔަޤީންކޮށްދެނީ ހަމަހަމަ ބައެއްގެ މެދުގައި ހަމަހަމަކަން އޮންނާނެކަމެވެ. އަހަރެން މިޘާލެއް ދީފާނަމެވެ… (ސުބްރަމާނިއަމްގެ ވާހަކަފުޅު މެދުކަނޑާލުމަށްފަހު)

ނޫސްވެރިޔާ: ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ނޫންތޯއެެވެ؟

ސުބްރަމާނިއަމް: ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ނޫނެވެ.

ނޫސްވެރިޔާ: ތިޔަ ވިދާޅުވަނީ، ރައްޔިތުކަމަށް އެދި ހުށަހެޅުމުގައި މުސްލިމުންނަށް ހަމަހަމަ ފުރުޞަތު ލިބިގެންނުވާ ވާހަކަ ތޯއެވެެ؟

ސުބްރަމާނިއަމް: ތިޔައީ އުފެދޭ ސުވާލެއްވެސް ނޫނެވެ. އެ މީހުންނަކީ (މުސްލިމުންނަކީ) އަހަރެމެންނާ އެއް ގިންތިއެއްގެ ބައެއް ނޫނެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

ކޮންމެއަކަސް، 31 އޮކްޓޯބަރު 1947ގައި ޕާކިސްތާނުގެ ބޮޑުވަޒީރު ލިއާޤަތު ޢަލީ ޚާނަށް ޖަވާހަރުލާލް ނެހުރޫ ވެވަޑައިގެންވި ވަޢުދާއި، ދެއްވި ޔަޤީންކަމާއި، 02 ނޮވެމްބަރު 1947ގައި ކަޝްމީރުގެ ރައްޔިތުންނަށް ޖަވާހަރުލާލު ނެހުރޫ ވެވަޑައިގެންނެވި ވަޢުދާއި ދެއްވި ޔަޤީންކަން ބޮލާލާޖަހައި، ޤާނޫނުއަސާސީގެ 370 ވަނަ މާއްދާއިން ކަޝްމީރަށް ދީފައި އޮތް ޚާއްޞަ އިމްތިޔާޒުވެސް 05 އޯގަސްޓް 2019ގައި މިވަނީ ފޭރިގެންފައެވެ. މިކަމާ ގުޅިގެން ކަޝްމީރުގެ ރައްޔިތުން ކެކި އެރުމުން، އެމީހުންނާ މެދު އިންޑިއާއިން ކަންކުރި އަނިޔާވެރި ލާއިންސާނީ ޢަމަލުތަކުގެ ވާހަކަތައް ލިޔެ ކޮޅަކުން ނުލާނެއެވެ. ހަމަ ޔަޤީނުންވެސް، އެ ހަނދާންތައް މުސްލިމުންގެ ހިތްތަކުން ފޮހެވިގެނެއް ނުދާނެއެވެ. ހަމަ މިފަދައިން، މަލިކުގެ ރައްޔިތުންނަށް އިންޑިއާއިން ވީ ވަޢުދުވެސް ވަނީ އުވާލާފައެވެ. މިއަދު މަލިކުގެ ރައްޔިތުންވެސް ސަހަރޯ ހީވެ އެދަނީ އިޙްތިޖާޖުކުރަމުންނެވެ. އަތުގައި ޤުދުރަތީ މުއްސަނދިކަމެއް ނެތުމުން، އެމީހުންގެ ވޭނީ އާދޭސްތައް އަހާނެ ކަންފަތެއް ނެތެވެ. ޝަކުވާ އައިގެން ޓަކިޖަހަންދާނެ ދޮރެއްނެތެވެ. މިކަންކަމުން އެނގިގެންދަނީ، ސުބްރަމާނިއަމް ސްވާމީ މިދެއްކެވި ވާހަކަފުޅުތަކަކީ މަޤްޞަދެއް ނެތި، އަދި އަމާޒެއްނެތި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކެއް ނޫންކަމެވެ. އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއްވެސް ނޫންކަމެވެ. ކޮންމެއަކަސް، މިއަދު މިޤައުމުގެ ސަރުކާރުގެ މަތިފަޑީގައި ތިބި ބޮޑުން، އެންމެ ގާތް، އެންމެ ހެޔޮއެދޭ މީހުންނަކީ އިންޑިއާ ކަމަށް ބުނާ ބުނުމަށް، މުސްލިމެއްގެ ޙައިސިއްޔަތުން، އަދި މިނިވަނެއްގެ ގޮތުގައި ދެމިހުންނަށް ބޭނުންވާ ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތުން އިންޑިއާއިން ރާއްޖެއާ މެދު ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅުހެދެނީ މިފަދަ އެތައް ސަބަބުތަކަކަށް ޓަކައެވެ.

ނަޝީދުގެ މި ނުބައި ނުލަފާ، މަކަރާއި ޙީލަތުން ފުރިގެންވާ ވާހަކަތަކަށް ދިވެހި ރައްޔިތުން ވަރަށް ފުންކޮށް ވިސްނުމަށް އެދެމެވެ. ދިވެހިރާއްޖޭގެ ރައީސްކަން ކޮށްފައިވުމަކީ، އަދި ނަޝީދު ޖަހާހާ ބެރަކަށް ބަޔަކު ނެށުމަކީ، ނަޝީދު ބޭނުންހާ ވާހަކައެއް ދެއްކުމަށް ދީފައޮތް ހުއްދައެއް ނޫނެވެ. މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ވެސް ނޫނެވެ. އެހެނީ، ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލަށް ލޮޅުންއަރާ ފަދަ އެއްވެސް ވާހަކައެއް، މި ފަސްގަނޑުގައި ހުރެ އެއްވެސް ރައްޔިތަކަށް ނުދެއްކޭނެއެވެ.

ދިވެހިޖުމްހޫރިއްޔާގެ ސަރަޙައްދު އެ އޮތީ ޤާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި ކަނޑައަޅާފައެވެ. އައްޑު އަތޮޅަކީ އައްޑުއަތޮޅު ރައްޔިތުންގެ ތަނަކަށް ވާނަމަ، ރާއްޖޭގެ އެހެން ކޮންމެ އަތޮޅަކީވެސް އެ އަތޮޅެއްގައި އުޅޭ މީހުންގެ ތަނަކަށް ވާނެ ނޫންހެއްޔެވެ؟ އައްޑު އަތޮޅު އިސްތިސްނާ ކުރެވެނީ ޤާނޫނުއަސާސީގެ ކޮން މާއްދާއަކުން ހެއްޔެވެ؟ ނުވަތަ ކޮން ޤާނޫނެއްގެ ކޮން މާއްދާއަކުން ހެއްޔެވެ؟

ރާއްޖޭގެ އެއްވެސް ކައުންސިލިކަށް، ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާ ނިންމުމެއް ނުނިންމޭނެ ފަދައިން، އައްޑޫ ސިޓީ ކައުންސިލަކަށްވެސް އެފަދަ ނިންމުމެއް ނުނިންމޭނެއެވެ. އެފަދަ ބާރެއް އެއްވެސް ކައުންސިލަކަށް ދީފައެއް ނެތެވެ. ނަޝީދު ކަހަލަ ބޭފުޅަކު، ބަޔަކު ރުއްސައިގެން ސިޔާސީ ބޭނުމެއް ޙާޞިލްކުރުމަށް ދައްކާހާ ވާހަކައަކީ އެއަށް ޢަމަލުކުރެވޭނެ ކަންކަމެއް ނޫނެވެ.

ބުނެވޭ ގޮތުން ޕޯޗުގީޒުންގެ ދަތުރުވެރިޔާ ވާސްކޮޑަ ގާމާ އިންޑިއާ އަށް ގެންދިޔައީ، 1497މ. ގައި އެފްރިކާގެ އިރުމަތީ ބިތުގައި އޮންނަ މަލިންޑީ ކިޔާރަށަކުން އޭނައާ ދިމާވި އިންޑިއާގެ ވިޔަފާރިވެރިއެކެވެ. އޭގެ ދެ އަހަރުފަހުން 1499ގައި އޭނަ ކަލިކަޓުން ފުރަންޖެހުނީ އެރަށުގެ މުސްލިމުންނާއި އޭނައާ ދެމެދު އުފެދުނު ހަމަނުޖެހުމުގައި، ޕޯޗުގީޒުންގެ އެތައް ބަޔަކު މަރުވެގެން ދިއުމާ ގުޅިގެން، ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލައިގެންނެވެ. އޭގެ ހަތަރު އަހަރު ފަހުން، އަދި ބައެއް ލިޔުންތެރިން ބުނާގޮތުން ދެ އަހަރު ފަހުން ވާސްކޮޑަ ގާމާ އަނެއްކާވެސް ކަލިކަޓަށް ދަތުރުފެށިއެވެ. މިފަހަރު ބޮޑު ފައުޖަކާ އެކުގައެވެ. ކުރިން މަރުވި ޕޯޗުގީޒުންގެ މަރުގެ ބަދަލު ހިފުމަށެވެ. ބާރުގެ ބޭނުންކޮށް ކަލިކަޓްގެ މައްޗަށް އޭނަ ގަދަވެގަތެވެ. އެއަށްފަހު ކަންނަންނޫރުގައި ވިޔަފާރި ކުންފުންޏެއް އުފައްދައި ވިޔަފާރި ފެށިއެވެ. މި ބޯވައިގެ ފައިތައް އެ ހިސާބުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ފަތުރަމުން ގޮސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި، ކަންނަންނޫރާއި ކަލިކަޓާއި ކޮޗިން އަކީ ޕޯޗުގީޒުންގެ ބާރުގެ ދަށުގައި އޮތް، އެމީހުންގެ މުހިއްމު ސެންޓަރުތައް ކަމުގައި ޤާއިމުވެގެން ދިޔައެވެ. ފަހަރަކު ރަށެއް އަތްދަށުލަމުން ގޮސް، އިރުމަތީ ބިތުގެ ބޮޑުބައި އެމީހުންގެ ދަށަށް ގެނެސް، ގޯއާ އަކީ އެމީހުންގެ ވެރިކަން ކުރާ ރަށް ކަމުގައި ހަމަޖެހިގެން ދިޔައެވެ.

މީލާދީ ސަނަތުން 1505މ. ގައި ޕޯޗުގީޒުންގެ ގަވަރުނަރަކު ޢައްޔަނުކުރިއެވެ. އޭނާގެ ސިޔާސަތަކަށް ހެދީ އިންޑިއާ ކަނޑުގެ ކޮންޓްރޯލް ނެގުމެވެ. މިކަމަށް އޭނަ އެކުލަވާލި ސިޔާސަތަށް ކީ ނަމަކީ "ބްލޫ ވޯޓަރ ޕޮލިސީ" ނުވަތަ ނޫ ކަނޑުގެ ސިޔާސަތެވެ." މިއަދު އިންޑިއާ ކަނޑުގެ ކޮންޓްރޯލް ނެގުމަށް އިންޑިއާއިން އެކުލަވާލާފައިވާ "އިންޑިއަން ނޭވީ ޑޮކްޓްރިން" އަށް ވެސް ނަންދީފައި ވަނީ "ކަނޑުތަކުގެ އަމާންކަން ޔަޤީންކުރުން" ކަމުގައި ކަނޑައަޅާފައި އޮތް އޮތުމަކީ އިއްތިފާޤެއް ނޫނެވެ.

ފަރަންސޭސީންނާއި އިނގިރޭސިންވެސް އިންޑިއާ އަށް ދިޔައީ ވިޔަފާރިކުރުމުގެ ނަމުގައެވެ. އިނގިރޭސީންގެ "އީސް އިންޑިއާ ކޮމްޕެނީ" ވެސް މަސައްކަތްކުރަމުން ދިޔައީ ބޯވައެއްހެން އޭގެ ފައިތައް އިންޑިއާގެ ސިޔާސީ ކޮއިލުތަކަށް ބާނަމުންނެވެ. މިކަމަށް މަގުފަހިކުރީ އެއް ރަސްކަލަކާއި އަނެއް ރަސްކަލެއް ޖައްސުވައިގެންނެވެ. ފަހަރަކު ރަސްކަލެއް ބަލިކުރަމުންނެވެ. އެމީހުންގެ މަޞްލަޙަތަށް ޕޯޗުގީޒުންނާއި ފަރަންސޭސީން ހުރަސްއަޅަން ފެށުމުން، ތަނުގެ އަހުލުވެރިންނާއި އެމީހުންނާ ޖައްސުވައި، ފަހަރަކު ބަޔެއް ބަލިކޮށް، މުޅި އިންޑިއާގެ ކޮންޓްރޯލް މި ކުންފުނިން ނެގިއެވެ.

މީލާދީ ސަނަތުން 18 ވަނަ ގަރުނުން ފެށިގެން 19 ވަނަ ގަރުނާ ދެމެދު، މި ކުންފުނިން ކުރީ ވިޔަފާރިއަށްވުރެ ބޮޑަށް އިނގިރޭސީންގެ އިސްތިޢުމާރީ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތެވެ. މީލާދީ ސަނަތުން 1803މ. އަށް ފެށުނު އިރު، މި ކުންފުނީގައި 260،000 މީހުންގެ އަމިއްލަ ލަޝްކަރެއް ޤާއިމުކޮށްފައި އޮތެވެ. މި ކުންފުންޏާ ދެކޮޅަށް 1858މ. ގައި އިންޑިއާގައި ފެށުނު ދެކޮޅުވެރިކަމާ ގުޅިގެން އިނގިރޭސި ސަރުކާރުން އިންޑިއާގެ ދިފާޢީ އަދި އިދާރީ ކޮންޓްރޯލް ނެގިއެވެ. އިނގިރޭސިންގެ ވެރިކަން ނިމުނީ 1947މ. ގައެވެ. ނިންމާލީ އިންޑިއާ ދެބައި ކޮށްލުމަށްފަހުގައެވެ. އެއްބަޔަކީ މިއަދުގެ ޕާކިސްތާނެވެ. އަނެއް ބަޔަކީ މިއަދު ފެންނަން މި އޮތް އިންޑިއާއެވެ.

އިނގިރޭސީންގެ ވެރިކަމާ ދެކޮޅަށް އެންމެ ވަރުގަދައަށް ޖިހާދުކުރީ މުސްލިމުންނެވެ. މީގެ ތެރެއިން އެއް ބޭފުޅަކީ ބަހާދޫރު ޝާހެވެ. އަނެއް ބޭފުޅަކީ ޓިޕޫ ސުލްޠޯނެވެ. ހިންދޫންގެ އެހީގައި އިނގިރޭސީން ގޮސް ބަހާދޫރު ޝާހުގެ ގަނޑުވަރު ވަށާލައި ރަސްގެފާނަށް ދެ ހުށަހެޅުމެއް ހުށަހެޅިއެވެ. ޝަރުޠެއް ނެތި އަމާން ދެއްވުމެވެ. ނޫނީ ހަނގުރާމަކުރެއްވުމެވެ. ބަހާދޫރު ނިންމެވީ އަމާން ދެއްވުމަށެވެ. އަމާން ދެއްވުމުން، ރަސްގެފާނު ހައްޔަރުކޮށް ބަރުމާ (މިއަންމާ) އަށް އަރުވާލިއެވެ. އެތަނުގައި ބިކަ ޙާލުގައި އުޅުއްވައި އަވަހާރަވެ ދިއައީ އެވެ. ދެން އިނިގެރޭސީން ދިމާކުރީ ޓިޕޫ ސުލްޠޯނާއެވެ. ގަނޑުވަރު ވަށާލުމަށްފަހު، ކުރިއެކޭވެސް އެއްފަދައިން ރަސްގެފާނަށް ދެ ހުށަހެޅުމެއް ހުށަހެޅިއެވެ. ޝަރުޠެއް ނެތި އަމާން ދެއްވުމެވެ. ނޫނީ ހަނގުރާމަކުރެއްވުމެވެ. ޓިޕޫ ސުލްޠޯން ނިންމެވީ ހަނގުރާމަ ކުރެއްވުމަށެވެ. ޣައްދާރުވީ ބައެއްގެ ސަބަބުން ހަނގުރާމައިން ބަލިވެ، ޝަހީދުވެ ވަޑައިގަތީއެވެ. ދިވެހި ތާރީޚުގެ ފަތްފުށްތަކުންވެސް ބަހާދޫރު ޝާހުންނާއި ޓިޕޫ ސުލްޠޯނުން ފެންނަން އެބައޮތެވެ. މަދެއްކޮށް ނޫނެވެ.

ނަފްސާނީ ޢިލްމުވެރިން ބުނާ ގޮތުން ކުޑަކުއްޖަކު އެހެން ކުދިން ބުލީ ކުރާނަމަ، ބުލީ ކުރުމުގެ ޝިކާރައަކަށް ވާކުދިން ބޮޑެތިވެ، ބާރުލިބުމުން އެހެން މީހުން ބުލީ ކުރާނެއެވެ. އިންޑިއާ އަކީ ބުލީގެ ޝިކާރައަކަށް ވީ ބައެކެވެ. އެހެން ކަމުން، މިއަދު އެމީހުންގެ ކިބައިންވެސް ފެންނަމުން މިދަނީ އެމީހުންގެ އަވައްޓެރިން ބުލީ ކުރާތަނެވެ.

އެއް ޤައުމުން އަނެއް ޤައުމު ބުލީ ކުރަނީ ތަނުގެ ތެރެއިން ޣައްދާރުން ބޭނުންކޮށްގެންނެވެ. މި ޤައުމުގެ ތާރީޚުގެ ހުރިހާ ހިސާބެއްގައިވެސް، ޤައްދާރުންގެ ކިބައިން ލިބިފައި ހުރި ދެރައާއި ނިކަމެތިކަން މިކަހަލަ ކުރު ލިޔުމެއްގައި ލިޔެލެވޭވަރަށް ވުރެ މާގިނައެވެ. އެހެން ނަމަވެސް، ދިވެހި ތާރީޚުގައި، އެއްވެސް ވެރިކަމެއްގައި ނުފެންނަހާ ގިނައިން މިއަދު މި ޤައުމުގައި މިއޮތް އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރުގެ ތެރޭގައި ޣައްދާރުން ގިނަވެފައި އެމީހުންގެ ނުރައްކާތެރިކަން ބޮޑުކަމުގައި ދަންނަވަންޖެހެއެވެ.

ޝައްކެއް ނެތެވެ. މިއަދު ވެސް މި ޤައުމުގައި ވެރިއަކަށް ހުރީ ހަތަރުމަތިފުށް ދިވެއްސެކެވެ. ނަމަވެސް އަހުރެންނަށް އޭނަ ފެންނަނީ ދިއްލީ އަށް ޚިދުމަތްކޮށްދޭ ވިޔަޑޯރެއްގެ ގޮތުގައެވެ.

ކޮންމެއަކަސް، 1558މ. ގައި، ދިވެހިރާއްޖޭގައި ޕޯޗުގީޒުން ޤާއިމުކުރި ވިޔަފާރި މަރުކަޒުގެ އިސް ވެރިއަކަށް ވިޔަޑޯރެއް (ވިޔަޒޯރެއް) ޢައްޔަނުކޮށްފައި ހުރި ނަމަވެސް، ރާއްޖޭގައި އެމީހުންގެ މަޞްލަޙަތު ދަމަހައްޓަމުން ދިޔައީ ގޯވާއިގައި ޤާއިމުކޮށްފައި ހުރި ޕޯޗުގީޒުންގެ މައި މަރުކަޒުންނެވެ. ދިވެހިންވެސް ޕޯޗުގީޒުންނާ ދެބަސްވާންޖެހުނީ، 1499މ. ގައި ކަލިކަޓްގެ މުސްލިމުންނާ ވެސް ދެބަސްވާން ޖެހުނު ސަބަބެވެ. ވިޔަފާރި ކުރުމުގެ ނަމުގައި އައިސް ތިބެ، ދިވެހިންގެ ދީނީ އަދި ދާޚިލީ ކަންކަމާ ބެހެން ފެށުމުންނެވެ. ފަނަ އަހަރަށް ފަހު، އެމީހުން މި ޤައުމުން ފަހާލީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމެވެ. މިއަދުވެސް މި ޤައުމުގެ ޙާލުގެ ދުލުން އެދި ގޮވަނީ އެފަދަ ބަޠޮލަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
71

2 Responses

  1. ހަކުރު ދިނަސް މިލިޔަން ދިނަސް ތިޔަހި ފުނީ ބާރަށް ބައްދައިގަނެފައި އިންޑިއާގެ މޯދީގެ މުޝްރިކުންނާ. މީވަރަށް ގިނަ ވާހަކަތައް. ވަރަށް ވަރަށް ސާފް އިނގޭތޯ. ސަމާލުވޭ ރާއްޖޭގެ ހުރިހާ މުސްލިމުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.