ދިވާނާކުރުވި ލޯބީގައި ޖެހުނު ހިތް މިނިވަނެއް ނުވެޔޭ
މިވާ ތަދުތައް ހިތުން ދުވަހަކު އެސަބަބާ ހުރެ ފިލާނުދެޔޭ
އަލަތު ލޯބީގެ ހާޒިރުގައި ހިތަށް ދިން އިންތިހާ ވޭނުން
މަލަން އެޅިޔަސް ހަމުގެ ބޭރުން ފުދޭ ފަރުވާއަކަށް ނުވެޔޭ
ދެ ތުންފަތަކުން ވެލާހިނިތުން މިއަދު އަދި ދުނިޔެއަށް ފެނުނަސް
ހިތުން މި ނަގާ ދިލައިގެ ގޮތުން އުފާތައް ދާއިމެއް ނުވެޔޭ
ކެތާ ސަބުރުގެ އޮޅިން ބޭރަަށް މިހިތް ނުނިކުމެ އޮތަސް މޭގައި
ހިތާމަތަކެއް ހިތަށް ލައިގެން އުޅެން އިތުރަށް ކެތެއްނުވެޔޭ
ނުފޫޒުހިނގާ އަސަރުތަކަކުން ތުރާ މި ހިތަަށް ދެމުންދާތީ
މިފޭދޭ ކަރުނަ ތިކި ލޮލުގައި ސަފުން ހަރުލާގޮތެއް ނުވެޔޭ
ހިނގާ މަގަކުންވިޔަސް ބައްދަލުވެގެން އޭނާ ތިބާ ގާތުން
މަގޭ ހާލެއް އަހައިފިއްޔާ "ބުނާށޭ އަދި މަރެއްނުވެޔޭ"