ގޮނެއް ގޮނަކަށް ނުވާ ގޮތަކަށް ގޮނެއް ދޭނީ އަޅޭ ފަހެ ކާކު؟
ދޮނެއް އަދި ވަކި ކަޅެއް ނުބަލައި ނިކަން ބުނެދީ،ހުރީ ފަހެ ކާކު؟
ޢަދަދު ނުބަލައި ރަނާ ރިއްސާ ޖަވާހިރު، ނަގުދު ފައިސާއިން
ބަދަލު ނުލިބޭ ގޮތަށް ހަދިޔާ ބަހައި ހަދަމުން ދަނީ ފަހެ ކާކު؟
އެ ދެއްވާ ގިނަ ވެދުން މަދަދާ އެހީތެރިކަމުގެ ހިޔަނީގައި
ބެދެން "ގަތްކޮޅުމަޅީ" ދާކަން ޚިޔާލަށް އަންނަނީ ފަހެ ކާކު؟
ކަރާމާތް ނީލަމަށް ލައިގެން އަރާމާ ލައްޒަތާ ހޯދަން
ދަރާ ވިކި ބަދަލު ދޭން ޖެހުމުން އެ ޒިންމާ އުފުލަނީ ފަހެ ކާކު؟
ހަވާ ނަފުސުން އެދޭ އެދުމަށް ލަގަން މާއްދިއްޔަތަށް ދިނުމުން
އަވާ މެންދުރު ފަހައި ނުދުވާ މި ދުނިޔޭގައި ވަނީ ފަހެ ކާކު؟
ޒަމާނުގެ ރީތި ނަން ކިޔަމުން އަމާންކަން ބަލަ ނަގާލާ އިރު
ސަމާލުވެ ކަން ވަމުން ދާ ގޮތް ބަލައި ވިސްނައި ލަނީ ފަހެ ކާކު؟
ކުޅޭ ކުޅުމާ ކުޅޭ ގޮތަކާ އުޅޭ މީހުން އުޅޭ ގޮތަކާ
ގުޅޭ ގުޅުމުގެ ނަތީޖާއަށް ފިކުރު ކުރަމުން ދަނީ ފަހެ ކާކު؟
ދުރާގާތުން ކުރާ ކަންކަން އެނގޭ އިރު ދުރުތިބީންނަށް ވެސް
ތުރާލަށް ނަފުސު ހުށަހެޅުމަށް ރުހުން ދޭން ބޭނުމީ ފަހެ ކާކު؟
