Support Us

ހަނދާން އާކޮށްލުން: އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ވާހަކަ

’ރޫސީ ސާރިދޯޅު' ނުވަތަ 'ރަތް ސާރިދޯޅު' މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރު އާންމުވީ އިބާރާތެކެވެ. އެދުވަސް ވަރު ސޯވިއެޓު ޔުނިއަންއަށް ނިސްބަތްކޮށް ކިޔާ އުޅުނު ނަމެކެވެ. ރޫސީ ނުވަތަ ރަތް ސާރިދޯޅުގެ ވާހަކައަކީ ކޮބައިކަމާއި މިއަދު އެވާހަކަ ދައްކަން ޖެހުނު ސަބަބު ބަޔާންކޮށްދިނުމުގެ ކުރިން ފިނި ހަނގުރާމައަކީ ކޮބައިކަން ބުނެލަން ޖެހެއެވެ. ރޫސީ ނުވަތަ ރަތް ސާރިދޯޅު ފާޅުވާން މެދުވެރިވި ސަބަބު އެނގިދިޔުމަށްޓަކައެވެ.

ނަވާރަ ސަތޭކަ ސާޅީސް ފަހެއްގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ދުނިޔޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ދިޔައެވެ. ގިނަ ގުތުބުތަކުގެ (މަލްޓިޕޯލަރ) ދުނިޔެއަކުން ދެ ގުތުބުގެ (ބައިޕޯލަރ) ދުނިޔެއަކަށް، ދުނިޔެ ބަދަލުވިއެވެ. އާދެ، ގިނަ ގުނަ ބޮޑެތި ބާރުތަކެއް ހިމެނޭ ދުނިޔެއަކުން ބޮޑު ދެބާރު އެކުލެވޭ ދުނިޔެއަކަށް، ދުނިޔެ ބަދަލުވެގެންދިޔައެވެ. މީގެ މާނައަކީ ބޮޑު ހަނގުރާމައިގެ ކުރިން، ބޮޑެތި ބާރުތަކެއްގެ ގޮތުގައި ހިމެނުނު، ޖަރުމަނުވިލާތާއި އިނގިރޭސި ވިލާތާއި ފަރަންސޭސިވިލާތާއި މިހުރިހާ ބާރުތަކުން އެއް ބާރެއް ވެސް، ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ނުހިމެނުމެވެ. މީގެ ބަދަލުގައި އެމެރިކާއާއި ސޯވިއެޓް ޔުނިއަން، ދުނިޔޭގެ ބޮޑު ދެބާރަށް، ވެގެން ދިޔުމެވެ. މިހެން ވުމުގެ މައިގަނޑު ދެ ސަބަބެއް އޮތެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ބަލިކުރުމުގައި މި ދެ ގައުމުގެ ރޯލު ބޮޑުވުމެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު އެމެރިކާއާއި ސޯވިއެޓުން ނޫން އެހެން އެންމެނަށް، ނިސްބަތުން، ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ހަލާކުވެ ފުނޑުފުނޑު ވިއެވެ. ހަމަ އެހެންމެ، އިނގިރޭސި ވިލާތަށް ވެސް ބޮޑެތި ބޮޑެތި ގެއްލުންތައް ލިބުނެވެ. ސޯވިއެޓު ޔުނިޔަންއަށް ގެއްލުން ލިބުނުކަމުގައި ވިޔަސް، ސޮވިއެޓު ޔުނިޔަން ބޮޑުވުމުގެ ސަބަބުން މުޅި ތަން ހަލާކެއް ނުވެއެވެ. އަދި، ހަނގުރާމައިގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް ތަން ބިނާކުރެވި، ޖަރުމަނާ ހަނގުރާމަކޮށް ޖަރުމަނު ބަލިކުރުމުގެ މަގު ސޯވިއެޓުން ފަހިކޮށް ދިނެވެ. ޚާއްސަގޮތެއްގައި ޔޫރަޕުގެ އިރުމަތީ ފަޅީގައި ކުރެވުނު ހަނގުރާމައިގެ މައުރަކާތަކުގައި ޖަރުމަނާ ކުރިމަތިލީ ކުރިމަތިލުމުގައި ޖަރުމަނު ބަލިކޮށްގެންނެވެ. އަނެއްކޮޅުން، ހަނގުރާމައިގެ ސަބަބުން، ނިސްބަތުން، ސީދާ އެމެރިކާއަށް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ. ބޮޑު ހަނގުރާމައިގެ ސަބަބުން، ހަގީގަތުގައި، އެމެރިކާއަށް ކުރީ ފައިދާއެވެ. ހަނގުރާމައަށް ބޭނުންވި މުދަލާއި އަދި ހުލަފާއިންގެ ދައުލަތްތަކުގެ އާންމު މީހުންގެ ބޭނުންތައް ފުއްދުމައްޓަކައި އެމެރިކާގެ އުފެއްދުންތައް އިތުރުކުރިއެވެ. އަދި، މިކަމުގެ ސަބަބުން، އެމެރިކާގެ އިގުތިސާދު ކުރިއަރައި ވަރުގަދަވިއެވެ. ހަނގުރާމަ ނިމުނު އިރު އެމެރިކާގެ އިގުތިސޯދު އޮތީ ދުނިޔޭގެ އެންމެ ބޮޑު އަދި ވަރުގަދަ އިގުތިސާދަށްވެފައެވެ. މީގެ އިތުރުން ޔޫރަޕުގެ ގައުމުތައް އޮތީ އެމެރިކާއަށް ދަރާފައި ވެސް މެއެވެ.

ކޮންމެ އަކަސް، މި ނަންގަތް ދެކަމުގެ ސަބަބުން، ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ސޯވިއެޓުންނާއި އެމެރިކާނުން ދުނިޔޭގެ ބޮޑު ދެ ބާރު ކަމުގައި ވިއެވެ. މި ދެ ބާރުގައި ހިންގަމުން އައީ ތަފާތު ދެ ސިޔާސީ އަދި އިގުތިސާދީ ނިޒާމެކެވެ. އެއްކޮޅުން އެމެރިކާގައި އޮތީ މިނިވަން، ޑިމޮކުރަޓިކް ސިޔާސީ ނިޒާމެކެވެ. އަދި އިގުތިސާދު ބިނާވެފައި އޮތީ ރައުސްމާލިއްޔަތުގެ މައްޗަށެވެ. ސަޕްލައި އާއި ޑިމާންޑުގެ މައްޗަށް އެކުލެވޭ އުފެއްދުންތެރިކަމަކާއި ހުޅުވިފައި އޮތް ބާޒާރެއްގައި ކުރެވޭ މިނިވަން ވިޔަފާރިއެއްގެ މައްޗަށެވެ. އަނެއްކޮޅުން ސޯވިއެޓު ޔުނިއަންގައި އޮތީ އެއް ޕާޓީ، އާދެ، މާ ބޮޑު ފަރުދީ މިނިވަންކަމެއް ނެތް، ކޮމިޔުނިސްޓު ޕާޓީގެ އިސްތިބްދާދީ ސިޔާސީ ނިޒާމެކެވެ. އިގުތިސާދީ ގޮތުން، ކޮމިޔުނިސްޓު އަގީދާގެ މައްޗަށް ބިނާވެފައި އޮތް 'އަމުރުވެރި އިގުތިސާދެކެވެ'. އާދެ، 'ކޮމާންޑް އިކޮނޮމީއެކެވެ.' މާނައަކީ ފަރުދީ މިނިވަންކަމެއް ނެތް، ސަރުކާރުން ކަނޑައަޅައި އަންގާ ގޮތަކަށް އުފެއްދުންތެރިކަން ބައްޓަންކޮށް، ކުރިއަށް ގެންދަންޖެހޭ ކޮމިޔުނިސްޓު އިގުތިސާދީ ނިޒާމެކެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމި، އެމެރިކާއާއި ސޯވިއެޓު ޔުނިއަން ދުނިޔޭގެ ބޮޑު ދެބާރަށްވެ، މި ދެބާރުގެ ދެމެދުގައި ނުރަނގަޅު ވާދަވެރިކަމެއް އުފެދުނެވެ. އެއްކޮޅުން ސޮވިއެޓް ޔުނިއަން ބޭނުންވީ އެމީހުންގެ ކޮމިޔުނިސްޓް އިގްތިސާދީ ނިޒާމާއި މި ނިޒާމު ފެތުރުމުގެ ވަސީލަތްކަމުގައިވާ އިސްތިބްދާދީ (ޑިކްޓެޓޯރިއަލް) ނިޒާމު އެހެން ގައުމުތަކަށް އެކްސްޕޯޓުކުރާށެވެ. މަސައްކަތްތެރިން މިނިވަންކޮށް، އެމީހުން ބާރުވެރިކުރުމުގެ ނަމުގައެވެ. މިގޮތުން، އިރުމަތީ ޔޫރަޕުގެ ބައެއް ގައުމުތައް ހިމަނައިގެން ކޮމިޔުނިސްޓު ބުލޮކެއް ގާއިމުކުރެވުނެވެ. އިރުމަތީ ޖަރުމަނާއި ޕޯލަންޑާއި، ހަންގޭރީއާއި ޗެކޮސްލަވޭކިޔާއާއި ރޫމޭނިޔާ ފަދަ ގައުމުތައް ހިމަނައިގެންނެވެ. އަދި އެމެރިކާގެ ބައްރުގެ ގައުމުތަކާއި އޭޝިޔާގެ ގައުމުތަކަށް ވެސް ސޯވިއެޓުންގެ ނިޒާމު ފަތުރަން ބޭނުން ވިއެވެ. މިގޮތުން މިފަދަ ނިޒާމެއް ކިޔުބާއާއި އުތުރު ކޮރެއާއާއި ވިއެޓްނާމާއި އަދި ޗައިނާގައި ވެސް ގާއިމުވެގެންދިޔައެވެ. މިހުރިހާ ގައުމުތަކަކީ ކޮމިޔުނިސްޓު ގައުމުތަކަށް ވިޔަސް، ސޯވިއެޓް ޔުނިޔަންގެ ބާރުގެ ދަށުގައި މި ހުރިހާ ގައުމުތަކެއް ނުހިމެނެއެވެ. އަނެއްކޮޅުން އެމެރިކާއިން ބޭނުންވީ ދުނިޔޭގައި ސޯވިއެޓުންގެ ހަންފެތުރުމުގެ މަސައްކަތް ހުއްޓުވައި، އެމެރިކާގެ ނުފޫޒު ފެތުރުމެވެ.

އެމެރިކާއާއި ސޯވިއެޓުންގެ މި ވާދަވެރިކަމަށް ފިނިހަނގުރާމައޭ ކިޔުނެވެ. މި ފިނި ހަނގުރާމަ، ދެ ފަރާތުގެ ސީދާ ކުރިމަތިލުމަކަށް ނުދިޔަކަމުގައި ވިޔަސް، ދެފަރާތް ތަމްސީލުކުރި ބައެއްގެ ދެމެދުގައި ފިނި ހަނގުރާމަ، ހޫނު ހަނގުރާމައަކަށް ބަދަލުވެ، ތަޅާފޮޅުން ހިންގައި ލޭ އޮހޮރުވުނެވެ. މި ފަދައިން ހޫނުވެގެންދިޔަ ހަނގުރާމަތައް ހަންގޭރީގައްޔާއި ކޮރެއާގެ ޖަޒީރާގައްޔާއި ވިއެޓްނާމްގައި ކުރެވުނެވެ. އަދި، 1963ގައި ކިޔުބާ މެދުވެރިކޮށް، ސޮވިޔެޓުންނާއި އެމެރިކާނުން ނިޔުކުލިޔަރުގެ ކުރުމަތިލުމެއް ކުރިމަތިލާ ހިސާބަށް ވެސް ދިޔައެވެ. ފިނިހަނގުރާމައިގެ މި ވާދަވެރިކަން، 1945 އިން ފެށިގެން، 45 ވަރަކަށް އަހަރު ވަންދެން ދެމި އޮތެވެ.

 

 

މި މުއްދަތުގެ ތެރޭގައި، ހުޅަނގުގައްޔާއި އަދި އެމީހުންނަށް ތާއިދުކުރާ އެހެން ގައުމުތަކުގައި ސޯވިއެޓުންނަށް އިޝާރަތްކޮށް ރޫސީ ސާރިދޯޅޭ ނޫނީ ރަތް ސާރިދޯޅޭ ކިޔުނެވެ. ސާރިދޯޅަކީ ވަހުޝީ (ވައިލްޑް) ނުރައްކާތެރި ޖަނަވާރެކެވެ. އިންސާނުންނާ ހަމަލާދީ އިންސާނުން މަރައި ކާ ހަދާ ޖަނަވާރެކެވެ. ރަތް ކުލަ އިޝާތްކުރަނީ، ސޮވިޔެޓުންގެ ދިދައިގެ ކުލަ ރަމްޒުކޮށްދޭ ކޮމިޔުނިސްޓު ނިޒާމަށެވެ. ރޫސީ ސާރިދޯޅު ނުވަތަ ރަތް ސާރިދޯޅުން އިޝާރަތް ކުރެވެނީ މި ނިޒާމުގެ ފަނާކުރުވަނިވި މާނައަށެވެ. އާދެ، ކޮމިޔުނިސްޓު ނިޒާމަކީ އިންސާނާގެ މިނިވަންކަމާއި، ދިރުން ނެތިކޮށްލާ ނިޒާމެކެވެ. ސޯވިއެޓުގެ ބާރު ބޭނުންކޮށް، އެމީހުން ބޭނުންވަނީ މި ނިޒާމު މުޅި ދުނިޔޭގައި ފެތުރުމަށެވެ. މިކަމުގެ ނުރައްކާތެރިކަން އާންމު މީސްތަކުންނަށް އަންގައިދީ މިކަމަށް އެމީހުން ހޭލުންތެރިކުރުވައި މި ފަދަ ފަނާކުރުވަނިވި ނިޒާމަކާ އެމީހުން ދުރުހެލިކުރުމައްޓަކައި މި އިބާރާތް އާދެ، ރޫސީ ސާރިދޯޅު ނުވަތަ ރަތް ސާރިދޯޅުގެ ވާހަކަ ފިނި ހަނގުރާމައިގެ ދުވަސްވަރު ދެއްކުނީއެވެ.

ފިނި ހަނގުރާމަ މިއަދު މިއޮތީ ނިމުމަކަށް އައިއްސައެވެ. އެކަން ނިމުނުތާ މިހާރު ތިރީސް އަހަރުވީއެވެ. ދެން މިއަދު މިވާހަކަ ދައްކަން ޖެހުނީ ކީއްވެ ހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގައި ބުނަމެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ރޫސީ ނުވަތަ ރަތް ސާރިދޯޅު ފަދަ، އެހެން ސާރިދޯޅެއް ރާއްޖެއާ ކުރިމަތި ވެއްޖެއެވެ. އާދެ، ހިންދީ ނޫނީ އޮރެންޖު ސާރިދޯޅެކެވެ. ރޫސީން ކުރިން ބޭނުންވީ އެ މީހުންގެ ނިޒާމު މުޅި ދުނިޔޭގައި ފެތުރުމައްޓަކައި ދުނިޔޭގެ ގައުމުތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ. އެހެން ގައުމުތަކުގެ ސިޔާދަތާއި އެ ގައުމުތަކުގެ މީހުންގެ މިނިވަންކަމަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. ޗައިނާއާއި ޔޫގޮސްލޭވިޔާ ފަދަ، ހުރިހާ ކޮމިޔުނިސްޓު ގައުމުތައް އެމީހުންގެ އަތްދަށަށް ނުގެނެވުނު ކަމުގައި ވިޔަސް، އެމީހުންގެ އަތް ދަށަށް ގެނެވެން އޮތް ގައުމުތައް، އެމީހުންގެ އަތް ދަށަށް ގެނައެވެ. ޚާއްސަކޮށް އިރުމަތީ ޔޫރަޕުގެ ގައުމުތަކެވެ. މިފަދަ ގައުމުތަކުގައި ތިބި، ސޮވިއެޓުންގެ ސިޔާސީ އޭޖެންޓުން މެދުވެރިކޮށް، ބާރު ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބާރުވެސް ބޭނުންކޮށްގެންނެވެ. މީގެ މިސާލު 1956ގައި، ހަންގެރީ އިންނާއި، އަދި 1968ގައި، ޗެކޮސްލަވޭކިޔާއިން، އެތަންތަނުގައި އެވަގުތު ތިބި ސޯވިއެޓުންގެ އޭޖެންޓުންގެ އެހީގައި، ސޯވިއެޓުގެ އަސްކަރީ ބާރުތައް، އެތަންތަނަށް އަރައިގަތް އަރައިގަތުމުން ފެނިގެން ދިޔައެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު، އެ ގައުމުތަކުގެ ސިޔާދަތާއި މިނިވަންކަމަށް އެއްވެސް ބެލުމެއް ނެތި، އިރުމަތީ ޔޫރަޕުގެ ގައުމުތައް، ރޫސީ ރަތް ސާރިދޯޅުގެ ބާރުގެ ދަށަށް ގެނެސް ކޮންޓުރޯލުކުރި ފަދައިން، މިއަދު، އުތުރު ކަރައިގެ ހިންދީ އޮރެންޖު ސާރިދޯޅު، އޭތީގެ އަވައްޓެރި ބައެއް ގައުމުތައް، އެގައުމުތަކުގެ ސިޔާދަތާއި މިނިވަންކަމަށް އެއްވެސް ބެލުމެއް ނެތި، އޭތީގެ ބާރުގެ ދަށަށް ގެނެސް ކޮންޓުރޯލުކުރަން ބޭނުންވެއެވެ. މި ގޮތުން، ބޫޓާނާއި ނޭޕާލާއި ޝުރީލަންކާއާއި ދިވެހިރާއްޖެ، އުތުރު ކަރައިގެ ބާރުގެ ދަށަށް ގެންނަން ބޭނުންވެއެވެ. އަދި މި ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމުގެ ގޮތުން މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މީގެ ނަތީޖާއަކީ، މިގައުމުތަކުގެ ތެރެއިން، ބޫޓާން، އުތުރު ކަރައިގެ ސާރިދޯޅުގެ ބާރުގެ ދަށަށް ދިޔުމެވެ. ބޫޓާނުގެ ޚާރިޖީ ސިޔާސަތާއި އަސްކަރިއްޔާއާއި އަދި ވިޔަފާރި ވެސް، އެ ސާރިދޯޅީގެ ބާރުގެ ދަށަށް ގެނެސްގެންނެވެ. ނަމަވެސް، ބޫޓާނުގައި ވެސް، އެތަނުގެ ސިޔާދަތު ގެއްލިފައިވާ މައްސަލަ ނެގި، ކުރީގައި ބޫޓާނާއި އުތުރު ކަރައާއި ދެމެދު ކުރެވުނު އެއްބަސްވުންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެވުނެވެ. ނަމަވެސް، އަދިވެސް، ބޫޓާނު އޮތީ އުތުރު ކަރައިގެ ސާރިދޯޅުގެ ވަކިގަނޑުގެ ދަށުގައެވެ. ދެންމެ މިނަންގަތް ގައުމުތަކުގެ ތެރެއިން، ޝުރީލަންކާ، އުތުރު ކަރައިގެ ސާރިދޯޅުގެ ބާރުގެ ދަށަށް ގެނެވޭ ގޮތެއް ނުވިއެވެ. ޝުރިލަންކާގެ ގައުމީ ހޭލުންތެރިކަން ބޮޑުވެފައި، އެމީހުންގެ ސިޔާދަތު ވިއްކާލާނޭ ބަޔަކު އެ ގައުމުން ނުލިބުމުންނެވެ. މީގެ އިތުރުން، އެ ސާރިދޯޅުގެ ބާރުގެ ދަށަށް، ނޭޕާލު، ގެނައުމައްޓަކައި މަސައްކަތްތަކެއް ކުރެވުނު ކަމުގައި ވިޔަސް، އޭތި ބޭނުންވާ ގޮތަކަށް އަދި، އެކަން ނުވެއެވެ. ރާއްޖޭގެ މައްސަލައަށް ބަލާލާއިރު، އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ބާރުގެ ދަށަށް ރާއްޖެ ގެންދިޔުމުގެ މަސައްކަތް، ވަރަށް ބާރު އިސްޕީޑުގައި ކުރެވެމުން އެބަދެއެވެ. ރާއްޖޭގެ އަމިއްލަ ސިޔާދަތަކަށް ނޫނީ މިނިވަންކަމަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. މިގޮތުން އެންމެ ފަހުން އާންމުވެގެން ދިޔައީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ އާދެ، އިންޑިޔާގެ އަސްކަރީ ބޯޓެއް ރާއްޖެ ގެންނަ ވާހަކައެވެ. މިލިޔުމުގެ ދެން އޮތް ބައިގައި މި ބޯޓާ ގުޅޭ ވާހަކަތައް ލިޔެލަން ގަސްދުކުރަމެވެ. މި ނަންގަތް މަސައްކަތުގެ އެހެން ވާހަކަތައް އެކި ފަހަރު އެކި ސިފައިގައި ލިޔެވި ހިނގައްޖެއެވެ. އަދި، ބައެއް ކަހަލަ ރައްދުތައް ވެސް އެލިޔެވުނު ވާހަކަތަކާ ވިދިގެން ލިބުނެވެ. އެހެންވެ، 'އަސްކަރީ ބޯޓުގެ' ވާހަކަ ދެއްކުމުގެ ކުރިން، އަދި ވެސް އެއްފަހަރު، ހިންދީ އޮރެންޖު ސާރިދޯޅުގެ ވަކިތައް ރާއްޖޭ މިނިވަން ހަށިގަނޑުގައި ހިއްޕާލުމުގެ މަސައްކަތުގެ ތެރެއިން ކުރީގައި ދެއްކިފައިވާ ބައެއް ވާހަކަތައް ވެސް، އަނެއްކާވެސް، ތަކުރާރުކޮށް ލިޔެލަން ޖެހެއެވެ.

އެންމެ ފުރަތަމަ، މި ފަހުން، އެ މަސައްކަތް ފެށުމުގެ ވާހަކައެވެ. ދެހާހުގެ ކުރީގެ އަހަރުތަކުގެ ހިސާބުން ފެށިގެން، ހިންދީ ސާރިދޯޅުގެ ވަކި ގަނޑުގެ ދަށަށް، ރާއްޖެ ގެންދިޔުމުގެ މަސައްކަތް، ހަލުވި އިސްޕީޑެއްގައި ކުރަން ފެށުނެވެ. އަދި، ރާއްޖޭގެ އޭރުގެ އިދިކޮޅު ސިޔާސީ ބައެއް މީސް މީހުންނާ، ކޮންމެވެސް ގޮތަކުން، ގުޅުންތަކެއް އުތުރުކަރައިގެ އޮރެންޖު ސާރިދޯޅު ގާއިމުކުރިއެވެ. ދެން، މި ގުޅުންތަކުގެ އެހީގައި، މިނަންގަތް މަސައްކަތް ކުރާނީ ކިހިނެއްކަމާ މެދު ބަހުސްކުރެވުނެވެ. ބައެއް އާންމު ފޯރަމްތަކުގައި ރާއްޖޭގެ ދިފާއީ މުއައްސަސާއަކީ ބޭކާރު ތަނެއް ކަމުގައި ވެސް ބަހުސްކުރެވުނެވެ. އެމީހުން ކުރަން ބޭނުންވާ ކަންތައްތަކަށް، އެ މުއައްސަސާއިން ކުރިމަތިވެދާނެ ހުރަހެއް އޮވެދާނެތީއެވެ. އަދި، އެތަންތަން އުވާލައި، އޭގެ ބަދަލުގައި، އެ މުއައްސަސާ ހިންގުން ބޭރު ބަޔަކާ ހަވާލުކުރުމުން، ޚަރަދުކުޑަވެފައި ނަތީޖާ މާ ރަނގަޅުވާނެކަމަށް ވެސް ބަހުސްކުރެވުނެވެ. މީގެ ރައްދު އަޑު (އެކޯ) މިހާރުވެސް އިވި އިވި އެހުރީއެވެ. އުތުރު ކަރައިގެ ސާރިދޯޅުގެ އެންމެ އިސް އޭޖެންޓު، އަޅުގަނޑުމެންގެ މަހާރާޖާ ކޮންމެ ދުވަހަކުހެން، ހަރުއަޑުފުޅުން، އެ މުއައްސާސާއަކީ އެއްވެސް އަގެއް ނެތް ބޭކާރު ތަނެއްކަމުގައި ދޭހަވާ އިބާރާތުން ވާހަކަ ދައްކަވައެވެ! މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ އަދި މިސުއާލުގެ ކުރު ޖަވާބަކީ އެ މުއައްސަސާ އުވާލެވެންޏާ އުވާލުމުވެ. އަދި ރާއްޖޭގެ އަމާންކަން ބެލެހެއްޓުން ބޭރު ބަޔަކާ ހަވާލުކުރުމެވެ. ނޫން ނަމަ ރާއްޖޭގެ އަސްކަރިއްޔާގެ އިސް މަގާމުތަކަށް ބޭރު މީސްމީހުން އައްޔަނުކޮށް، ބޭރުމީހުންގެ ބާރުގެ ދަށަށް ދިވެހި އަސްކަރިއްޔާ ގެނައުމެވެ. ބޫޓާނުގައި ކަންތައް ހިނގާ ދިޔަ ފަދަ ގޮތެއްގައެވެ. ދެން، ދެހާހުގެ ދިހައިގެ އަހަރުތަކަށް އެޅިގެން އައިރު ހިންދީ ސާރިދޯޅަށް ބާރު ލިބޭ އެކި އެކި ކަންތައް ކުރެވެން ފެށިއެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރު އިންޑިޔާގެ ކުންފުންޏަކަށް ކުއްޔަށް ދިނުމެވެ. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 'މަތިން ވިދާޅުވެގެން ކަމަށް' އެއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވި ވަޒީރު، އޭނާގެ ބަސްދީގަތުމެއްގައި، ވިދާޅުވިއެވެ. މާނައަކީތޯއެވެ؟ އެކަން ކުރެވުނީ އެފަދަ ކަންކަން ކުރަން އޮންނަ އިޖުރާއާތުތަކެއްގެ ދަށުންނެއް ނޫނެވެ. އަދި ގަވާއިދުތަކާއި ގާނޫނުތަކަށް ބަލައިގެންނެއް ވެސް ނޫނެވެ. ދެން، އެ ކުންފުނިން ރާއްޖޭގައި ކުރަން އޮތީ ކޮން އިންވެސްޓުމަންޓެއް ހެއްޔެވެ؟ މިކަން ބިނާވެފައި އޮތީ، މައުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖެއިން ޒިންމާ ނަގާ ގޮތަށް، ބޭންކުތަކުން ނަގާ ލޯނަކުން ޚަރަދުކުރާ ކުރުމުގެ މައްޗަށެވެ! އެކުންފުންޏަކުން ރާއްޖެއަށް ގެންނަ އެކުންފުނީގެ އަމިއްލަ ފައިސާއަކުންނޫނެވެ. އާދެ، ވެން މަސް ވެނަށް ކާންދޭ އުސޫލަށް އޮތް އިންވެސްޓުމެންޓެކެވެ. އެއްވެސް، އަމިއްލަ އިންވެސްޓުމެންޓެއް އެކުންފުނިން ނުކޮށް، އެކުންފުންޏައް ފައިދާވާ ގޮތަށެވެ. މިއީ މިހާރު ބޭކާރު ވާހަކައެކެވެ. ނަމަވެސް، ހަނދާންކޮށްލަންވީ، ވިސްނަންވާ ވަރަށް ނުވިސްނައި ކުރި ކަމަކުން ބޮޑެތި ގެއްލުންތަކެއް ރާއްޖެއަށްވީ ކަމެވެ. ނަމަވެސް، މިކަމުގެ ވެސް ޒިންމާ ނަގާނޭ އެއްވެސް ބަޔެއް ނެތެވެ. ދެން، މީގެ އިތުރުން ވެސް، ރާއްޖެއާއި ހިންދީ ސާރިދޯޅާއި ދެމެދު އެކިއެކި އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި އަސްކަރީ އެއްބަސްވުންތައް ހިމެނެއެވެ.

މި ފަދަ އެއްބަސްވުންތަކުގެ ބޭރު ފުށުގައި އޮންނަނީ މިއީ އެކުވެރިކަމުގެ އެއްބަސްވުންތަކެއް ކަމުގައެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެހީވެދޭނޭ، އަދި އެކަމުގެ ސަބަބުން، ދެބައި މީހުންގެ ގުޅުން ބަދަހި ވެގެންދާނޭ އެއްބަސްވުން ތަކެއްގެ ގޮތުގައެވެ. ފަހަރެއްގައި ވެސް، ފިނި ހަނގުރާމައިގެ ދުވަސްވަރު، ރޫސީ ރަތް ސާރިދޯޅާއި އޭގެ ވަކިތަކުގެ ދަށުގައި ލެވިފައިވާ އިރުމަތީ ޔޫރަޕުގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުން ފަދަ، ސޯވިއެޓުން އަންގާ ގޮތަށް ކަންތައް ކުރުމުގެ ގޮތަށް އޮންނަ ގުޅުމެއް ނޫންކަމެވެ. ނަމަވެސް، ވަކި ހިސާބަކުން، ރާއްޖޭގެ އިސް ކޮންމެ ވެސް ބަޔަކަށް، ހިންދީ ސާރިދޯޅުގެ ދަތްތަކާއި ވަކިތައް ފެނި، އެއްކަލަ އެއްބަސްވުންތަކަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވެވޭ ރަހުމަތްތެރިކަމުގެ އެއްބަސްވުންތަކެއް ނޫންކަން ފާހަގަކުރެވެން ފެށިއެވެ. އެހެންވެ، ފުރަތަމައަށް ވީ އަސްކަރީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، މި އެއްބަސްވުން އާ ނުކުރުމަށް ރާއްޖެއިން ނިންމިއެވެ. އަދި، އެމެއްގެ ގޮތުގައި، މޮހޮނަށް އޮޑި ދިން ގޮތަށް، ރާއްޖެއަށް ދީފައި އޮތް، ލައުނަތް ލެއްވިގެންވީ ދެ ހެލިކޮޕްޓަރު ގެންދަން ވެސް، ރާއްޖެއިން އިންޑިޔާއަށް އެންގިއެވެ. ނަމަވެސް، އިންޑިޔާއިން މިކަން ކުރާކަށް ބޭނުމެއް ނުވިއެވެ. މީގެ އިތުރުން، ލައުނަތް ލެއްވިގެންވީ އެ ދެހިލިކޮޕްޓަރު ދުއްވަން އައިސް ތިބި ދިހަވަރަކަށް މީހުންގެ ވިސާ އާ ކުރުމުގެ ބޭނުމެއް ނެތުމުން، އެކަން ނުކުރުމަށް ނިންމައި އެމީހުން ރާއްޖެއިން ބޭރުވާން އެދުނެވެ. ނަމަވެސް، އެމީހުން ނިންމީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބުމަށެވެ. އާދެ، ސާރިދޯޅުގެ ވަކިތަކާއި ދަތްތައް މިހިސާބުން ވަރަށް ރީތިކޮށް ފެނުނެވެ. ދެން ސަރުކާރު ބަދަލުވުމާއެކު ވަރަށް ހަލުވި އިސްޕީޑެއްގައި އަނެއްކާ ވެސް މި އެއްބަސްވުންތަކުގައި ސޮއިކުރެވި އެއްބަސްވުންތައް އާކުރެވުނެވެ. ދެހާސް އަށާރައިގައި، ރާއްޖޭގެ އާ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް، ކުޑަ ހިނދުކޮޅަކަށް، އުތުރު ކަރައިގެ ސަރުކާރުގެ އިސް ވެރިޔާ، ރާއްޖެ ޒިޔާރަތްކުރި ތަނުން މިކަން ފެނިގެންދިޔައެވެ. އާދެ، ހިންދޫ ސާރިދޯޅުގެ ތޫނު ވަކިތައް، ރާއްޖޭގެ ބައެއްގެ އެހީގައި، ރާއްޖޭގެ މިނިވަންކަމުގެ ހަށިގަނޑުގެ ތެރެއަށް ހަރާލައި، ހިއްޕާލުމުގެ މަސައްކަތް، މިހިސާބުން، އަނެއްކާވެސް ފެށުނެވެ. މިގޮތުން ފާހަގަކޮށްލެއްވުނު އެއްކަމަކީ ސ. އަތޮޅާއި ލ. އަތޮޅުގައި ޕޮލިސް އެކަޑަމީތަކެއްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ. އަދި ދެ ހެލިކޮޕްޓަރު ދުއްވަން ތިބި މީހުންގެ އަދަދު އިތުރު ވެގެން ވެސް ދިޔުމެވެ. އާދެ، ރާއްޖޭގެ ތަރައްގީއަށް އެހީވެދިނުމުގެ ނަމުގައެވެ. ނަމަވެސް، މިއީ ބޫޓާނުގައި ވެސް ކަންތައް ކުރެވުނު ގޮތެވެ. އެތަނުގައި ވެސް ސިފައިން ތަމްރީނުކުރާ އަސްކަރީ މަރުކަޒުތަކެއް ހެދި، ދެހާހެއްހާ އިންޑިޔާގެ ސިފައިން އެތަނުގައި، މިކަމަށް އެކަނިވެސް، ތިބެވޭ ގޮތް ހަމަޖެހުނެވެ. މިލިޔުމުގައި ދެން، އިތުރަށް އަލިއަޅުވާލަން ގަސްދުކުރަނީ ދެކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ އިންޑިޔާއިން ގެންނަ 'ޑޯނިޔާ ބޯޓުގެ' މައްސަލައެވެ. ދެވަނަ ކަމަކީ، ރާއްޖެއިން، އިންޑިޔާ ބޭނުންވާ ކަމަކީ ކޮބައިތޯގެ މައްސަލައެވެ.

ޑޯނިޔާ ބޯޓުގެ ވާހަކަ ދާދި ފަހުން ފެންމަތިވީ އިންޑިޔާގެ އަސްކަރީ ބޯޓެއް އިންޑިޔާއިން ރާއްޖެއަށް ގެންނަ ޚަބަރެއް ދިވެހި ނޫހެއްގައި ޝާއިއު ކުރުމާ ވިދިގެންނެވެ. މި ޚަބަރަށް ރައްދުދީ އެކަން ސަރުކާރުން އިންކާރުކުރިއެވެ. ދެން ވެސް ޚަބަރު ފަތުރާ ވަސީލަތްތަކުގެ ސަފުހާތަކުން މި ޚަބަރު ފޮހެވިގެން ނުދިޔުމުން، ކުޑަ ބަދަލަކާއެކު، އަނެއްކާވެސް، މި ޚަބަރަށް، ކަމާ ބެހޭ ފަރާތުން، ރައްދުދިނެވެ. ރާއްޖެއަށް ގެންނަނީ އަސްކަރީ ބޯޓެއް ނޫންކަމާ އަދި ރާއްޖެގެންނަނީ 'ޑޯނިޔާ' ބޯޓެއްކަން ބުނެއެވެ. މާ ބޮޑު ތަފްސީލެއް ނުދެއެވެ. މިފަދަ ބޯޓެއް ގެންނަނީ ކީއްކުރަންތޯއާއި ކޮން ބަޔެއްގެ ބޭނުމެއްގައިތޯއާއި މި ބޯޓު ދުއްވުމާއި އަދި އެކަމާ ގުޅޭ އެހެނިހެން ޚަރަދުތައް ކުރުމުގެ ޒިންމާ ނަގާނީ ކޮން ބަޔެއްކަން ސާފެއް ނުވެއެވެ. ނަމަވެސް، މިކަންކަން އިންޑިޔާގެ ބައެއް ނޫސްތަކުން ކޮންމެވެސް ވަރަކަށް ސާފުވެއެވެ.

މިބޯޓަށް އަސްކަރީ ބޯޓެކޭ ނުވަތަ މިއީ ޑޯނިޔާ ބޯޓެކޭ ކިޔަސް އޭގެ މަގުސަދަކަށް، ބޭނުމަކަށް، ބަދަލެއް ނާދެއެވެ. މި ބޯޓު ދުއްވާ އަދި ބޯޓުގެ ކަންތައް ބެލެހެއްޓުން އޮންނާނީ އިންޑިޔާގެ އަސްކަރިއްޔާގެ އަތްމަތީގައި ކަމަށް ބެލެވެއެވެ. ލައުނަތް ލެއްވިގެންވީ ދެ ހެލިކޮޕްޓަރުގެ ކަންތައްތައް އޮތް ގޮތުގެ މައްޗަށް ބަލާލާއިރުއެވެ. އެ ދެ ހެލިކޮޕްޓަރަކީ ރާއްޖެއަށް 'ހަދިޔާކުރެވެން އެއްޗަކަށްވީ އިރު’، މޮހޮނަށް އޮޑިލިބިދިން އިރު، އޮޑީގައި އަތް ނުލެވޭ ފަދައިން، ރާއްޖޭގެ މީހަކަށް އެ ދެ ހެލިކޮޕްޓަރުގައި އަތްލެވޭ ގޮތެއް ނުވެއެވެ. އެހެން ކަމަށްވާއިރު، 'ކުއްޔަށް' ގެންނަ ބޯޓެއްގައި، އަތްލެވޭނީ ކިހިނެއް ހެއްޔެވެ؟ އެހެންވީމާ، ލަފާކުރެވެނީ، މައިގަނޑު ގޮތެއްގައި، މި ބޯޓު ބޭނުންކުރެވޭނީ އިންޑިޔާގެ އަސްކަރީ ބޭނުމައްޓަކައެވެ. އިންޑިޔާއިން ބޭނުންވާ އަސްކަރީ މީހުންނާއި މުދާ، ހަތިޔާރު ވިޔަސް އަދި އެމީހުންނަށް ބޭނުންވާ އެހެން އެއްޗެހި ވިޔަސް، އޭގެ ހަގީގަތް ނޭނގޭ ގޮތުގައި ރާއްޖެއަށް އެތެރެ ކުރުމަށެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރަތްކޮށް ގާއިމުކުރެވެމުންދާ އިންޑިޔާގެ އަސްކަރީ މަރުކަޒުތަކަށް، ނުވަތަ 'ޕޮލިސް އެކެޑަމީތަކަށް' އިންޑިޔާގެ އަސްކަރިއްޔާގެ މީހުން އުފުލައި ނަގުލު ކުރުމުގައެވެ. މީގެ މާނައަކީ އެހެން ކުރާ ދަތުރެއްގައި ބަލި މީހަކު ނޫފުލާނޭ ވާހަކައެއް ނޫނެވެ. ނަމަވެސް، މި ބޯޓުގެ ހަގީގީ ބޭނުމަކީ ރާއްޖޭގެ ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދިޔުމެއް ނޫންކަން ޔަގީނާ ގާތަށް އެނގެއެވެ. އެއީ މިހާރުވެސް މިފަދަ ކަންކަން ކުރެވޭނޭ އެއްގަމާއި ވައިގެ ބޯޓުފަހަރުތައް ރާއްޖޭގައި ހުރީމައެވެ. އަދި އެއްކަލަ ލައުނަތް ލެއްވިގެންވީ 'މޮހޮނުގެ' ދެ ހެލިކޮޕްޓަރު ވެސް އެއޮތީ ނޫން ހެއްޔެވެ؟ ދެން، ކަން އޮތީ މިހެން ނޫންކަމަށްވަންޏާ، ހަގީގަތް ފޮރުވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ހަގީގަތަކީ ތަނަށް ހެޔޮ އެދިގެން ކުރެވޭ ކަމަކަށްވަންޏާ، އެކަމުގެ ތަފްސީލު އަވަހަށް ނުދެވެންވީ ކީއްވެ ހެއްޔެވެ؟ އެކަންކަމާ ބެހޭ ވާހަކައެއް، ކޮންމެވެސް ގޮތަކުން އެނގުމުން، ފޫބެއްދުމުގެ ގޮތުން ވާހަކަތައް ދައްކަން ޖެހެނީ ކީއްވެ ހެއްޔެވެ؟

ދެން އޮތީ މި ޑޯނިޔާ ބޯޓު ދުއްވުމުގެ ޚަރަދެވެ. ކުރިން ވެސް ބުނިފަދައިން، އަދި، އިންޑިޔާގެ ބައެއް ނޫސްތަކުގައި ޝާއިއު ކޮށްފައިވާ، މިކަމާ ބެހޭ ޚަބަރުތައް ވެސް ބުނާ ގޮތުގައި، މިބޯޓަކީ ރާއްޖެއިން 'ކުއްޔަށް' ހިފާ އެއްޗެކެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ މި ބޯޓު ރާއްޖެ ގެނައުމާއި ރާއްޖޭގައި ބޭއްވުމާއި މި ބޯޓު ދުއްވުމަށް ހިނގާ ހުރިހާ ޚަރަދުތަކެއް ކުރަން ޖެހެނީ ރާއްޖޭގެ ރައްޔިތުންގެ ފައިސާއިންކަމެވެ. އިންޑިޔާގެ ބޭނުމަކަށް، އިންޑިޔާ ބޭނުންވެގެން، ރާއްޖެއިން ކުއްޔަށް ހިފަން ޖެހުނު، އަދި އެކަމުގެ ހުރިހާ ޚަރަދެއް ރާއްޖެއިން ކުރަންޖެހޭ ބޯޓެކެވެ! ނަމަވެސް، މިތާގައި ނޯޓުކޮށްލަން ޖެހޭ ކަމެއް އެބައޮތެވެ. އިންޑިޔާގެ ބައެއް ނޫސްތައް ބުނާ ގޮތުން ނަމަ، ޚަރަދުތައް އޮތީ 'ދެފަރާތުން ބައިވެރިވެގެން ކުރާ ގޮތަށެވެ'. ނަމަވެސް ސާފު ނުވާކަމަކީ މި ބައިވެރިވުން އޮތީ ކިހިނެއް ކަމެވެ. މި އެއްބަސްވުން ބުނާ ގޮތުން ޑޯނިޔާ ބޯޓު ބާއްވާނެ ތަނެއް، ހޭންގަރެއް، ހަނިމާދޫގައި ހަދަން ޖެހެއެވެ. ލަފާކުރެވޭ ގޮތުގައި، ޚަރަދުގައި ދެ ފަރާތުގެ ބައިވެރިވުން ގުޅެނީ ހަމަ އެކަނި އެބާއްވާނެ ހޭންގަރެއް ހެދުމުގައެވެ. ދެން އެހެނިހެން ޚަރަދުތައް ކުރަން ޖެހޭނީ ރާއްޖެއިން ކަމެވެ.

އާދެ، މިއީ ލަފާކުރެވޭ ގޮތެކެވެ. މި ގޮތަށް ލަފާ ކުރެވެނީ ކީއްވެ ހެއްޔެވެ؟ ދެ ސަބަބަށްޓަކައެވެ. ފުރަތަމަ ސަބަބަކީ ކުއްޔަށް ހިފާ އެއްޗެއް ހިންގަން ކުރަން ޖެހޭ ޚަރަދުތައް ކުރަން ޖެހޭނީ ކުއްޔަށް ހިފާ ފަރާތުންކަމަށްވާތީއެވެ. މިސާލަކަށް ދޯންޏެއް ކުއްޔަށް ހިފައިފި ނަމަ، އެ ދޯނި ދުއްވުމައްޓަކައި ދޯންޏައް އަޅަން ޖެހޭ ތޮޔޮ ގަންނަންޖެހޭނީ ދޯނި ކުއްޔަށް ހިފާ ފަރާތުން ނޫން ހެއްޔެވެ؟ ދޯނި ދުއްވަން ކައްޕިއެއް ނުވަތަ ކެޔޮޅަކާއި އިންޖިނޭރުން ބޭނުން ނަމަ، އެ މީހުން ގެންގުޅެން ހިނގާ ޚަރަދު ވެސް ކުރަން ޖެހޭނީ ދޯނި ކުއްޔަށް ހިފާ ފަރާތުން ނޫން ހެއްޔެވެ؟ އެހެންވެ، ޑޯނިޔާ ބޯޓަކީ ރާއްޖޭން ކުއްޔަށް ހިފާ އެއްޗެއް ކަމަށްވާއިރު ދުއްވަން ބޭނުންވާ ތެލާއި އަދި ދުއްވާ މީހުންނަށާއި އެ ބަލަހައްޓަން ބޭނުންވާ އިންޖިނޭރުންގެ ޚަރަދުތައް ވެސް ކުރަން ޖެހޭނީ ހަމަ ދިވެހި ރައްޔިތުންނަށް ނޫން ހެއްޔެވެ؟ ދިވެހި ރައްޔިތުން މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ދިވެހި ރައްޔިތުން ދައްކާ ޓެކުސްއިންނެވެ. ދެވަނަ ސަބަބަކީ ދުނިޔޭގައި މިފަދަ ގޮތަކަށް ކުރެވޭ އެހެން މުއާމަލާތުތަކުގައި ވެސް، ކަންތައް މިބުނި ގޮތަށް ކުރެވޭތަން ފެންނާތީއެވެ. މިސާލަކަށް ދެވަނަ ގަލްފު ހަނގުރާމައިގައި ކަންތައްވީ ގޮތް ބަލާށެވެ. އެކަމަށް ހިނގި ޚަރަދު ދައްކަން ޖެހުނީ އަރަބި ބައެއް ގައުމުތަކުންނެވެ. މި ހަނގުރާމައަކީ އެމެރިކާ ވެސް ބޭނުންވެގެން، އެމެރިކާގެ މަސްލަހަތު ވެސް އޮވެގެން ކުރެވުނު ހަނގުރާމައަކަށްވީ އިރުވެސް ވެހެވެ. އަދި މިކަމާ ވިދިގެން އެމެރިކާ ބޭނުން ވެގެން އަރަބި ބައެއް ރަށްތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހެދިއިރު، އޭގެ ޚަރުދުގެ ބައެއް ވެސް އުފުލަން ޖެހުނީ ހަމަ އަރަބި ބައެއް ގައުމުތަކަށެވެ.

އެހެންވީމާ މި ގެންނަ ޑޯނިޔާ ބޯޓު ގެންނަން ބޭނުން ވަނީ ވެސް، އަދި، އެބޯޓުގެ ހުރިހާ ކަމެއްވެސް ހަގީގަތުގައި ގުޅެނީ އިންޑިޔާގެ މަސްލަހަތާ ކަމުގައި ވިޔަސް، މިކަމުގެ ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ރާއްޖެއަށެވެ. ރާއްޖޭގެ ރައްޔިތުންނަށެވެ. އިންޑިޔާއަށް ކިހާ ފައިދާ ހުރި 'ޑީލެއް' ހެއްޔެވެ؟ ރާއްޖޭގެ މިނިވަންކަން ވިއްކާލާއިރު، ރާއްޖެ ގަންނަ ފަރާތަށް، އެ ކަމުގެ އަގު ވެސް ދޭން މިޖެހެނީ ހަމަ ރާއްޖެއިންނެވެ! ރާއްޖޭގެ ރައްޔިތުންގެ ފައިސާއިންނެވެ! މިއީ މިކަން އޮންނަން ޖެހޭ ގޮތްކަމުގައި ވެސް ސަރުކާރުގެ އެންމެ ބާރުގަދަ މީހާގެ މަގާމަށް، އަމިއްލައަށް އިސްވެގެން އުޅޭ، މަހާރާޖާ ގޮވައެވެ. އިންޑިޔާއާ ޖަދަލު ނުކުރުމަށެވެ. ރާއްޖޭގެ ސަލާމަތް އިންޑިޔާގެ ސަލާމަތާއި ގުޅިފައި އޮތް ކަމެވެ. ރާއްޖޭގެ ކުރިއެރުމާއި ރާއްޖެއަށް ލިބެން އޮތް ހުރިހާ ފައިދާއެއް ވެސް އޮތީ އިންޑިޔާގެ އަތްމަތީގައި ކަމެވެ. އިންޑިޔާ ކަނޑަކީ އިންޑިޔާގެ މިލްކެއް ކަމެވެ. މިފަދަ މާނަތައް ދޭހަވާ އިބާރާތްތަކެވެ. މިފަދަ އިބާރާތްތަކާއި ވާހަކަތައް ނޫސްތަކުން ފެންނާނެއެވެ. ލޯހުޅުވާލައިގެން، އަމިއްލަ ވިސްނުން ބޭނުން ކޮށްގެން އެ ލިޔުންތައް ކިޔާލާށެވެ!

އާދެ، މިފަދައިން ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ވަކި ކަމަކަށް ރައްޔިތުން ތައްޔާރުކުރުމެވެ. ރާއްޖޭގައި އިންޑިޔާ ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމަށް މަގު ފަހިކޮށް ރައްޔިތުން އެކަން ބަލައިގަންނާނޭ ގޮތަކަށް ރައްޔިތުން ދުރާލާ ތައްޔާރުކުރުމެވެ. މިއީ އާ ކަމެއް ނޫނެވެ. މިއީ، ފިނި ހަނގުރާމައިގެ ދުވަސްވަރު، ރޫސީގެ ރަތް ސާރިދޯޅު، އޭތީގެ އޭޖެންޓުން ލައްވައި، ނޫސްތަކާއި، ރޭޑިޔޯއާއި ޓީވީ ޗެނަލްތަކުގެ ޒަރިއްޔާއިން ފެތުރި ޕުރޮޕަގެންޑާ ވާހަކަތައް ފަދަ ވާހަކަތަކެވެ. ރައްޔިތުންގެ 'ސިކުނޑި ދޮވުމުގެ' ވާހަކަތަކެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި އުތުރު އޮރެންޖު ހިންދީ ސާރިދޯޅުގެ އެޖެންޓުންނާއި އޭނާގެ އައުވާނުން ވެސް ކުރަމުން އެދަނީ ހަމަ އެފަދަ ޕުރޮޕަގަންޑާގެ މަސައްކަތެވެ. ރައްޔިތުންގެ ސިކުނޑި ދޮވުމުގެ މަސައްކަތެވެ. މީހުންގެ މޫނަށް ބަލައި، މީހުންނަށް ތާއިދުކުރާ، ހޭލުންތެރިނޫން ރައްޔިތެއް އޮތް ތަނެއްގައި، މިކަންވާނީ ވަރަށް ވެސް ފަސޭހަ ކަމަކަށެވެ. މީގެ އެންމެ ހެއްވާކަމަކީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ އޭޖެންޓުން، އެމީހުންގެ ޕުރޮޕަގެންޑާގެ ވާހަކަތައް ދައްކައި ރައްޔިތުންގެ ސިކުނޑި ދޮވުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމަށް އެހީވެދޭ، މީހުން ވެސް ތިބޭ ކަމެވެ. އޭގެ އެއް ވާހަކަ ފަހުން ގެނެސްދޭނަމެވެ.

މިވާހަކަ އިއުލާނު ކުރި އިންޑިޔާގެ ބައެއް ނޫސްތަކުގައި އެހެން ޚަބަރެއް ވެސް ލިޔެފައި އޮތެވެ. އެއީ ރާއްޖޭގެ އަސްކަރިއްޔާއަށް 'ބޮޑެތި ބޮޑެތި ބަދަލުތަކެއް ގެނެވޭ ވާހަކައެވެ'. މީގެ ވެސް ތަފްސީލެއް ނެތެވެ. އަނެއްކާވެސް މި ބޮޑެތި ބޮޑެތި ބަދަލުތަކާ ބެހޭ ގޮތުން ވެސް ލަފާތަކެއްކޮށް ވާހަކަ ދެއްކިދާނެއެވެ. މި ލަފާކުރުން ބިނާވަނީ ހުރިހާ އިލްމުގެ ވެރި، އަދި ހުރިހާ ކަމެއްގެ އެންމެ ފަހު ބަހުގެ ވެސް ވެރި، އެބޭފުޅެއްގެ މުއްޕުޅު ތެރަށް ހުރިހާ ބާރުތަކެއް ލެވިފައިވާ އިރުވެސް ހިއްޕުޅު ނުފުރޭ ފުރިހަ ޑިމޮކުރަސީގެ ލީޑަރު މަހާރާޖާގެ ބަސްފުޅުތަކުގެ މައްޗަށް ރިއާޔަތްކޮށެވެ. އެ މަނިކުފާނުގެ ގިނަ ބަސްފުޅުތަކުން ދޭހަވަނީ ރާއްޖޭގެ އަސްކަރީ ބާރުތަކާއި (ސިފައިންނާއި އަދި ފުލުހުންނާ) މެދު ވެސް އެމަނިކުފާނު ހިތްޕުޅާ ނުވާކަމެވެ. އެތަނުގެ ތަހުގީގުތައް ކަމުނުދާކަމާއި އެތަނުގެ ތެރޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭކަމާއި އެތަނުން ސަރުކާރުގެ އެކި އެކި އިސް ބޭފުޅުންނަށް ފާރަލާކަމެވެ. އާދެ، ޚުލާސާއަކީ އަޅުގަޑުމެންގެ ހުރިހާ ކަމެއްގެ އިލްމު އެންމެ މޮޅަށް ލިބިވަޑައިގެން ހުންނެވި މަހާރާޖާ އަޅުގަނޑުމެންގެ އަސްކަރިއްޔާއަށް އިތުބާރު ނުކުރައްވާ ކަމެވެ. މިބަސްފުޅަކީ މަހާރާޖާގެ ބަސްފުޅުކަމަށްވާ އިރު، މިއީ ތަހުގީގަކަށް ބޭނުންވާ ކަމެއް ނޫނެވެ. ހައްގު ބަސް ނޫން އެއްޗެއް އެ ދޫފުޅުން ނިކުތުމުގެ އެކަށޭނަކަން ނެތް މުގައްދަސު ދުލުން އެ އޮތީ ހައްގު ބަސްފުޅު ފާޅުވެފައެވެ. އެހެންވެ، ދެން، މިތަނަށް ގެނެވެން އޮންނާނެ ހަމަ އެކަނި ބަދަލަކީ ކޮބާ ހެއްޔެވެ؟ އިންޑިޔާގެ ބާރުގެ ދަށަށް ދިވެހި އަސްކަރިއްޔާ ގެނައުމެވެ. އިންޑިޔާއިން ގާއިމުކުރާ އެކެޑެމީތަކުން އިންޑިޔާ ބޭނުން ކަހަލަ ދިވެހި އަސްކަރީ މީހުން ތައްޔާރު ކުރެވެންދެން ކަމަށް ވެސް ވެދާނެއެވެ. މިހެން މިބުނީ ފިނި ހަނގުރާމައިގެ ދުވަސްވަރު ރޫސީ ރަތް ސާރިދޯޅު ވެސް ކަންތައް ކުރީ ހަމަ މިފަދައިން ކަމަށްވާތީއެވެ. އެމީހުން ބޭނުންވާ ގޮތަށް ތައްޔާރުކުރެވޭ މީހުން އެމީހުންގެ ގޮޑިކޮއްކޮ ދައުލަތްތަކުގެ ވެރިކަމަށާއި އެތަންތަނުގެ އަސްކަރިއްޔާއަށް ގެނައިތީއެވެ. އެހެންވީމާ އުތުރު ކަރައިގެ ހިންދޫ އޮރެންޖު ސާރިދޯޅު ވެސް ހަމަ އެފަދައިން ކަންތައް ކުރުމަކީ ދުރުކަމެއް ނޫނެވެ.

އުތުރު ކަރައިގެ ސާރިދޯޅު ބޭނުންވާ ގޮތަށް ކަންތައްތައް ފަހިވެގެން މިދަނީ ކީއްވެ ހެއްޔެވެ؟ މީގެ މައިގަނޑު އެއް ސަބަބަކީ ގައުމުގެ ވެރިން ހޮވުމުގައި އެމީހުންގެ ގާބިލުކަމުގެ މައްޗަށް ނުބެލުމުވެ. ކައިރި މާޒީއަށް ބަލާލާއިރު، މުޅިން ހެންވެސް ފެންނަނީ ވެރިން ހޮވާފައި ތިބީ ކޮންމެ ހެން ވެރިންނަކީ ގާބިލު މީހެއް ކަމަށް ބަލައިގެންނެއް ނޫނެވެ. ވެރިން ހޮވުމުގެ މައިގަނޑު ބޭނުމަކަށް އޮންނަނީ ވަކި މީހަކު ނުހޮވުމެވެ. އެހެންވީމާ މިވެނި މީހަކު ނުހޮވަން ވެގެން، ތަނެއް ދޮރެއް ނޭނގޭ މަންމަން ހިމާރެއް ވެސް ވެރިކަމަށް ގެނައުން އެންމެ ރަނގަޅުވަނީއެވެ!

ދެވަނަ މައްސަލައަކީ އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރުގެ މައްސަލައެވެ. އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރު ދަށު ދަރަޖައަކަށް ވެއްޓިފައިވާކަމެވެ. މިތާ، ޚާއްސަ ގޮތެއްގައި މި އިޝާރަތް ކުރަނީ އަޅުގަނޑުމެންގެ ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ފަސާދައިގެ އަމަލުތައް ފެތުރިފައިވާލެއް ބޮޑުކަމެވެ. އެހެންވީމާ، ފައިސާގެ ދަހިވެތިކަމުގައި މަބްދައެއް، އުސޫލެއް ނެތި، ތިމާމެންގެ އަބުރާއި ޒަމީރުވެސް، ދީނާއި ގައުމުވެސް، ވިއްކާލެވެނީއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖުލިހަށް މީހުން ހޮވިގެންދަނީ ވެސް، މީހުންގެ ގާބިލުކަމުގެ މައްޗަށް އިސްކަން ދެވިގެންނެއް ނޫނެވެ. މިހާރު، އެކަން ވެސް ކުރެވެނީ ވިޔަފާރީގެ އުސޫލުންނެވެ. އެކަން ކުރެވެނީ ވޯޓު ގަނެގެންނެވެ. ގައުމީ މަސްލަހަތު އެއްކިބާކޮށް، އަމިއްލަ މަސްލަހަތަށް އިސްކަން ދެވިގެންނެވެ. މެމްބަރުންގެ ވޯޓަކީ ގަނެ ވިއްކޭ އެއްޗަކަށް ވުމުން، ބޭރުގެ މަސްލަހަތުތައް ދިފާއުކުރަން ވޯޓު ވިއްކާލުމަކީ ތިމާކޮށްފައިވާ ހުވަޔާ އަދި ތިމާގެ ޒަމީރާ ފުށު އަރާކަމަކަށް ނުވަނީއެވެ.

މީގެ އިތުރުން، އެހެން ހުރިހާ ތަނެއްގައިހެން ވެސް ފަސާދައިގެ އަމަލުތައް އޮތީ ފެތުރިފައެވެ. ކޯޓުތަކުގައެވެ. ބޭންކުތަކުގައެވެ. މިސާލަކަށް ބޭންކުތަކުން ލޯނު ހަމަ ޖައްސަން ވެސް މަޖުލީހުގެ މެމްބަރެއް ނޫނީ ސަރުކާރުގެ ކޮންމެވެސް އެހެން އިސް މުވައްޒަފަކާ ގުޅަން ޖެހުމަކީ އާންމުކަމެކެވެ. ލޯނުގެ އަދަދުން ބައެއް، ލޯނު ހަމަޖައްސައިދޭން މެދުވެރިވާ މީހަކަށް ލިބޭ ގޮތް ހެދުމުން، ލޯނު ހަމަ ޖެހިދެއެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނާ ބައްދަލުކުރަން ވެސް ފީ ނެގެއެވެ. ޑޮލަރުން، ހާހުން ހާހުންނެވެ. އޮފީހަކުން ކަމެއް ކުރަން ވިޔަސް، އެކަން ފަސޭހައިން ކުރެވެން އޮންނަނީ ކޮންމެ ވެސް އަދަދަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެވިގެންނެވެ. އާދެ، މިދަރަޖައަށް ފަސާދައާއި ރިޝްވަތުގެ އަމަލުއޮތީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަށަގަންފައެވެ. ދެން މީގެ ތެރެއަށް ޑުރަގުގެ މައްސަލަތަކާއި މަކަރާއި ހީލަތުގެ މައްސަލަތަކާއި އިއްފަތް ފޭރުމާއި ކުޑަކުދީންނާ ބެހުމުގެ މައްސަލަތައް އިތުރުކޮށްލާށެވެ. އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރު އޮތީ ކިހާ ދަށު ދަރަޖައެއްގައިކަން ހިތަށް ގެނެވޭނެއެވެ.

އަޅުގަނޑުމެންގެ އަޚުލާގީ ފެންވަރު މިހާ ދަށު ދަރަޖައަކަށް ވެއްޓި، ފަސާދައާއި ރިޝްވަތު ދިނުމާއި ހިފުމުގެ ކަންތައްތައް މުޖުތަމައުގައި އަށަގަތުމުން، ބޭރު ބަޔަކަށް އެމީހުން ބޭނުންވާ ކަންތައްތައް ކުރުމަށް ފަސޭހަވެދެއެވެ. އެހެނީ، އެމީހުން ބޭނުންވާ ބަޔަކު ގަނެލުމަކީ އުނދަގޫ ކަމެއް ނޫނެވެ. މީޑިޔާގައި އެނބުރޭ ޚަބަރުތައް ތެދު ކުރާނަމަ، ސަރުކާރުގެ އިސް ސަފުގައި ތިބި އެތައް ބަޔަކީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ 'ޕޭ ރޯލް’ގައި ތިބި މީހުންނެވެ. މުވާސަލީ ބައެއް އިދާރާތްތަކުގައި ތިބީ އެ ސާރިދޯޅުގެ ދަރިންނެވެ. އެކިއެކި މީހުންނަށް ޖާސޫސޫކުރުމުގެ މަގު އެސާރިދޯޅުގެ އެޖެންޓުންނަށް ފަހިވެ، އެކަންކަން ކުރަމުން ގެންދެއެވެ. މިފަދަ ވަސީލަތްތައް ބޭނުންކޮށް، އުތުރު ކަރައިގެ ސާރިދޯޅު ބޭނުން ބައެއްގެ މައުލޫމާތު އެއްކޮށް، ޖަމާކޮށް، އެމީސް މީހުންގެ މިލަ ފަތިފުށްތައް ހޯދައި، އެ މިލަ ފަތިފުށްތައް ބޭނުންކޮށްގެން ބިރުގެންނެވޭނޭ ގޮތަކަށް ކަންތައްކުރަން މަގުފަހިވެފައެވެ. ފިނި ހަނގުރާމައިގެ ދުވަސް ވަރު، ރޫސީ ރަތް ސާރިދޯޅު ވެސް ކަންތައްކުރި ފަދައިންނެވެ. މިގޮތުންނާއި އަދި ފައިސާގެ ބާރުގައި ތަނުގެ އިސް ބައެއް މީސްމީހުން، އެސާރިދޯޅުގެ ބާރުގެ ދަށަށް ގެނެސްގެންނެވެ.

މިބުނާ އިސް މީހުންގެ ދައުރަކަށް ވެފައި އޮންނަނީ ސާރިދޯޅު އަންގާ ގޮތަކަށް ކަންތައް ކުރުމެވެ. އަޅުގަނޑުމެންގެ ތެރޭގައި މިކަން ކުރެވޭ ގޮތުގެ ދެ ތިން މިސާލެއް ލިޔެލާނަމެވެ. އެންމެ ފުރަތަމަ ރޯ ބުހުތާން ދޮގު ހަދައި ކަންކަން އޮޅުވާލުމެވެ. ޑޯނިޔާ ބޯޓުގެ ވާހަކަތައް ފެންމަތިވުމުން، އެންމެ ފުރަތަމަ އެކަމަށް އިންކާރުކޮށް ދޮގު ހެދިއެވެ. ކުރިން ވެސް ބުނިހެން، ނޫސްތަކުން މިކަން ފެންނަން އޮންނާނެއެވެ. ރައީސް އޮފީހުގެ މިކަމާ ބެހޭ ދޮގު ބަޔާނެވެ. ދެން، މި ދޮގު ފޮރުވަން ތަފާތު ވާހަކަތައް ދެއްކުނެވެ. އެއީ އިންޑިޔާގެ އަސްކަރިއްޔާއާ ބެހޭ ބޯޓެއް ނޫންކަމަށް ދޭހަވާ ވާހަކަތަކެވެ. ނަމަވެސް މިކަމުގެ ހަގީގަތް އިންޑިޔާގެ ނޫސްތަކުގައި ލިޔެވިފައި އެ އޮތީއެވެ. ބަލަން ބޭނުންވާ މީހަކަށް ފެންނަ ގޮތަށެވެ. ދެން، އަނެއްކާ މި ދޮގު ފޮރުވަން ވެސް އިތުރު ދޮގެކެވެ. މި ކަމަކީ ކުރީ ސަރުކާރުންވެފައިވާ އެގުރީމެންޓެއްކަމުގެ ވާހަކަ މަހާރާޖާ އިއުލާނުކުރިއެވެ. އާދެ، ޚުދް އިންޑިޔާ ނޫސްތަކުގައި އެފެންނަނީ އެ ބުނާ ސޮއިކުރަން ކުރީގެ ސަރުކާރުން ދެކޮޅު ހެދި ވާހަކައެވެ. އަދި ރާއްޖޭގެ ނޫސްތަކުގައި ވެސް މި ސޮޔެއް ކުރީ މީގެ ދެތިން މަސްދުވަސް ކުރިންކަން އެ އޮތީ ފެންނާށެވެ. މި ވާހަކަތަކުގެ އަސްލު ކުރިން ބަޔާން ކުރެވިފައި އެ އޮތީއެވެ. ދެގައުމުގެ ދޭތޭރޭ އަސްކަރީ އެއްބާރު ދިނުމުގެ ގޮތުންވީ އެއްބަސްވުމެއްގެ މުއްދަތު ހަމަވުމުން މިކަން އިތުރު ނުކުރުމުން އުތުރުގެ ސާރިދޯޅު ރުޅައައިކަމެވެ. އަދި، މިކަން ހަމައަކަށް އެޅުނީ ސަރުކާރު ބަދަލުވުމުންކަމެވެ. މިތާގައި ފާހަގަކޮށްލަން ބޭނުންވަނީ ވަކި ސަރުކާރެއް ރަނގަޅު ކުރުމެއް ނޫނެވެ. ނޫނީ ވަކި ސަރުކާރެއް ގޯސްކުރުމެއް ވެސް ނޫނެވެ. މި އަމަލަކީ، އާދެ، ރާއްޖޭގެ ސިޔާދަތާއި މިނިވަކަން ގެއްލޭ ގޮތަށް ކުރެވޭ އަމަލަކީ، ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް، ކުރީގެ ސަރުކާރަކުން ކުރި ކަމެއް ކަމުގައި ވިޔަސް، އަދި މިއަދުގެ ސަރުކާރުން ކުރި ކަމެއް ކަމުގައި ވިޔަސް އެ އަމަލު ގޯސް ކުރުމެވެ. މިވާހަކަ ލިޔުމުގެ ބޭނުމަކީ ވަކި ސަރުކާރެއް ވައްޓާލައި، ނުވަތަ ވަކި މީހަކު ވެރިކަމުން ދުރުކޮށް، ވަކި ބައެއްގެ ސަރުކާރެއް ވެރިކަމަށް ގެނެސް، ވަކި މީހަކު ވެރިކަމަށް އިސްކުރަން އުޅުމެއް ނޫނެވެ. ރާއްޖޭގެ ސިޔާދަތު ގެއްލޭ ފަދަ ގޮތެއްގައި، ކަމެއް ކުރުމުން، އެ ކަން ގުޅެނީ އިންޑިޔާއާ ކަމުގައި ވިޔަސް، ނޫނީ ޗައިނާއާ ކަމުގައި ވިޔަސް، އެ އަމަލު ގޯސްކުރުމެވެ. މީގެ މާނައަކީ މިއިން އެއްބަޔަކާ ވެސް ގުޅުން ނުބާއްވަންވީ ވާހަކައެއް ނޫނެވެ. ގުޅުން ބާއްވަން ޖެހޭނެއެވެ. ގާތް ގުޅުން ބާއްވަން ޖެހޭނެއެވެ. އޭގެ މާނައަކީ ތިމާމެންގެ މިނިވަކަން އެމީހުންނަށް ވިއްކާލުމެއް ވެސް ނޫނެވެ. ތިމާގެ ގާތް ރަހުމަތްތެރިން ގެއަށް ގެނެސް އުޅުމަކީ ތިމާގެ އަނބި ދަރިން އެ ރަހުމަތްތެރިންނަށް ވިއްކާލުން ހެއްޔެވެ؟ އެ ރަހުމަތްތެރިންނަކީ މުއްސަނދި ބާރުގަދަ ބަޔެކޭ ކިޔާފައެވެ. ނޫނީ އެ ރަހުމަތްތެރިންގެ ދުޝްމަނުންނަކީ ތިމާގެ ދުޝްމަނުންކަމުގައި ބެލުން ހެއްޔެވެ؟ އިންޑިޔާގެ ދުޝްމަނުންނަކީ ރާއްޖޭގެ ދުޝްމަނުންނަށް ވާކަށް ނުޖެއެވެ. ޗައިނާއަކީ އިންޑިޔާގެ ދުޝްމަނަކަށް ވުމުން، އަދި، އިންޑިޔާއަށް ޗައިނާއާ، އިގުތިސާދީ ގޮތުންނާއި އަދި އަސްކަރީ ގޮތުން ވެސް ސީދާ ކުރިމަތިލާން ނުކުޅެދިފައި ވުމުން، ޗައިނާގައިގައި ތަޅަން ގެންގުޅޭ އިންޑިޔާގެ ލަޓިބުރިއަކަށް ރާއްޖެވާކަށް ނުޖެހެއެވެ.

ދެން، އިތުރަށް އޮޅުވާލުމުގެ ގޮތުން އަބަދުހެން ނެގޭ ދެ ވާހަކައެއް އެބަ އޮތެވެ. މި ދެވާހަކަ ވެސް ތަކުރާރުކޮށް ލިޔެލަން ޖެހެއެވެ. ސަބަބަކީ، އޮޅުވާލުމުގެ ގޮތުން، ތަކުރާރުކޮށް މި ވާހަކަތައް ބަޔާންކުރެވޭތީއެވެ. އެއީ ޗައިނާގެ ވާހަކައެވެ. ޗައިނާއިން ރާއްޖެ 'ގަނެލަން އުޅޭ ވާހަކައެވެ'. ޝައްކެއްނެތް ގޮތުގައި ރާއްޖެވަނީ ޗައިނާއިން ލޯނުތަކެއް ނަގާފައެވެ. އަދި ޝައްކެއްނެތް ގޮތުގައި މިއީ ބޮޑު މައްސަލައެކެވެ. ދަރަންޏަކީ، އޭގެ ތަބީއީ ހުދޫދުން ބޭރުވެއްޖެ ނަމަ، ފަރުދެއްގެ ވިޔަސް އަދި ގައުމެއްގެ ވިޔަސް، މިނިވަންކަމަށް ބުރޫ އަރާފާނެ ކަމެކެވެ. އާދެ، އަޅުގަނޑުމެން އެންމެންވެސް ދަންނަގޮތުގައި ނުފޯރާ ފޮތިން ފޫގަޅަން އުޅެގެން އޮރިޔާން ނިވައެއް ނުވާނެއެވެ. އެހެންވެ، ނުދެއްކޭ ވަރުގެ ބޮޑެތި ބޮޑެތި ދަރަނި ބޮލުގައި އެޅުމަކީ ފަހަރެއްގައި ވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ. ދެން ސުއާލަކީ މިކަމުގެ ހައްލަކީ ކޮބައި ހެއްޔެވެ؟ އަދި ވެސް އިތުރަށް ލޯނު ނެގުން ހެއްޔެވެ؟ ލިބެން އޮތް ތަނަކުންނެވެ. އިންޑިޔާއިންނެވެ. އަދި ޚުދް ޗައިނާއިން ވެސް މެއެވެ. އަދި އެހެން ތަނަކުން ލޯނު ލިބެން އޮތްކަމަށް ވަންޏާ އެ ތަނަކުން ވެސް މެއެވެ. ދާދީ ފަހުން، ރާއްޖޭގެ ޚާރިޖީ ވުޒާރައިން ޗައިނާއިން 'އެހީ' ހޯދުމުގެ އެދުމުގެ ޚަބަރެއް ވެސް އިއުލާނުކުރެވުނެވެ. އަދި، މީގެ ދެ މަހެއްހާ ކުރިން، ޗައިނާގެ އިސް ބޭންކަކުން ވެސް ލޯނު ހޯދުމުގެ ވާހަކަ ދެކެވުނެވެ. އާދެ، ދަރަންޏަކީ، އަދި ވަކިން ޚާއްސަކޮށް ޗައިނާގެ ދަރަންޏަކީ، ބޮޑު މައްސަލައަކަށްވާ ނަމަ، ހައްލަކީ ލިބުނު ތަނަކުން އިތުރަށް ލޯނުތައް ނެގުން ހެއްޔެވެ؟ މީގެ އިތުރުން، ޚާއްސަ ގޮތެއްގައި، ކުރީ ސަރުކާރުގެ ގާނޫނާ ޚިލާފު، ފައިސާގެ މުއާމަލާތައް، ވަކި ބަޔަކު ކުށްވެރިވާ ގޮތަށް ބަލައިފައި، އެކަމުގައި ޝާމިލުވާ އެހެން މީހުން ދޫކުރުން ހެއްޔެވެ؟ ދާދި ފަހުން، ސަރުކާރުގެ ކަމާ ބެހޭ ފަރާތަކުން އިއުލާނުކުރީ ޚިޔާނަތުގެ ފައިސާ ލިބޭ ކޮންމެ މީހަކީ ކުށްވެރިވާނޭ މީހެއް ނޫންކަމެވެ! އަދިވެސް، ދާދި ފަހުން ފެން މަތިވެގެން ދިޔަ އެހެން ވާހަކައެކެވެ. ކުރީ ސަރުކާރުގެ ލޯނު ގެރެންޓީގެ އެހީގައި ލޯނު ހޯދައި އެ ނުދައްކާ ތިބި ބައެއް މީހުންގެ ވާހަކައެވެ. އެމީހުންނާ ދޭތެރޭ ފިޔަވަޅު ނޭޅެނީ ކީއްވެ ހެއްޔެވެ؟ އެ ލޯނު އަދާކުރުމާ ރައްޔިތުން ހަވާލުވާން ޖެހޭ ހެއްޔެވެ؟ މިފަދަ ޚިޔާނަތް ތެރި މީހުންގެ ފައިސާއާއި މުދާ ދައުލަތަށް ނަގައި އެމީހުންގެ ދަރަނި ޚަލާސް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ލޯނުތައް ނެގުން ހުއްޓުމާއި، ޚަރަދުކުޑަކުރުމާއި އަދި ދައުލަތައް ލިބެން ޖެހޭ ފައިސާ ހޯދުން މުހިއްމެއް ނޫން ހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ނުކޮށް ޗައިނާގެ ލޯނުގެ ވާހަކަ ދައްކާ ނަމަ، އެ ވާހަކަ އެ ދައްކަނީ ރަނގަޅު ނިޔަތެއްގައި ލޯނާއި މެދު ކަންބޮޑުވެގެން ކަމުގައި ގަބޫލުކުރެވިދާނެ ހެއްޔެވެ؟

އާދެ، ޗައިނާގެ ދަރަނީގެ ވާހަކަ ދައްކައި، އެކަން ހައްލުކުރުމުގެ ބަދަލުގައި އިތުރު ލޯނުތައް ނަގައި، ދައުލަތުގެ، ރައްޔިތުންގެ، ފައިސާއާއި މެދު އަމާނަތްތެރި ނުވުން، އަންގައި ދެނީ، މިވާހަކަތައް މި ދައްކަނީ އިޚުލާސްތެރި ނިޔަތެއްގައި ނޫންކަމެވެ. މިކަމުން ވެސް އެހެން ދެބޭނުމެއް އޮތް ކަމަށް ފެނެއެވެ. އެއްބޭނުމަކީ، ކުރިއެކޭ ވެސް އެއްފަދައިން، ހަގީގަތް އޮޅުވާލައި، ދައުލަތުގެ ޚަޒާނާއާ މެދު ހިތު ހުރި ގޮތަކަށް ކަންތައް ކުރުމެވެ. ދެވަނަ ސަބަބަކީ، އޮރެންޖު ސާރިދޯޅުގެ އަޅެއްގެ ބައި ކުޅުމެވެ. އެސާރިދޯޅު އޭތީގެ އަޅުގެ އަތަށް ދީފައި އޮތް ޗާބޫކުން، އޭތި ބޭނުންވާ މީހެއް ގައިގައި ތެޅުމެވެ. އާދެ، ރާއްޖެއިން އިންޑިޔާގެ 'ވިޕިން ބޯއި' އެއްގެ ބައި އަދާކުރުމެވެ. އަޅުގަނޑުމެންގެ މަހާރާޖާ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގައި ބައްދައިގެން އޮވެ، އިންޑިޔާގެ މި ވިޕިން ބޯއި’ގެ ދައުރު ވަރަށް ވެސް ރަނގަޅަށް އެބަ އަދާކުރެއެވެ

ދެން، ގުރާތަކެއްހެން، މި ވިޕިން ބޯއިގެ ވާހަކަ ތަކުރާރުކޮށް، އަޑުލައްވާ ބައެއް ވެސް އުޅެއެވެ. މިފަދަ ގުރާތަކުގެ ވާހަކަތައް ރައްޔިތުންގެ މަޖިލުހުގެ ތަޅުމުންނާއި އަދި އެ ތަޅުމުގެ ބޭރުން ވެސް އިވެއެވެ. މީގެ ވަރަށް ވެސް ހެއްވާ ވާހަކައެއް އިހަށް ދުވަހު އިވުނެވެ. އިންޑިޔާއަކީ ރާއްޖޭގެ ބަލަދުވެރިޔާ ކަމުގެ ވާހަކައެވެ! އަދި، ތިމާމެންގެ ދީން ވެސް އިސްކަންދޭން ޖެހޭނީ މިކަން ގަބޫލުކުރުމަށޯލައެވެ. އާދެ، ހަމަ އަޑެއް އިވުމުން އެއްވެސް ވިސްނާލުމަކާ ނުލާ، ގުރައެއް އެ އަޑުއިއްވާލައި، ބުނާ ފަދައިންނެވެ. އިންޑިޔާގެ ބަލަދުވެރިޔަކަށް ވާން، ރާއްޖެއަކީ ތަސައްރުފު ނުފުދޭ، އަމިއްލަ މިނިވަންކަމުގެ މަސްއޫލިއްޔަތު އުފުލަން ނޭނގޭ ވަރުގެ ކުޑަކުއްޖެއް ހެއްޔެވެ؟ އަމިއްލަ ބަސްބަހުގެ މަޖާޒީ އިބާރާތެއް، ހެޔޮ ގޮތުގައި ބޭނުންކުރަން ނޭނގުން އަންގައި ދެނީ ކޮން ކަމެއް ހެއްޔެވެ؟ ވިސްނުމުގައި ހުރި އުނިކަމެވެ. އަމިއްލަ ސިކުނޑީގެ ނުކުޅެދޭ ކަމެވެ. މިއީ ރަސްމީ ކިޔެވުމާ ގުޅޭ ކަމެއް ނޫނެވެ. މިއީ، މުޅި އުމުރު، މަގުމަތީ ކުޅެ ސަކަރާތް ޖަހަން އުޅެފައި، ދުވަހެއްގައި ވެސް، އެއްވެސް ކަހަލަ ގޮތަކަށް، ޒިހުނީ ސިފައެއްގައި (އިންޓަލެކްޓުއަލީ) ތިމާގެ ވިސްނުން ބޭނުން ނުކޮށް، ޓައިއެއް އަޅައި ގޮނޑިއެއްގައި، އާދެ، ޖާދޫގެ ގޮނޑީގައި، އިށީނުމުންވާ ގޮތެވެ. ޖާދޫގެ ގޮނޑީގައި އިށީނުމުން، މިފަދަ މީހުންނަށް ހީވަނީ ތިމަންމެން ކޮންމެ ފަދަ މޮޔައެއް ގޮވިޔަސް، އެވާނީ ހަމަ ހަމަޖެހޭ ވާހަކައަކަށެވެ. ދެން، ގަޑިއެއްގެ ތެރޭގައި ރާއްޖެ ހިފިދާނެ ކަމާއި، މިވެނި ބަޔަކު ވެސް އެކަން ކުރި ވާހަކަ ބުނާއިރަށް، އެކަމުގެ ހަގީގަތެއް ބެލުމެއް ނެތި، އެހެން އެންމެން އެކަން ގަބޫލުކުރަންވީއެވެ. މީގެ ހެއްކަކީ ކޮބައި ހެއްޔެވެ؟ އިރާގުން ކުވޭތަށް އަރައިގެން ވާހަކައެވެ. އެކަން މެދުވެރިވާން ދިމާވި ސަބަބު ކޮބާ ހެއްޔެވެ؟ އެއްކޮޅުން، އިރާގާއި އީރާނު ކުރި ހަނގުރާމައެވެ. މިކަމަށް ކުވޭތުން ކުރި ޚަރަދު ދޭން އިރާގަށް އެންގުމެވެ. އަދި މިކަމަކީ ކުވޭތާއި ސައުދީންގެ ހައްގުގައި އިރާގުން ކުރި ހަނގުރާމައެއް ކަމުގައި އިރާގުން ބުނުމެވެ. މީގެ އިތުރުން، ކުވޭތުން، އިރާގުގެ ތެޔޮ، ގަވާއިދާ ޚިލާފަށް ނެގި މައްސަލައެވެ. އިރާގާއި ކުވޭތާ ހަނގުރާމައަކަށް ދާން ޖެހުނީ މިމައްސަލަތަކުގެ ސަބަބުންނެވެ. މިމައްސަލަތައް ވާހަކަދައްކައިގެން ހައްލުނުކުރެވުމުންނެވެ. މީގެ އިތުރުން، ތާރީޚީ ގޮތުން އިރާގާއި ކުވޭތާއި އެއް ތަނެއްގެ ގޮތުގައި، ކޮންމެވެސް ދުވަސްވަރެއްގައި، އިރާގު ދުށް ގޮތުގައި، އޮތް ކަމެވެ. ދެން، މިކަމުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އިރާގަށް ކުވޭތު ހިފައިގެން އޮވެވުނު ހެއްޔެވެ؟ މިކަމަކީ ޣައިރު ގާނޫނީ އަމަލަކަށްވުމުން، ގަދަކަމުން ކުވޭތުން އިރާގު ބާލައި، އެ މައްސަލައާ ވިދިގެން އިރާގު ބައިބައިވެ، ފުނޑުފުނޑު ވެސްވީއެވެ. އިންޑިޔާ ބޭނުންވި ހިނދެއްގައި، ތަނުގެ ޚާއިނުންގެ ބަޔެއްގެ ވާގި ނުލިބި، އިންޑިޔާއިން ރާއްޖެއަކަށް އަރައެއް ނުގަނެވޭނެއެވެ. އެއީ، އިންޑިޔާއިން ބަލަން ޖެހޭ އެހެން ކަންކަން ހުރީ މައެވެ. މިސާލަކަށް، ސައޫދީ އަރަބިއްޔާއާއި ގަލްފުގެ ރަށްތަކުން ދެކޮޅު ހަދާފާނެ ކަމެއް، އިންޑިޔާއިން ކުރުމަކީ ވަރަށް ވެސް ދުރުކަމެކެވެ. ސަބަބަކީ އިންޑިޔާގެ އިގުތިސާދު އެތަންތަނާ ގުޅިފައިވާ ކަމެވެ. މީގެ އިތުރުން، އިންޑިޔާގެ އެތައް އެތައް ލައްކަ މީހުން އެތަންތާގައި މަސައްކަތް ކުރަން އުޅުމެވެ. ކޮންމެ އަކަސް، މިކަންކަމަށް އިޝާރަތްކޮށް ވެސް، ޚުދް އިންޑިޔާގެ ނޫސްތަކުގައި ވެސް ލިޔެފިވައި އޮތެވެ.

ޣައިރު ގާނޫނީ ސިފައެއްގައި ތަނަކަށް އަރައި ގަތުމުގެ ނަތީޖާ ދައްކައިދޭ އެހެން މިސާލެއް ވެސް ލިޔެލާނަމެވެ. އިނިގިރޭސިންގެ އިސްނެގުމާއި އަދި އެދުމުގެ މަތިން، 1956ގައި ސުއޭޒު އަތުލުމުގެ ބޭނުމުގައި، އުދުވާނީ ސިފައެއްގައި އިޒުރޭލުން މިސުރަށް ހަމަލާ ދިނެވެ. ދެން ކަންތައްވީ ކިހިނެއް ހެއްޔެވެ؟ އެމެރިކާއިންނާއި އ.ދ. އިންވެސް އެކަން ކުށްވެރިކުރިއެވެ. އަދި، އެންމެނަށް ޖެހުނީ މިސުރުން ފައިބާށެވެ. ދެން، ސުއޭޒު އަނބުރާ މިސުރަށް ލިބުނެވެ. ހަނގުރާމައިގައި މިސުރު ބަލިވިކަމުގައި ވިޔަސް ވެހެވެ. އިންޑިޔާއިން ބޭނުންވި ނަމަވެސް، އެމީހުން، އުދުވާނީ ސިފައެއްގައި، ޣައިރު ޤާނޫނީ ގޮތެއްގައި، ރާއްޖެއަކަށް ނާރާނެއެވެ. ރާއްޖެއަށް އެމީހުން އަރާނީ، ކުރިން ވެސް ބުނިހެން، ތަނުގައި ތިބި 'ވިޕިން ބޯއި ފަދަ' ގައުމުގެ މަސްލަހަތު އިސްނުކުރާ ޚިޔާނަތްތެރި ޣައްދާރުންގެ ސަބަބުންނެވެ. އެމީހުންގެ އެހީގައެވެ. އަދި، ގުރާ ކޮށީގެ ރައްޔިތުންގެ މަޖުލީހުގައި ތިބި، ތިމާމެންގެ ނޭފަތުކުރިއަށް ވުރެ ދުރު ނޫން އެހެން ތަނެއް ނުފެންނަ، 'ވިޕިން ބޯއި' ގޮވާހާ މޮޔައެއް ތަކުރާރުކުރާ ގުރާ މެމްބަރުންގެ ސަބަބުންނެވެ. އާދެ، އުތުރު ކަރައިން އަރައިގެން އަންނަ ރަންނަމާރިއެއް ފަދަ ނުރައްކާތެރި ހިންދީ އޮރެންޖު ސާރިދޯޅުގެ ވިހަ ވަކިތައް، ރާއްޖޭގެ މިނިވަން ހަށިގަނޑުގައި ހިއްޕާލާނީ މިފަދަ ޣަދަރުވެރި ޚާއިނުންގެ އެހީގައެވެ. ކުރިންވެސް ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ފަދައިން، ވެރިކަމުގެ ދަހިވެތިކަމުގައި، ރާއްޖޭގެ ދެތިން މީހެއް، ރާއްޖެއަށް ޣަދަރުވެރިވެ ޚިޔާނަތްތެރިވުމުގެ ސަބަބުންނެވެ. މިފަހަރު އެކަން ކުރަން ނިކުމެ ތިބި ބަޔެއްގެ އިސް މީހަކަށް ހުރީ، ޗައިނާއާ މި ހިންދީ ސާރިދޯޅު ސީދާ ދިމާކުރުމުގެ ހިތްވަރު ނެތި، ފިނޑިވެފައި ވުމުން، ޗައިނާގައިގާ ތަޅަން ބޭނުންކުރާ 'ވިޕިން ބޯއި' އެކެވެ. އަދި، އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް، މި ވިޕިން ބޯއިގެ ހަގީގަތެއް ނެތް، އަދި ބައެއް ފަހަރު، މޮޔަ، ވާހަކަތައް، އެއްވެސް އަމިއްލަ ވިސްނުމެއް ބޭނުންނުކޮށް އެވާހަކަތައް ތަކުރާތުކުރަން ތިބި މައް ގުރާތަކެއްގެ ސަބަބުންނެވެ. ދެން، ސިޔާސީ ކުލަތަކާއި ތިމާމެން ބޭނުންވާ ވަކި މީހަކު ވެރިޔަކަށް ގެނައުމުގެ އަވައިގައި ޖެހިފައި ތިބި ރައްޔިތެއް ތަނުގައި އޮތުމުގެ ސަބަބުން، ރައްޔިތުން މިކަމަށް ހޭލުންތެރި ނުވުމުން ވެސް މެއެވެ.

މިކަމުގެ ހައްލަކީ ކޮބައި ހެއްޔެވެ؟ ފަހަރެއްގައި ވެސް ސަރުކާރާ ދެކޮޅުވެ، ބަޣާވަތް ކުރުމެއް ނޫނެވެ. ނުވަތަ ގަވާއިދާ ޚިލާފަށް މުޒާހަރާތައް ކުރުމެއް ވެސް ނޫނެވެ. މިކަމުގެ ހައްލު ގުޅެނީ ގައުމީ މައްސަލަތަކާ މެދު އާންމުންގެ ހޭލުންތެރިވުމާއެވެ. އަދި، މި ހޭލުންތެރިކަންމަތީގައި ތިބެ، އެންމެން އެކުވެ، ގައުމުގެ ދިފާއުގައި މަސައްކަތްކުރުމާއެވެ. މިފަދަ ހޭލުންތެރިކަމެއް އުފެއްދޭނީ، މި ފަދަ މައްސަލަތައް، އަމިއްލައަށް، ރަނގަޅަށް ސާފުކޮށް، އަދި މިކަންކަމާ މެދު އަމިއްލައަށް ވިސްނައިގެންނެވެ. އެއަށްފަހު، ގައުމީ މަސްލަހަތާ ފުށުއަރާ، މަތީގައި ބަޔާންކުރެވުނު، ސަރުކާރުގެ މިފަދަ ސިޔާސަތްތަކާ ދެކޮޅު ހަދައިގެންނެވެ. ދިވެހި ދައުލަތަކީ، ދިވެހި ރާއްޖެއަކީ، ސަރުކާރުގެ ނުވަތަ ވަކި ބަޔެއްގެ މިލްކެއް، ހަރުމުދާގަނޑެއް، ނޫންކަން ހިތުގެ އަޑިން ގަބޫލުކުރެވިގެންނެވެ. އެއީ އެންމެންގެ އަތް މަތީގައި އޮތް ބޮޑު އަމާނާތެކެވެ. ސަރުކާރަކީ ރާއްޖޭގެ އެންމެންގެ ޖަމާއީ ކަންތައް ހެޔޮ ގޮތުގައި ހިންގުމައްޓަކައި އޮންނަ މުއައްސަސާއެކެވެ. ބޮޑު އަގެއް ދިން ބަޔަކަށް، ސީދާ ގޮތެއްގައި ވިޔަސް، ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް، ރާއްޖެ ވިއްކާލުމުގެ އިޚްތިޔާރު (އޮތޯރިޓީ)، އެއްވެސް ސަރުކާރަކަށް ވެސް، އަދި އެހެން ބަޔަކަށް ވެސް، ލިބިގެން ނުވެއެވެ. އެހެންވެ، މައްސަލަ ރަނގަޅަށް ސާފުކޮށް، އެންމެ ފުރަތަމަ، މިކަމަށް ރައްޔިތުން ހޭލުންތެރިވާން ޖެހެއެވެ. މިމައްސަލަ ރަނގަޅަށް ބަލައި ފަހުމްކޮށް، އެއަށް ފަހު، މިފަދަ ކަންކަމާ ދެކޮޅު ހަދައި، މިވާހަކަތައް، ބުއްދީގެ ހަމަތައް ބޭނުންކޮށްގެން، ޒިހުނީ ސިފައެއްގައި، ދައްކާން ޖެހެއެވެ. އެންމެ ފުރަތަމަ، ރައްޔިތުން ތަމްސީލުކުރަން ހޮވައިފައި ތިބި މެމްބަރުންގެ ގާތުގައެވެ. އެމީހުންނަށް ބޮޑެތި މުސާރަތައް ރައްޔިތުން ދީފައި އެތިބީ ރައްޔިތުންގެ އިހުސާސުތަކާއި ޝުއޫރުތައް ދެނެގަނެ، ގައުމީ މަސްލަހަތު އިސްކޮށްގެން، ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތަށް، ގައުމު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާށެވެ. ދެން އޮތީ، މިމެމްބަރުން ދައްކާ ވާހަކަތައް އަބަދުވެސް އަޑުއަހައި، އެއީ ހަމަ ނުޖެހޭ ވާހަކަތަކެއް ކަމަށްވާ ނަމަ، އެމީހުން ގާތު އެމީހުންގެ ވާހަކަ ހަމަނުޖެހޭ ކަމުގައި، ހެއްކާއެކު، ބުނުމެވެ. އެވާހަކަތަކަކީ ވަކި އަނގައަކުން ނިކުތް ވާހަކަތަކަކަށް ވުމުން، އެއަށް ވަހީގެ ދަރަޖަދީ، އެއީ އެއްވެސް ސުއާލެއް ނުކޮށް، ބަލައި ގަނެވޭ ވާހަކައަކަށް ނުހެދުމެވެ. އެންމެ ފަހުން، ޗައިނާއަށް، ސޯޅަ ރަށެއް ވިއްކާލައިފައިވާ ވާހަކަ، މަހާރާޖާ ވިދާޅުވުމުން، އެއީ ކޮންކޮން ރަށެއްތޯ ބަޔާންކޮށްދޭން އެދުމުން، އެންމެ ރަށެއްގެ ނަންވެސް ވިދާޅުވާން އެނގިވަޑައިގެންނެވި ހެއްޔެވެ؟ މިއިން އެފަދަ މީހުންގެ އެފަދަ ވާހަކައިތަކުގައި އެއްވެސް އޮއްޓަރެއް ނެތްކަމާއި އޭގެ ހޮޅިކަން އެނގޭނެއެވެ. ދެން، ނޫސްވެރިންނާ ބައްދަލުކޮށް، ނޫސްތައް މެދުވެރިކޮށް ވެސް، މިވާހަކަތައް ލިޔަންވީއެވެ. ޚަބަރު ފަތުރާ އިޖުތިމާއީ ވަސީލަތްތައް މެދުވެރިކޮށް ވެސް މިވާހަކަތައް ލިޔަންވީއެވެ. މިއީ ހައްތަހާ ވެސް، ކޮންމެ ފަރުދަކަށް ވެސް ކުރެވިދާނޭ ކަންކަމެވެ. މިފަދަ ގައުމީ މައްސަލަތަކުގައި އޭނާގެ އަމިއްލަ މަސްއޫލިއްޔަތު އުފުލުމުގެ ގޮތުންނެވެ. މީގެ އިތުރުން، ގަވާއިދު ތަންދޭ ގޮތެއްގެ މަތިން، ގަވާއިދު ތަންދޭ ވަގުތެއްގައި، މަދަނީ ސިފައެއްގައި، ސުލްހަވެރިކަމާއެކު، މުޒާހަރާތައް ވެސް ކުރެވިދާނެއެވެ. ނަމަވެސް އެކަމުގެ ވެސް އަމާޒަކަށްވާން ޖެހޭނީ ސަރުކާރު ވައްޓާލުމެއް ނޫނެވެ. ސަރުކާރުގެ ހަމަނުޖެހޭ، އަދި ރާއްޖޭގެ ގައުމީ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމެވެ. ސިޔާސީ ކުލަތަކަކީ، ގައުމީ މަސްލަހަތަށް އިސްކަން ދޭންޖެހޭ ވަގުތުތަކުގައި، މީސްތަކުން ބައިބައި ކުރާ އެއްޗަކަށް ނުހަދަންވީއެވެ. އެފަދަ ވަގުތުތަކުގައި، ސިޔާސީ ކުލަތައް އެއްފަރާތްކޮށް، އެންމެން އެކުގައި ގައުމުގެ މަސްލަހަތު ދިފާއުކުރަން ދަސްކުރަންވީއެވެ. އާންމުންގެ މަދަނީ ބާރުގެ ވަރުގަދަކަން ދެނެގަންނަންވީއެވެ. މިއީ އެއްވެސް ބަޔަކަށް އެބާރަކާ ދޭތެރޭ އަބަދު އަޅާނުލާ ނޯވެވޭނޭ ބާރެކެވެ. މިކަމުގެ ވަރުގަދަ ހެކި، އާދެ، މަދަނީ ބާރުގެ ވަރުގަދަ ހެކި، ރޫސީ ރަތް ސާރިދޯޅުގެ ވަކިތަކުން ޕޯލެންޑާއި ޗެކޮސްލަވޭކިޔާ މިނިވަންކުރުމުގައި، ޕޯލަންޑުގެ 'ސޮލިޑަރިޓީ’ގެ ހަރަކާތްތަކާއި ޗެކޮސްލެވޭކިޔާގެ 'ވެލްވެޓު ރެވޮލޫޝަން’ގެ ހަރަކާތްތަކުން ފެނިގެންދެއެވެ. ޚުދް، އިނގިރޭސީންގެ އިސްތިއުމާރާ ދެކޮޅަށް، އިންޑިޔާގައި ވެސް، ގާނދީގެ މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކުންވެސް އާންމުން އެއްބައިވެގެން އުފައްދާ މަދަނީ ބާރުގެ ވަރުގަދަކަން ފެނިގެން ދިޔައެވެ. އެއްވެސް ބަޑިއެއްގެ ބޭނުން ނުކޮށް، މި މަދަނީ ބާރުގެ އެހީގައި ބާރުގަދަ ބޮޑު އެމްޕަޔަރެއް ބަލިކުރިއެވެ. އާދެ، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރެވޭނީ ހޭލުންތެރިވެ ތިބެ، މިގޮތުގައި، އެންމެން އެކުވެ، އެކުގައި މަސައްކަތްކޮށްގެންނެވެ. މިގޮތަށް، އެންމެން އެކުވެ، އެކުގައި މަސައްކަތްކުރެވިއްޖެ ނަމަ، އުތުރު ކަރައިގެ ހިންދީ އޮރެންޖު ސާރީދޯޅުގެ ވަކިތައް ދިވެހި ރާއްޖޭގެ ސިޔާދަތާއި ދިވެހިންގެ މިނިވަންކަމުގެ ހަށިގަނޑުގައި، ހިއްޕާލުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3111

3 Responses

  1. ޑޮކުޓަރުގެ ކޮންމެ ލިޔުއްވުމެއް ވެސް ޢިބުރަތްތެރި. ބިނާ ކުރުވަނި ޚިޔާލު ތަކުން ފުރިފަ…ސާބަސް ދަންނަވަން.

  2. މިއީ މިހާތަނަށް ނޫހެއްގައި ލިޔެވުނު އެއްމެ ރަނގަޅުލިޔުން.

  3. މިލިޔުން އަޅުގަޑު 7 ފަހަރު ކިޔައިފީމެވެ. އަދި މިލިޔުމާއި މެދު 100 ފަހަރު ވިސްނައިފީމެވެ. ޑރ. އަބުދުލްޣަފޫރު އަބުދުއްރަޙީމައް ސާބަސް ދަންނަވަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *