ހޭލަމުން ނިދަމުން ދުނިޔެ ކުރަހައިދެމުން ދާ މަންޒަރުން
ހޭ ބަޔަކު ހޭ އިރު،ބަޔަކު އެބަ ރޮއިނަގާ ހަމަ ކަށަވަރުން
ތަންމަތީ މަޚުމަލުގެ ނިދަމުން ދާ ބަޔަކު ތިބި އިރު މިތާ
ދަން ބަހައިގެންވެސް ނުނިދިފައި ބަޔަކު އެބަތިބި ވަރުވަރުން
ރީތިހާ ގަހާނާތަކުން ޒީނަތްވެގެން އުޅުނަސް ބަޔަކު
ވީދިފައި އޮތް ފޮތިކޮޅެއްވެސް ނެތް ބަޔަކުވޭ ދެރަވަރުން
މީރު ހުރިހައި ބާވަތެއް ކާނާގެ ބަޔަކަށް ލިބުނަކަސް
މީރު ނޫނަސް ގޮނޑު ހޮވާ ކާ ބަޔަކު އުޅެޔޭ ހިތްވަރުން
ކުޅިވަރާ މަޖަލުގެ އަޖަލުގައި ދުނިޔެ ކުޑަ ކުރިޔަސް ބަޔަކު
މުޅި ޢުމުރުގައި ކަރުނަ އޮހޮރަން އެއްބަޔަކު ތިބެޔޭ ބިރުން
ވިސްނުމެއް ފިކުރެއް ޚިޔާލެއްނެތި ބަޔަކު ކުރިޔަސް އުފާ
ގިސްލަމުން ގޮތްހުސްވެގެން އުޅެޔޭ ބަޔަކު ހާސް ވާ ވަރުން
މި ފަދަ މީސްމީހުން އުޅޭކަން ދަންނަނީ ފަހެ ކާކުހޭ؟
މި ފަދަ މީހުންނަށް އެހީ ވޭބާ؟ އެ ތިބަ ސައުދާގަރުން
